އަހުރެންގެ ސިކުނޑިން ގަނޑުވަރު ސައީދުގެ އެނބުރިއައުން

ފަސްދޮޅަސް އަހަރަކީ ވަރަށް ގިނަ ދުވަހެވެ. އެހާ ގިނަދުވަހު ގެއްލިފައިހުރި މީހަކު ފެނުމަކީ ބޮޑު ޚަބަރެކެވެ. މިހެންވެ ހިތަދޫ ގަނޑުވަރު މުހައްމަދު ސައީދު ގެއްލުނުތާ ފަސްދޮޅަސް އަހަރު ފަހުން ފެނުނު ވާހަކައާއި އޭނާގެ އުފަން ފަސްގަނޑަށް ގެންދިޔަ ވާހަކަ އަޅުގަނޑު އެހީ ނުހަނު ޝައުގުވެރިކަމާއެކުގައެވެ.

މުހައްމަދު ސައީދުގެ ގެއްލުން އޭނާ ކިޔައިދިން ގޮތާއި އޭނާއާއެކު އެއްއޮޑިން ދަތުރު ކުރި މީހުން ކިޔައިދޭ ގޮތާއި އަދި ސައީދުގެ ގެއްލުން ކުރީއްސުރެ އިވެމުން އައިގޮތަށް ރިއާޔަތްކުރާއިރު އަޅުގަނޑުގެ ހިތުތެރޭގައި ވަރަށް ގިނަ ސުވާލުތައް އުފެދިއްޖެއެވެ. މިސުވާލުތައް ކިޔުންތެރިންނާ ހިއްސާކުރުމަށް މިނިންމީ އަޅުގަނޑުގެ މިވިސްނުމުން އެހެން ބަޔަކަށް ވެސް އެއްޗެއް ނުވަތަ ދޭއްޗެއް ދޭހަވުމުގެ ފުރުސަތުއޮތްކަމަށް ކުރެވުނު ހީއެއްގެ ސަބަބުންނެވެ. ކުށްހީއެއްކަމަށް ވެއްޖެނަމަ މައާފަށް އެދެމެވެ.

އެންމެ އިހަށްވެސް މީހުން ކިޔައިއުޅެނީ ސައީދު ގެއްލުނީ ކަމުގައެވެ. ސައީދު ގެއްލުނީ އޭނާގެ ގާތްތިމާގެ މީހުންނަށާއި ދިވެހިންނަށެވެ. ސައީދަކަށް ސައީދު ނުގެއްލެއެވެ. ސައީދު ފިލީއެވެ. އޮޑިން ދަތުރުކުރި އެހެން އެންމެންގެ ރިވާއަކީވެސް އެއީއެވެ. އެކަމަކު ފަސްދޮޅަސް އަހަރު ފަހުން ސައީދު މިދައްކަނީ އާ ވާހަކައެކެވެ. ސައީދު މިބުނަނީ ފުރުމުގެ ކުރިން ފެންވަރާލަން ރަށުތެރެއަށް ނިކުމެފައި އެނބުރި އައިއިރު އޭނާ ބަހައްޓާފައި އޮޑި ފުރައިގެން ހިގައްޖެ ވާހަކައެވެ.

ސައީދު އެހަދަނީ ކަނޑައެޅިގެން ދޮގެކެވެ. އެކަން އޭނާއާއެކު ދަތުރުކުރި މީހުންގެ ތެރޭން މިހާރު ދުނިޔޭގައި ތިބި މީހުން ކިޔައިދޭ ވާހަކަތަކުން ޔަގީންވެއެވެ. މިވަރުގެ ބޮޑު ދޮގެއް ސައީދު އެހަދަނީ ކީއްވެގެންބާވައެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސައީދަށް އަދިވެސް ހީވަނީ ދިވެހިންނަކީ އޭނާ ފިލިޒަމާނުގައިވެސް ތިބިގޮތަށް ދުނިޔޭގެ އެކޮޅުމިކޮޅާއި ތަންދޮރު ނޭގޭ ހާލަތުގައި ތިބި ބައެއް ކަމަށެވެ. މީގެ ފަސްދޮޅަސް އަހަރު ކުރިއެއްކަމަކު ސިލޯނުގެ ބަނދަރުގައި ސިސްޓަމެއް އޮތެވެ. އައިސްގޮސްވާ އުޅަނދުފަހަރާއި މީހުންނާއި މުދަލާއި ބެހޭގޮތުން ގަވާއިދުތަކެއް ހެދިފައިވެއެވެ. އަމަލު ކުރެވެމުން އައީ އެގަވާއިދުތަކާ އެއްގޮތަށެވެ. އެހެންކަމުން ސައީދު ފެންވަރާލަން ދިޔައީމާ އޭނާ ބަހައްޓާފައި އޮޑި ފުރައިގެން ދިއުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ސިލޯނުގެ ބަނދަރަށް އޮޑިއެއް ވަނުމާއެކު އެންމެ ފުރަތަމަވެސް އޮޑީގެ ނެވިމީހާ އާއި އޮޑިވެރިޔާ ނުވަތަ އޭނާގެ ފަރާތުން އޮޑީގައި ހުންނަ މީހަކު ޖެހޭނީ ބަނދަރު އޮފީހަށް ގޮސް ރަޖިސްޓްރީކުރުވާށެވެ. މިގޮތުން އޮޑި އާއި އޮޑިން ދަތުރުކުރި މީހުންގެ ނަމާއި ވަނަވަރާއި އޮޑިން ގެނައި މުދަލުގެ މިންވަރާއި ބާވަތް ލިޔުއްވާން ޖެހެއެވެ. ވިޔަފާރިކަމު އުޅެވޭނީ އޭގެ ފަހުންނެވެ. އެއްގަމަށް އައިސްގޮސްވެވޭނީ އޭގެ ފަހަށެވެ. ބަނދަރުން އޮޑި ފުރާއިރުވެސް މިކަން ހަމަ މިމަގުން ކުރާން ޖެހެއެވެ.އެންމެން ހަމަކޮށް ދައްކަން ޖެހެއެވެ. މީހަކު މަދުވެއްޖެނަމަ އެއޮޑިއަކަށް ފުރައިގެން ނުދެވޭނެއެވެ. ފުރޭނީ ތަހުގީގަކަށް ފަހުގައެވެ. ދައްކަންޖެހޭޖުރިމާނާއެއް ދައްކައި ނިންމުމަށްފަހުގައެވެ. އެކަމަށް މަދުވެގެން ހަފުތާއެއް ހޭދަވާނެއެވެ. އެހެންވީމާ މުހައްމަދު ސައީދުގެ ފެންވެރުން މިއޮތީ ހަފުތާއަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ފެންވެރުމެއް ކަމަށް ބަލަން ޖެހިފައެވެ.

ދެންއޮތީ މުހައްމަދު ސައީދުގެ އާއިލާގެ މީހުންނާއި ރަށު މީހުންނާ ދޭތެރޭ އޭނާ މިދިން ބަޔާން ބުއްދީގެ ތަރާދުން ކިރައިލުމެވެ. ސައީދު ކޮޅުނބަށް ދިޔައީ އާއިލާގެ އޮޑިން އޭނާގެ އަމިއްލަ ކާފަޔާއެކީގައެވެ. އެކުގައި ދިޔަ މީހުންނަކީ ގާތްތިމާގެ މީހުންނާއި އަމިއްލަ ރަށުގެ މީހުންނެވެ. ސައީދު ފެންވަރާލަން ހަމަ ފައިބާއިރަށް ކާފަޔާއި ދެންވެސް އޮޑީގައި ތިބި އޭނާއާ ގާތްތިމާގެ މީހުން މިއޮތީ ދަނޑިވަޅު ބަލާފައި އޮޑިއާއިގެން ބަޗައިފައެވެ. މިއީ ފަހެ ކާކު ގަބޫލުކުރާނެ ވާހަކައެއް ބާވައެވެ. އެޒަމާނުގައި އައްޑޫއަކީ އާއިލީ ގުޅުންތަކުގައި ލާމަސީލު ބައެކެވެ. އެކަން ނެތީވިއްޔާ ނެތް މީހަކީ ހަމަ ސައީދެވެ. ކާފަޔާއި ރަށުމީހުން އޭނާ ކޮޅުނބުގައި ވާނެ އެއްޗެއްވާން ދޫކޮށްލާފައި އޮޑިއާއިގެން ބެޗީއޭ ބުނަން ސައީދަށް ކެރެނީ އޭނާގެ ހިތުތެރޭގައި އެކުލުނާއި ލޯތްބާއި ގުޅުން ނެތީމައެވެ. އޭގެ އަސަރެއްވެސް ހަމަނެތީމައެވެ.

އެންމެ ރަނގަޅެވެ. ސައީދު ގެއްލުނީއެވެ. އެހެންވިއްޔާ އޭނާގެ އެންމެ އިސް އެދުމަކަށްވާނީ ރާއްޖެއަށް އައުންތާއެވެ. ކޮޅުނބަކީ ކޮންމެ މޫސުމެއްގައިވެސް ރާއްޖޭގެ ވިހިތިރީސް އުޅަނދު އެތަނެއްގެ ބަނދަރުގައި ނެތި ނުދާނޭ ރަށެކެވެ. ރާއްޖެއަށް އަންނާން އުޅޭ މީހަކު އުފުލާންޖެހޭ ތަކުލީފެއް އަމްދުން ނުވެސް އޮންނާނެއެވެ. އެކަމަކު ގަނޑުވަރު ސައީދަށް އެވަރުވެސް ނުކުރެވުނެވެ. އޭނާ ދިޔައީ އިންޑިޔާއަށެވެ. އިންޑިޔާއިންވެސް އެންމެކާރޫބާރޫ ބޮޑު ބޮމްބޭއަށެވެ. ބޮމްބޭއަށް ދެވުނީ އޮޅުމަކުން ނޫނެވެ. ގަސްތުގައެވެ. އެކަން ސައީދުގެ އަމިއްލަ ރިވާއިންވެސް އެބަ ޔަގީންވެއެވެ.

ބޮމްބޭގައި ލައްކަ ގިނަދުވަހު އުޅެފައި ދެން އޭނާ މިސްރާބުޖެހީ އަންދުރަޕްރަދޭޝްގެ ހައިދަރުއާބާދަށެވެ. އަމިއްލަ ގެދޮރު ގާއިމުކުރީވެސް ހައިދަރުއާބާދުގައެވެ. އެތަނަށް ދެވުނީވެސް އޮޅުމަކުން ނޫނެވެ. ހައިދަރުއާބާދަކީ ބީރައްޓެހީންނަށް އެންމެފަސޭހައިން ގެދޮރު މިލްކުކުރެވޭ ސަހަރެވެ. އެހެންކަމުން ސައީދު މިހުރިހާ ކަމެއް މިކުރަނީ ޕްލޭނެއް އޮވެގެން އެޕްލޭނާއެއްގޮތަށްކަން މިއޮތީ ސާފުކޮށް ފެންނާށެވެ. ހައިދަރުއާބާދުގައި ގެދޮރު ގާއިމުކޮށް އެތަނުން މީހުނާ އިނދެ އަމިއްލަ އާއިލާއެއް އުފެއްދިއިރު ސައީދުގެ ސިކުނޑީގައި އޭނާގެ އަމިއްލަ މައިންބަފައިންނާއި އެއްބަނޑު މީހުންނާއި ގާތްތިމާގެ އެހެންމީހުންގެ ހަނދާނެއް ނެތެވެ. އެމީހުން ދުށުމުގެ އެއްވެސް އެދުމެއް ނެތެވެ. ކޮން ހާލެއްތޯ އާއި ދުނިޔޭގައި އެބަތިބިތޯ ދެނެގަތުމުގެ ޝައުގުވެރިކަމެއްވެސް ނެތެވެ.

ޒަމާންތައް ފާއިތުވަމުންގޮސް ސައީދުވެސް މުސްކުޅިވެ ގައިގެ ބާރުދެރަވެ ދިވެއްސަކަށްވީތީ ދެން ނެގެން އޮތް ފައިދާއަކީ ކޮބައިތޯ ބެލުމުގެ މަރުހަލާ އަތުވެއްޖެއެވެ. އެހިސާބުން ސައީދަށް އޭނާއަކީ ދިވެއްސެއްކަން އެގިއްޖެއެވެ. ގާތްތިމާގެ މީހުން ތިބޭނޭކަންވެސް އެގިއްޖެއެވެ. އޭނާ ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަހުރިކަން އަންގާނޭ ގޮތްވެސް އެގިއްޖެއެވެ. އަދި އަމިއްލައަށް ޚަރަދުނުކޮށް ދިވެހިރާއްޖެއަށް ދެވޭނެގޮތް ރާވަންވެސް އެގިއްޖެއެވެ. ސައީދު ރާއްޖެއަތުވެއްޖެއެވެ. އެވާހަކަ މީޑިއާއިންވެސް ގޮވައިފިއެވެ. ސައީދުގެ ވާހަކަ އަޑުނާހާ ދިވެއްސަކު މިހާރު ނެތެވެ. އެހާވެސް ބޮޑަށް ސައީދު މަޝްހޫރުވެއްޖެއެވެ. އެކަމަކު އަދިވެސް ސައީދުގެ ހަގީގަތެއް ނޭގެއެވެ. ސައީދުގެ ހަގީގަތް އެގުނަސް ނޭގުނަސް އަޅުގަނޑު ޔަގީންކުރާ އެއްކަމެއް އެބައޮތެވެ. އުމުރުން އެންމެ ތޭރަ އަހަރުގައި އަމިއްލަ މައިންބަފައިންނާއި ވަޒަނަށް ފިލި މީހަކު އަދި ކޮޅުނބުވެސް ކަމުނުގޮސްގެން އިންޑިޔާގެ ބޮމްބޭއަށް ގޮސް އެތަންވެސް ކަމު ނުގޮސްގެން ހައިދަރުއާބާދަށް ގޮސް އެތަނުގައި ދިރިއުޅުން އާރާސްތުކުރަން މޮޅެތިހާ ރޭވުންތައް ރޭވި މީހަކު މުސްކުޅި އުމުރުގައި އަދިއެއަށްވުރެ މޮޅެތި ރޭވުންތައް ރާވާނެއެވެ. ރާވަންވެސް އެނގޭނެއެވެ. އެހެންވީމާ ސައީދުގެ ކުއްލި ފެނުމާއި ރާއްޖެއައުމުގައި ފޮރުވިފައިވާ ބޭނުންތަކެއް ވާނެއެވެ.

އުމުރުން 65 އަހަރުވީމާ މިހާރު ކޮންމެ ދިވެއްސަކަށްވެސް ފަސްހާސް ރުފިޔާ އެބަލިބެއެވެ. އެއީ ގާތްގަޑަކަށް ތިންސަތޭކަ ޑޮލަރެވެ. ހައިދަރުއާބާދު ކަހަލަ ތަނެއްގައި އެއީ ޑިގްރީ ހޯލްޑަރުންވެސް ހުވަފެންދެކޭ ވަޒީފާތަކުން ނެރެވޭ މުސާރައެވެ. އާސަންދައިން ހިލޭ ބޭސްފަރުވާ އެބަކުރެވެއެވެ. ހިތަދޫއަކީ ރާއްޖޭގެ ދެވަނަ ސިޓީއެވެ. ބިމުގެ ޑިމާންޑް ނުހަނު ބޮޑެވެ. އެތަނުން ބިންކޮޅެއް ލިބޭނެ ގޮތްވެސް އެބައޮތެވެ. މިހުރިހާ ކަމަކަށް ބަލާއިރު މުސްކުޅި އުމުރުގައި އަރާމުކޮށް އުޅެލަން މިއޮތީ ނުހަނު ރިވެތި ގޮތެއް ފެނިފައެވެ. އަމިއްލަދަރީން އަޅާނުލިޔަސް މިއޮތީ އުޅެވޭނެ ގޮތް ފެންނާށެވެ. އެހެންވީމާ މިމިސްރާބުން ސައީދު ދަތުރުނުކުރާންވީ ސަބަބެއް އެބައޮތްބާވައެވެ.

ޅައުމުރުގައި ސައީދު ފިލީވެސް ދިރިއުޅުން ހޯދުމުގެ ނިޔަތުގައެވެ. އަދި މުސްކުޅި އުމުރުގައި ކުއްލިއަކަށް މިފެނުނު ފެނުމުގެ ފަހަތުގައި އޮތީވެސް ފަސޭހަކޮށް ދިރިއުޅެވޭނެ ގޮތް ހޯދުމެވެ. އަމިއްލަ މަންމަޔާއި ބައްޕަ ދޫކޮށް އެމީހުންގެ މަރު ދެކޭންވެސް ނައިސްހުރި މީހަކު މިވަރުގެ ރޭވުމެއް ނުރާވާނެ ކަމަށް ހީކޮށްގެން ނުވާނެއެވެ. އެފަދަ މީހަކު ހަމަކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ގެއްލިފައި ހުރި ބޭބެއަކު ކުއްލިއަކަށް ފެނިގެން ބޭބެ ދެކޭހިތުން ދިޔައީމާ އެމީހަކީ ބުރުގާ ނާޅާ މީހަކަށްވާތީ ނުރުހުމުގެ މޫނުދައްކައި ވާހަކަ ނުދައްކައި ތިމާގެ ދީންވެރިކަން ދައްކަން އުޅުނަސް އެއީ ހަމަ ކަންދައްކާން ކުރާކަމަކަށް ނޫނީ އަޅުގަނޑު ނުދެކެމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!