އަހަރެންގެ ދުރުމިޔަށް ފޯޅަވައްސާއި އެތަނުގެ ތާރީޚު ފެންނަގޮތް

ފެހެންދީބަކީ އައްޑުއަތޮޅުގެ ދެކުނުން އިންޑިއާކަނޑުގައިވާ ޗާގޯސް އާކިޕެލަގޯއެވެ. ފޯޅަވައްސަކީވެސް އެއީއެވެ. ފޯޅަވަހީގެ ވަކިއަތޮޅުތަކަށް އަދި ވަކިރަށްތަކަށް ދިވެހިން ކިޔައިއުޅޭ ތަފާތު ނަންތަކެއް ނުހުރެއެވެ. އެހެންނަމަވެސް މިޒަމާނުގައި އެއިން ކޮންމެ އަތޮޅަކާއި ފަރުފަރާއި ރަށްރަށަށް ވަކިނަންތަކެއް ވަނީ ދީފައެވެ.

ފޯޅަވަހީގައިި ހަތް އަތޮޅެއްގެ މައްޗަށް އެކުލެވޭ ހަތްދިހަ ވަރަކަށް ރަށް އެބައޮތެވެ. އެ ހަތް އަތޮޅަކީ ސްޕީކާރސް ބޭންކް، ބްލެނަމް ރީފް، ހެރޮސް ބަންހޮސް، ސަލޮމޮން އައިލޭންޑްސް، ގްރޭޓް ޗާގޯސް ބޭންކް، ޑިއެގޯ ގާސިއާ، އެގްމެންޓް އައިލޭންޑްސް އެވެ.

ސްޕީކާރސް ބޭންކަކީ އަތޮޅެއްގެ ސިފައިގައި ފެނު އަޑީގައިވާ ބޮޑު ފަރެކެވެ. މިފަރުގައިވެސް މިހާރު ކުޑަ ރަށެއް އެބައޮތެވެ. ބްލެނަމް ރީފްގައި ވަނީ ކުޑަ ހަތަރު ރަށެވެ. ޕެރޮސް ބަންހޮސްގައި އޮންނަނީ ކުޑަ ތެއްތިރީސް ރަށެވެ. މިއަތޮޅުގެ އިލެޔެޔެ ކިޔާ ރަށާއި އައްޑޫ ގަމާއި ދެމެދުގައިވަނީ ގާތްގަނޑަކަށް 282 މޭލެވެ. އައްޑުއަތޮޅާއި އެންމެ ކައިރީގައި ވަނީ ޕެރޮސް ބަންހޮސްގެ އިލެޔެޔެ ކިޔާ ރަށެވެ. ސަލޮމޮން އައިލޭންޑްސް އަކީ ބްލެނަމް ރީފާއި ޕެރޮސް ބަންހޮސް އާއި ދެމެދު އޮންނަ އަތޮޅެކެވެ. މިއަތޮޅުގައި ވަނީ ކުޑަ އެގާރަ ރަށެވެ. މިއަތޮޅުގެ އިލޭ ކިޔާ ރަށާއި އައްޑުއަތޮޅާއި ދެމެދުގައި ވަނީ ގާތަގަނޑަކަށް 283 މޭލެވެ. ގްރޭޓް ޗާގޯސް ބޭންކަކީ މުޅިދުނިޔޭގައިވާ އެންމެ ބޮޑު އަތޮޅެވެ. މިއަތޮޅުގެ ބޮޑުމިނަކީ 4881 އަކަމޭލެވެ. އަތޮޅު ބޮޑުވިޔަސް މި އަތޮޅުގައިވަނީ ކުޑަކުޑަ ދިހަ ރަށެވެ.

ޑިއޭގޯގާސިއާ އަތޮޅުގައި ވަނީ ފަސް ރަށެވެ. މިއަތޮޅުގެ އެންމެބޮޑު ރަށުގެ ނަމަކަށް ކިޔަނީވެސް ޑިއޭގޯގާސިއާއެވެ. ޗާގޯސް އާކިޕެލަގޯގެ އެންމެ ބޮޑު ބިން އޮތީ ޑިއޭގޯގާސިއާގައެވެ. އައްޑުއަތޮޅު ގަމާއި ޑިއޭގޯގާސިއާގެ ދުރުމިނަކީ ގާތްގަނޑަކަށް 400 މޭލެވެ. އެގްމޮންޓް އައިލޭންޑްސްއަށް ކިޔާ ނަންތަކުގެ ތެރޭގައި އީގަން އައިލޭންޑްސް، އީގަން އެޓޯލް ނުވަތަ ސިކްސް އައިލްސް ހިމެނެއެވެ. މިއަތޮޅުގައި ވަނީ ކުޑަ ހަ ރަށެވެ.

ކުރީޒަމާނުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުން ފޯޅަވައްސަށް ދެއެވެ. އެއީ ފޯޅަވަހީގެ ރުއްގަހާއި ލަކުޑިއާއި ވެލާބިހާއި ބޮއްޔާއި މަސްވެރިކަމުން ލިބޭ މަންފާ އެމީހުން ހޯދުމަށެވެ. ދުނިޔޭގެ ގައުމުތަކުގެ މީހުންނަށް ފޯޅަވަހީގެ ތާރީޚުން އެނގެނީ ވަރަށް ފަހުގެ ކުޑަކުޑަ މިންވަރެކެވެ. ފޯޅަވައްސާއި ބެހޭ ގޮތުން ދެކުނުގެ އަތޮޅުތަކުގައި ޒަމާނުއްސުރެ މީހުންގެ ދޫދޫ މަތީން ކިޔަމުން އައިސްފައިވާ ވާހަކަތަކާއި ލިޔުންތައްވެއެވެ. އަދި ދިވެހި މާލިމީން އެމީހުންގެ ދަތުރުނާމާގައި ފޯޅާވަހީގެ ބައެއް ކަހަލަ ވާހަކަތައް ލިޔެފައިވެއެވެ.

ދެކުނުގެ މީހުން ކިޔައި އުޅޭގޮތުން ފޯޅަވަހީގައި ފުރަތަމަ އުޅުނީ ދިވެހީންނެވެ. ފޯޅުވައްސަކީ ދިވެހިރާއްޖޭގެ ރަށެކެވެ. ފަރަންޖީން އެރަށުގައި ތިބި ދިވެހިން މަރާފައި ރަށަށް ވެރިވެގަތީއެވެ. މިވާހަކަ އެކެއްގެ ދޫމަތިން އަނެކެއްގެ ދޫމަތިން ވާރިދުވަމުން އައިސް މިވާހަކަ މިގޮތަށް ކިޔާ މީހުން މިހާރުވެސް އެބަތިއްބެވެ. ބެލެވޭގޮތުގައި މިކަމެއް ހިނގާފައިވާނީ މިލާދީން 1778 ވަނަ އަހަރުގެ ތެރޭގައެވެ. އެއަހަރު މޮރިޝަސް އާއި ފޯޅުވަހި ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށަށް ގެނެސް ފަރަންސޭސިން އެރަށަށް ދާންފެށިއެވެ. އެއީ ފަރަންސޭސި ލީޑަރ ނަޕޯލިއަންގެ ދުވަސްވަރެވެ.

އޭގެ ދުވަސްތަކެއްފަހުން ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީގެ ފަރާތުން ފޯޅަވައްސައް ފުރަތަމަ ގެންދިޔައީ 275 މީހުންނެވެ. އެއީ އޭޝިއާ އާއި އެފްރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. ދެވަނަ އަށް ގެންދިޔައީ 250 މީހުންނެވެ. އެއީ ބްރިޓިޝް އީސްޓް އިންޑިއާގެ ނަވެއް ފަރަކަށް އަރައިގެން ހަލާކުވިއިރު އެއިން ސަލާމަތްވި މީހުންނެވެ. މިކުންފުނި ރޫޅުމުން އިނގިރޭސިން އިންޑިއާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުތައް ދޫކޮށްފައި ދިޔައެވެ. އެމީހުން ދިއުމުން މޮރިޝަސްގައި ތިބި ފަރަންސޭސިންގެ ބާރުގެ ދަށަށް އަނެއްކާވެސް ފޯޅަވަހި ދިޔައީއެވެ.

އެއަށްފަހު ތިންވަނައަށް ފޯޅަވައްސަށް ގެންދިޔައީ ލެޕްރަސީ ބަލި މީހުންނެވެ. އެމީހުންގެ އަދަދު އެނގޭކަށް ނެތެވެ. ހަތަރުވަނަ ފަހަރަށް ގެންދިޔައީ މަޑަގަސްކަރަ އާއި މޮޒަމްބީކް ކަހަލަ އެފްރިކާގެ ގައުމުތަކުގެ މީހުންނެވެ. މިދެންނެވި މީހުންނަށް ކިޔާނަމަކީ ޗާގޯސިއަން ނުވަތަ އިލޮއިސް މީހުންނެވެ. އެމީހުން ވާހަކަ ދައްކާ ބަހަކީ ކުރިއޯލް ބަހެކެވެ. އެއީ އެފްރިކާއާއި އޭޝިއާގެ އެކި ބަހުރުވަ މަސްހުނި ވެގެން އުފެދުނު ބަހެކެވެ.

މީލާދީން 1814 ވަނައަހަރު ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށުގައި ހުރި ބައެއް ތަންތަން އިނގިރޭސި ކޮލޮނީ ތަަކަށް ބަދަލުވިއެވެ. އިނގިރޭސިންނާއި ފަރަންސޭސި ވިލާތާއި ދެމެދު ހެދުނު އެގްރީމެންޓެއްގެ ދަށުން މޮރިޝަސް ވެސް އިނގިރޭސިންގެ ދަށަށް އައެވެ.

މީލާދީން 1968 ގައި މޮރިޝަސްއަށް މިނިވަންކަން ލިބުމުން ޑިއޭގޯގާސިއާ މޮރިޝަސް އާއި ވަކިކޮށް އެއީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައި އިއުލާން ކުރެވުނެވެ. މިއައި ބަދަލާއި ގުޅިގެން ޗާގޯސިއަން ނުވަތަ އިލޮއިސް މީހުން ޑިއޭގޯގާސިއާ އިން ބޭރުކޮށް އެމީހުންގެ މޮރިޝަސް އާއި ސީޝެލްސްއަށް ގެންގޮސް އެމީހުން ދިރިއުޅޭނެ ގެތައް އިނގިރޭސިން އަޅައިދިނެވެ. އެމީހުންގެ އަދަދަކީ 500 އެވެ. އެއަށްފަހު އިނގިރޭސިންނާއި އެމެރިކާ ގުޅިގެން ޑިއޭގޯގާސިއާގައި އަސްކަރީ މަރުކަޒެއް ހެދީއެވެ.

އަހަރުތަކެއް ފާއިތުވެ ދިޔަފަހުން ޗާގޯސިއަން ނުވަތަ އިލޮއިސް މީހުން ފޯޅަވަހީގެ ވަޒަން ވެރިންނަކީ ތިމަންމެން ކަމުގައި ކިޔައިގެން ފޯޅަވަހީގެ މިލްކުވެރިކަމާއި މެދު ދައުވާކުރިއެވެ. ފޯޅަވަހީގެ މިލްކުވެރިކަމާއިމެދު ދައުވާކުރާ އިލޮއިސް މީހުންނަކީ ފޯޅަވަހީގެ ވަޒަންވެރިންނެއް ނޫނެވެ. އެމީހުން ފޯޅަވަހީގައި އުޅެފައިވަނީ 180 އަހަރުއެވެ. އެއީ މީލާދީން 1790 އިން 1970 ވަނަ އަހަރަށެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!