ފުވައްމުލައް އިސްލާންވުން

ދިވެހިރާއްޖޭގެ އެންމެ ދެކުނުން ދެވަނައަށް އޮތް އަތޮޅު ކަމުގައިވާ ފުވައްމުލައް އިސްލާންވެފައިވަނީ އަވަށްޓެރި އައްޑުއަތޮޅާ އެއްދުވަސްވަރެއްގައެވެ. އައްޑުއަތޮޅުގެ ރަށްތަކަށް އިސްލާންދީނުގެ އަލިކަން ގެނެސް ދެއްވި އަލްފަޤީހުލް ޙާފިޡް އަލްވަރަޢު ވައްޒާހިދު އައްޝައިޚުލް ޢާލިމް ޔޫސުފް ނާއިބު ފުވައްމުލަކަށް އިސްލާންދީނުގެ އަލިކަން ފޯރުކޮށްދެއްވޭ ވަރެއް ނުވިއެވެ.

ޔޫސުފު ނާއިބުކަލޭގެ ފާނުގެ ޔަހުޔާ ނާއިބުގެ ޔޫސުފް ނައިބު ތަކުރުފާނު ހޯދަޑު ކަމަނާއާ ކައިވެނި  ބައްލަވައިގެން 4 ބޭފުޅުން ލިބި ވަޑައިގަތެވެ. އެއީ 1. އަބޫބަކުރު ނާއިބު، 2. ޢަބްދު ނާއިބު (ޢުމަރު ނާއިބު ނުވަތަ ބޯދާ އަލްގެދަރު ނާއިބު)، 3. ދޮން އައިހާ ކަނބުލޭގެފާނު، 4. ޔަޙްޔާ ނާއިބު. މިއެވެ. ފުވައްމުލަކު ބަނޑުން ލިބިވަޑައިގަތީ ދޮން ޙަސަން ޚަޠީބު (ހޯދަޑު ޚަޠީބު ކަލޭގެފާނު) އެވެ. ޔަހުޔާ ނާއިބު ކަލޭގެފާނު ފަސްދާނު ލެވިފައިވަނީ ފުވައްމުލަކު ގެއްމިސްކިތް ދޮށުގައެވެ.

ފުވައްމުލައް އިސްލާން ކުރެއްވުމަށް ޔޫސުފް ނާއިބުގެ ފަހުން ވަޑައިގަތީ ޔޫސުފް ނާއިބުގެ ދަރިކަލުން ޢަބްދު ނާއިބެވެ. ނުވަތަ ޢުމަރު ނާއިބެވެ. މިދެނަންވެސް ލިޔެކިޔުންތަކުން ފެނެއެވެ. ދެނަން ބޭނުން ކުރެވުނު ކަމުގައި ވިޔަސް މިއީ އެއްބޭފުޅެކެވެ. އަދި މިކަލޭގެފާނަށް ބޯދާ އަލްގެދަރު ނާއިބޭވެސް ކިޔައެވެ. ޢަބްދު ނާއިބު ވަޑައިގެން ފުވައްމުލަކުގައި ދީނަށް ގޮވައިލައްވައި އެރަށުން އިސްލާންވި ބޭކަނބަލަކާ ކައިވެނި ބެއްލެވިއެވެ. މިޢަބްދު ނާއިބުގެ ދަރިކޮޅުން އައި އެންމެ މަޝްހޫރު ދަރިކޮޅަކީ ދިވެހިރާއްޖޭގެ ރަސްކަން ކުރި އިސްދޫ ދަރިކޮޅޭ ކިޔޭ ދަރިކޮޅެވެ.

ޢަބްދު ނާއިބު އެތައް ދުވަހެއްވަންދެން ފުވައްމުލަކުގައި ޤާއިމްވެ ހުންނެވިއެވެ. އެއިރުވެސް އެރަށުގައި އިސްލާން ނުވާ އެތައް ބަޔަކު ދިރިއުޅެމުން ދިޔައެވެ. ކާފަރުން އެންމެ ގިނައީ ދަޑިމަގު، ދިގުވާނޑު، ފުނާޑު އަދި ދޫޑިގަމުގައެވެ. މުސްލިމުން މާދަޑު، މިސްކިތްމަގު، ހޯދަޑު، މާލެގަމު އަދި ދަށުކުބާގައި ފުދޭވަރަކަށް ތިބިކަމަށް ވެއެވެ.

އެއްދުވަހަކު ޢަބްދުނާއިބު ދިގުވާނޑު ވޭރެގަމިގޭ މަގުން ވަޑައިގަންނަވަނިކޮށް ރުކެއްގައި އޮތް ކާފަރަކު މަޑައަކުން ޖަހައި އެކަލޭގެފާނު ޝަހީދުކޮށްލީއެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ ދިގުވާނޑުގައި ޒިޔާރަތެއް ހަދާފައެވެ. އަދި މަޝްހޫރު އަލްގެދަރި މިސްކިތަކީވެސް އެކަލޭގެފާނު ކުރެއްވި ބިނާއެކެވެ. މިއީ ފުވައްމުލަކުގައި ބިނާ ކުރެވުނު ދެވަނަ މިސްކިތެވެ.

ޢަބްދުނާއިބު ޝަހީދުވުމަށްފަހު ފުވައްމުލަކަށް ދެން ވަޑައިގަތީ މީދޫ މުހައްމަދު އެދުރު އަޑަފިކަލޭގެފާނާއި އަބޫބަކުރުނާއިބު އެދުރުކަލޭގެފާނެވެ. މުޅި ފުވައްމުލައް އެއްކޮށް އިސްލާންވީ އަބޫބަކުރު ނާއިބާއި މުހައްމަދު އަޑަފިކަލޭގެ އަތްޕުޅު މައްޗަށެވެ. އަބޫބަކުރު ނާއިބަށް އެއްވެސް ބޭފުޅަކު ލިބިވަޑައިގަތް ކަމެއް އެނގޭކަށެއް ނެތެވެ. އަދި ކައިވެންޏެއް ކުރެއްވިކަމެއްވެސް ތާރީޚުން އެނގޭކަށެއްނެތެވެ. އަބޫބަކުރު ނާއިބުކަލޭގެފާނު ބިނާކުރެއްވި މިސްކިތަކީ ގެއް މިސްކިތެވެ. އަބޫބަކުރު ނާއިބު ފަސްދާނު ލެވުނީ ގެއް މިސްކިތު ޒިޔާރަތުގައެވެ. ޔޫސުފް ނާއިބުގެ ދޮން ޙަސަން ޚަޠީބުވެސް ފަހުން ހުންނެވީ މަންމާގެ ރަށްކަމުގައިވާ ފުވައްމުލަކުގައެވެ. ހޯދަޑު އަވަށުގައެވެ. ފަހުން މިކަލޭގެފާނު މަޝްހޫރުވެފައިވަނީ ހޯދަޑު ޚަޠީބު ކަލޭގެފާނުގެ ނަމުންނެވެ. މުހައްމަދު އަޑަފި ކަލޭގެ ފާނު ބިނާ ކުރެއްވި މިސްކިތަކީ ކެޑޭރެ މިސްކިތެވެ. މިކަލޭގފާނު ފަސްދާނުލެވިފައިވަނީ މި މިސްކިތުގެ ސަރަހައްދުގައެވެ. މި މިސްކިތް ސަރަހައްދުގައި 40 ހާފިޒުން ވަޅުލެވިފައިވެއެވެ.

ޔޫސުފް ނާއިބުގެ ދޮންއައިހާ ކަނބުލޭގެފާނުވެސް ހުންނެވީ ފުވައްމުލަކުގައިކަން މިސްކިތްތަކުގެ ވަނަވަރު ފޮތުން އެނގެއެވެ. ޔޫސުފް ނާއިބުގެ ޔަޙްޔާ ނާއިބު ފަސްދާނުލެވިފައިވަނީ އެކަލޭގެފާނުގެ ބައްޕަގެ އަރިހުގައި އައްޑުއަތޮޅު މީދޫ ކޯގަންނު މެދު ޒިޔާރަތުގައެވެ. މަޝްހޫރު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނަކީ ޔަޙްޔާ ނާއިބުގެ ދަރިކޮޅުން ވަޑައިގެންނެވި ޢިލްމުވެރި ޒާހިދެކެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!