މީދޫއަށް ޚާއްސަ ހުނަރުތަކުގެ ތެރޭން ހޭމަސް ކޭއްތުމާއި ކުރުމަހުގެ މަސްވެރިކަން

ދިވެހިންނަކީ މަސްވެރިންނެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މަސްވެރިކަމުގައި ބޭނުންކުރަނީ އެއްކަހަލަ އުކުޅުތަކާއި ވަސީލަތްތަކެވެ. އެކަމަކު ބައެއް ރަށްރަށުގައި އެނޫން ތަންތާގެ މީހުން ނުދަންނަ ޒާތުގެ މަސްވެރިކަން ކޮށްއުޅެއެވެ. މީގެ މިސާލަކީ މީދޫގައި ކޮށްއުޅޭ ދިގު މަހުގެ މަސްވެރިކަމެވެ. މިއީ އަތޮޅުގެ އެހެން ބަޔަކު ކުރާކަމެއް ނޫނެވެ. ކުރެވޭ ކަމެއްވެސް ނޫނެވެ. މީދޫ ފިޔަވައި މިޒާތުގެ މަސްވެރިކަން ކޮށް އުޅުނު އަނެއް ރަށަކީ ފުވައްމުލަކެވެ. މި ޒާތުގެ މަސްވެރިކަމުގެ ހުނަރު މީދޫއަށް އައިގޮތް އެއީ ނޭގުމެއްގެ ތެރޭގައި އޮތް ކަމެކެވެ. ގަބޫލުކުރެވޭ ގޮތުގައި މިކަން އައީ ކުރީޒަމާނުގައި ފުވައްމުލަކުންނެވެ. މިހެން ގަބޫލުކުރެވޭ ސަބަބަކީ މިމަސްވެރިކަން މިގޮތަށް ކުރަނީ މިދެރަށުގައި އެކަނި ކަމަށްވުމެވެ.

ދިގުމަހޭ ބުނީމާ އެބުނެވުނީ އަދި މުޅިން ރަގަޅަކަށް ނޫނެވެ. އެއީ ކުރުމަހެވެ. މާލޭގައި އެއީ ކުރުމަހެވެ. އެކަމަކު އައްޑޫގައި އެއީ ދިގުމަހެވެ. ދިގުމަހޭ ކިޔަނީ އެމަސް ދިގުވީމައެވެ. މާލޭގައި ކުރުމަހޭ ކިޔަނީ އެވެރިންނަށް އަދި އެއަށްވުރެވެސް ދިގު މަހެއް ފެންނާތީ ތޯއްޗެކެވެ. ކޮންމެއަކަސް އެއީ މިލިޔުމުގެ މައުޒޫކަމަށް ނުވާތީ އެބައި ދޫކޮށްލީއެވެ.

ދިގުމަހަކީ މީރު މަހެކެވެ. މަސްތަކުގެ ތެރެއިން ފިއްލެޔޮވަސް އެންމެކުޑަ މަހެވެ. މިހެންކަމުން ދިގުމަހުގެ ޑިމާންޑް ވަރަށް ބޮޑެވެ. ދިގުމަސް ލިބޭ އޮންނަނީ ދެގޮތެކެވެ. އެއްގޮތަކީ އެމަސް ބޭނުމެވެ. އެކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރެއެވެ. ދެވަނަ ގޮތަކީ ދިގުމަސް މެރުމެވެ. މިކަން ކުރަނީ މީދޫގައެވެ. މިކަމުގެ މާހިރުން ތިބީ މީދޫގައެވެ. މިކަން ކުރަން ދަންނަ މަސްވެރިން ތިބީވެސް މީދޫގައެވެ. ދިގުމަސް މެރުމަކީ ހުނަރާއި ތަޖުރިބާ ނެތި ކުރެވޭނެ ކަމެއް ނޫނެވެ.

ދިގުމަސް މެރުމަށް ކަނޑަށް ނުކުންނަނީ އާއްމުގޮތެއްގައި ހަތަރުފަލީގެ ކުދިކުދި ދޯނީގައެވެ. މިސައިޒުގެ ދޯނި މީދޫ ފިޔަވައި އެހެން ރަށެއްގައި ނުގެންގުޅެއެވެ. މިޒާތުގެ ދޯނިފަހަރުގައި ތިބޭނީ ޖުމްލަ ތިން މީހުންނެވެ. އެއީ ކެޔޮޅު މީހާ އާއި ކޮޅުފަލީގެ ދެފަލި ޖަހަން ހުންނަ މީހާ އާއި ދަށު ފަލީގެ ދެފަލި ޖަހަން ހުންނަ މީހާއެވެ. ދަށު ފަލީގައި ހުންނަ މީހާއަކީ ކެޔޮޅަށް އެހީތެރިވެދޭން ހުންނަ އަތްދަށު ކެޔޮޅެވެ. ބައެއް ފަހަރު ދަށު ފަލީގައި މީހަކު ނެތި އެންމެ ދެމީހުންވެސް ދިގުމަހަށް ނުކުމެ އުޅެއެވެ. މިއީ އެންވެރިކަމަކާނުލައި ވަރަށް ފަސޭހައިން ދެތިންގަޑިއިރުގެ ތެރޭގައި ނިންމާލެވޭ މަސައްކަތެކެވެ. އެހެންނަމަވެސް މިއީ ކޮންމެދުވަހަކު ކުރެވޭ ކަހަލަ ކޮޔޮޅުކަމެއް ނޫނެވެ. މިމަސްވެރިކަމަށް ނުކުތުމުގެ ކުރިން މޫސުމަށް ބަލަންޖެހެއެވެ. ކަނޑު މަޑުވެފައި ވައިވެސް މަޑުވާންޖެހެއެވެ. ރާޅު ބޮޑު މޫސުމަކަށް ވެގެންނުވާނެއެވެ. އާއްމުގޮތެއްގައި ފުށްޓަރު ފަރާތަށް ނިކުންނަނީ ރަށުގެ ބަނދަރާއި ގާތުން ހިކަހެރަ އާއި އިސްމެހެލާ ހެރައާއި ދޭތެރޭގައިވާ ހަނި ނެރަކުންނެވެ. ރާޅު ބޮޑު މޫސުމެއްވިއްޔާ އެތަނަކުން ވަދެނުކުމެ ނުހެދޭނެއެވެ.

ދިގުމަހަށް ނިކުމެ މާދިގު ދަތުރުކުރުންތަކެއް ނޯންނާނެއެވެ. ކެޑެވާހެރައިން ފެށިގެން ވޭރާޑާއި ދޭތެރޭގައި ދޯނި ދުއްވާނީ ފުއްޓަރުން ފެށިގެން ސަތޭކަ މީޓަރެއްހާ ބޭރުންނެވެ. އެސަރަހައްދަށް އާއްމުގޮތެއްގައި ކިޔާނީ ދިގުމަސްފަށަލައެވެ. މިފަށަލައަކީ ފުށްޓަރާއި މާކަނޑާއި ދެމެދުގައި އޮއިވަރު ބަދަލުވާ ރޮނގެވެ. މި ދުއްވުމެއް ދުއްވާނީ ފަލީގެ އެހީގައެވެ. ކެޔޮޅު މީހާ ހުންނާނީ ފުރަގަހަށް އެނބުރިގެން ހޭމަހާއޭ ކިޔުނު އެއްޗެއް ކަނޑުގައި ކާއްތާލަ ކާއްތާލައެވެ. ހޭމަހާއަކީ އާދައިގެ ދޮށްޓެއްވަރުގެ އޮނެއްގައި އެއޮނުގެ ދިގުމިނަށް އެލުވާފައި އޮންނަ ކަންވާރެއްގެ އެއްކޮޅުގައި އައްސާ ލަކުޑީގެ މަހެކެވެ. މަހެއްގެ ސިފަޔަށް އޮންނަ ލަކުޑިކޮޅުގެ ބޮޑުމިނަކީ އާދައިގެ ފުޅަންގެއްގެ ބޮޑުމިނެވެ. މިއީ މަޑު އަދި ވީހާވެސް ލުއި ލަކުޑިއަކުން ހަދާ އެއްޗެކެވެ. މިލަކުޑިކޮޅުގައި ޒާތްޒާތުގެ އިސްމުތައް ލިޔެފައި ހުރެއެވެ. އެއީ ދިގުމަސް އެއާ ގާތްވުމަށް އަޅާ ބާރެއްގެ ގޮތުގައެވެ.

ކެޔޮޅު މީހާ ހޭމަސް ކަނޑުގައި ކާއްތާނީ ނިކަން ހުޝިޔާރުވެ ހުރެއެވެ. މިގޮތަށް ކާއްތަން ފެށީމާ ދިގުމަސް އަޑީގައި ހުރެފައި ހޭމަހާއަކީ ފުޅަނގި ޒާތުގެ މަހެއްކަމަށް ހީކޮށް އެއާ ދިމާލަށް އަންނާނީ ވަރަށް މަޑުންނެވެ. ވަކިވަރަކަށް ދިގުމަސް ތިލަވީމާ ކެޔޮޅު މީހާއަށް އެމަސް ފެނިދާނެއެވެ. ދެން ދަށުފަލީގައި އިންނަ މީހާއަށް އިޝާރާތް ކުރީމާ އެމީހަކު ތެދުވެގެން އައިސް ކެޔޮޅު މީހާގެ އަތަށް ދޮށްދަނޑި (ދެށާ) ދީފައި ހޭމަސް ކޭއްތުމާއި ހަވާލުވެދާނެއެވެ. އޭރުވެސް ކޮޅު ފަލީގައި ހުންނަ މީހާ މަޑުމަޑުން ފަލި އަޅަމުންދާނެއެވެ. އެހެންކަމުން މަޑު ދުވެއްޔެއްގައި ދޯނި ދާނީ ކުރިއަށެވެ.

ދަށުފަލީގައި އިންނަ މީހާ ހޭމަސް ކާއްތާނީ ކެޔޮޅު ބުނާ ގޮތަށް ދިގު މަހުގެ ބުރަކަށްޓަށް ދޮށްދަނޑިން ހަމަލަ ދޭން ފަސޭހަ ހިސާބަށް އޭތި ގެނައުމަށެވެ. އެހިސާބަށް ދިގުމަސް އައިމާ އަތަށް ބާރުލާފައި އޭގެ ބުރަކަށްޓަށް ދޮށްދަނޑީގެ ކޮޅުގައި ބަނދެފައި ހުންނަ މާބުޅި ހަރައިލާނެއެވެ. މިއީ ހަރު ދަނގަޑުން ހަދާފައި އޮންނަ ވަރަށް ބޮޑު ބުޅިއެކެވެ. ރަށުގައި ތައްޔާރުކުރާ ޚާއްސަ ބުޅިއެކެވެ. އެއަށް ކިޔަނީ ދިގުމަސް މާބުޅިއެވެ. ބައެއްފަހަރަށް ދިގުމަސް ދޯންޏާއި ކައިރި ނުވެއްޖެނަމަ ދޮށްދަނޑި އެއްލައިފައިވެސް އެއަށް އަމާޒުކުރާނެއެވެ. މަހުގެ ބުރަކަށްޓަށް މާބުޅި ވަނުމާއެކު ދޮށްދަނޑީގެ ކޮޅުގައި މާބުޅި އައްސާފައި ހުންނަ ފަށް ކަނޑައިގެންދާނެއެވެ. މިއެއްސުމެއް އައްސާފައި ހުންނަނީ ފަސޭހައިން ކަނޑައިގެންދާ ގޮތަށެވެ. ދޮށްދަނޑިއަކީ ފަޅުތެރޭގައި ދޯނިފަހަރު ކަނބަން ގެންގުޅޭ ދިގު ދަނޑި ސައިޒުގެ އެއަށްވުރެ ލުއި ލަކުޑިއަކުން ހަދާފައި އޮންނަ ދަނޑިއެކެވެ.

ބުރަކަށްޓަށް މާބުޅި ވަނީމާ ދިގުމަސް އަޑިއަށް ފީނައިގަންނާނެއެވެ. މާބުޅިއަކީ ވަރަށް ދިގު ފަލަ ނަނެއްގައި އައްސާފައި އޮންނަ ބުޅިއެއްކަމުން ނަނުގެ ކޮޅަށް ދިގުމަސް ފީނާނެއެވެ. އެހިސާބަށްދާއިރު ދިގުމަސް އޮންނާނީ ވަރުބަލިވެފައެވެ. ދެން މަޑުމަޑުން ދަމައި ކާރިއަށް ގެނެސް ދޯންޏަށް ނަގަނީއެވެ. ދިގުމަސް ދޯންޏަށް ނެގުމަށްޓަކައި ދަގަނޑުން ޚާއްސަ ދާވަންޏެއް ހަދާފައި އޮވެއެވެ. ބައެއްފަހަރަށް މަސް ނަގާނީ އެބުޅިގަނޑު އަޅުވައިގެންނެވެ.

ހޭމަސް ކޭއްތުމަކީ ވަރަށް ހުޝިޔާރުވާން ޖެހޭ ކަމެކެވެ. ލަކުޑިކޮޅުގައި ހިފުމުގެ ފުރުސަތު މަހަށް ދީގެން ނުވާނެއެވެ. ހިފައިފިނަމަ އެދެން ފަނިވީއެވެ. ހޭމަހާގެ ދުވަސްވެސް ދިޔައީއެވެ. ހޭމަސް ކާއްތަންވާނީ ދޯންޏާއި ކައިރިއަށް ދިގުމަސް ގެނެސް އޭގެ ބުރަކައްޓަށް މާބުޅި ހަރައިލަން ފަސޭހަވާ ގޮތަށެވެ. ބައެއްފަހަރަށް ކެޔޮޅުގެ ކިބައިގައި ކެތްތެރިކަން ނެތި މާދުރުން ހަމަލަދޭން ހަދައިގެން އަމާޒުނުވާތަން ވެސް އާދެއެވެ. ހޭމަސް ކާއްތާއިރު ހުޝިޔާރު ނުވެއްޖެނަމަ އޭގެ ފަހަތުން އައިސް ދޯނީގެ މީހުންނަށް ގެއްލުން ލިބޭގޮތަށް ފުންމައިގަތުމަކީވެސް ވެދާނެ ކަމެކެވެ. އެމަހަކީ ނުހަނު ބިޔަ އަނގައެއް ހުންނަ ފުމޭ ޒާތުގެ ތޮޅި ކަހަލަ މަހެކެވެ.

ދިގުމަހަކީ ފުދޭވަރެއްގެ ބޮޑު މަހެއްކަމުން އޭގެ އެންމެ މަހެއް މަރައިލެވުނަސް އެއީ ދޯނީގެ ތިން ފަޅުވެރިންނާއި އެމީހުންގެ އާއިލާތަކަށް ދެ ދުވަހަކަށް ފުދޭހައި މަހެވެ. އެހެންވީމާ އެންމެ މަހަކުން ވެސް ފުއްދާލެވިދާނެއެވެ. އެކަމަކު ބައެއްފަހަރު އެންމެ މަހަކުން ފުއްދާނުލައި އިތުރު އެކަތި ދޭތި މަރައިގެންވެސް އާދެއެވެ. ގިނަ މަސް މަރަން ބޭނުންވެއްޖެނަމަ އާއްމުގޮތެއްގައި ދާނީ އެފަރުގެ އެންމެ ދެކުނުކޮޅުން މުލިކެޑެ ބޭރަށެވެ. ދިގުމަހުގެ މަސްވެރިކަން އެންމެ ރަގަޅީ އެހިސާބުގައި ކަމަށްވެއެވެ. އެކަމަކު އެއީ ވަރަށް ދުރު ހިސާބަކަށްވާތީ އެހިސާބަށްދާނީ ރިޔަލުގައެވެ. ރަށުގެ ދިގުމަސް ފަށަލައިން ދިގުމަސް މަރަން ނިކުންނައިރު ރިޔަލާއި ކުނބެއް ނުގެންދާނެއެވެ.

You may also like...

2 Responses

  1. ކަންޒުއްރަޝާދު says:

    މި ލިޔުމުގައި ދިގުމަސް ހޭމަހާ ދިމާއަށް އަންނަނީ ވަރަށް މަޑު މަޑުންނޭ އޮތީމާ ކޮންފިއުޒު ވެއްޖެ. އެއި ކރީގައި މީދޫ މީހުން ބުނެ އުޑޭ އަޑު އިވޭ ދެމީހަކު ރުޅިއައިސް ގެން އެކަކަށް ހަމަލާ ދޭން އަނެކަކު ދުއްވައި ގަތީމާ އެދަނީ ހޭމަހާ ދިމާލަށް ދިގި މަހާ އޭ ލެކަށް ކަމަށް.

  2. Ahmed Nasih says:

    Thiyaee Ari Atoll Thoddoo meehun varah fulhaa dhaairaaehgai koh ulhunu masverikameh

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!