ގަމުގައި އޮތީ ޝަންގްރިއްލާ އެއަރފީލްޑެކެވެ.

އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ތިބިއިރު އެވެރިންގެ މަތިންދާބޯޓުއައިސްގޮސް ވުމަށް ގަމުގެ ދިގަށް ކޮންކްރީޓް ގަނޑެއް އަޅައިފައިވެއެވެ. އެތަނުގައި ބޮޑުއަކުރުން ލިޔެފައިވާ ބޯޑެއްގައި މިހާރު އޮންނަނީ ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު މިހެންނެވެ. ތަނުގެ އެތެރެ އާއި ބޭރުންފެންނަ މަންޒަރުތަކާއި ތަނުގެ ހާލަތާއި ފެންވަރަށް ރިއާޔަތް ކުރާއިރުމިނަން ކިޔަން މަށަކަށް ނުފެނެއެވެ.

މިހެން މިބުނީ ތަނުގެ ފެންވަރު ބެލުމާއި ނަންދިނުމަކީ ދައުލަތުގެފަރާތުން މަށާ ހަވާލުކޮށްފައި އޮންނަ ކަމަކަށް ވާތީއެއް ނޫނެވެ. މަށަކީވެސް ދިވެއްސަކަށްވެފައި އެއީ ދިވެހިރާއްޖޭގައިވާ ތަނަކަށްވާތީލިބޭ ހައިސިއްޔަތެއް ފިޔަވައި އެހެން ހައިސިއްޔަތެއް ނެތެވެ. ދެންއެހެންނޫނަސް ދުނިޔޭގައި ލެއްވިހައި ކަމަކާމެދު އެންމެންއަނގަފުޅާކޮށްފައި ވާހަކަ ދައްކަނީ އެއީ އެއުރެންގެ ވަޒީފާއަކަށް ވާތީހެއްޔެވެ. އެހެންވީމާ މިވާހަކަ ދައްކައިގެން މަގޭ ހައިސިއްޔަތާދޭތެރޭ ސުވާލުކުރެވޭނޭ ޖާގައެއް އަމްދުން އޮތްކަމަކަށް ނުދެކެމެވެ.

ދެން އެވާހަކަ ބާއްވަމާ ބަހީއެވެ. ގަމުގައި އަޅާފައިވާ ކޮންކްރީޓް ގަނޑަށް ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކިޔަން މަށަކަށް ނުފެނެއެވެ.އުނހޫ އުނހޫ އަދި މިދެވުނީ ތަންކޮޅެއް މަތިންނެވެ. ބައިނަލްއަގުވާމީ ކީއްކުރަން އާދައިގެ އެތެރޭގެ ވައިގެ ބަނދަރެކޭ ކިޔަންވެސް މަށަކަށްނުފެނެއެވެ. ވައިގެ ބަނދަރެކޭ މިޒަމާނުގައި ކިޔަނީ ވަކި ފެންވަރެއް ހުރެފައި ވަކި އުސޫލުތަކަކަށް ތަބާވުން އޮންނަނަމައެވެ. ވައިގެ ބަނދަރެއްގައި ހުންނަންޖެހޭ ސިފަތަކުގެ ތެރޭން މުހިއްމު ސިފަތައް ގަމުން  ނުފެންނާތީ މަށަށް ފެންނަނީ އެތަނުގައި މިހާރު އެންމެ ގަދަޔަށް ކުރެވޭ  މަސައްކަތަށް ބަލައިފައި ނަމެއް ދިނުމަށެވެ. މިގޮތަށް ވިސްނާއިރު އެންމެ އެކަށީގެންވާ ނަމަކީ ޝަންގްރިއްލާ އެއަރފީލްޑެވެ.

އުމުރުގެ މިހާތަނަށް އައިއިރު މަށަށްވެސް ވަރަށް ބޮޑަށް ދުނިޔެ ފެނިއްޖެއެވެ. ދުނިޔޭގެ އެކިބިތަށް އުދުހި އެކިވަރުގެ ބައިސައްތައެއްހާ ވައިގެ ބަނދަރު މަށަށްވެސް ވަނީ ފެނިފައެވެ. އެކަމަކު ގަމުގައި މިއޮންނަ ހަމައެއް ލަމައެއް ނޯންނަ އުސޫލު މީން އެއްވެސްތާކުން ނުދެކެމެވެ. ހަމައެއް ލަމައެއް ނެތޭ ބުނީމާ ތިޔަތިބީ އެއީ ކޮން ކަމަކަށް އަމާޒުކޮށްފައި ބުނި ވާހަކައެއްކަން އަދި ނޭގިގެންތާއެވެ. މިހާރު މިބުނަނީއެވެ. ގަމަށް މަތިންދާބޯޓު ތިރިކުރީމާ ޝަންގްރިއްލާ ރިސޯޓުގެ ބަސް އޭޕްރަން މައްޗަށް އަރައިގެންގޮސް އެއުރެންގެ ގެސްޓުން ނަގައިގެން އެހެރަދަނީ ވައިގެ ބަނދަރުތަކާ ގުޅޭ ހުރިހާ ގަވައިދުތަކާއި އުސޫލުތައް މުގުރައިފައެވެ. ޝަންގްރިއްލާގެ އުޅަނދުތަކަށް މަތިންދާބޯޓާ ހަމައަށް ދެވޭނަމަ އައްޑުއަތޮޅުގައި ދެންވެސް ގެސްޓް ވިޔަފާރި ކުރާ ހުރިހާ ތަނަކަށް މި މިނިވަންކަން އޮންނަން ޖެހޭނެއެވެ. މިހެން ބުނީމާ ޖަވާބުދޭނެއެވެ. ބަލަގަ އެއީ ހުއްދަ ދީގެން ކުރާކަމެކެވެ. އެންމެ ރަނގަޅެވެ. ހުޅުލެއަށް މަތިންދާބޯޓު ތިރިކުރީމާ ކައިރިކައިރީގެ ހުރިހާ ހޮޓާތަކާއި ރިސޯޓުތަކުގެ އުޅަނދުތައް އެމަތިންދާބޯޓެއްގެ ވަށައިގެން ބުރުޖަހަން ހުއްދަ ދީބަލާށެވެ. ޔަގީނެވެ. ނުކެރޭނެއެވެ. އެހެންވީމާ ޝަންގްރިއްލާއަށް ދީގެން މިއުޅޭ ހުއްދައަކީ ވަރަށް އެހެން ކަހަލަ ހުއްދައެއްކަން އެބައެނގެއެވެ.

މަތިންދާ ބޯޓުން މީހުން ނަގައިގެން ޝަންގްރިއްލާގެ ބަސް ނުވަތަ ވޭން ދަނީ އެއުރެންގެ ވީއައިޕީ ލައުންޖު ކިޔާ ތަނަކަށެވެ. މިތަނަކީ ޓާރމިނަލާ މުޅިން ވަކިން މާދުރުގައި ބިނާކޮށްފައި ހުންނަ ގަނޑުވަރެއް ކަހަލަ ތަނެކެވެ. މިތަނެކޭ ދަމާސް ދީދީ ޅޮހިފުށީގައި ބިނާކުރި ކިއްލާއެކޭ ތަފާތެއް ނުހުރެއެވެ. ވައިގެ ބަނދަރުތަކުގައި ވީއައިޕީ ލައުންޖު ހަދަނީ އެއަރލައިންތަކުން ނުވަތަ ވައިގެ ބަނދަރު އޮޕަރޭޓުކުރާ ފަރާތުންނެވެ. އެކަމަކު ގަމުގައި މިކަންކުރަނީ ރިސޯޓު އޮޕަރޭޓަރެކެވެ. ޝަންގްރިއްލާއަށް ދާ ބިދޭސީއެއްނަމަ އެއީ ގައިމޮޑޭ ދުއްކާނުގައި ހުންނަ ކުއްޖަކަށްވިޔަސް މިތަނުގެ ޚިދުމަތް ލިބެއެވެ. ދިވެއްސެއްތަ އެއީ ދައުލަތުގެ ވަޒީރު ފެންވަރުގެ ބޭފުޅަކަށްވިޔަސް މިތަނާ ވައިއެޅިލެވޭނެ ގޮތެއް ނޯވެއެވެ. ހަގީގަތުގައި މިއީ ލައުންޖެއް ނޫނެވެ. މިއީ ޝަންގްރިއްލާގެ ޓާރމިނަލެވެ. ޝަންގްރިއްލާއަށް ދީގެން އުޅެނީ އެންމެ ހުއްދައެއް ދެ ހުއްދައެއް ނޫނެވެ.

މިކަހަލަ ކިތަންމެ ހުއްދައެކެވެ. ގަމުގެ ޓާރމިނަލޭ އެކިޔާ ހަރުގެއާ  ވަކިން މާދުރުގައި ހުންނަ ޝަންގްރިއްލާ ޓާރމިނަލުން ފެށިގެންގޮސް އެތާގެ ކުރިމަތީގައި އެވާ ބަނދަރާ ހަމައަށް އެފެންނަނީ ބަލްގީސް ރަނިންއަށްޓަކައި ސުލައިމާނުގެފާނު ބިނާކުރެއްވި ކަހަލަ ހިޔާކުރި މަގެކެވެ. މިވެސް ޝަންގްރިއްލާއަށް ޚާއްސަ މަގެކެވެ. އެތަނާ ވައިއެޅިލުމުގެ ހައްގު އެހެން ބަޔަކަށް ނޯވެއެވެ. ޓާރމިނަލް ކައިރީގައިވާ ބަނދަރަކީ ރައްޔިތުންގެ ފައިސާޚަރަދުކޮށްގެން ސަރުކާރުން ހެދި ބަނދަރެކެވެ. އެތަންވެސް ދޭތެރެދޭތެރޭން އޮންނަނީ ޝަންގްރިއްލާއަށް ޚާއްސަވެފައެވެ. އެކަހަލަ ދުވަސްވަރެއްގައި އެނޫންބަޔަކު ކައިރިކޮށްފިއްޔާ ފައްސައިލައެވެ. މި މަންޒަރު ޚުދު އަހަރެން ދުށީމެވެ. މިއަދު ޚަބަރު ދަބަރު ބަލައިލިއިރު މިއީ ޝަންގްރިއްލާ ނޫން މީހުންނަށްވެސް ކައިރިކުރެވޭ މޫސުމެކެވެ.

މިކަންކަން މި އުސޫލުން ހިނގަމުންދާއިރު ޚުދު ޝަންގްރިއްލާއިންވެސް މިކަން ދޮގުކޮށް ފޮރުވާކަށް ނޫޅެއެވެ. ޝަންގްރިއްލާގެ ބައެއް ބުރޯޝަރުތަކުގައިވެސް ލިޔެފައި އޮންނަނީ ގަމަކީ ޝަންގްރިއްލާގެ އެކްސްކްލޫސިވް އެއަރޕޯޓް ކަމުގައެވެ. އެކްސްކްލޫސިވް ވުމަކީ ކޮބައިހެއްޔެވެ؟ އެކްސްކުލޫސިވް ވުމަކީ ޚާއްސަ ވުމެވެ. ޝަންގްރިއްލާއިންވެސް އެބުނާފަދައިން ގަމުގެ އިސްޓޭޝަން ޝަންގްރިއްލާއަށް އެއޮތީ ޚާއްސަވެފައިކަން ހުރަހަކާ ނުލައި އެންމެނަށް ވެސް އެބަފެނެއެވެ. ތަނުގެ ނަން ބަދަލުކުރާށޭ މިކިޔަނީ އެހެންވެގެންނެވެ.

މަގޭ ހާސަރުބޮނޑި އޮއްސައިލައިފައި ދިޔުމުގެ ކުރިން ތަންކޮޅެއް ކުރީގެ ވާހަކައެއް ކިޔައިދޭނަމެވެ. ހުޅުލޭގެ އެއަރޕޯޓުގައި އިންޓަރނޭޝަނަލް ބޯޑު އެޅުވިތާ ކުރީކޮޅެވެ. އޭރު ހުޅުލޭގައި އިންފްލައިޓް ކޭޓަރިން އަދި ގާއިމެއް ނުވެއެވެ. ހުޅުލެއަށް ތިރިކުރާ އިންޑިއަން އެއަރލައިންސަށް ކޭޓަރިންގެ ޚިދުމަތް އޭރު ދެނީ ކައިރީގައިވާ ބަނޑޮސް ރިސޯޓުންނެވެ. މިތަކެތި ބޯޓާހަމައަށް ގެންދަނީ ވަނަމަކަށް ބިޔަރޭ ކިޔާ މީހެކެވެ. މީނާއަކީ އައްޑޫ މީހެކެވެ. ބޯޓަށް އަރާން ލިބުނު ފުރުސަތެއްގައި މީނާ ހެދިވަޑާމަކީ ބޯޓުގެ ފާޚާނާތެރެއަށް ވަދެ ފިލައި އޮތީއެވެ. މިހެން ހެދީމާ މީނާ ހިތުން އިންޑިޔާއަށް ދެވޭނެއެވެ. ކޮންމެއަކަސް ފާޚާނާގައި މީހަކު ފިލާއޮތްކަން އެނގި މީނާ ދަމާނެރެގެން ބޯޓުން ބާލައިފިއެވެ. މީހުންކިޔާތީ އަހަމެވެ. ސިފައިންގެއަށް ވެސް ގެންދިޔައެވެ. އެކަމަކު މާބޮޑު ކަމަކަށެއް ނުހަދައެވެ.

އެއީ އެޒަމާނެވެ. މިއީ މިޒަމާނެވެ. މިޒަމާނުގައި އިންޓަރނޭޝަނަލް ބޯޑު އަޅުވައިގެން ތިބެ ބިޔަރޭ ޒާތުގެ މީހުންނަށް ފުރުސަތު ދީގެން ނުވާނެއެވެ. އެގޮތް ކަމަކު ނުދާނެއެވެ. ކޮންމެބަޔަކު ކުރިޔަސް ގޯހެއް ވާނީ ގޯހަކަށެވެ. އެވިއޭޝަން ސެކްޓަރ ނޫން ދާއިރާއެއްގެ ބަޔަކު އެއަރސައިޑަށް އައިސްގޮސްވެ ބޭނުންއިރަކު ގަނޑުފިއްލާ ކުޅެ މިޒާތުގެ ހުރިހާ ސަކަރާތެއް ޖަހަން ފުރުސަތު ދެވިގެން ނުވާނެއެވެ

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!