ފޯޅަވަހީގެ މިލްކުވެރިކަމަށް ދައުވާކުރަން އެންމެ ހައްގުކަން ބޮޑީ ދިވެހީން

ފޯޅަވަހީގެ ރަށެއް

މޮރިޝަސް އަށް ވުރެން ފޯޅަވަހީގެ މިލްކުވެރިކަމަށް ދައުވާކުރެވޭނެ މާ ގިނަ ހައްގުތައް ދިވެހީންނަށް ލިބިގެން ވެއެވެ. ނުވަތަ މާ ގިނަ އަސާސްތައް އެބަހުއްޓެވެ. ތާރީޚީ ގޮތުންނާއި އިގްތިސާދީ ގޮތުންނެވެ. އަދިވެސް ތަފާތު އެހެން ގޮތްގޮތުން ވެސް މެއެވެ.

ފޯޅަވަހި އެންމެ ކުރީން ހޯދައި އެތާގެ މައްޗަށް ހުކޫމަތު ހިންގާފައިވަނީ ދިވެހީންކަން އެނގޭ އެންމެ ފުރަތަމަ ހެއްކަކީ “ފޯޅަވަހި” މި ނަމެވެ. އެތަނަށް ދިވެހީން އަމިއްލައަށް ފޯޅަވަހީގެ ނަމުން ޚާއްސަ ނަމެއް ކިޔުމުގެ ކުރީން ފަރަންސޭސިން ކަމަށް ވިޔަސް، އިނގިރޭސިން ކަމަށް ވިޔަސް އަދި މޮރިޝަސް ކަމަށް ވިޔަސް އެމީހުން ކިޔާފައިވާ ޚާއްސަ ނަމެއް ނެތެވެ. ކޮންމެއަކަސް، މީލާދީން 1512 ވަނަ އަހަރުގައި، ފޯޅަވަހި ހޯދި ޔޫރަޕްގެ ފުރަތަމަ ސައްޔާހަކީ، ޕޯޗްގީޒްގެ ޕެޑްރޯ މަސްކަރެންހާސް ކަމުގައި ޔޫރަޕްގެ ލިޔުންތެރިން ލިޔެފައިވެއެވެ. އެހެން ނަމަވެސް، އެއީ ދިވެހިންނަށް އެތަން ކުރީން ނުފެނި އޮވެގެން ނުވަތަ އެތަނާގުޅޭ ޚަބަރު ފިލާފައި ނެތި ކުއްލިއަކަށް ޔޫރަޕް މީހުންނަށް އަލަށް ފެނުނީކީ ނޫނެވެ. އެމެރިކާ ހޯދީ ކުރިސްޓޮފަރ ކޮލަމްބަސްއޭ ޔޫރަޕްގެ ލިޔުންތެރިން ލިޔެފައިވާ ފަދައިންނެވެ. ކޮންމެއަކަސް، ދިވެހިން ފޯޅަވައްސޭ ކިޔާ ޖަޒީރާ ތަކެއް އޮންނަކަން ޔޫރަޕްގެ ދަތުރު ވެރީނަށް އެނގިގެން ދިޔައީ މިދެންނެވި މަސްކަރެންހާސްގެ ޑިސްކަވަރީ އަށް ފަހުގައެވެ. އެ ޑިސްކަވަރީ މިޝަންގެ ތެރެއިން ފޯޅަވަހި ފެނުމަށްފަހު އެމީހުން ދިންނަމެއް ޑިއެގޯ ގާސިއާއަކީ! މި ދެންނެވި ޑިސްކަވަރީ މިޝަންގެ އިސް ސައްޔާހަކީ، ޕޯޗްގީޒުގެ ބޭފުޅެއް ކަމަށްވާ ޕެޑުރޯ މަސްކަރެންހާސް ކަމަށްވީ ނަމަވެސް، ޑިއެގޯ ގާސިއާ، މި ނަން ނިސްބަތްވަނީ އެ ޑިސްކަވަރީ ނަވުގެ ކެޕްޓަން ޑިއޯގޯ ޑިއަސްގެ ނަމަށެވެ. އެއީ ކެޕްޓަނެއްގެ އިތުރުން، މަސްކަރެންހާސްއާއެކު މަސައްކުރެއްވި އަނެއް ސައްޔާހުވެސް މެއެވެ. އެއީ އިސްޕޭނުގެ
ބޭފުޅެކެވެ.

މި ދެންނެވިހެން، ޔޫރަޕްގެ މީހުން ޑިއެގޯ ގާސިއާގެ ނަމުން ނަންދީ ދަތުރުވެރިންގެ ޗާޓްތަކުގައި ޑިއެގޯ ގާސިއާ ފާހަގަކުރިއެވެ. އެއަށްފަހު ދިވޭހީން ނޫން އެހެން ހުރިހާ ގައުމެއްގެ މީހުން ވެސް ކިޔައި އުޅޭ އާއްމު ނަމަކަށްވީ ޑިއެގޯ ގާސިއެވެ. ކޮންމެއަކަސް އެބަޔަކު ދިރިއުޅޭ މާހައުލުގެ ތަންތަނަށް އެންމެ ފުރަތަމަ ނަން ދޭނީ އެބަޔެކެވެ. އެބައެއްގެ މާހައުލާއި ކައިރިންކަމުގައި ވިޔަސް އަދި ދުރުން ކަމުގައިވިޔަސް އެތަނެއް އެންމެ ކުރީން ފެންނަ ބަޔަކަށް އެތަނަކަށް ނަން ދެވޭނީ. ބަހުގެ އެޓިމޮލޮޖީ ދިރާސާކުރައްވާ ބޭފުޅުން އަދިވެސް އިތުރަށް ދިރާސާކުރައްވަންވީއެވެ. މިއީ ފޯޅަވަހީގެ މައްޗަަށް ދިވެހީންގެ ދޮށިކަން އޮތްވަރު ބަޔާންކޮށް އާއްމުކޮށް ލިޔުންތެރިން ފާހަގަކޮށްފައި ނުވާ ވަރަށް މުހިއްމު ޕޮއިންޓެއްކަން ވެސް ފާހަގަކުރަމެވެ.

ފޯޅަވައްސާއި އެންމެ ކައިރިން އައްސޭރިފަށުގައި، އެންމެ ކުރީން މީހުން ވަޒަންވެރިވެ މެދުކެޑުމެއްނެތި ދިރިއުޅެމުން އައީ ދިވެހިރާއްޖޭގައެވެ. މޮރިޝަސްގައި އިންސާނުން ވަޒަންވެރިވެ އުޅެން ފެށުމުގެ އެތައް ގަރުނެއް ކުރީން ވެސް ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅެމުން އައިސްފައިވާ ކަމީ ތާރީޚީ ގޮތުން ދޮގުނުކުރެވޭނެ ހަގީގަތެކެވެ. އަދި ފޯޅަވަހީގެ ޖަޒީރާތަކާ ޖެހެންދެން އޮތް ކަނޑުގައި މަސްވެރިކަން ކޮށް ކައިގެން ބޮއިގެން އުޅުނީ ވެސް ދިވެހީންނެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުން ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރި އަތޮޅު ކަމަށްވާ، ޕެރޮސް ބަންހޮސްގެ ރަށްތަކަށް ދަތުރުކުރިއެވެ.


އަދި އެ ރަށްރަށުގައި ބަނޑަހަގެ ޖަހައިގެން ދަނޑުވެރިކަން ކޮށް އެއިން ނަފާ ހޯދައި އުޅުނުކަމަށް ދޫދޫމަތިން ކިޔަމުން އައިސްފައިވާ ވާހަކަތަކުން އެނގެއެވެ. މި ދެންނެވި ރަށްތަކަކީ މަތިވަރު ރަނގަޅު ބޮޑެތި ރުއްދަނޑުތައް ރަނގަޅަށް ހެދޭ ތަނެކެވެ. ދިވެހީންގެ ކެއުން ބުއިމުގެ އެންމެ އަސާސީ އެކައްޗަކީ ކާށި ކަމަށް ވާތީ ކާށީގެ ނަފާ ހޯދުމަށް ކޮފޮރާ ތެޅުމަށާއި ދަނޑުވެރިކަން ކުރުމަށް ގާތްގަޑަކަށް ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއް ވަން ދެން ބަނޑަހަ ޖަހައިގެން އުޅެފައި ވެއެވެ. އެ މުއްދަތަށް ފަހު ވައި ފައްސިޔާވުމުން އެނބުރި އާދެއެވެ. މި ގޮތަށް މަދުވެގެން އަހަރަކު އެއްފަހަރު ދިވެހީން ފޯޅަވައްްސައް އައިސް ގޮސް ހަދާފައިވެއެވެ. އެއީ ޕޯޗަގީޒް ސައްޔާހު، ޕެޑުރޯ ހަސްކަރާސް، މީލާދީން 1512 ވަނަ އަހަރުގައި ފޯޅަވަހި ހޯދުމުގެ މާ ކުރީންނެވެ.

މަތީގައި ފާހަގަކުރި ފަދައިން ދިވެހިން އެކަނި މި ސަރަހައްދުގައި އުޅެމުން އަންނަނިކޮށް ފަރަންސޭސިންނަށް ފޯޅަވަހި ފެނިގެން ތަނަށް ވެރިވެގަނެގެން އިންޑަސްޓްރިއަލް އުސޫލުން ދަނޑުވެރިކަމާއި މަސްވެރިކަން ކުރުވަން އެފްރިކާގެ އެކި ގައުމުތަކުން މަސައްކަތު މީހުން ގެނެސް ޖިފުޓިތަކެއް ހަދާފައި ބޭތިއްބީއެވެ. އެެއިގެ ކުރީން ދިވެހީން ވެސް ކުރުމުއްދަތަށް ބަނޑަހަގެ ޖަހައިގެން ދަނޑުވެރިކަންކުރަން ތިބި ގޮތަށެވެ.

ގްރޭޓް ޗާގޯސް ބޭންކުގެ އުތުރު ފަރާތުގެ ތަންކޮޅެއް ފެއިން ފެށިގެ އުތުރަށް އޮތީ މެދުތެރޭ އިންޑިއަން އޯޝަންގެ ޑީޕް ސީ ޗެނެލްއެވެ. އެ ޗެނެލްގެ އެވެރެޖު ފުޅާމިނަކީ 500 ކިލޯ މީޓަރެވެ. އަދި ފުންމިނަކީ 4000 މީޓަރެވެ. ގްރޭޓަރ މޯލްޑިވު ރިޖު ވަނީ މި ދެންނެވި ފުން ކަނޑުގެ ސަރަހައްދާ ޖެހެންދެން ދެމިގެން ގޮސްފައެވެ. އެހެންވީމާ ރާއްޖޭގެ ދެކުނުން ފެށިގެން ޗާގޯސްގެ ޑީޕްސީ ޗެނެލްއާ ދެމެދު ހުރި ރަށްތަކަކީ ދިވެހިރާއްޖެ އުފެދިފައިވާ އަށީގެ މަތީގައިވާ ރަށްތަކެކެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!