ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -3
މިފޮޓޯއަކީ ބޮއްކުރާގެ ނަމޫނާއެކެވެ. ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން ފަތުޙުލްމުބާރިކް އޮޑީގެ ބޮއްކުރާ ބާލައިގެން ތިނަދޫ މާފުއްޓާ ދިމާލުން އިރުމައްޗަށް ކަނޑުތެރެއަށް ނުކުތީ ރިޔަލެއް ފައްޔެއް ރިތެއް ފަދަ އެއްޗެއް ވެސް ނެތިއެވެ. ކާނެ ބޯނެ އެއްޗެއްވެސް ނެތިއެވެ. އުތުރުން ޖެހޭ ވައިގައި ބޮއްކުރާގެ ދެކޮޅުގައި ތިބެގެން ފައިން ފަލިޖަހަމުން ތިނަދޫ މާފުއްޓާ ދިމާލުން އިރަށްގޮސް “ސިލްވަރކްރެސްޓް” އާއި މިޞްރާބުވުމުން އެއާއިދިމާލަށް ދިޔައީއެވެ. ސިލްވަރކްރެސްޓްގެ ވަރަށް ކައިރިއަށް ދެވުނުއިރުވެސް އޭގެ ބޭރަށް ހުރި ހުރިހާ އައްޔެއްވަނީ ނިއްވާލައިފައެވެ. ނަމަވެސް ބޮއްކުރާ އެއާއި ކައިރި ކުރުމާއެކު ކުއްލިއަކަށް މުޅި ބޯޓް ދިއްލިގެންދިޔައިރު ތައްޔާރީ ޙާލަތުގައި ތިބި ސިފައިންވެސް ފެނިގެން ދިޔައެވެ. އަދި މިދެކަލުން ސިލްވަރކްރެސްޓަށް ނެގުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭ ސީދާ ބޮޑުވަޒީރު އިބްރާހިމް ނާޞިރު އެދެކަލުންނާއި ސުވާލުކުރެއްވިއެވެ. ކޮންބައެއްތޯއާއި، ބޭނުމަކީ ކޮބައިތޯއެވެ. މިހާތަނަށް ރަށުގައި ހިނގަމުންދިޔަ ދެކޮޅުވެރި ޙަރަކާތުގައި ބައިވެރިވެ އުޅުނީ ކޮންކަމެއްގައި ކިހާވަރަކަށްތޯއާއި ރަށުތެރޭގެ ކަންތައް މިވަގުތު ހުރީ ކޮންގޮތަކަށްތޯއެވެ. ބޮޑުވަޒީރުގެ އެންމެ މުހިއްމު ސުވާލަކަށްވީ އެދުވަހު ތިނަދޫގެ ރައްޔިތުންނާއި ވެރިންގެގާތަށް އެމަނިކުފާނު ފޮނުއްވި ޤާޞިދު(ހަވަރުތިނަދޫ ބެރުގޭ ޒަކަރިއްޔާ މޫސާ) ރަށުގެވެރިންނާއި ރައްޔިތުންގެ ގާތުގައިދެއްކި ވާހަކަތަކަށް އެބައިމީހުން އިޖާބަދިނީ ކޮން ގޮތަކަށްތޯއާއި، ވެރިންނާއި ރައްޔިތުން ނިންމުންހުރީ ކޮން ގޮތަކަށްތޯއާއި އަދި ޒަކަރިއްޔާ މޫސާއަށް ވީ ކިހިނެއްތޯއެވެ.
ބޮޑުވަޒީރު ކުރެއްވި ސުވާލުތަކަށް ޢަބްދުލްވައްހާބާއި މުޙައްމަދު ހުސައިން ތެދުބަހުން ޖަވާބުއެރުވިއެވެ. ހިނގިކަމެއް އެކަމެއް ހިނގިގޮތަކަށް އެކަމެކެވެ. ސުވާލާއި ޖަވާބަށްފަހުވެސް މި ދެކަލުންނަށް މާފުދެއްވިކަމެއް ނުވަތަ ނޫންކަމެއްވެސް އެވަގުތު ބޮޑުވަޒީރު ވިދާޅުވެފައިނުވެއެވެ. އޭގެފަހުން ސަޔާއި އެއާއިވާނޭ އެއްޗެހި ދެކަލުންނަށް ހަމަޖެހިގެންވެސްދިޔައެވެ.
ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން ހަވަރުތިނަދޫގެ ފާރަވެރިންނަށް ސިއްރުން ފުރަމެންދަމު ބޮއްކުރާ ބާލައިގެން “ސިލްވަރކްރެސްޓް”ދޮށަށް ފުރުއްވިފަހުން އެކަން އެނގުނުގޮތަކަށް ރަށުގެ ވެރިންނާއި ރައްޔިތުންގެ ބަޔަކަށް އެނގުމުން އެދެކަލުން އުޅުއްވަމުންގެންދެވި ގެތަކުގެ ކައިރިއަށް ބަޔަކުއެއްވެ ހޯބޯލަވައި އަޑުގަދަކޮށް އެއްޗެހިކިޔައި އުޅުނެވެ. ނަމަވެސް އޭރު އެ ދެކަލުންގެވެސް އަމިއްލަ ގޭގެ ނެތުމުން އެއްވެސް ގެއަކަށް މުދަލަކަށް ގެއްލުމެއްނުލިބެއެވެ.
މާދޫއިން އަންނަނިކޮށް އަތުލި ދޯނީގެ މީހުންގެތެރެއިން ޒަކަރިއްޔާ މޫސާ އިއްޔެ ހަވަރުތިނަދޫއަށް ފޮނުވާފައިވާތީ ދެން އެދޯނީގައި ތިބި އެންމެން މިއަދު (31 ޖެނުއަރީ 1962 ބުދަ) ހަވަރުތިނަދޫއަށް ފޮނުވިއެވެ. ހެދުނު ސައިގެފަހުންނެވެ. އެމީހުން ފޮނުވީ ޢަބްދުލްވައްހާބާއި، މުހައްމަދު ޙުސައިނާއި ދެކަލުން “ސިލްވަރކްރެސްޓް” ދޮށަށް ދުރުވި ފަތުޙުލްމުބާރިކްގެ ބޮއްކުރާގައެވެ. މިމީހުން ފޮނުވިއިރު އެމީހުންނާއި ޙަވާލުކޮށް ހަވަރުތިނަދޫގެ ރައްޔިތުންނަށް ނުވަތަ ވެރިންނަށް ވިޔަސް ސިލްވަރކްރެސްޓުން ލިޔުމެއް ފޮނުވިކަމާއި، އަދި އެމީހުން ހަވަރުތިނަދޫއަށް ދިޔުމުން އެމީހުންދިޔަ ބޮއްކުރާ އެއްގަމަށް އަރުވާފައި ތަޅައި ހިމުންކޮށްލިކަމާއި، ދުރުމީގެ ޛަރީޢާއިން މިތަން ބައްލަވަން ބޮޑުވަޒީރު ހުންނެވިވާހަކަ ބައެއް ލިޔުންތަކުގައި އެވަނީ ޙަޤީޤަތާއި އެއްގޮތަށް ނޫނެވެ. މިކަހަލަ އެއްވެސްކަމެއް “ސިލްވަރކްރެސްޓް”ގެ ފަހަރު ނުހިނގައެވެ. އެހެނެއްނޫނެވެ. ހުވަދުއަތޮޅުގައި ފުރަތަމަ އުފެދުނު ދިވެހިދައުލަތާއި އިދިކޮޅު ޙަރަކާތް ހަމަޖެއްސެވުމަށް ބޮޑުވަޒީރު އިބްރާހީމް ނާޞިރު ނާޞިރު “މޯލްޑިވްސްޓާރގައި” ކުރެއްވި ދަތުރުފުޅުގައި ގައްދޫއިން ހަވަރުތިނަދޫއަށް އެ ބޯޓް ދިޔުމަށްފަހު، ގައްދޫން ހައްޔަރުކޮށް ބޯޓަށް ގެނެސްފައި ތިބި ހަވަރުތިނަދޫގެ ބަޔަކު ލިޔުމަކާއެކު ހަވަރުތިނަދޫއަށް ފޮނުވިއެވެ. މީގެތެރޭ، ތިނަދޫ ގޯލްޑްރިންގ ތުއްތުކަލޯއާއި، ތިނަދޫ ދޭލިޔާގޭ މޫސާއާއި، އަދި އިތުރު ބަޔަކުވެސް ތިއްބެވެ. މިމީހުންފޮނުވީ އެފަހަރު “މޯލްޑިވްސްޓާރު”ން ގެނައި ގައްދޫ ކުޑަ ދޯންޏެއްގައެވެ. އެފަހަރު އެދޯނި ހަލާކުކޮށްލިކަމާއި، ދުރުމީގެ ޛަރީޢާއިން ބޮޑުވަޒީރު އިބްރާހީމް ނާޞިރު އެތަންބެއްލެވިކަމަށް ވިޔަފާރިމިއަދުގެ 27 ޖުލައި 1959މ. ގެ ޢަދަދުގައިވެސް ލިޔެފައިވެއެވެ.
މާދޫއިން އަންނަނިކޮށް އަތުލިދޯނީގެ މީހުން ފަތުޙުލްމުބާރިކް އޮޑީގެ ބޮއްކުރާގައި ހަވަރުތިނަދޫއަށް ފޮނުވުމަށްފަހު، ބޮޑުވަޒީރުގެ އެންގެވުމަށް ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން އިސްކޮށް ބައިތިއްބައިގެން “ސިލްވަރކްރެސްޓް” ކައިރީއޮތް ހަވަރުތިނަދޫ ދޮންކަޅާބޭގެ ޢަލީ ޙުސައިންގެ ދޯނީގެ ތަކެތީގެތެރެއިން ހަތަރުފައްޔާއި ރިތާއި ނޫން އެހެންއެއްޗެތި ކަނޑަށްއުކައިލައި ހަވަރުތިނަދޫއަށް ދިޔުމަށް ތައްޔާރުކޮށް ބޮޑުވަޒީރާއި، އަޙުމަދު ޒަކީއާއި، އަޙުމަދު ޙިލްމީއާއި، މުޙައްމަދު ޢިމާދުއްދީނާއި، މައިޒާން އިބްރާހީމްމަނިކާއި ދޯންޏަށް އެރުއްވިއެވެ. މިބޭފުޅުންގެއިތުރަށް މިދޯނީގައި ތިބީ ސިފައިންނާއި ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނެވެ. މި ދެބޭކަލުންގެންދެވީ ކުރިންދެންނެވި ބޭފުޅުންގެ މަސައްކަތްޕުޅަށް އެހީތެރިވެދިނުމަށެވެ.
ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ދުވަސްވަރު ހަވަރުތިނަދޫ ފަޅުތެރެއަށް ވަދެނުކުމެވޭ ހުރިހާ ނެރުތަކަށް ގައުއަޅައި ތިލަކޮށްފައިވާ ކަމަށާއި، އެއީ ބޭރުންއަންނަ އެއްވެސް އުޅަނދެއްގެ ބަޔަކު ހަވަރުތިނަދޫއަށް އެރިޔަނުދިނުމަށްޓަކައި ކޮށްފައިވާކަމެއް ކަމަށް ބައެއް ލިޔުންތަކުގައިވަނީ ޙަޤީޤަތާއި މުޅިން އެއްގޮތަކަށްނޫނެވެ. ހަވަރުތިނަދޫގެ ނެރުތަކުން ގައުއަޅައި ތިލަކޮށްފައިވާ ނެރުތަކަކީ ބޭރުދަތުރުކުރާ އޮޑިފަހަރުފަދަ ބޮޑެތި އުޅަނދުފަހަރު ރަށުގެ ބަނދަރަށްވަންނަ ނެރުކަމަށްވާ “ގަލެހިރި” މަގުގެ އިތުރަށް “ފޮޓާ” މަގެވެ. ނަމަވެސް ކުރުނެރާއި، ރަށުމަތީމަގާއި، މަންގަޑާއި މިއީ ގައުއަޅައި އާދައިގެ އުޅަނދުތަކަށް މުޅިން ނުވަދެވޭވަރަށް ތިލަކޮށްފައިވާ ނެރުތަކެއްނޫނެވެ. އާދައިގެ ދޯނިފަހަރަށް އާދައިގެ ދިޔަވަރުގައިވެސް ވަދެވިދާނެ ނެރުތަކެވެ. ނަމަވެސް ސިލްވަރކްރެސްޓްގެ ބޭފުޅުން ހަވަރުތިނަދޫއަށް ދަތުރުކުރައްވާ ދޮންކަޅާބޭގެ ޢަލީ ޙުސައިންގެ ދޯނި ނެރުން ވަން ވަގުތަކީ ދިޔަވަރު ތިލަ ވަގުތަކަށްވީމާ ނެރުގެދަތިކަމެއް އޭރު ކުރިމަތިވުމަކީ ވެދާނެކަމެކެވެ.
މިއީ އެދުވަސްވަރުގެ އޮޑިފަހަރާ ނާލުބައްތެލި ހުންނަގޮތުގެ ނަމޫނާއެކެވެ. “ސިލްވަރކްރެސްޓް” ދޮށުން ހަވަރުތިނަދޫއަށް ދިޔަ ދޯނި އެރަށުގެ “ރަށުމަތީމަގުން” ފަޅުތެރަށްވަދެ، ފަޅުގައިއޮތް ހަވަރުތިނަދޫ ނާއިބު އިސްމާޢީލްދީދީގެ “ފަތުޙުލްމުބާރިކް” އޮޑިއާއި ކައިރިކޮށް އެއޮޑިއަށް ހުޅުލޭ މޫސަ ފޮނުއްވައިގެން އެ އޮޑީގައި އަލިފާންރޯކޮށްލިއެވެ. މިއޮޑި އަނދަމުންދާތަން ހަވަރުތިނަދޫގެ އަތިރިމަތީގައި އެވަގުތު ތިބި އެންމެންނަށްވެސް ފެނުނެވެ.
ހަވަރުތިނަދޫން މީހުންބޭލި ދަތުރުގައި މިކަހަލަ ޙާދިސާއެއް ނުހިނގާކަމާއި، މިކަހަލަ އެއް ޙާދިސާ ހިނގީ ކުރީ(މޯލްޑިވްސްޓާރގެ) ފަހަރު ކަމަށް ބައެއް ލިޔުންތަކުން ފެނުނު ނަމަވެސް ސިލްވަރކްރެސްޓް ހަވަރުތިނަދޫއަށް ގޮސް އެރަށުން މީހުންބޭލި މިދަތުރުގައި ހަވަރުތިނަދޫގައި އެދުވަހު ހުރި ހުރިހާ ބޮޑެތި އުޅަނދުތައްކަމަށްވާ ނާއިބު އިސްމާޢީލް ދީދީގެ އޮޑި ފަތުޙުލްމުބާރިކާއި، މުދިމް ޙުސައިން ތަކުރުފާނުގެ އޮޑި ބަރަކަތުއްރަޙުމާނާއި، ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އޮޑި ފަތުޙުލްމަޖީދާއި، އަބޫބަކުރު ކަތީބު ކަލޭގެފާނުގެ ނާލުބައްތެލި ޣަނީމާ އާއި، އައްޑޫ ހިތަދޫ ފިނިފެންމާގޭ ޢަބުދުﷲ ޢަފީފުގެ ނާލުބައްތެލި ނޫރާނީ ގައި އަލިފާންރޯކޮށް އަންދާލައިފައިވެއެވެ. މީގެއިތުރަށް ހަވަރުތިނަދޫގެ ބައެއް މަސްދޯނިތަކާއި ބައެއް ކުދި ދޯނިތަކާއި ހުރިހާ އޮޑިހަރުގެތަކާއި އަދި ބައެއް ގޭގޭގައި ވެސް ހަވަރުތިނަދޫން މީހުންބޭލިދުވަހު އަލިފާންރޯކޮށް އަންދާލައިފައިވެއެވެ.
ހަވަރުތިނަދޫ ނާއިބު އިސްމާޢީލްދީދީގެ “ފަތުޙުލްމުބާރިކް” އޮޑީގައި އަލިފާންރޯކޮށް އަންދާލި ވާހަކަ، ނާއިބު އިސްމާޢީލްދީދީގެ އެއްބަނޑުއެއްބަފާ ދައްތަ (ފުވައްމުލަކު ކަރިއްޔަ އަޙުމަދުދީދީގެ ޙައްވާދީދީގެ މޫސާދީދީ(ކުއްދީދީ)ގެ އާމިނާދީދީ)ގެ ކަތްދާދީދީ(ސީނިއަރުގެ/ތިނަދޫ)ގެ ގާތުގައި ވެސް އަލްމަރުޙޫމް ހުޅުލޭ މޫސަ ދެއްކެވިކަމަށް ކަތްދާދީދީ މަޢުލޫމާތުދެއްވައެވެ.
ހަވަރުތިނަދޫ “ފަތުޙުލްމުބާރިކް” އޮޑި އަންދާލީ ހަވަރުތިނަދޫގެ ފަޅުތެރެއިން މިފެންނަ އޮޑިއޮތް ތާނގައި އޮއްވައެވެ. ނާއިބު އިސްމާޢީލްދީދީގެ އޮޑި ފަތުޙުލްމުބާރިކް ގައި އަލިފާންރޯވެ، އަނދަންފެށުމުން “ސިލްވަރކްރެސްޓް” ދޮށުން ދިޔަ ދޯނި ރަށުގެފަޅުތެރެއިން ބީހޭ ނުބީހޭފަށަށް ދިޔުމާއެކު ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އެންގެވުމަށް ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން މޫދަށްއެރި ދޯނީގެ ދެމައްޔަލުގައި ހިފައިގެން ބޮޑުވަޒީރު އެންގެވިދިމާލަކަށް ބަޑިޖަހާދޯނި ގެންދިޔައެވެ. ފުރަތަމަ ގެންދިޔައީ ހަވަރުތިނަދޫގެ އިރުމަތީފަރާތުގެ އުތުރުން ޙާޖީ މުހައްމަދު ކަލޭގެފާނުގެ ގެއާދިމާލަށް ދޯނި ނުބީހޭ ހިސާބަށެވެ. މިތާނގައި ދޯނިއޮވެގެން އަޑުގަދަކުރާގެ ޛަރީޢާއިން ރަށުގެ ރައްޔިތުންނަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ. ރަށުގައި ނަގާފައިހުރި ސުވައިދީބުގެ ދިދަތިރިކޮށް ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. އޭރުން އެއްވެސްމީހަކު ކުށްވެރިނުވެ މާފުލިބޭނެކަމަށެވެ. މިހެންނުހެދިނަމަ ދެރަގޮތެއް މެދުވެރިވެދާނެކަމެވެ. އޭގެފަހުން ވައިގެތެރެއަށް އިންޒާރުގެ ބަޑިޖަހަމުން ދިޔައެވެ. އެންމެހައިކަމެއް ހިނގަމުންދިޔައީ ބޮޑުވަޒީރު އަންގަވާގޮތަކަށް ދޯނީގެ ވަށައިގެން ހަތިޔާރާއިއެކު ސިފައިން ތިބެގެންނެވެ.
މަތީގެ ފޮޓޯގައިވަނީ ހަވަރުތިނަދޫ ކުޑަފާލަމާއި “ފަސްބާޑި”އެވެ. ތިރީގެ ފޮޓޯއިންފެންނަނީ “ފަސްބާޑި” ރޫޅާލައިފައިވަނިކޮށެވެ. ޙާޖީ މުހައްމަދު ކަލޭގެފާނުގެ ގެއާދިމާލުގެ ފަހުން ދެން ދޯނި ގާތްކުރީ މާވަށްދިހަރޭ ކުޑަ ފާލަމާ ދިމާއަށެވެ. އެތަނުން ބޮޑުފާލަމާ ދިމާލަށެވެ. އެދުވަސްވަރު ހަވަރުތިނަދޫގެ އަތިރިމަތީ ތޮށިގަނޑުކައިރީ ތޮށިގަނޑުގެ ދިގުމިނަށް ހުންނަނީ “ފަސްބާޑި” ޖަހާފައެވެ. މިއީ އެރަށަށް “މޯލްޑިވްސްޓާރ” ދިޔަ ފަހަރުވެސް ޖަހާފައިހުރި ކަހަލަ އެއްޗެކެވެ.
މިފަސްބާޑިއަކީ ހަތަރުސަތޭކަ ފޫޓު ވަރުގެ ދިގުމިނަށް ތިންހަތަރު ފޫޓުގެ އުސްމިނަށް ދެތިން ފޫޓްގެ ފުޅާމިނަށް ދެފަރާތުގައި ދަނޑިފަނުން ދެ ބިތްގަނޑުހަދައި، އޭގެ އެތެރެއަށް ވެލިއަޅައި، ވެލިގަނޑު ފޫއަޅުވާފައި ބަޑީގެ ވަޒަނަށް ނުދެވޭގޮތަށް ހަދާފައިވާ ތަނެކެވެ. އަދި ފަސްބާޑި ކައިރީގައި ރަށާވީ ފަރާތުގައި އަތްފޯރާފަށުގައި ފަސޭހައިން އުކާލެވޭ ވަރުގެ އެކިވަރުގެ ގައުތައް ބެހެއްޓިފައި ހުރެއެވެ.
ބަޑިޖަހަމުން ދިޔަ ދޯނި މިތަނާ ގާތްކުރިއިރު ފަސްބާޑީގެ ނިވަލުގައި ރަށާވީ ފަރާތުގައި ބަޔަކު ތިބެ ގައުއުކައި އެއްޗެހިގޮވައި ހެދިއެވެ. މިތާނގައި ދޯނި އޮވެގެންވެސް ރަށުގައި ނަގާފައިހުރި ސުވައިދީބުގެ ދިދަތިރިކޮށް ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމަށާއި، އޭރުން އެއްވެސްމީހަކު ކުށްވެރިނުވެ މާފުލިބޭނެކަމާއި މިހެންނުހެދިނަމަ ދެރަގޮތެއް މެދުވެރިވެދާނެކަމަށް އަޑުގަދަކުރާގެ ޛަރީޢާއިން އިންޒާރުކޮށް ބަޑިޖަހަމުން ދިޔައެވެ. އޭރު ރައިފަލްގެ ބަދަލުގައި ބޭނުންކުރަމުން ގެންދިޔައީ ސަބްމެޝިންގަން އެވެ. މިއީ ފަންސަވީސް ވަޒަނުގެ މެގަޒިނެއް ލައްވައިފައިވާ އެއްޗެއްކަމަށް ބުނެވެއެވެ.
މިފޮޓޯ ބަލާމީހުންގެ ކަނާތްފަރާތުން ފެންނަ ހިރުނދުގަހުގެ ކަނާތްފަރާތުގައި އެދުވަސްވަރު ހަވަރުތިނަދޫ ބޮޑުދިދަދަނޑި ހުރެއެވެ. މިސަރަޙައްދަކީ ފާލަން ސަރަޙައްދެވެ. ނުވަތަ މާވަށްދިހެރޭއެވެ.
ހަވަރުތިނަދޫ އިރުމަތީފަރާތުގެ ފަސްބާޑީގެ ހުޅަނގުން ފާލަމުގެ ދެކުނުގައި ހުރި ބޮޑު ދިދަދަނޑީގައި ސުވައިދީބުގެ ދިދަ ހުއްޓެވެ. އޭރު ދިދަ ދަނޑީގެ ވާ އައްސާފައިވަނީ ފަސޭހައިން ދިދަ ނުބޭލޭގޮތަށް ދަނޑީގެ މަތީގައެވެ. މިދަނޑީގެ ދިގުމިނުގައި ސާޅީހަކަށް ފޫޓު ހުންނާނެކަމަށް ބެލެވެއެވެ. ދިދަދަނޑީގެ މަތީގައި ވާ އައްސާފައިވަނީ “ސިލްވަރކްރެސްޓް” މާކިރިގައްލާގެ ބޭރަށްދިޔުމުން އެރޭގައެވެ.
އެއް ގައުމެއްގެ ނުވަތަ އެއްސަރުކާރެއްގެތެރޭ އުޅެމުންދިޔަ ބަޔަކު އޭގެތެރެއިން ވަކިވެ އަމިއްލަ މުސްތަގިއްލު ބަޔެއްގެ ގޮތުގައި އުޅެންފެށުމުން ދެބައިވެފައިވާ ބަޔެއްގެތެރޭ ބައެއްކަހަލަ ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިނގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިކަންފެނެއެވެ. މިފަދަ ދެބަޔެއްގެތެރޭ ކުރިމަތިލުންތަކެއް ހިނގާއިރާއި އަދި ޞުލްޙައިގެ ކަންތައްތަކެއް ހިނގާއިރު ވިޔަސް، އެއްފަރާތުގައި އެބައެއްގެ ދިދަ ނަގާފައި ހުރުމުން އަނެއްފަރާތުގެ ބަޔަކު ދެކޭނީ އެބަޔަކު އަދިވެސް އެތިބީ އެބައިމީހުންގެ ގޮތުގައިކަމަށް ބުނެއުޅެއެވެ. ނުވަތަ އަދި ޞުލްޙަވުމެއް ނެތި ދެކޮޅުވެރިކަމުގައި ކަމަށެވެ. ދެފަރާތެއްގެ ދެމެދުގައި ހަތިޔާރުން ކުރާ ހަނގުރާމައެއް ނަމަ ހަތިޔާރުބަހައްޓައި އަދި އަމާންނުދޭކަމަށެވެ.
ހަވަރުތިނަދޫ ބޮޑުފާލަން ސަރަޙައްދުގައި ބަޑިޖަހާ ދޯނި އޮތްއިރު ބޮޑުވަޒީރަށް ދެންނެވުމަށްފަހު ހަވަރުތިނަދޫ ރައްޔިތެއްގެ ޙައިސިއްޔަތުން ރަށުގެ ދިދަދަނޑީގައި ހުރި ސުވައިދީބުގެ ދިދަ ބޭލުއްވޭތޯ ދެތިންފަހަރު ޢަބުދުލްވައްހާބު ބޮޑުފާލަމަށް އަރުއްވައި ފަސްބާޑިއާއި ހަމަވާއިރަށް އޭގެ ނިވަލުގައި ތިބޭ މީހުން ގައުއުކައި އަނިޔާވާ ޒާތުގެ އާލާތްތައް ހިފައިގެން އޭނާއާއި ދިމާލަށް ދިޔުމުން އޭނާ އެނބުރި ފާލަމުން މޫދަށް ފުންމާލައްވަނީއެވެ. ފުންމާލެއްވުމާއެކު ފާލަމުގެތެރެއިން ރަށާއިވީ ކޮޅަށް ބަޑިޖަހައެވެ. ނަމަވެސް ބަޑީގެ ވަޒަންއަރަނީ ފާލަމަށް ހުރަސްވާގޮތަށް ހުރި ފަސްބާޑިއަށެވެ. އޭރު ބަޑިޖަހަމުންދިޔަ ދޯންޏާއި ފަސްބާޑީގެ ނިވަލުގައި ތިބި މީހުންނާއި ދޭތެރޭ ހުންނާނީ ގާތްގަނޑަކަށް ސާޅީހަކަށް ފޫޓެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް