ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -2

02ފޮޓޯގައި އެވަނީ “ސިލްވަރކްރެސްޓް” އެވެ. ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ހަމަޖެއްސުމަށް ކުރި ދަތުރުގައި ހަވަރުތިނަދޫއަށް “ސިލްވަރކްރެސްޓް” ދިޔައީ 30 ޖެނުއަރީ 1962މ. އަންގާރަދުވަހު މެންދުރު ދެގަޑިބައި- ތިނެއް ޖަހާކަންހާއިރުއެވެ. މިދަތުރުގައި ހިމެނިވަޑައިގަންނަވަނީ ބޮޑުވަޒީރު އިބްރާހިމް ނާޞިރާއި، މަޙުކަމަތުއްޝަރުޢިއްޔާގެ ވެރިޔާ އަޙުމަދު ޒަކީ އާއި، ވަޒީރުއްޞިއްޙާ އަޙުމަދު ޙިލްމީ އާއި، އަންނަބީލް މުޙައްމަދު ޢިމާދުއްދީނާއި، ބޮޑުވަޒީރުގެ ރަސްމީގެ މުލީއާގޭ ސެކްރެޓެރީ މައިޒާން އިބްރާހީމްމަނިކާއި، ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅުތަކުގެ މާލިމީ ހުދުޢަޞުރުމާގޭ މުޙައްމަދު ޙަސަންމަނިކާއި، ވަޔަރލެސް އޮޕަރޭޓަރ މައިޒާން ޢުމަރުމަނިކާއި، ސިފައިންގެ ބޭކަލުންކަމަށްވާ އައިނެއްލަ އަޙުމަދު ނަސީމާއި، ހުޅުލޭ މޫސައާއި، ކުޑައާމިނަ މުޙައްމަދުފުޅާއި، ކުޑަފާތުމަ ކަޅުތުއްތު އާއި، ވަކައޮޅި އިބްރާހީމްފުޅާއި، ތިމަރަފުށީ ޢުމަރުމަނިކާއި، ޖާދޫ އަޙުމަދުމަނިކާއި، ނޮޅިވަރަންފަރު ދޮންޙުސައިންފުޅާއި، ކުޅުދުއްފުށީ ބޮޑު ޙަސަންފުޅާއި މިބޭފުޅުންގެ އިތުރަށް “ސިލްވަރކްރެސްޓް”ގެ ފަޅުވެރިން ކަމަށާއި، އަދި ހަތިޔާރުގެގޮތުގައި އެދަތުރުގައި 10 ސަބްމެޝިންގަނާއި، 5 ރައިފަލް ގެންދިޔަކަމަށްވެސް ލިޔުންތަކުން އެނގެއެވެ. (ނުނިމޭ)

30 ޖެނުއަރީ 1962މ. އަންގާރަދުވަހުގެ މެންދުރުފަހުގެ ދެގަޑިބައި- ތިނެއް ޖަހާކަންހާއިރު، “ސިލްވަރކްރެސްޓް” ހަވަރުތިނަދޫގެ އިރުމަތީފަރާތު ފަރާއި ގާތްކުރަމުންދިޔަ ވަގުތަކީ ކާޑެއްދޫގައި ދަނޑުގޮވާންކުރުމުގެ މަސައްކަތަށް ދިޔަ ހަވަރުތިނަދޫގެ ބައެއް ފިރިހެނުންނާއި އަންހެނުން މަސައްކަތްނިންމައި ކާޑެއްދޫއިން ފުރައިން ރަށަށްދާން ދަތުރުކުރަމުން ދިޔަ ވަގުތަށްވާތީ “ސިލްވަރކްރެސްޓް” ދިޔައީ އެދޯނިފަހަރާ ދިމާލަށެވެ. އޭގެ ބޭނުމަކީ “ސިލްވަރކްރެސްޓް”ގައި ތިއްބެވި ބޭފުޅުންގެ މަސައްކަތްޕުޅަށްޓަކައި ހަވަރުތިނަދޫއަށް ވަޑައިގަތުމަށް ދޯންޏެއްގެ އެހީތެރިކަން ހޯއްދެވުންކަމަށް ވެދާނެއެވެ. އޭރު ހަވަރުތިނަދޫ ދެކުނުފަރާތު ފަރާއި އެންމެކައިރީގައިވާ ދޯންޏަކީ ހަވަރުތިނަދޫ ހަޒާރުމާގޭ އިބްރާހީމް ތަކުރުފާނު ލައިޓްރޯސް/ތިނަދޫ ގެ އަށެއްކަ ރިޔަނުގެ ދޯންޏެކެވެ. މިދޯންޏާއި ދިމާލަށް ސިލްވަރކްރެސްޓް އަންނަތަން ދޯނީގެމީހުންނަށް ފެނުމުން “ސިލްވަރކްރެސްޓް” އަކީ ކޮން އުޅަނދެއްކަން އެނގިގެން ދޯނި އަތުވިޔަނުދިނުމަށްޓަކައި ހަވަރުތިނަދޫ ފަރުގެ އެދިމާލުން(މަންގަޑާއި ވެހަފުލާއާއި ދޭތެރެއިން) އެދޯނި ރަށުގެ ފަޅުތެރެއަށްވަނީއެވެ. އޭރު މިދޯނީގެވެރި އިބްރާހީމް ތަކުރުފާނާއި، ހަވަރުތިނަދޫ ގުމްރީގޭ (މިހާރު ތިނަދޫ ހަޒާރުމާގެއާގެ) ރެކިފުތާއި، ޖޭނެސްޓް މުޙައްމަދު ޒުހައިރާއި އަދިވެސް އިތުރު ބައެއްމީހުން މިދޯނީގައި ތިއްބެވެ.
03މިއީ 1958މ. ގައި ނަގާފައިވާ ހަވަރުތިނަދޫގެ ފޮޓޯއެކެވެ. ލައިޓްރޯސް އިބްރާހީމް ތަކުރުފާނުގެ ދޯނި ހަވަރުތިނަދޫ ފަރުން އެތެރެއަށްވަނުމުން ދެން “ސިލްވަރކްރެސްޓް” ދުއްވާލީ ދެކުނުފަރާތުން ހަވަރުތިނަދޫއަށް ދަތުރުކުރާ ތިންހަތަރު ދޯންޏަކާއި ދިމާލަށެވެ. މިދޯނިތައްވެސް އަތުވިޔަނުދިނުމަށްޓަކައި ކަފެނާއާއި މާގޮޑެރެހާ ފަރުމަތިން ބީހެމުން ނުބީހެމުން ފަރުންއެތެރެއަށް ވަނީއެވެ. މިދޯނި ކަފެނާފަރުން އެތެރެއަށްވަން ވަގުތު ސިލްވަރކްރެސްޓުން އިންޒާރުގެ ބަޑިޖެހުމުން އެދޯނިންދަތުރުކުރި ހަވަރުތިނަދޫ ލައިނޫފަރުމާގޭ ސަންފާ ބިރުން ރޫރޫއަޅައި ޙާލަތުގެ ނުރައްކާތެރިކަން ހިތަށްވަދެ ހޮޑުލައި ވަރަށްބޮޑަށް ހާލުދެރަވެފައި ވަނިކޮށް، ޖެހިގެންއައި ދުވަހު ހަވަރުތިނަދޫއަށް ބަޑިޖަހަމުންދަނިކޮށް އޭނާ ނިޔައުވީއެވެ. މަރުޙޫމާ ސަންފާ ވަޅުލީ ދިވެހިދައުލަތުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެނެވި، އަބޫބަކުރު ޚަޠީބު ކަލޭގެފާނުގެ ނާލުބައްތެލި ޣަނީމާ ގައި އަލިފާން ރޯކޮށްލުމުން ވައިޖެހޭދިމާލުގެ ގޮތުން އަލިފާނުގެ ގަދަހޫނާއި ބޯ ދުން މިޞްރާބުވެފައިވާ ދެއްވަދޫރަސްގެފާނު ބިނާކުރެއްވި (މިހާރު މަސްޖިދުއްސުލްޠާން މުޙައްމަދު) މިސްކިތުގެ ޤަބުރުސްތާނުގައެވެ. ޖަނާޒާގައި އިސްކޮށްހުންނެވީ ހަވަރުތިނަދޫގެ މަޝްހޫރު ކުޑަކަތީބު ޤާސިމް ރަޝާދެވެ.

04ފޮޓޯގައި އެވަނީ ހުވަދޫގައި ބޭނުންކުރާ ކުޑަދޯނީގެ ނަމޫނާއެކެވެ. “ސިލްވަރކްރެސްޓް”އަށް ދެވަނަދޯނިވެސް އަތުނުވުމުން ދެން ދުއްވާލީ ދެކުނުފަރާތުން ކޮޑަކިރިގައްލާގެ(ކާޑެއްދޫ އުތުރުކޮޅާދިމާލުން) އިރަށް ހޭރިޔާކުރަމުންދާ ރިޔާނެގިދޯންޏަކާ ދިމާލަށެވެ. މިދޯންޏާއި ކައިރިކޮށް “ސިލްވަރކްރެސްޓް”ގެ ބާރުގެދަށަށް ދޯނި ގެނެސް އޭގެ ކަފުގައި ދޯނި ބާއްވައިގެން ހަވަރުތިނަދޫ ފަރުކައިރިއަށް ސިލްވަރކްރެސްޓް އައެވެ. މިދޯންޏަކީ ނަޑެއްލާއާއި ރަތަފަންދޫއާއި ދޭތެރޭ އޮންނަ މާދޫ އިން ކަށިވެއްޔާއި އެނޫންވެސް ބައެއްތަކެއްޗާ އެކު ހަވަރުތިނަދޫއަށް ދަތުރުކުރާ އެރަށު ޢަލީ ހުސައިން(ދޮންކަޅާބޭގެ ޢަލީ)ގެ ދޯންޏެކެވެ. މި ދޯނީގައި ތިބީ ހަވަރުތިނަދޫ ބެރުގޭ އަލްމަރުޙޫމް ޒަކަރިއްޔާ މޫސާއާއި، އޭނާގެ ދަރިފުޅު ރެކިދިޔެގެ ފިރިމީހާ ތިނަދޫ މަދޮށިމާގޭ އަލްމަރުޙޫމް މުޙައްމަދު ތަކުރުފާނާއި، ޒަކަރިއްޔާ މޫސާގެ މާފަދަރި ތިނަދޫ މުޖުމަރާގޭ އިބްރާހީމް ރާޝިދާއި، ހަވަރުތިނަދޫ ސަންފާގެ މޫސާ(މަތައިދޫ މޫސާ) ހިތަދޫގެ/ހޯޑެއްދޫ އާއި، އަދި ތިނަދޫ ހިކިފިނިފެންމާގޭ ޢާއިޝަތު އަޙުމަދު(އައިސާދިޔެ) އެވެ. ޢާއިޝަތު އަޙުމަދު(އައިސާދިޔެ) އަކީ ފިރިމީހާ ކައިރީ ދުވަސްކޮޅަކު މާދޫގައި އުޅުމަށްފަހު ރަށަށް ދާ މީހެކެވެ.

05ފޮޓޯއިން ފެންނަނީ ތިނަދޫ، ކަފެނާ، މާގޮޑެރެހާ ސަރަޙައްދެވެ. ޢަލީ ހުސައިން(ދޮންކަޅާބޭގެ ޢަލީ)ގެ ދޯންޏާއެކީ ހަވަރުތިނަދޫ އިރުމަތީފަރާތު ފަރާއިގާތަށް “ސިލްވަރކްރެސްޓް” އައުމަށްފަހު، އޭގެ ލައުޑްސްޕީކަރ މެދުވެރިކޮށް “މޯލްޑިވްސްޓާރ”ގެ ފަހަރެކޭ އެއްގޮތަށް އަޑުގަދަކުރާގެ ޛަރީޢާއިން ރަށުގެ ރައްޔިތުންނަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ. ރަށުގައި ނަގާފައިހުރި ސުވައިދީބުގެ ދިދަތިރިކޮށް ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމަށާއި، މިހެންނުހެދިނަމަ ދެރަގޮތެއް މެދުވެރިވެދާނެކަމެވެ. އޭގެފަހުން ވައިގެތެރެއަށް އިންޒާރުގެ ބަޑިޖަހަމުން ދިޔައެވެ. ބަޑިޖަހަންފެށުމުން ރަށުތެރެއިން ކާޅުތައް ހޭރި، ބައެއްފަހަރު ވާރުގޭ(އަތޮޅުގޭ) ބަނބުކެޔޮގަހާއި އެހިސާބުގަނޑުގެ ބައެއް ގަސްގަހުގެ ކުދިގޮފިތަކާއި ފަތްތައް ބުރިބުރިވެ ބުރައިގެންދާތަންވެސް ފެނުނެވެ.

06ފޮޓޯގައިވަނީ ހަވަރުތިނަދޫ ބޮޑުފާލަމާއި ރޫޅާލައިފައިވާ ފަސްބާޑިއެކެވެ.
ކުޑައިރުކޮޅެއްގެތެރޭ “ސިލްވަރކްރެސްޓް” ކައިރީ އޮތް ދޯނީގައިހުރި ހަވަރުތިނަދޫ ބެރުގޭ ޒަކަރިއްޔާ މޫސާ ހަވަރުތިނަދޫއަށް ފޮނުވިއެވެ. އޭނާފޮނުވީ ހަވަރުތިނަދޫގެ ވެރިންނާއި ރައްޔިތުންނަށް އިއްވައިދިނުމަށް ދިވެހިދައުލަތުން ބޭނުންފުޅުވާ އެއްޗެއް އޭނާއަށް އެންގެވުމަށްފަހު، ދޯނީގެ މަޅުގަނޑެއް “ސިލްވަރކްރެސްޓް” ކައިރީ ކަނޑުތެރޭ ބާއްވައިގެން އެއަށް ބަޑިޖަހައި ގިނަ ލޯވަޅުތަކެއް އެޅުމުން އެމަޅުގަނޑާއެކީއެވެ. އަދި ޒަކަރިއްޔާ މޫސާ ފޮނުއްވުމަށްފަހު އެކަންތައް ހިނގަމުންދަނީ ކިނެއްތޯ ދުރުމީގެ ޛަރީޢާއިން ބޮޑުވަޒީރު އިބްރާހީމް ނާޞިރު ބައްލަވަމުން ގެންދެވިކަމަށް މަޢުލޫމާތުލިބުނެވެ.

ޒަކަރިއްޔާ މޫސާ މަޅުގަނޑުގެ އެހީގައި ހަވަރުތިނަދޫއަށް ފަތާފައި ގޮސް ފާލަމުގެ އެއްގަމަށް އަރައި، އެތާނގައި ޖަހާފައިވާ ފަސްބާޑީގެ ނިވަލުގައި ރަށާއިވީ ފަރާތުގައި ތިބި ހަވަރުތިނަދޫގެ ވެރިންނާއި ރައްޔިތުންނަށް ދިވެހިދައުލަތުގެ އެންގެވުން ރައްދުކޮށްދިނެވެ. އޭގެ ޚުލާޞާއަކީ، ” ހަވަރުތިނަދޫގައި ނަގާފައިހުރި ސުވައިދީބުގެ ދިދަ ބާލައި ވެރިންގެ ތެރެއިން ބަޔަކު ގޮވައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ކިޔަމަންތެރި ކަމާއެކު ބޯޓުދޮށަށް އައިސް މާފަށް އެދުމުން ރަށުގެ ހުރިހާ ރައްޔިތުންނަށް މާފު ދެއްވާނޭކަމާއި އޭރުން ރަށުގެ އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމެވެ. ނުވަތަ ރައްޔިތުންގެތެރެއިން ބަޔަކުގޮވައިގެން ވެރިންގެތެރެއިން ބަޔަކުއަޔަސް ރަށުގެ އެންމެންނަށް މާފު ދެއްވާނޭކަމާއި އޭރުން ރަށުގެ އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމެވެ. އެހެންނޫނީ ވަރަށް ދެރަގޮތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، ރަށުގެވެރިންނާއި ރައްޔިތުންގެ ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާނުކުރިނަމަ ކޮންމެގޮތަކުން ވިއަސް ދިވެހިދައުލަތުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެންނާނެ ކަމަށެވެ.” މިހެންބުނެފައި ޒަކަރިއްޔާ މޫސާ ގެނައި ބަޑިޖަހާފައިވާ މަޅުގަނޑުވެސް އެތާނގައި ތިބި މީހުންނަށް ދެއްކިއެވެ.

07މި ދެފޮޓޯއިން ފެންނަނީ ޒަކަރިއްޔާ މޫސާ ވާހަކަދައްކަންހުރި ސަރަޙައްދެވެ. ޒަކަރިއްޔާ މޫސާއަކީ ޢާއްމުގޮތެއްގައި އަޑުގަދަ ކެޔޮޅަކަށްވުމާއެކު ހަވަރުތިނަދޫގެ ވެރިންނާއި ރައްތިޔުންނަށް މިވާހަކަތައް ކިޔައިދިނީވެސް އޭނާގެ އެ އަޑުންނެވެ. ނަމަވެސް ޒަކަރިއްޔާ މޫސާގެ ވާހަކަ މުޅިން ނުނިމިއުޅެނިކޮށް އޭނާ އަވަހަށް ގެންގޮސް ގުދަނުގައި ބަންދުކުރުމަށް އޯޑަރ ނުކުމެ، އެއްވެތިބި މީސްތަކުން ހޯބޯލަވައި، ބޮޑުވަޒީރަށާއި އޭގެއިތުރަށް ޒަކަރިއްޔާ މޫސާއަށް ވެސް ގަދައަޑުން ހަޑިހުތު އެއްޗެހިގޮވައި، ލޮނާއި ތަތްތެޅިފައިހުރި ހާލުގައި އޭނާ ގެންގޮސް ހަވަރުތިނަދޫ ކާޑުގޭ ގުދަނުގައި ބަންދުކޮށްފިއެވެ. ދިވެހިދައުލަތުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެނެވި ޒަކަރިއްޔާ މޫސާ ދޫކޮށްލެވެންދެން އޭނާއޮތީ އެ ގުދަނުގައި ބަންދުކޮށްފައެވެ.

08އަންހެނުންތަކެއް ފެންނަ ފުރަތަމަފޮޓޯއަކީ ޒަކަރިއްޔާ މޫސާ ބަންދުކުރި ގުދަންހުންނަ ހަވަރުތިނަދޫ ކާޑުގޭ ޢިމާރާތެވެ.
ދެވަނަ ފޮޓޯއަކީ ހަވަރުތިނަދޫ ކާޑުގޭގެ ހުޅަނގުފަރާތުގައި އެދުވަސްވަރު ހުންނަ ކުޑަމިސްކިތެވެ. ޣާޒީރަދުން ރަސްކަމަށް ވަޑައިގަތުމަށްފަހު، ހަވަރުތިނަދޫއަށް ވަޑައިގަތްއިރު މިތާނގައިހުރީ ޣައިރުދީނުގެ ބަޔަކު އަޅުކަންކުރާ ތަނެއްކަމަށް ބުނެވެއެވެ. އެރަދުންވަޑައިގެން އެތަނުން ޣައިރުދީނުގެ އަސަރުފިލުއްވައި އިސްލާމުން ނަމާދުކުރާ މިސްކިތަކަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން އެކިދުވަސްވަރު މިސްކިތުގެ ޢިމާރާތަށް ބަދަލުއަންނަމުން ގޮސް ހަވަރުތިނަދޫން މީހުންފޭބިއިރު ހުރި މިސްކިތް ފޮޓޯގައި އެވަނީއެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި ރަށުގެމަގުތައް ހަދައި ގޯތިތައް ވަކިކޮށް ހެދިއިރު މިމިސްކިތް އުވައިލެވި، އެތާނގެ އެއްބައިދިޔައީ މިހާރުގެ އަލިހަނދުވަރުގެ ގޯއްޗަށެވެ.

ތިންވަނަ ފޮޓޯއިން ފެންނަނީ ހަވަރުތިނަދޫ ކުޑަމިސްކިތުގެ ހުޅަނގުގައި އޮންނަ ބަށިކޯޓްގެ ހުޅަނގުން ޝާރިޢުލްއަމީން މަގުގެ ހުޅަނގުގައި ހުންނަ ޣާޒީރަދުން ބިނާކުރެއްވި ހުކުރުމިސްކިތް، ހަވަރުތިނަދޫން މީހުންބޭލިއިރު ހުންނަގޮތެވެ. މީހުންތައް އެތިބީ ކުޑަމިސްކިތާއި ބަށިކޯޓްގެ ހުޅަނގުން އޮންނަ ޑޭޒީ މަގުގައެވެ.

ހަވަރުތިނަދޫއަށް “ސިލްވަރކްރެސްޓް” ދިޔަ ދުވަހުގެ އިރުއޮއްސިގެން ދިޔައީވެސް ކުރިންދެންނެވި ކަންކަން ހިނގައި ލައުޑްސްޕީކަރ މެދުވެރިކޮށް ރަށުގެރައްޔިތުން ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމަށް ގޮވައިލުމާއި ވައިގެތެރެއަށް ބަޑިޖެހުމާއި މިކަހަލަ ގޮތަކަށެވެ. ހަވަރުތިނަދޫ ބޭރު ބަނދަރުގައި “ސިލްވަރކްރެސްޓް” އޮތްއިރު އެއީ ކޮން އުޅަނދެއްކަން ނޭނގިގެން އެއްވެސްބަޔަކު އޭގެ ކައިރިއަށް ނުދެއެވެ. އެދުވަހުގެ އިރުއޮއްސި އަނދިރިވުމުގެ ކުރިން ތިނަދޫ ކައިރިން “ސިލްވަރކްރެސްޓް” ދިޔައީ އެ ހިސާބުގަނޑުގައި އޮންނަ މާކިރިގައްލާ(ރަށެއްނެތް އެންދަމާ ހަލެއް)ގެ ކައިރީ ބަނދަރުކުރުމަށެވެ. އެރޭ “ސިލްވަރކްރެސްޓް” އޮތީ އެތާނގައެވެ.

މިދުވަހުގެ އިރުއޮއްސުމުން ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަ ކުރިއެވެ. އެއީ އެދުވަހު “ސިލްވަރކްރެސްޓު”ން އަންގާފައިވާގޮތަށް ރަށުގެ އެއްވެސްބަޔަކު މާފަށްއެދިގެން ނަމަވެސް އޭގެ ދޮށަށް ދިޔަނުދިނުމަށާއި، އޭގެ ބަޔަކު ރަށަށް އެރިޔަނުދިނުމަށްޓަކަ އެވެ. މިހެންވެ ރަށުގެ އެތަންމިތާނގައި ފާރަވެރިން ޙަރަކާތްތެރިވަމުން ގެންދިޔައެވެ. މިރޭގެ ފުރަތަމަ ދަން ދިޔުމަށްފަހު، ރަށުގެ ފާރަވެރިންނަށް ފިލަފިލައިގެން ސިއްރުން ހަވަރުތިނަދޫ ބާންސަރީގޭ ޢަބްދުލްވައްހާބާއި، މާބަނޑޭރިގޭ މުހައްމަދު ޙުސައިނާއި ދެކަލުން ހަވަރުތިނަދޫ ނާއިބު އިސްމާޢީލް ޒާހިރުގެ ބޭރުދަތުރުކުރާ އޮޑި ފަތުޙުލްމުބާރިކްގެ ބޮއްކުރާ ރަށުގެ އުތުރުފަރާތުގައި އެހިލައިފައި ހުއްޓައި ބާލައިގެން “ސިލްވަރކްރެސްޓް”ދޮށަށް ދުރުވިއެވެ. ބޭނުމަކީ ދިވެހިދައުލަތުން އަންގަވައިފައިވާ ގޮތަށް ދައުލަތުގެ މާފު ލިބިގަތުމެވެ. މި ދެބޭކަލުން “ސިލްވަރކްރެސްޓް”ދޮށަށް ދުރުވުމުގެކުރިން ހަވަރުތިނަދޫ މޫސާ ފަތުޙީއާއި ބައްދަލުކޮށް އެކަމުގެ މަޝްވަރާއާއި ލަފާ ހޯއްދެވިއެވެ. އޭރު މޫސާ ފަތުޙީ ހުންނެވީ ގޭ ބަންދުގައެވެ.

“ސިލްވަރކްރެސްޓް” އައިސް އެދުވަހު ހިނގި ކަންކަމާގުޅިގެން ދެންވާނީ ކިހިނެއްތޯއާއި ދިވެހިދައުލަތުގެ މާފަށްއެދޭ ބަޔަކުތިބިނަމަ މާފުދެއްވާނެކަމަށް އަންގަވާފައިވާތީ އެކަމަށްއެދުމަކީ ރަނގަޅުކަމަކަށް ނުވާނެތޯ އެކަމާމެދު ވިސްނުންހުރީ ކިހިނެއްތޯ މުޙައްމަދު ޙުސައިނާއި ގާތް ރަށުގެ އެކިފަންތީގެ ގާތް ބައެއް މީހުންގެގާތުގައި އޭނާ އެރޭ އެވާހަކަ ދެއްކެވިއެވެ. މީގެބޭނުމަކީ އެކަމަށް ބޭނުންވާ މީހަކު ހުރިތޯއާއި އެކަމުގައި މީހެއްގެ އެހީތެރިކަމެއްވެސް ލިބޭތޯ ބެއްލެވުންކަމަށް މުޙައްމަދު ޙުސައިނު މަޢުލޫމާތުދެއްވައެވެ. މިހެންމެ، އެރޭ އޭނާ އެވާހަކަދެއްކެވިކަމަށް އޭގެ ބަޔަކު އަޅުގަނޑުގާތުވެސް ބުނެފައިވެއެވެ. ނަމަވެސް “ސިލްވަރކްރެސްޓް” ކައިރިއަށް(އެ ދެކަލުންގެއިތުރަށް) ދާނެމީހަކު އެރޭ ނުވިކަމަށް މުޙައްމަދު ޙުސައިނު މަޢުލޫމާތުދެއްވައެވެ. ދެ ސަބަބަކަށްޓަކައެވެ. އެއްބަޔަކަށް ދާން ނުކެރުނީ އެހިސާބަށް ދެވުމުގެ ކުރިން ރަށްބަލަހައްޓާ ފާރަވެރިންނަށް އެކަން އެނގި ބޭޒާރުވެއްޖެނަމަ، އެމީހަކު ހައްޔަރުވުމުގެ އިތުރަށް އެމީހެއްގެ ގޯތިގެދޮރު ތަޅައި ސުންނާފަތިކުރުން ކަހަލަ ދެރަގޮތެއް މެދުވެރި ވެދާނެކަމަށް އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ. އަނެއްބަޔަކު ދާން ބޭނުންނުވީ މިފަހަރު “ސިލްވަރކްރެސްޓް” އަށް ކާމިޔާބުނުވާނެކަމަށް ރަށުގެ ވެރިންގެ ބައެއްބޭފުޅުން އެދުވަހުވެސް ޔަޤީންކަން ދެއްވާފައިވާތީއެވެ.

މުޙައްމަދު ޙުސައިނަކީ ގިނަބަޔަކާއި ބައްދަލުވެ އެކި ވާހަކަދައްކަވާ ބޭކަލެކެވެ. އެކިމީހުން ސަމާލުކަން ދޭ ވާހަކައާއި ބައެއްފަހަރު އެހާ ސަމާލުކަން ނުދޭ ވާހަކަވެސް ދައްކަވާ ބޭކަލަކަށްވުމުން އެރޭ އޭނާ އެއުޅުއްވަނީ “ސިލްވަރކްރެސްޓް” ދޮށަށް ދުރުވަންކަމަށް އެއްވެސްމީހަކަށް އެހާބޮޑު ސަމާލްކަމެއް ނުދެވެއެވެ. އެމީހުންބެލީ އެދުވަހުހިނގި ކަންކަމާއި ގުޅިގެން އޭނާ އެމީހުންނާއި ޚިޔާލު ބަދަލުކޮށްލެއްވީ ކަމަށެވެ.

ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނަށް “ސިލްވަރކްރެސްޓް”ދޮށަށް ދުރުވެވުނީ އެކަމަށްޓަކައި ވަރަށް ގިނަ އުނދަގޫ އުފުއްލަވައި ގިނަ ވަގުތުތަކެއް ހޭދަކުރައްވައިގެންނެވެ. މިމަސައްކަތުގައި ރަށުތެރޭގައި ދެބޭކަލުން އުޅުޢްވި ވަގުތު ފެންނަ މީހުންނަށް އެބޭކަލުންނާއި މެދު ޝައްކެއްވެ ސުވާލުނުކުރެވުނީ ދެ ބޭކަލުންނަކީ ވެސް އޭރުއޮތް ވެރިކަމުގެ އިސް ފަރާތްތަކާއި ގުޅުންބޮޑު އަދި މުވައްޟަފުންނަށް ވެސް ވުމާއިއެކުގަ އެވެ. ޢަބުދުލްވައްހާބަކީ އަތޮޅުއޮފީހުގެ ސެކްރެޓެރީ އެވެ. މުޙައްމަދު ޙުސައިނަކީ ސިފައިންގެ މީހެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!