މާލޭ ރޯމަސް މާރުކޭޓުގެ ޚިދުމަތް ރަނގަޅު ކުރަންޖެހިފައި
ރޯމަސްމާރުކޭޓަށް ވަދެ މަހެއް ގަނެ، މަސް ކެނޑުމަށް ޓަކައި ޗިޓްކޮޅު ހައްދައިގެން މަސްކަނޑާ މީހުން ތިބިތަނަށް ދިޔައިރު އެތަން އޮތީ ފުރިތޮއްޖެހިފައެވެ. މަސްކެޑުމަށްޓަކައި އެތަނަށް ދާމީހުން އަތުން ފައިސާ ނެގުމަށް ޓަކައި 2މޭޒު ބެހެއްޓިފައި ވެއެވެ. މަސްކަނޑާ 19 ތަންހުރި ކަމުގައިވިޔަސް އެއިގެތެރެއިން 7ތަނުން ޚިދުމަތްދެވޭ އިރު 12ތަނުން ޚިދުމަތް ނުދެވެއެވެ. އަދި ހަލާކުވެފައި ހުރި 2 ތަނަކުން ޚިދުމަތް ދެވޭފަދަ ޙާލަތެއްގައި ނެތަކަން ފާހަގަކުރެވުނެވެ.
މަސް ކަނޑަންތިބި މަދު މީހަކު ފިޔަވާ ގިނަ މީހުންނަކީ މަސްކަނޑަން ވަރަށް ޤާބިލް ކުޅަދާނަ ބައެކެވެ. ނަމަވެސް ޚިދުމަތްދެވޭ ތަންތަން މަދު ވުމުގެ ސަބަބުން މަސްކަޑަން ދާމީހުން އެތާނގައި ވަރަށް ވަޤުތު ހޭދަކުރަންޖެހެއެވެ.
އެންމެ ކައިރީން ދިމާވި ކިޔުގައި މަސް ކެނޑުމަށް ބާއްވައިފީމެވެ. މަސް ބޭއްވުމާއެކު މަސްކަނޑާ މީހާ ބުނީ މަސް ކެނޑެން ނެތް ކަމަށެވެ. ދެވަނަ ކިޔުއަށް ދިޔުމުން ވެސް ލިބުނީ ހަމަ އެޖަވާބެވެ. މިގޮތުގައި ދަނިކޮށް މަސްކެޑޭގޮތްވީ 4ވަނަ ކިޔު އަށް ގޮސްގެންނެވެ. އަޅުގަނޑުގެ މަސްކެޑުނީ ގާތްގަޑަކަށް އެއްގަޑި އިރާ 54 މިނެޓް ފަހުންނެވެ.
އަހަރެންގެ ހިތަށް އެރިއެވެ. މިދެއްވާ އާއްމު ޚިދުމަތަކީ ކޮންޒަމާނަކަށް އަމާޒު ކޮށްގެން ދެއްވާ ޚިދުމަތެއް ބާވައެވެ.
އެތަނުން ޚިދުމަތަށް އެދިގެން ދާ މީހުންގެ ޝަކުވާ އަޑު އަހާނެމީހެއްނެތެވެ. އަދި އެމީހުންގެ ގެއްލޭ ވަޤުތުގައި ހުރީ ކިހާވަރެއްގެ މުހިއްމު ކަމެއްހެއްޔެވެ؟ އެތާނގައި މަސައްކަތްކުރާ މީހުންގެ މަސައްކަތްކުރާ ގަޑި ހަމަޖައްސާފައިވާ ގޮތް އަޅުގަނޑަށް ނޭގުނު އިރު އެތަނުން އެކަން އެގޭނެ އެއްވެސް މީހަކު ނެތެވެ. އަދި ތަން ހިންގާފަރާތުން ތަނުގައި ކުރާ މަސައްކަތަށް ބަލާނެ މީހަކު ބަހައްޓާފައިހުރި ހެން ހީއެއްނުވެއެވެ. ޚިދުމަތް ލިބިގަތުމަށް ދާ މީހުންނަށް ދިމާވެދާނެ މައްސަލައަކާއި ބެހޭ ގޮތުން ވިސްނާނެ މީހަކުވެސް ނެތެވެ.
ކިޔުގައި ކިތަންމެ ގިނަ މީހުން ތިބި ކަމުގައިވިޔަސް މަސައްކަތް ކުރާމީހުން އެމީހަކު ބޭނުންވީމާ ހުއްޓާލާފައި ދާންވީއެވެ. އަދި އެމީހުން ބޭނުންވީމާ އެއްދުވަހު އައިސް, އަނެއް ދުވަހު ނަޔަސް އެއީ މައްސަލައެއް ކަމަށް ދެކޭނެ މީހަކުނެތެވެ. މަސްކެނޑުން ލަސްވާތީވެ އެކަމުގެ ޝަކުވާކުރާމީހުން ގެޝަކުވާ އަޑު އަހާނެ މީހަކުވެސް ނެތެވެ.
ރޯމަސް މާރުކޭޓްގެ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރަންޖެހެ އެވެ. އެހެނީ އެއްލައްކަ އަށްވުރެ ގިނަމީހުންގެ އާބާދީ އެއް ދިރިއުޅެމުންދާ މާލޭގައި ހުރީ މިފަދަ ޚިދުމަތެއްދޭ ހަމައެކަނި މިތަން ކަމުގައިވާތީއެވެ. މި ޚިދުމަތް ލިބިގަންނަ މީހުން ހިތްހަމެޖެހޭނެ ފަދަ ޚިދުމަތެއް ދެވޭ ތަނެއްކަމުގައި ރޯމަސް މާރުކޭޓު ހަދަންޖެހެއެވެ. މިފަދަ ޚިދުމަތެއް ދޭން ބޭނުން ކަމުގައިވާނަމަ ޚިދުމަތް ލިބިގަތުމަށް އަންނަ މީހުންގެ ހިތްހަމަޖެހޭ ފަދަ ގޮތަކަށް ޚިދުމަތް ދޭންޖެހެއެވެ. އާއްމު ޚިދުމަތް ދޭ އުޞޫލު ރަގަޅުކުރަން އެބަ ޖެހެއެވެ.
ފަހުގެ ޚިޔާލުތައް