ހުޅުދޫއާއި މީދޫގެ އަރައިރުންތައް ފެށުނުގޮތް 2

ސަންދާނު ޖަމާއަތުގެ އަނިޔާތައް ބޮޑުވެގެން ހަދާނެގޮތެއް ނެތިގެން ދިފާއުގައި މީދޫ ބައެއްމީހުން އެދުވަހު ކަތިވަޅި ހިފައިގެންވެސް ނިކުތެވެ. ކަތިވަޅި ހިފައިގެން ނިކުތް މީހަކު ބައިސިކަލެއްގައި އައި މީހަކަށް ހަމަލާވެސް ދިނެވެ. ހަމަލާއެރީ ބައިސިކަލުގެ ހުންގާނަށެވެ. މީދޫ ހަރުމީހަކު އެތާގައި ހުރެފައި ހުޅުދޫ މީހާ ސަލާމަތް ކުރީއެވެ. ކަތިވަޅި ލަޝްކަރު ފެނިފައި ހުޅުދޫން އައި ބާގަ އެނބުރި ހުޅުދޫއަށް ހިނގާއްޖެއެވެ.

އިރުކޮޅަކުން ހުޅުދޫ ލަޝްކަރު މީދޫގެ ބޯޑަރުން އެތެރެއަށް ވަދެގެންފިއެވެ. މިއީ އާރުން ފެށިގެން އުތުރަށް އޮންނަ ހުސް ސަރަހައްދެކެވެ. ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަޑަކަށް ބައި ކިލޯމީޓަރެވެ. މައިމަގު ހަދާފައިވަނީ ޖަންގަލީގެ މެދުންނެވެ. މަގުގެ ދެފަރާތުގައިވަނީ ކަށިކެޔޮގަހާއި މަގޫގަހެވެ. އެއްވެސް އިމާރާތެއްނުހުރެއެވެ. މިލަޝްކަރުގެ ކުރީގައި ދިދައެއް ހިފައިގެން މީހަކު ހުއްޓެވެ. މިމަންޒަރު ފެނުމުން މީދޫ މީހުންވެސް ދިދައެއް ހިފައިގެން ވަރުގަދަ ކުރިމަތިލުމަކަށް ނިކުމެއްޖެއެވެެ. ހުޅުދޫ މީހުން ތިބީ މައިދާނުގެ ދެކުނު ފަރާތުގައެވެ. މީދޫ މީހުން އުތުރު ފަރާތުގައެވެ.

އިރުކޮޅަކުން އެއްބަޔަކު އަނެއްބަޔަކާއި ދިމާއަށް ގާއުކަން ފަށައިފިއެވެ. ގަލުގެ ވާރޭ ވެހިގަތީމާ އެއްބަޔަކު ފަހަތަށް ޖެހޭއިރަށް އަނެއްބަޔަކު ކުރިއަށް ޖެހިލައެވެ. ހަމަލާތަކުގައި ދެރަށުގެ މީހުންނަށްވެސް އަނިޔާވަމުން ދިޔައެވެ. އަނިޔާވި މީދޫ މީހަކަށް ފަރުވާދޭންވެގެން އޭނާގެ ގެއަށް ގެންދިއުމުން މި މަންޒަރު ފެނިފައި ރުޅިން އޭނާގެ ބޭބެ ނިކުތީ މަސްމަރާ ޒާތުގެ ބަޑިއެއް ހިފައިގެންނެވެ. އިރުއޮއްސުމުން ގާއުކުންވެސް ހުއްޓިއްޖެއެވެ.

ނިދާފައި ތިއްބާ އައި ބިރުވެރި ހަމަލަ
ގަމުގައި ތިބި އިނގިރޭސިން ހުޅުދޫ ވާރުގޭ އިބިރިހިން ތައްކާނާއި އެގޭ އަލިތައްކާނަށް ދީފައިވާ ދެ ލެންޑްރޯވަރު އޮވެއެވެ. ޑްރައިވަރުންނަކީވެސް އިބިރިހިން ތައްކާނާއި އަލިތައްކާނެވެ. މި ދެބެއިން ނިސްބަތްވާ ވާރުގޭ ދަރިކޮޅަކީ މީދޫ ކަތީމަނިކާގެ މޫސާ ތައްކާނުގެ ދަރިކޮޅެވެ. އެއްގަމު އުޅަނދު ހުޅުދޫގައި ހުއްޓަސް މީދޫގައި މިޒާތުގެ އުޅަނދެއް ނޯވެއެވެ. އެހެންވީމާ ސްޓްރެޓީޖިކް އެޑްވާންޓޭޖުތަކެއް ހުޅުދޫއަށް އޮތެވެ. މީދޫގެ ޒުވާނުން ބޮޑަށް ބޭނުންކުރީ ގެރިއްލާ އުކުޅުތަކެވެ.

ހިޖުރައިން 1394 ވަނަ އަހަރު ޝައްވާލު މަހުގެ 2 ވީ ހުކުރުދުވަހުގެރޭގެ ދަންވަރު މި ދެ ލޭންޑްރޯވަރުގައި ހުޅުދޫ ލަޝްކަރު ދަގަނޑުބުރިބުރި ހިފައިގެން މީދޫއަށް އަރައިފިއެވެ. އެއީ ފުޅިބައްތީގެ ޒަމާނެވެ. ކަރަންޓެއް ނޯވެއެވެ. މީދޫ މީހުން ނިދާފައި ތިއްބާ މިލަޝްކަރު މީދޫއަށް އަރައި އެންމެފުރަތަމަ ހަމަލާދީ ތަޅައި ސުންނާފަތިކުރީ އަސަރީގެ އިބްރާހިމް ލުތުފީގެ ގެއެވެ. އެގޭގެ ދޮރާއި ދޮރުފަތް ލުއްސާލައި ގެތަޅައި ދޮރާއި ދޮރުފަތާއި ގޭގައިހުރި މުދަލާއި ސާމާނެއް އަނީމާކޮށްފިއެވެ. އިބްރާހިމް ލުތުފީގެ ގެހުރި ބިމުގައި މިހާރު ހުރީ ބޭންކް އޮފް މޯލްޑިވްސްގެ ހުޅުމީދޫ ބުރާންޗެވެ.

އަސަރީގެ ތަޅާލައި ލެންޑްރޯވަރު ފުރެންދެން ގާއަރުވައިގެންގޮސް ކަރަންކާވާދީ އަބްދުﷲ މުފީދުގެ ގެއާއި އަސްރުމާވާދީ އަބްދުﷲ ރާޝިދުގެ ގެއާއި އާރުނޫގޭ އަލިދީދީގެ ގެއާއި ޑޭލައިޓްވާދީ އިސްމާއީލު އިބްރާހީމްގެ ގެއަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފިއެވެ. އެގޭގޭގެ އިންފާރު ތަޅައި ކައިރިކައިރީގެ އެހެން ގޭގޭގެ ފުރާޅު މައްޗަށް ގާއުކަމުން ގެންދިޔައެވެ. ބައެއް ގޭގައި ހިފައިގެންގުޅޭ ސާމާނާއި މަދިރިގެއާއި އެނދުގައިހުރި ގޮދަޑިއާއި ބާލީހާއި ބަދިގޭގައި ގެންގުޅޭ ތެލިތަށިނަގައި އަނީމާވެސް ކޮށްފިއެވެ. އެގޭގޭގައި ތިބި އަންހެނުންނާއި ކުޑަކުދީން ރޯއަޑުން މުޅި ހިސާބު އޮތީ ގުގުމާލާފައެވެ.

ގެއަކަށްފަހު ގެއެއް ތަޅައި ސުންނާފަތި ކުރަމުންގޮސް ބޯޅަދަޑިގެ އާއި ހަމަވީތަނާ މީދޫ ލަޝްކަރުގެ ބަޔަކު ހޭލައިގެން ނިކުމެ ލޭންޑްރޯވަރަށް ހަމަލާދީ ބިއްލޫރިތައް ތަޅާލައި ބައެއްމީހުންނަށް އަނިޔާ ކޮށްފިއެވެ. ހުޅުދޫ ލަޝްކަރަށް ލިބުނު ކުއްލި ސިހުމުގައި އަވަސްއަވަހަށް ފަހަތަށް ސޮއްސާލައި ބަޗައިގެން ހުޅުދޫއަށް ހިނގާއްޖެެއެވެ. އެރޭ އެގޮތަށް ކަންތައްކޮށްފައި ޖެހިގެން އައިރޭވެސް ލޭންޑްރޯވަރުގައި އައިސް މީދޫއަށް ހަމަލާދިނެވެ.

ތިންވަނައަށްވީ ރޭވެސް މިޒާތަށް ހަނގުރާމަކުރާން ކަމަށް ދިމާކުރިއިރު މީދޫ ލަޝްކަރު އޮތީ ހޭލައި ތައްޔާރަށެވެ. ލޭންޑްރޯވަރުތައް އަންނަން ފެށުމުން އޭގެތެރެއިން އެއްއުޅަނދުގެ ޓަޔަރު ކޮންމެވެސް ގޮތަކުން ގޮއްވާލައިފިއެވެ. ރުއްގަހަށް އަރައި ފިލައި ތިބި ޒުވާނުން ގަލުން ހަމަލާ ދީ ވަރަށް ބޮޑު ގެއްލުމެއް ދީފިއެވެ. ލޭންޑްރޯވަރަށް ގެއްލުން ލިބުމުން ދުއްވޭ ވަރެއްވެސް ނުވިއެވެ. ދެން އެމީހުން އަނބުރާލާފައި ހުޅުދޫއަށް ހިނގާއްޖެއެވެ.

ލޭންޑްރޯވަރުތައް ބޭނުން ނުކުރެވޭގޮތްވީމާ ދެން ހަދަންފެށި ގޮތަކީ ބޯޑަރު ސަރަހައްދުގައިވާ ޖަންގަލީގެ ތެރޭގައި ފިލައިތިބެފައި އެސަރަހައްދުން ފެނުނު މީދޫ ކޮންމެ މީހަކަށް އަނިޔާ ކުރަންފެށުމެވެ. އެ ސަރަހައްދަކީ މީދޫގެ އަންހެނުންނަށް ވަރަށް ނުރައްކާތެރި ތަނަކަށް ވެއްޖެއެވެ. ބައެއް އަންހެނުން ރޭޕުވެސް ކުރިއެވެ. އޭގެތެރޭގައި މީދޫގެ ކުރިއަށް ތިބި ބައެއް މީހުންގެ އަނބިންވެސް ހިމެނެއެވެ.

ހަނގުރާމައިގެ ޖަރީމާ ތަހުގީގު ކުރުން
ހުޅުދޫ އާއި މީދޫގެ ހަނގުރާމައިގެ ތިންވަނަ ދުވަހު އަތޮޅުވެރިޔާ ހިތަދޫ މޫސާ އަލިދީދީ ތަހުގީގު ޓީމެއް ގޮވައިގެން މީދޫއަށް އަރައިފިއެވެ. މި ޓީމުގައި ހިތަދޫ ސާލިހު އަލިދީދީ އާއި ހިތަދޫ އަބްދުﷲ ސާދިގުވެސް ހިމެނުނެވެ. އަތޮޅުވެރިޔާއަކީ ހުޅުދޫ ކަތީބު އަލީ އަބްދުﷲ މަނިކުފާނާއެކު ކޯލިޝަން ހަދައިގެން ހުރި މީހާއެވެ. މީދޫއަށް ހަގީގީ ގެއްލުން ދިނުމުގެ މޭސްތިރިއެވެ. މިތަހުގީގެއް ހިންގީ އަސްރުމާވާދީ ކުރިމަތިން މަގުމަތީގައި މޭޒަކާއި ގޮނޑިއެއް ބަހައްޓައިގެން އެތާގައެވެ. އެއީ ޓީމުގެ ވަގުތީ އޮފީހެވެ. ތަހުގީގުގެ މައި މަރުކަޒު ހުރީ ހުޅުދޫގައެވެ. ތަހުގީގު ކުރިޔަށް ގެންދަންވާގޮތް ކިޔައިދެނީ އަލީ އަބްދުﷲ މަނިކުފާނެވެ. ތަހުގީގު ޓީމަށް ކެއުމާއި ބުއިން އޮންނަނީ ހުޅުދޫ ވާރުގެއިންނެވެ.

ތަހުގީގު ނިމުނުއިރު ބޮޑަށް ކުށްވެރިވީ މީދޫ މީހުންނެވެ. ކުށްވެރިވި މީހުންގެ ތެރޭގައި އެދުވަހު މަސްހިފަން އުޅުނު ބަޔަކާއި ގެއެއްގެ ފާރެއްގެ މަތީގައި އިށީދެގެން ތިބި ބަޔަކުވެސް ހިމެނުނެވެ. މި ތަހުގީގަކަށްފަހު ކުށްވެރިވި މީހުން އެކި ދުވަސްމަތިން ރަށުން ވަކިކޮށް ފޮނުވާލެވުނެވެ. އެއްބަޔަކު ޖަލަށެވެ. އަނެއްބަޔަކު އަރުވައިލެވުނީއެވެ. ހުޅުދޫ ކަތީބުގެ އަނގައިން މީދޫ މީހެއްގެ ނަން ބޭރުވެއްޖިއްޔާ އެމީހަކު އޮންނަނީ ކުށްވެރިވެފައެވެ. ދުވަސްވަރަކީ ގަމުގެ ދުވަސްވަރެވެ. ލޭބަރުންގެ ދުވަސްވަރެވެ. މީދޫ ލޭބަރުންގެ ތެރޭން ބައެއް މީހުންނާއި ހުޅުދޫ ވެރިންނާއި ދެމެދު ލޭންދޭނުގެ މުއާމަލާތުތަކެއް އޮތީ ކުރެވިފައެވެ. ކުށްވެރިވި ބައެއް ލޭބަރުން މިބުނިކަހަލަ ދަރަނި މާފުކޮށްދީގެން ސަލާމަތްކަން ހޯދިއެވެ.

ކުށްވެރިވެގެން އަދަބު ލިބުނު މީހުންގެ ލިސްޓު ވަރަށް ދިގެވެ. އޭގެތެރޭގައި ފަންނިޔަރި މަންސޫރާއި އަލިބާގެ މަންސޫރު، އެޅެވަލިގޭ އަހުމަދު ދީދީ، ގާސިމު، ރެކިދިޔަގެ މުހައްމަދު، އައިސާދަރު ހަކީމު، ދޮންއައިސާގެ އަބްދުﷲ، ސިއްތިއަގެ މުހައްމަދު ތައްކާނާއި ހަސަންތައްކާނު،  ހަސަންރަހާގެ ސައީދު، އެޅެގޭ މަޖީދާއި އެދުރުގޭ ނަސީމު، ދ ސައީދާއި ވާފިރު، އަލިރަހާގެ މުހުއްމައިދި އާއި އާމިނަގެ ދަރިޔާ، އޫގެހާގެ ސައުދުﷲ އާއި ފަތުހުﷲ، ބޭބާގެ މުހުއްމަދާއި ފާތިޔަގެ އަލީ އާއި އިބިރާ، ފާތުމައިދީގެ އަބުވާ އާއި ކުއްބޭ ހިމެނުނެވެ.

ތަހުގީގު ޓީމުގެ އިންސާފުވެރިކަން ހުރި މިންވަރަކީ މީދޫ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އަލީ އަބްދުﷲ މަނިކުފާނުވެސް ކުށްވެރިވިކަމަށް ނިންމައިގެން މާލެ ފޮނުވިއެވެ. މިއީ މީދޫ ރައްޔިތުން ފިނިވަންދެން އަލީ އަބްދުﷲ ތަންކޮޅެއް ދުރުގައި ބަހައްޓަން ކުރި ކަމެކެވެ. މީދޫ ކަތީބު ނާފިޒަށް އިންޒާރު ދީފައި އޮތީ ދެން ދުވަހަކުވެސް މީދޫ މީހަކު ހުޅުދޫއާ ދޭތެރޭ ނުނިޔަތެއްލައިގެން ކަމެއްކޮށްފިނަމަ ރަށުން ވަކިކޮށް އަރުވައިލާނީ ނާފިޒު ކަމަށެވެ. މިހެންވެގެން ރައްޔިތުން މައިތިރިކުރުމަށް ނާފިޒު ވަރަށް ބާރުއެޅިއެވެ. ދުވަސްވަރަކީ ވެރިންނަށް ރައްޔިތުން ކިޔަމަންވާ ޒަމާނެވެ. އެހެންވެގެން ނާފިޒުގެ އެދުމަށް މީދޫ ރައްޔިތުން މައިތިރިވެގެން ތިބީއެވެ.

މިދުވަސްވަރުގެ ތެރޭގައި އިތުރު ޖަގަޑާތަކެއްވެސް ހިނގިއެވެ. އޭގެ ތެރޭގައި އޮޑިހަރުގެއެއް އަންދައިލުމުގެ ހާދިސާއަކާއި މީދޫ އަލިފުތާގެ ޖަގަޑާ އާއި އަލިބެޔާގެ ޖަގަޑާވެސް ހިމެނެއެވެ. މީން ކޮންމެ ހާދިސާއަކާ ގުޅިގެން ވަރަށް ގިނަބަޔަކު ރަށުން ވަކިކޮށް ފޮނުވައިލެވުނެވެ. އެހެންކަމުން މިވެނި މީހަކު ފޮނުވައިލެވުނީ މިވެނި ހާދިސާއަކާ ގުޅިގެންކަން އޮޅުންއަރައި ބައެއް މީހުންނަށް މިހާދިސާތައް ކިޔައިދިނުމުގައިވެސް އޮޅުންތަކެއް އަރާފައިވެއެވެ.

މީދޫއަށް އަލުން ރަށެއްގެ ދަރަޖަ ލިބުން
ހުޅުދޫ އާއި މީދޫގެ މަސްލަހަތު ގެއްލި ބޮޑެތި އަނިޔާތަކާއި ރޭޕްތައް ހިނގަންފެށުމުން 1 ޖުލައި 1975 ގައި ހުޅުދުއާއި މީދޫ އަލުން ވަކި ކުރެއްވިއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އަތޮޅުވެރިޔާ މޫސާ އަލިދީދީ އަށް ފޮނުއްވި ޚާއްސަ މެސެޖަކުން އެންގެވީ ޒަމާނުއްސުރެ ހުޅުދޫ އާއި މީދޫގެ ސަރަހައްދު ހަމަޖެހިފައިވާ ގޮތުގެ މަތީން ހަމަޖައްސަވައިފި ކަމުގައެވެ. މިދެރަށް ވަކި ކުރެވުނުކަން އަތޮޅުވެރިޔާ މޫސާ އަލިދީދީ މެދުވެރިކޮށް ހުޅުދޫ އާއި މީދޫގެ ވެރީންނަށާއި ރައްޔިތުންނަށް އެންގެވިއެވެ. މި ނިންމުމެއް ނިންމުމުގެ ފަހަތުގައި އެހެން ސަބަބެއްވެސް އޮތެވެ. މީދޫ ކަތީބު ނާފިޒާއި އޭރުގެ ޑިފެންސް މިނިސްޓަރާއި ހެލްތު މިނިސްޓަރަކީ ތިމާގެ މީހުންނެވެ. މިތިމާގެ ކަމުގެ އެހީގައި ވަރަށް ދިގު ހާސަރުތަކެއް ދަމައިގެން ދެރަށް ވަކިކުރުމުގެ ބޭނުން ސަރުކާރަށް ވިސްނައިދިނީ ނާފިޒެވެ.

ދެރަށް ވަކިކުރުމުގެ އެންގެވުމާއި ގުޅިގެން މީދޫ އޮފީހުން ހުޅުމީދޫ އޮފީހަށް ގެންދިޔަ ފަރުނީޗަރާއި ސާމާނު މީދޫއަށް އަލުން ގެނެސްފިއެވެ. މީދޫ އޮފީސް އަލުން ހުޅުވައިފިއެވެ. މީދޫ ކަތީބަކީ އަބްދުﷲ ނާފިޒު ކަމަށާއި ހުޅުދޫ ކަތީބަކީ އަލީ އަބްދުﷲ މަނިކުފާނު ކަމުގައި ހަމަޖެެއްސެވިއެވެ. ދެރަށް ވަކި ކުރެވުނު ކަމުގައިވިޔަސް ދެރަށުގައި އުފެދުނު ތަޅާފޮޅުމާއި މާރާމާރީ އާއި ލޭ އޮހޮރުވުން ނުހުއްޓި ގިނަޒަމާންތަކަކަށް ދިގުލައިގެން ދިޔައެވެ. އެގޮތުން ހުޅުދޫ މަސްވެރިންވެސް މީދޫގެ ކުޑަކުދީންނަށް އަނިޔާ ކުރެއެވެ. ބޮޑުގަލާ ކައިރިން ނުވަތަ ފާލަމުގެ ކޮޅުން ކުއްޖަކު ފެނިއްޖެނަމަ އަނިޔާ ކުރެއެވެ. މިކަންތައްތައް 1984 ވަނަ އަހަރާއި ހަމަޔަށް ދެމިގެން ދިޔައެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!