ޑިއެގޯ ގާސިއާގައި އާރޭފްގެ ސިއްރު ވައިގެމަރުކަޒެއް ގާއިމުކުރެވުނު

ސަންޑަލޭންޑް ފްލައިންބޯޓު

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ދިވެހިރާއްޖޭގެ ދެކުނުން، އައްޑު އަތޮޅުގެ އެކި ރަށްރަށުގައި އިނގިރޭސި ކަނޑުގެ ސިފައިންގެ އެކި ދަރަޖައިގެ މަރުކަޒް ތައް ގާއިމުކޮށްގެން ތިބި ވާހައަކީ މަޝްހޫރު ވާހަކައެކެވެ. އެހެން ނަމަވެސް އައްޑު އަތޮޅުގެ ދުރު-ދެކުނުގައި އޮންނަ ފޯޅަވަހީގައި އެ ދުވަސްވަރު އެފަދަ މަރުކަޒެއް ގާއިމުކޮށް އަސްކަރީ އޮޕެރޭޝަން ތަކެއް ހިންގައިފައިވާ ވާހަކަ އަޑު އެހިންހެއްޔެވެ.

އާދެ! ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ސްޓެޖިން ޕޯސްޓާއި އަސްކަރީ ވައިގެ މަރުކަޒު ތައް ގާއިމު ކުރެވުނު ފަދައިން ފޯޅަވަހީގައި ވެސް ޒާތެއްގެ ވައިގެ މަރުކަޒެއް ގާއިމުކުރެވުނެވެ. އެޑްވާންސް ފްލައިން ބޯޓް ޔުނިޓެއްގެ ގޮތުގައި މަރުކަޒެއް ގާއިމުކޮށް އަސްކަރީ އޮޕެރޭޝަންތައް ހިންގާފައިވެއެވެ. މި ސީޕްލޭން ބަނދަރާއެކު ރޯޔަލް ނޭވީގެ ކުޑަ މަރުކަޒެއް ގާއިމުކުރެވުނެވެ. އެއާއެކު ކެނަން ޕޮއިންޓެއް ހަދައި 6 އިންޗީގެ ދެ ބޮޑުބަޑި (ކޯސްޓަލް ބެޓެރީސް) ހަރުކުރެވުނެވެ. 1945 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކުގައި ވެސް، ޑިއޭގޯ ގާސިއާގައި ގާއިމުކުރި “ސިއްރު” ވައިގެ މަރުކަޒުގެ ވާހަކަތައް ޝާއިއުކޮށްފައިވެއެވެ. މިދެންނެވި ސީޕްލޭން ބަނދަރާއި ބޮޑުބަޑި ތައް ގާއިމުކުރީ ފޯޅަވަހީގެ އީސްޓް ޕޮއިންޓޭ ކިޔާ ސަރަހައްދުގެ މޫދާއި އެއްގަމުގައެވެ. އެއީ އެންމެ ފުޅާދައިރާއެއްގައި ރުއްގަސް ހައްދާ އެއް ސަރަހައްދެވެ. އެހެންކަމުން އެ ސަރަހައްދަށް އީސްޓް ޕޮއިންޓް ޕްލާންޓޭޝަނޭ ވެސް ކިޔައެވެ.

ކެޓަލީނާ ފްލައިންބޯޓު

މި ދެންނެވި ފްލައިން ބޯޓަށް ޚާއްސަ ވައިގެ ބަނދަރު ފޯޅަވަހީގައި ގާއިމުކުރެވުނީ 1942 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. މި މަރުކަޒްގައި މަސައްކަތްކުރީ އާރޭފްގެ 205 ނަމްބަރ އަދި 240 ނަމްބަރު ސްކޮޑްރަންގެ މުއައްޒަފުންނެވެ. މި ވައިގެ ބަނދަރުގެ އޮޕަރޭޝަން ތަކުގައި ބޭނުންކުރީ ކެޓަލީނާ އާއި ސަންޑަލޭންޑް މަރުކާގެ ފްލައިން ބޯޓް ނުވަތަ ސީޕްލޭނެވެ. އައްޑު އަތޮޅުގެ ހިތަދޫ އާއި ހ.އ ކެލާގެ ފަޅު ތެރޭގައި ޖައްސައި ހެދީ ވެސް ހަމަ މި މަރުކާގެ ސީޕްލޭންތަކެވެ. މި ސީޕްލޭންތައް އުދުހުނީ ޖަޕާނާއި ޖަރުމަނުގެ ސަބްމެރިންތަކާއި ސަރފޭސް ރެއިޑަރސް ތައް ހޯދުމުގެ މަސައްކަތުގައެވެ. އަދި މި މަރުކަޒް ވެގެން ދިޔައީ ޖަޕާނާއި ޖަރުމަނުގެ ސަބްމެރިން ތަކާ ދެކޮޅަށް ހަމަލާތައް ދޭން އެންމެ ސްޓްރެޓެޖިކް ގޮތުން ގާއިމުކުރެވުނު ވައިގެ މަރުކަޒުތަކުގެ ތެރޭގައެވެ. ޑިއެގޯ ގާސިއާގެ ވައިގެ މަރުކަޒްގެ އޮޕަރޭޝަން ތަކުގައި އޭރު އުޅެމުން ދިޔައީ ފަންސާސް ވައިގެ ސިފައިންނެވެ.

މީލާދީން 1945 ވަނަ އަހަރުގެ ހޫނު މޫސުމުގައި، ސިލޯނުން ޑިއެގޯ ގާސިއާ އަށް ހަފްތާއަކު އެއްފަހަރު ސަންޑަލޭންޑް ފްލައިން ބޯޓް ދަތުރު ކޮށްފައި ވެއެވެ. އެއީ ޑިއެގޯ ގާސިއާގެ މަރުކަޒުގައި މަސައްކަތްކުރާ ސިފައިންނަށް ބޭނުންވާ ސަޕްލައި އަދި މެއިލް ގެންދިއުމަށްޓަކައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށްފަހު، މި މަރުކަޒު ބަންދުކޮށްފައި ވަނީ 30 އޭޕްރީލް 1946 މ. ގައެވެ. ފްލައިން ބޯޓް، ސަންޑަރލޭންޑާއި ކެޓަލީނާގެ ރެކެޖް ތައް އަދިވެސް ޑިއެގޯ ގާސިއާގެ އީސްޓް ޕޮއިންޓުގެ ހޭޅިފަށުގައި އެބަހުއްޓެވެ..

ރެފަރެންސް

The RAF on Diego Garcia in World War Two

Diego Garcia – Wikipedia

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!