ފެންނަ އެއްޗެއް ނޭގުމަކީ ތަރައްގީތަ؟
ނެޝަނަލް ލައިބްރަރީއަށް އަޅުގަނޑު ވަދެއުޅެމެވެ. ބޭނުމަކީ ރާއްޖޭގެ ކުރީގެ ނޫސްތައް ކިޔުމެވެ. އެއްދުވަހަކު ލޮލުގައި އަޅައިގަތީ ވިޔަފާރިމިއަދު ކިޔާ ނޫހުގައި ލިޔެފައިވާ ޚަބަރެކެވެ. ޚަބަރަކަށްވުރެ ބޮޑަށް އެއީ ރައްދެކެވެ. ޒުވާބެކެެވެ. ކޮންބަޔަކަށް ދީފައިއޮތް ރައްދެއްތޯއެވެ. އެއީ އޮސްޓްރޭލިޔާއަށް ދީފައި އޮތް ރައްދެކެވެ. ކޮންކަމަކާއި މެދު ދީފައި އޮތް ރައްދެއްތޯއެވެ. އެއީ ތަރައްގީ އާއި ތަހުޒީބުގައި ކުރިއަރާފައި ތިބީ ކޮންބައެއްކަމާ މެދުގައެވެ. ހަނދާންވާ ގޮތުގައި ނޫހުގެ ތާރީޚަކީ 1950 ގެ ކޮންމެވެސް އަހަރެކެވެ.
ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގެ ބަޔަކު މާލެއަށް ދަތުރުކުރަނިކޮށް މިސްރާބު އޮޅިގެން ބެހިއްޖެއެވެ. މި އުޅަނދެއް ރާއްޖޭގެ އިރު ދެކުނަށް އޮޔާވަޔާއެކު ބެހެމުންދަނިކޮށް ކޮންމެވެސް މަނަވަރަކަށް ފެނިގެން އެމީހުން ނަގައިގެން ގެންދިޔައީ އޮސްޓްރޭލިއާއަށެވެ. މީހުން ތިބި ފާޑާއި އުޅުމުގެ ވައްޓަފާޅި ހުރިގޮތުން އޮސްޓްރޭލިއާގެ ނޫސްތަކަށް މިވާހަކަ އަރައިފިއެވެ. ނޫސްތަކުގައި ލިޔުނީ ޒަމާނީ ތަރައްގީގެ ކުލަ ވަރަށް ކުޑަކޮށް ފެނިފައި ތިބި ދިވެހީންގެ ބަޔަކު އޮސްޓްރޭލިއާއަށް ލައްގައިފި ކަމުގައެވެ. މަތިންދާބޯޓެއް ފެނުނަސް ރޭޑިއޯއެއް ފެނުނަސް އެއީ ކޯޗެއްކަން ނޭގި ވަރަށް ހައިރާންވެގެން ބަލަން ތިބޭ ކަމުގައެވެ.
ސިލޯނުގައި ދިރިއުޅޭ ދިވެއްސަކަށް މިޚަބަރު ފެނިގެން އިސާހިތަކު އެނޫސް މާލެއަށް ފޮނުވައިފިއެވެ. ނޫހުގައި ލިޔެފައިވާ ވާހަކަ ފެނިފައި މާލޭ ބޮޑުން ރުޅިގަދަވެ އޮސްޓްރޭލިޔާއަށް ވަރުގަދަވެގެންވާ ރައްދެއް ދޭން ނިންމައިފިއެވެ. އަޅުގަނޑަށް ވިޔަފާރިމިއަދު ނޫހުން ފެނުނީ އޮސްޓްރޭލިއާއަށް ދީފައިވާ ރައްދެވެ. އޭގައި ލިޔެފައިވެއެވެ. ދިވެހިރާއްޖެއާއި ދިވެހިންނަކީ ޒަމާނީ ތަރައްގީ އާއި ތަމައްދުންގެ އަހުލުވެރިންނެވެ. ރޭޑިއޯއެއް ފެނިފައި އެމީހުން ހައިރާނެއް ނުވާނެއެވެ. އެހެނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ކަމެއް ހިގިޔަސް ރޭޑިއޯގެ ޒަރީއާއިން އެވާހަކަ ދިވެހިން ދަނީ އަޑުއަހަމުންނެވެ.
އެއީ މީގެ ފަސްދޮޅަސް އަހަރު ކުރިއެވެ. މިހާރު އަޅުގަނޑުމެންގެ ހާލަކީ ފަހެ ކޮބައިބާވައެވެ. މިހާރުގެ ހާލަތު ވަޒަން ކުރާނީ ކޮންގޮތަކަށް ބާވައެވެ. ރޭޑިއޯއާއި ޓީވީ އާއި އިންޓަރނެޓާއި މިހެންގޮސް ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ އަތުގައި ވެސް އެބަހުއްޓެވެ. ސާމާނު މަދެއް ނޫނެވެ. ގިނަމީހުން ތިބީ ކޮންމެވެސް އެއްޗެއް ކިޔަވައިގެންނެވެ. އެހެންވީމާ ކުރިއާ މިހާރު ތަފާތުވާން ޖެހޭނެއެވެ. އެކަމަކު ހަގީގަތުގައިވެސް ތަފާތު ހެއްޔެވެ؟
މެލޭޝިއަން އެއަރލައިންސްގެ ބޮއިން 777 މަރުކާގެ ބިޔަ ބޯޓެއް ހުސްވި އަހަރުގެ ކުރީކޮޅު ވީނުވީއެއް ނޭގި ގެއްލިއްޖެއެވެ. ގެއްލިއްޖެކަން އެގުނީ ރޭގަޑެއްގެ ދަންވަރުއެވެ. ހެނދުނު އިރުއަރައިގެން އެންމެ ފުރަތަމަވެސް އިވުނު އެއްޚަބަރަކީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގެ މަތިން އާދަޔާ ޚިލާފު ތިރިން މާސިންގާ ބިޔަ މަތިންދާބޯޓެއް އިރުން ހުޅަނގަށް ބުއްރޫސް އަޅާފައި ފައިބައިގެން ދިޔަ ވާހަކައެވެ. އޭގައި ނުލާއި ރަތުން ރޮނގުތަކެއް ދަމާފައި ހުރިކަމަށްވެއެވެ. ގެއްލުނު ބޯޓުގައި ވެސް ރޮނގު ހުންނަނީ އެހެންނެވެ.
މެލޭޝިއާގެ ބޯޓަށް ވީގޮތެއް އަދިވެސް ވަނީ ނޭގިފައެވެ. ވައިގެ ދަތުރުފަތުރުގެ މުޅި ތާރީޚުގައިވެސް އެންމެ އަޖައިބުކުރުވަނިވި ހާދިސާކަމަށް ވަނީ ވެފައެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ނައްޓާލިތާ ގަޑިއެއް ފަހުން އެ ބޯޓު ފެނުނު ރާޑަރެއް ވެސް ނެތެވެ. މާސިންގާ ބިޔަ ޖެޓެއް ހަމަ ގެއްލުނީއެވެ. މިވަރުގެ ކަމެއް ހިގާފައި ވަނިކޮށް އޭގެ ހައެއްކަގަޑި ފަހުން ކުޑަހުވަދޫ ބަޔަކު ތިމަންނާމެން ބޮޑު ބޯޓެއް ދެކެފީމޭ ބުނެފިއްޔާ އެ ވާނީ ހަގީގަތުގައިވެސް ވަރަށް ބޮޑު ބުނުމަކަށެވެ. އެކަމަކު އެމީހުންގެ ބުނުން އަޅުގަނޑުމެންގެ ގިނަބަޔަކަށް އެފަދަ ބުނުމަކަށް ނުވިއެވެ. އެމީހުންނަށް ޖެހީ ޖޯކެވެ.
ކުޑަހުވަދޫ މީހުންނަށް ފެނުނު ކަމަށްވާނީ އައިލެންޑް އެވިއޭޝަނުގެ ބޯޓެކޭ ނުވަތަ ސީޕްލޭނެކޭ އެމީހުންނަށް އޮޅުނީއޭ ބުނެފައި އަޅުގަނޑުމެން އެވާހަކަ ހިންދާލީއެވެ. އަޅުގަނޑުމެންގެ މުޅި ގައުމުގައިވެސް ވައިގެ ސަރަހައްދަށް ވަދެ ނުކުމެވާ ބޯޓުތައް ދެނެގަތުމުގެ އަސްކަރީ އަދި މަދަނީ ކެރިކުޅަދާނަކަން ނެތްހިނދު ވެސް އަޅުގަނޑުމެންގެ ރަސްމީ ފަރާތްތަކުން އިއުލާންކުރީ ކުޑަހުވަދޫ މީހުން އެބުނާ ގަޑީގައި އެސަރަހައްދަށް ބޭރުގެ ބޯޓެއް ވަދެފައި ނުވާކަމަށެވެ. އެހިސާބުން ކުޑަ ހުވަދޫ މީހުންގެ ވާހަކަ ނިމުނީއެވެ. އެމީހުން ހެދިކަމަށް ވަނީ ދޮގެވެ. ނުވަތަ އެމީހުންނަށް ސީޕްލޭނެއް ފެނުނީމާ އޮޅުނީއެވެ.
ކުޑަހުވަދޫ މީހުންނަށް އެ ބޯޓެއް ފެނުނުކަމަށް ވަނީ އިރުއަރައިގެން އައި ވަގުތުއެވެ. އެވަގުތު ކުޑަހުވަދޫ މަތިން ހުދުހޭނީ ކޮން އައިލެންޑް އެވިއޭޝަނެއް ނުވަތަ ފްލައިމީއެއް ބާވައެވެ. ކުޑަހުވަދޫ އޮންނަނީ ރާއްޖޭގެ ހުޅަނގު ބިތުގައެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ވެސް ކުޑަހުވަދޫ މަތިން އުދުހުމެއް ނޯވެއެވެ. އެހެންވީމާ އައިލެންޑް އެވިއޭޝަނެއް ފްލައިމީއެއް ވެސް އެރަށުގެ މަތިން ފެނުމަކީ ނާދިރު ކަމެކެވެ. އެކަމަކު ސީޕްލޭނެއް ފެނިދާނެއެވެ. އެކަމަކުވެސް އެރަށު މީހުންނަށް ސީޕްލޭނާއި ބިޔަ ޖަމްބޯ ޖެޓު އޮޅޭކަށް ނުޖެހެއެވެ. އޮޅޭނެ ގޮތެއްވެސް ނެތެވެ. ސީޕްލޭންތައް ވެސް އުދުހެނީ ރަށުގެ ގަސްކަރަމަތިން ބުއްރޫސް އަޅާފައެއް ނޫނެވެ.
ދަންނަވަން މިއުޅޭ އެއްޗަކީ ތަރައްގީ އާއި މައުލޫމާތުގެ މި ޒަމާނުގައިވެސް އަޅުގަނޑުމެންނަށް އެކަމާ ދޭތެރޭ ސީރިއަސްވާން ޖެހޭ މިންވަރަށް ސީރިއަސް ނުވެވުނު ވާހަކައެވެ. މުޅި ދުނިޔެ އެކަމަކާމެދު ސީރިއަސްވެގެން ކަނޑުތަކުގައި އަތްފުނާ އަޅަމުން ދިޔައިރުވެސް އަޅުގަނޑުމެން ތިބީ މިއީ އެވެރިންގެ ކަމެއްކަމަށް ބަލައިގެންނެވެ. އަޅުގަނޑުމެންނަކީ އެބުނާ އެމްއެޗް އެންމެ ފަހުން ފެނުނު މީހުންކަމަށް ގަބޫލު ކުރަން އަޅުގަނޑުމެން ވެސް ތައްޔާރެއް ނޫނެވެ. އެހެންނޫންނަމަ ކުޑަހުވަދޫ މީހުން ދެއްކި ވާހަކަޔާ ދޭތެރޭ ސީރިއަސް ވެވުނީހެވެ.
އެންމެ ރަނގަޅެވެ. ކުޑަހުވަދޫ މީހުންނަށް ފެނުނީ ސީޕްލޭނެކެވެ. އެހެންވިއްޔާ އެބުނާ ވަގުތުގައި އެރަށުގެ މައްޗަށް އެރީ ކޮންތާކަށް ކޮން ބޭނުމެއްގައި ދިޔަ ކޮން ސީޕްލޭނެއްކަންވެސް ހޯދެން ޖެހޭނެއެވެ. އެވަރުވެސް ނުވެއެވެ. އެވަރުކުރަން ޖެހޭނެ ކަމަކަށް ވެސް ނުވިސްނުނެވެ. މިހެން ތިއްބާ އިހަށް ދުވަހު އެފްރިކާގެ އައްސޭރީގައި އޮންނަ ރިޔުނިއަން ޖަޒީރާއަށް މެލޭޝިއާގެ މަތިންދާބޯޓުގެ ފިޔަގަނޑުގެ ބައެއް ލައްގައިފިއެވެ. އެއީ އެބޯޓުގެ ބައެއްކަން ކަށަވަރުވެސް ވެއްޖެއެވެ. އެހިސާބަށް ދިއުމުން އަޅުގަނޑުމެންގެ ތެރޭން ބައެއް މީހުންނަށް ކުޑަހުވަދޫ މީހުންގެ ބަސް ސައްހަހެން ހީވާން ފަށައިފިއެވެ. ކުޑަހުވަދޫމަތިން ފެނުނީ ހަގީގަތުގައިވެސް އެމްއެޗް ކަމަށް ގަބޫލު ކުރެވެން ފަށައިފިއެވެ.
ރިޔުނިއަންގެ ގޮނޑުދޮށުން ބޮއިން 777 މަރުކާގެ ބޯޓެއްގެ ފިޔަގަނޑުގެ ބައެއް ފެނި އޭގެ ވީޑިއޯ އާއި ފޮޓޯ އަޅުގަނޑުމެންނަށް ފެނުނީމާ އަދި މާއެހެންކަހަލަ ކަމެއް ފެންމަތިވެއްޖެއެވެ. މާލެ އަތޮޅު ވައްބިންފަރު ރިސޯޓަށް މަތިންދާބޯޓެއްގެ ފިޔަގަނޑުން ބައެއް މީގެ މަހެއްހާ ދުވަސްކުރިން ލެއްގި ވާހަކަ ފެންމަތިވެއްޖެއެވެ. އެވާހަކަވެސް މިހާތަނަށް އަޅުގަނޑުމެން ތިބީ ސިއްރުކޮށްގެންނެވެ. ވައްބިންފަރަށް ލެއްގިކަމަށް ބުނާ އެއްޗަކީ މަތިންދާބޯޓެއްގެ ފިޔަގަނޑުން ބައެއްކަން އެމީހުންނަށް އެގުނަސް އެފެނުނީ އާދަޔާ ޚިލާފު އެއްޗެއްކަން ދެނެގަތުމުގެ ވިސްނުމެއް ފިކުރެއް ނެތެވެ. ރަށްރަށުގެ ގޮނޑު ދޮށަށް އެންމެ ގިނައިން ލައްގަނީ މަތިންދާބޯޓުހެން ހީވަނީވެސް ތޯއްޗެކެވެ.
ވައްބިންފަރުގެ ގޮނޑު ދޮށުން ފެނުނު ކަމަށް ބުނާ ބަޔަކީ އެމްއެޗްގެ ބައެއް ކަމަށް ނުވެ ހިގައިދާނެއެވެ. އެހެންވިޔަސް އެއީ މަތިންދާބޯޓެއްގެ ބައެއް ކަމަށް ވަނީ ވިއްޔާ އެއީ ބޮޑު ހޯދުމެކެވެ. އެކަން ރަސްމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ތަޖުރިބާކާރުން ގެނެސް ތަހުލީލު ކުރަން ޖެހޭނެއެވެ. އެވަރުނުކޮށް ކުނިބުނި ކަމަށް ބަލައިގެން ތިލަފުށްޓަށް ގެންގޮސް އަންދައިލުމަކީ މޮޔަކަމާއި ތަންދޮރު ނުދަތުމުގެ ކޮޅުނެތްކޮޅެވެ. އަދި އަމްދުން މަތިންދާބޯޓެއް ގެއްލިގެން އެވާހަކަ މުޅި ދުނިޔޭގައި ގޮވަމުންދާއިރު އެވަރުގެ ކޮށިވިސްނުމެއްވެސް ނެތުމަކީ މުޅި ގައުމު ލަދުގަންނަން ޖެހޭނެ ކަމެކެވެ.
މިމައްސަލާގައި ވައްބިންފަރުގެ މެނޭޖްމަންޓުން ދީފައިވާ ބަޔާންވެސް އަޅުގަނޑަށް ވަކި ސަހަލެއް ނޫނެވެ. އެމީހުން ބުނަނީ ގޮނޑުދޮށަށް ލައްގާ ކުނިބުނި ނައްތާލުމުގެ އުސޫލުގެ ތެރެއިން ތިލަފުށްޓަށް ހުރިހާ އެއްޗެއް ގެންގޮސް އަންދައިލީ ކަމުގައެވެ. އެކަމުގައި އުސޫލުން ބޭރުން ކަމެއް ހިގާފައި ނުވާކަމުގައެވެ. ބައްލަވާށެވެ. ބޯޓެއް ގެއްލުނީ ވެސް އުސޫލުގެ ބޭރުންނެވެ. ބޯޓެއްގެ ފިޔަގަނޑު ލައްގާނީވެސް އުސޫލުގެ ބޭރުންނެވެ. އެހެންވީމާ އުސޫލޭ ފިގުހޭ ކިޔައިގެން ފަރުޖެއްސޭނެ ގޮތެއް ނެތެވެ. އެހެންވިއްޔާ މަރުވެފައިވާ އިންސާނަކު ތިޔަރަށަށް ލެއްގިޔަސް އުސޫލުގެ ތެރޭން ތިލަފުށްޓަށް ގެންގޮސް އަންދައިލާށެވެ. އެއީ އިންސާނެއްތޯވެސް ބެލުމުގެ ބޭނުމެއް ނެތެވެ.
މިހުރިހާ ކަމަކަށް ރިއާޔަތް ކުރާއިރު މިފަދަ ދުނިޔެއެއްގައި ދިވެހިންގެ ލޯ ހުޅުވިފައި ހުންނަން ޖެހޭ މިންވަރަށް ހުޅުވިފައިވާ ކަމަށް އަޅުގަނޑަކަށް ނުފެނެއެވެ. ކަންކަމާ ދޭތެރޭ ސީރިއަސްވުން ހުރީ ހުންނަން ޖެހޭ ދަރަޖައިގައި ކަމަކަށް ވެސް ނުފެނެއެވެ. ކުޑަހުވަދޫ ކޭހާއި ވައްބިންފަރު ކޭހުން މިކަން މާރީއްޗަށް ވެސް މިއޮތީ ހާމަވެފައެވެ. މިވާހަކަ ބޭރު ނޫސްތަކުގައި ލިޔުނީމާ ދެން އަޅުގަނޑުމެން ކިޔާނީ ކީކޭ ބާވައެވެ. އެއީ ދޮގެކޭ ބާވައެވެ. މީގެ ފަސްދޮޅަސް އަހަރުކުރިން ވިޔަފާރި މިއަދު ނޫހުގައި އަޅުގަނޑުމެން ތިބީ ތަރައްގީވެފައޭ އޭގެ ހެއްކަކީ ރެޑިއޯ އަޑުއެހުމޭ ބުނި ބީދައިން އަޅުގަނޑުމެންވެސް ތިބެނީ އިންޓަރނެޓުގައޭ ކަލޭމެން ހީކުރާގޮތް ދޮތައޭ ބުނެ ފަރުޖައްސައިލާނީ ބާވައެވެ.
މިސައިޓައް މިވީ ކިހިނެތްބާ؟ މީދޫ އާއި މީދޫ ތާރީހާއި ބެހޭ ވަރައް ޝައުގުވެރި ވާހަކަތައް ގެނެސް ދިނުމައްފަހު މިސައިޓު އޮޔާ މިދަނީ އެހެން ދިމާލަކައް މިހާރު