އާމިންދައްތަ ދޫކޮށްލައި އަސްލު ކުށްވެރިޔާ ހައްޔަރުކުރާށެވެ.

Amin Dhaththa
އާމިންދައްތަ

އައްޑުއަތޮޅު ހިތަދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ އަންހެންމީހާ ބަންދުކުރުމަށް ކޯޓުން ޖަހާފައިވާ ހުކުމަކީ ބާތިލް ހުކުމެކެވެ. ބަންދު އަމުރުގައި ބުނަނީ ސަރިޔަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާކަމަށެވެ. ގަވާއިދުގައި އެއްޗެއް ލިޔެފައި އޮތުމަކީ އެކަމެއް ހަގީގަތަކަށް ވުމެއްނޫނެވެ. އެންމެ ފުރަތަމަ ސަރިޔަތަކީ ކޮބައިތޯއެވެ.

ސަރިޔަތް ނިމެންދެނޭ ބުނެވޭ ބަހުގެ މުރާދަކީ ތަހުގީގު ނިންމައި މައްސަލަ ކޯޓަށް ހުށަހަޅައި ސަރިޔަތުގެ މަޖިލިސް ތާވަލް ކުރުމަށްފަހު ސަރިޔަތް ނިމެންދެން ބަންދު ކުރުމެވެ. މި މައްސަލައިގެ ތަބީޔަތަށް ބަލާއިރު މުޖުތަމައަށް ނުރައްކާ ކަމަށް ބެލެވޭނެ ޖާގައެއްނެތެވެ. ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭނެ ހުއްޖަތެއްނެތެވެ. ބަންދުގައި ބަހައްޓަން ފުލުހުން ހުށަހެޅި ހުށަހެޅުމުގައި އެ އަހެންމީހާ ބަންދުގައި ބަހައްޓަން ޖެހޭވަރުގެ ސާފު ދަލީލެއް ހުށަހެޅިފައި ނެތެވެ.

ސްކޫލުގެ އެބުނާ ފާޚާނާއަށް ހަ އަހަރުގެ ކުއްޖަކާއި ބޮޑުމީހަކަށް ނުވަދެވޭކަމާއި ނުވެސް ވަދެވޭނޭކަން ވަރަށް ސާފެވެ. އެވަރުގެ ޖާގައެއް ނެތެވެ. އާއްމުގޮތެއްގައި ކުޑަކުދިން ފާޚާނާ ކުރުމަށްފަހު އެކުދިން ތާހިރު ކުރުމަށް ދޮރުމަތީގައި ހުރެގެން ފެން އަޅައިދެނީއެވެ.

ސްކޫލުގައި 30 އަހަރާ ގާތަށް މަސައްކަތް ކޮށްފައިވާ އަންހެނަކާއި ހަވާލުކޮށް ކުއްޖާ ފާޚާނާއަށް ފޮނުވުމަށްފަހު ފާޚާނާއިން ނިމި އެނބުރި އައުމުން ކުއްޖާޔާއި ހަވާލުވި އަންހެންމީހާ ގާތު ގޭގައި މަޑުކުރަން ބުނުމާއި އެ އަންހެންމީހާ ގެއާހަމައަށް ނުފޯރަނީސް ފުލުހުން އައުމުން ދޭހަވާކަމަކީ މިކަމުގެ ފަހަތުގައިވާ ހީލަތްތެރި ރޭވުމުގެ ނުބައިކަމެވެ.

އަންހެންމީހާގެ އުމުރާއި އެމީހާ ސްކޫލުގައި ހޭދަކޮށްފައިވާ މުއްދަތާއި އެމުއްދަތުގައި އެމީހާގެ ފަރާތުން އަޚުލާގީ، ސްލޫކީ، ނާތަހުޒީބު އެއްވެސް އަމަލެއް ސްކޫލުން ސާބިތުކޮށް ދީފައި ނުވާކަން ސާފުވާން އެބައޮތެވެ. އަދި އެސްކޫލުގައި އެމީހާ އުޅެނިކޮށް ކިޔަވައިނިމި މިއަދު ބޮޑެތި މީހުންނަށް ވެފައި ތިބި އެތަކެއް ތަރިވަރުން އެދަނީ އެދައްތަ އެވަރުގެ ކަމެއް ނުކުރާނެ ކަމަށާއި އެދައްތައަކީ ވަރަށް ރަނގަޅު ދައްތައެއް ކަމަށް ބުނަމުންނެވެ.

މިމައްސަލާގައި ފުލުހުންގެ އިސްވެރިޔަކަށް އައްޑޫގައި މިވަގުތު ހަރަކާތް ތެރިވަނީ މައްސަލައިގެ އަސްލު ތުހުމަތު ކުރެވޭ ފަރާތުގެ އާއިލީ މީހެކެވެ. ކޯޓުގައި ހުކުމް ޖަހައިދިން ފަނޑިޔާރަކީ މައްސަލައިގެ އަސްލު ތުހުމަތު ކުރެވޭ ފަރާތުގެ ޅިޔަނެކެވެ. ޖެންޑަރ މިނިސްޓަރަކީ އަސްލު ތުހުމަތު ކުރެވޭ ފަރާތުގެ އާއިލީ ބޭފުޅެކެވެ. ބަޔާން ނެގި ޑޮކްޓަރަކީވެސް މައްސަލައިގެ އަސްލު ތުހުމަތު ކުރެވޭ ފަރާތުގެ އާއިލީ މީހެކެވެ. ޑޮކްޓަރު ލަފާދިނީ ކުއްޖާއަށް ނަފްސާނީ ބަލި ޖެހިފައިވާ ކަމަށެވެ. މާލެގޮސް ޖެންޑަރގެ ކައުންސިލިން ހޯދުމަށެވެ. އެކަމަކު އަދިވެސް ނުހޯދައެވެ. ހޯދިޔަސް އޭގައި އޮތީ ސައްހަ ކޮން ނަތީޖާއެއްތޯއެވެ.

މީގެއިތުރުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރަކީވެސް މި މައްސަލައިގެ އަސްލު ތުހުމަތު ކުރެވޭ ފަރާތުގެ އާއިލީ މީހެކެވެ. މައްސަލައިގެ އަސްލު ރައްދުވާ ފަރާތުގެ ދަރިން ތިބީ ސިޔާސީ ޖަމާއަތްތަކުގެ ވެރިންނަށާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖަރުންގެ އިތުރުން ސިޔާސީ ނުފޫޒުގަދަ ވަޒީރުންގެ ކެންޕެއިން މެނޭޖަރުންނަށެވެ. މިވަރުގެ ވަރުގަދަ ދަލަކުން އުމުރުން ދުވަސްވީ ނިކަމެއްޗަކު ސަލާމަތްވެގެން ނިކުމެވޭނީ ފަހެ ކިހިނަކުންތޯއެވެ. މިއީ ކިހައިބޮޑު އަނިޔާއެއްތޯއެވެ.

ރައްޔިތުންގެ މަޖީލީހުގެ ކޮމިޓީއަކުން މައްސަލަ ބެލުމަށް މަސައްކަތް ކުރުމުން އެކަން ކުރިޔަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ. މައްސަލައިގެ ތެރެއަށް ވަނީ ކަމަށް ބުނާ މެންބަރުން ބޭރުފުށުން ދައްކަނީ ދަޅައެވެ. އެތެރޭގައި ހުރީ ހީލަތްތެރިކަމެވެ. މައްސަލައިގައި އަސްލު ތުހުމަތު ކުރެވޭ މީހާ ކުއްލިޔަކަށް ސިއްރިޔާތުގައި އަވަސްއަވަހަށް ރަށުން ފުރުވާލުމަށްފަހު މާލޭ އެއާޕޯޓުން އިންޑިއާއަށް ފުރުވާލީ ކީއްވެގެންތޯއެވެ. ހަމަ ކުއްލިޔަކަށް ބަލިވީތޯއެވެ. މިހުރިހާ ވަގުތަކު ފުލުހުން އެމީހާއަށް ހިމާޔަތް ދިނީ ކީއްވެގެންތޯއެވެ. މިހާރަކަށް އައިސް އާއްމު ރައްޔިތުން ދަތުރުފަތުރު ކުރާއިރު ފުލުހުން އެމީހުންގެ ކަންކަން ބަލަނީތޯއެވެ. ވައްކަން ނުކުރާ މީހަކު މަގުމަތީގައި ހުއްޓައި މިހިރީ ވަގެކޭ ބުނާއިރަށް އެމީހާ ދުއްވައިގަންނަން ޖެހޭތޯއެވެ.

މިހާރު ބަންދުގައި އެހެރަ އުމުރުން ދުވަސްވީ އަންހެންމީހާއަކީ ދުނިޔަވީގޮތުން ނިކަމެއްޗެކެވެ. އެކަމަކު މީސްތަކުންނަށް ބާރާއި ނިކަމެތިކަން ދެއްވަނީ އަދި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ގަދަކުޅަދުންވަންތަ އިލާހެވެ. އަނިޔާވެރިން އެންމެފަހުން ވެގެންދާނީ ނިކަމެތިން ކަމުގައެވެ. އެހެންވީމާ ތިމާގެ، އާއިލީ، ރައްޓެހި، ތިމާގެ ޖާހަށް، މިވިސްނުން ދޫކޮށް އިންސާފު ގާއިމުކޮށް ކަންކަމުގެ އަސްލަށް ރުޖޫއަވެ، މައްސަލަ ތަހުގީގުކުރުމަށާއި ބޭއިންސާފުން ބަންދު ކޮށްފައިވާ އަންހެންމީހާ ދޫކޮށްލުމަށް އިދާރާތަކަށް ގޮވައިލަމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!