އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 9

ހާފިޒުންނާއި ފިގުހުވެރި އާލިމުންގެ ދައުރު

މީދޫ އަލުން އާބާދު ކުރުމަށްފަހު ވަޒަންވެރިވި އައު އާއިލާތަކާއި ކުރީގައި ދިރިއުޅުނު މީހުންގެ ތެރެއިން އަލުން ރަށަށް ބަދަލުވި މީހުންނާއި މިއެންމެހައި މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ރަށް ހިންގާން ފެށީ ހާނެއި ކަލޭގެއެވެ. މީނާއަށް ފަހު މީނާގެ ދަރިކަލުން މަހުމޫދު ނާއިބު ކަލޭގެފާނެވެ. އެއަށްފަހު މީނާގެ ދަރިކަލުން ދޮން އަލީ ޚަތީބެވެ. އެއަށްފަހު އޭނާގެ ދަރިކަލުން ދޮން ހަސަން ނާއިބެވެ. މި އަލީ ޚަތީބަކީ ޚަތީބު މިލަގަބުގައި ރަށުގެ ވެރިކަން ކުރިކަމަށް އެގިފައިވާ ފުރަތަމަ މީހާއެވެ.

މި ބާބުގައި ލިޔާންކަމަށް ގަސްތުކުރަނީ ޔޫސުފު ނާއިބު އަވަހާރަވެ މީދޫ ފަޅުވެ އަލުން އާބާދުވުމަށް ފަހު ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާގެ ދޮން މުހައްމަދު އެދުރު ތަކުރުފާނުގެ އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނުގެ ދޮން ހުސައިން ޚަތީބު ތަކުރުފާނުގެ ދޮން މުހައްމަދު ޚަތީބު ތަކުރުފާނުގެ ދޮން އަލީ އެދުރު ތަކުރުފާނުގެ ދޮން މަހުމޫދު ނާއިބު ތަކުރުފާނުގެ ދޮންބުބޫގެ ދޮންފާތުމާގެ ކެއުޅާރި ހައްވާބީގެ ދިޔަރެހިގެދަރު ސަންފާބީގެ މީދޫ މުހައްމަދު ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނު 1563 ގައި އުފަންވުމާއި ހަމަޔަށް ދެމިގެންދިޔަ 383 އަހަރުގެ ތެރޭގައި އައްޑޫ އާއި ފުވައްމުލަކާއި ހުވަދޫ އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ ތާރީޚު ފުރޮޅިގެން ދިއުމަށް މެދުވެރިވި ބޮޑެތި ބޮޑެތި ކަންކަމުގެ ވާހަކައެވެ. މި ދައުރަށް ކިޔާނީ ހާފިޒުންނާއި އާލިމުންގެ ދައުރެވެ. މިއީ ގިނަ އަދަދެއްގެ ހާފިޒުންނާއި އާލިމުންގެ ނަންތައް ފާހަގަވާން އޮތް ދައުރެކެވެ.

މިވެނި މީހަކީ އެވެނި މީހެއްގެ ދަރިއޭ ލިޔަމުންގޮސް ދަރިކޮޅު ފޮތެއްގެ ސިފައަށް މި ބާބު ބައްޓަން ވުމަކީ ގަސްތެއް ނޫނެވެ. އެހެންނަމަވެސް ލިޔާން ޖެހިއްޖެ މީހެއްނަމަ އެމީހެއްގެ އާއިލީ ވަނަވަރު ބަޔާން ކުރާނަމެވެ. އާއިލީ ވަނަވަރަކީ ވަކިވައްތަރެއްގެ ތާރީޚެވެ. އެހެންކަމުން މި ބާބުތައް ލިޔަމުން މިގެންދަނީ އާއިލީ ވަނަވަރުތަކުގެ ތެރެއަށް މާބޮޑަށް ނުވަދެ ފަރުޖެއްސޭތޯ ގަދައަޅާ ހާލުގައެވެ.

މަހުމޫދު ނާއިބުން ފެށިގެން ޝަމްސުއްދީނު ބޮޑު ފަނޑިޔާރާއި ހަމައަށް ދެމިގެންދިޔަ ތާރީޚުން ބޮޑަށް ފާހަގަ ކުރެވެނީ ރަށުގައި އުފެދުނު ގިނަ އަދަދެއްގެ ހާފިޒުންނެވެ. ގުރުއާން ހިތުދަސް މުގުރީންނެވެ. ކޯގަންނު ގަބުރުސްތާނުގެ ވަކި ސަރަހައްދަކުން ވަކި ޒާތެއްގެ މަހާނަގާ ވަރަށް ގިނައިން ފެންނާނެއެވެ. މީދޫގައި މިއަށް ކިޔަނީ ކަންފަތް ކީލައެވެ. މާނައަކީ ކަންފަތްލީ މަހާނަ ގަލެވެ. މިއީ ހާފިޒުންނަށް ޚާއްސަ ފަރުމާއެކެވެ. ގުރުއާން ހިތުދަސް މުގުރީއަކު ނިޔާވެއްޖެނަމަ އެމީހެއްގެ މަހާނައިގައި ޖަހާނީ މިވައްތަރުގެ ގަލެކެވެ.

ހާފިޒުންގެ މަހާނަތައް މި ގޮތުން ފާހަގަ ކުރެވެން ހުރުމާއި މީގެ ގިނަކަމުން ސުމުއްވުލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ލިޔުއްވުމެއްގައި ކޯގަންނަކީ ހާފިޒުންގެ ގަބުރުސްތާނެއް ކަމަށް ސިފަ ކުރައްވައިފައިވެއެވެ. މުހައްމަދު އަމީނުގެ މި ލިޔުއްވުން ފިޔަވައި އެހެން އެއްވެސް މީހަކު މިކަމާއި ބެހޭގޮތުން ތާރީޚުގައި ވާހަކަ ދައްކައިފައެއް ނުވެއެވެ.

ކުރީގައިވެސް ބަޔާން ކުރެވުނު ފަދައިން ޔޫސުފު ނާއިބާއި ހަމައިން އިލްމުގެ ބިންގާ އޮތީ އެޅިފައެވެ. ރަށް ފަޅުވުމާއިއެކު އެ ސިލްސިލާ ކުޑަދުވަސްކޮޅަކަށް މެދުކެޑުނެވެ. އެހެންނަމަވެސް އަލުން އާބާދުވުމާއެކު އެ ސިލްސިލާ އޮތީ ފެށިފައެވެ. އެކަން ކުރަމުން އައީ އެންމެ އިހަށްވެސް އެކަންކުރި ގޮތަށް މާމިސްކިތުގެ ދެފަރާތު ދެ ފެންޑާގައެވެ. މިކަން ކުރިއަށް ވުރެ ފުޅާ ކުރެއްވީ މަހުމޫދު ނާއިބާއި އޭނާއަށް ފަހު ދޮން އަލީ ޚަތީބެވެ. މި ހިސާބުން އިލްމު އުގެނުމަށް ހަޒުރަމައުތުގެ ތަރީމަށާއި ޔަމަނުގެ ޒަބީދަށް ދަތުރުކުރުމުގެ އޮއިވަރެއްވެސް އޮތީ ފެށިފައެވެ. ރަށުގައި ބޮޑަށް އޮތީ ގުރުއާން ހިތު ދަސްކުރުމުގެ ފަންނެވެ. ފުވައްމުލަކާއި ވާދޫގައިވެސް އޭރު ބޮޑަށް އޮތީ މިފަންނެވެ.

ދަންނަ މުހައްމަދު ރަސްގެފާނާއި އައްޑޫ

އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގައި އޮތްކަމަށް މިލިޔާ ހާފިޒުންނާއި އާލިމުންގެ ދައުރުގައި މާލޭގައި އޮތީ ތީމުގޭ ދަރިކޮޅުގެ ރަސްކަމެވެ. އެއަށްފަހު މަޝްހޫރު ހިލާލީ ދަރިކޮޅުގެ ރަސްކަމެވެ. އޭރު މާލޭގައި އިސްލާމީ ރަސްކަމެއް ގާއިމު ކުރެވިފައި އޮތަސް އިލްމުވެރިކަމުގެ މާބޮޑު އަސަރެއް ނެތެވެ. މިސަބަބަށްޓަކައި ދަތުރުކޮށް އައްޑޫއަށް ގޮސް އިލްމު ހާސިލުކުރުމަށް މާލޭގެ ބައެއް ޒުވާނުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ދަންނަ މުހައްމަދު ރަސްގެފާނަކީ އެއިގެ ތެރެއިން ޒުވާނެކެވެ.

ދަންނަ މުހައްމަދު ރަސްގެފާނަކީ ރާއްޖޭގެ ރަސްރަސްކަލުންގެ ތެރެއިން އިހަށްވެސް އަދި ފަހަށްވެސް އެބޭފުޅެއްގެ ނަމަށް ދަންނަ މިބަސް އިތުރު ކުރެވުނު ހަމައެކަނި ރަސްގެފާނެވެ. މި ރަސްގެފާނު ކިޔަވައި ވިދާޅުވީ ނުވަތަ އެ ދަންނަކަމެއް ހާސިލު ކުރެއްވީ އައްޑޫ މީދޫންނެވެ. މިވާހަކަ މަޝްހޫރު ބުރާރު މުހައްމަދުފުޅުގެ ވާހަކަގައިވެސް ނަންގަނެވިފައިވެއެވެ. ހިލާލީ ދަރިކޮޅުގެ ރަސްރަސްކަލުންގެ ވާހަކަ އާއި އުތީމު ބޮޑު ތަކުރުފާނުގެ ވާހަކަ ރަސްމީ ދިވެހި ތާރީޚުގެ ގޮތުގައި ހުސައިން ސަލާހުއްދީނު ލިޔުއްވާފައިވަނީ ބުރާރު މުހައްމަދުފުޅު ކިޔަމުން އައި ވާހަކަ އަސްލަކަށް ބައްލަވައިގެންނެވެ.

ދަންނަ މުހައްމަދު ރަސްގެފާނު މީދޫގައި ކިޔަވައި ވިދާޅުވީ ތީމުގޭ ދަރިކޮޅުން ޚަދީޖާ ރެހެންދި ތަޚުތުގައި އިންނެވި ދުވަސްވަރުއެވެ. ދަންނަ މުހައްމަދު ރަސްގެފާނު ގެ އެދުރަކީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާއާ ޔަމަނު ކަރައިގެ ބޭކަލެއް ކަމުގައިވާ އީސަލް ޔަމަނީ ކައިވެނި ބައްލަވައިގެން ލިބުނު މުހައްމަދު އެދުރު ތަކުރުފާނުގެ ދަރިކަލުން އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނެވެ. އެއީ ގާތްގަޑަކަށް މީލާދީން 1370 އެވެ. މި ފަގީހު ސުލައިމާނު އެދުރު ތަކުރުފާނުގެ ވާހަކަ އަދި ފަހުން އަންނާނެއެވެ. ދަންނަ މުހައްމަދު ރަސްގެފާނު މި އެދުރު ތަކުރުފާނުގެ އަރިހުން ކިޔަވައި ވިދާޅުވެގެން މާލެ ވަޑައިގެން މާލޭގައި ކިޔަވައި ދެއްވާން އުޅުއްވުމަށްފަހު ވަކި ހިސާބަކުން އުސްމާނު އެކެއްގެ ރަސްކަމުގައި ބޮޑުވަޒީރެއްގެ ދަރަޖައަށް ވަޑައިގެންނެވިއެވެ. މި އުސްމާނަކީ ތީމުގޭ ދަރިކޮޅުގެ އެންމެ ފަހު ރަސްގެފާނެވެ.

ތީމުގޭ ދަރިކޮޅުގެ ރަސްކަން ނިމި ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށުމުގައި ދަންނަ މުހުއްމަދަކީ ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެހެނީ 1388 ގައި ތަޚުތަށް އިސްވި ހިލާލީ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު ހަސަން އެއްވަނައަކީ ދަންނަ މުހައްމަދަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭގެފަހުން ވަޑައިގެންނެވި ސުލްތާން ހުސައިން އެއްވަނައަކީ ވެސް ދަންނަ މުހައްމަދަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ހުސައިންއަށް ފަހު ތަޚުތަށް ވަޑައިގެންނެވި ނާސިރުއްދީނަކީ މާލޭގައި އެންމެ ފުރަތަމަ އިސްލާމީ ޝަރީއަތް ގާއިމު ކުރެއްވި ރަސްގެފާނެވެ. މިކަމުގެ މޭސްތިރިޔަކީވެސް ދަންނަ މުހައްމަދެވެ. މި ނާސިރުއްދީނުގެ ދައުރުގައި އެރަދުންގެ ވަޒީރަކަށް ހުންނެވި ދޮއްތަޑަފި އެދުރުކަލޭގެފާނުގެ ވާހަކަ އަދި ކޮންމެވެސް ބާބެއްގައި ފަހުން އަންނާނެއެވެ.

ދަންނަ މުހައްމަދު އަމިއްލައަށް ތަޚުތަށް އިސްވީ މީލާދީން 1421 ގައެވެ. މާގިނަ ދުވަހަކު ނުހުންނެވެއެވެ. ދަންނަ މުހައްމަދު ރަސްގެފާނު އައްޑޫން ދަންނަކަން ހާސިލު ކުރައްވާފައި މިވަނީ ވާދޫ ދަންނަކަލޭގެފާނު ވާދޫއަށް ވަޑައިގެން ކިޔަވައިދެއްވާން ފެއްޓެވުމުގެ ގާތްގަޑަކަށް ދުއިސައްތައެއްހައި އަހަރު ކުރިންނެވެ. އަދި ވާދޫ މުދިންގޭ އިސްމާއީލް ތަކުރުފާނު މީދޫއަށް ވަޑައިގެން ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާގެ ދޮން މުހައްމަދު އެދުރު ތަކުރުފާނުގެ އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނުގެ ދޮން ހުސައިން ޚަތީބު ތަކުރުފާނުގެ ދޮން މުހައްމަދު ޚަތީބު ތަކުރުފާނުގެ ދޮން އަލީ އެދުރު ތަކުރުފާނުގެ ދޮން މަހުމޫދު ނާއިބު ތަކުރުފާނު ގެ އަރިހުން މީލާދީން 1470ގެ އަހަރުތަކުގައި ކިޔަވާން ހުންނެވީވެސް ވާދޫ ދަންނަ ކަލޭގެފާނު ކިޔަވައިދެއްވާން ފެއްޓެވުމުގެ ސަތޭކައެއްހައި އަހަރު ކުރީންނެވެ. ވާދޫ މުދިންގޭ މި އިސްމާއީލް ތަކުރުފާނަކީ ހިލާލީ ދަރިކޮޅުގެ ކަޅު މުހައްމަދު ރަސްގެފާނުގެ ރަސްކަމުގައި ފަނޑިޔާރުކަން ކުރެއްވި އަލްގާޒީ އިސްމާއީލް ޝަރަފުއްދީން އަލްވާދުވީ އެވެ. އެހެންކަމުން ދެކުނުގައި އިލްމުގެ ސިލްސިލާ ފެށުނީ ވާދޫ ދަންނަކަލޭގެފާނާއި ހަމައިންކަމަށް މުހައްމަދު އަމީނު ލިޔުއްވާފައި އެވަނީ ވަރަށްވެސް ނުބައްލަވައި ތާރީޚުގެ ތެރެއަށް ވަދެވަޑައިގަތުމެއް ނެތިއެވެ. އެހެނީ އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގައި އޭގެ މާކުރިންވެސް އިލްމުވެރިކަން އޮތެވެ. ނުދަންނަ މުހައްމަދަކު ދަންނަ މުހައްމަދަކަށްވެ އެންމެ ފަހުން އޭނާ ދިވެހި ރަސްކަމަށް އައުމަށް މެދުވެރިވި ދަންނަކަން ހާސިލުކުރީ އައްޑޫން ކަން މާރީއްޗަށް ވެސް ދިވެހި ތާރީޚުން ސާބިތުވެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!