އައްޝައިޚު ޢަބްދުﷲ ހާނީ، ސ.މީދޫ
އައްޝައިޚު ޢަބްދު ﷲ ހާނީ އަކީ މީދޫއަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ހަރުދަނާ ޝަޚްޞިއްޔަތެކެވެ. މީދޫގެ ކުޑަ ކަތީބު ކަމާއި ބޮޑުކަތީބު ކަމާއި މީދޫ އޮފީހުގެ ޒިންމާ ދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ. އައްޑު އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑައިރެކްޓަރ ކަމުގެ މަގާމު އަދާކުރެއްވި އެވެ. އަދި މަރަދޫގެ ކުޑަ ކަތީބުކަން ކުރެއްވިއެވެ. ހާނީ އަކީ 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރުގެ މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. އައްޑޫ މީދޫގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މީދޫގެ މިޒަމާނުގެ ކުރިއެރުމަށް އެންމެބޮޑު ޚިދުމަތެއް ކުރެއްވި ބޭފުޅަކީ ޢަބްދު ﷲ ހާނީ އެވެ.
ޢަބްދު ﷲ ހާނީގެ ނަސަބު ގުޅިފައިވަނީ މީދޫ ކޯގަންނު މެދު ޒިޔާރަތުގައި ފަސްދާނުލެވިފައިވާ މީދޫ އިސްލާމްކުރެއްވި އަލް ފަޤީހުލް ހާފިޒު ޔޫސުފު ނާއިބުކަލޭގެފާނުގެ ޔަހުޔާ ނާއިބުގެ ދަރިކޮޅާއި މީދޫ ކަޅިހާރު ދަރިކޮޅަށެވެ. ހާނީއަކީ މި ދެންނެވި ދަރިކޮޅުން އުފެދުނު ބޮޑެތި އިލްމުވެރީންނާއި އާއިލީގޮތުން ގުޅިވަޑައިގެން ހުންނެވި ޢިލްމީ ބޭފުޅެކެވެ. މީދޫ އިސްލާމް ވީއްސުރެން ފެށިގެން މީދޫގެ ވެރިކަން ކުރަމުން އައިސްފައިވަނީ މި ދެންނެވި އާއިލާއަށް ނިސްބަތްވާ ބޭފުޅުންނެވެ.
ޢަބްދު ﷲ ހާނީގެ ކާބަފައިންގެ ތެރޭގައި ގާޒީ މުހައްމަދު ޝަމްސުއްދީން އައްޑޫ ބޮޑު ފަނޑިޔާރާރު ތަކުރުފާނާއި އެތަކުރުފާނުގެ އިލްމުވެރި ބޭބޭފުޅުންން ހިމެނެއެވެ. މިގޮތުން އަލްއައްލާމާ އަހުމަދު ޝިހާބުއްދީނާއި އަލް ޤާޒީ ހުސެން ގުޠުބުއްދީން (ހުސެން ފަނޑިޔާރު) ތަކުރުފާނާއި އިބްރާހިމް ނާއިބު ތަކުރުފާނާއި ގުޅެއެވެ. އަދި އަލްފަޤީހު މޫސާ (މީދޫ އެދުރުތަކުރުފާނު) އާއި މީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނާއި ކުދުރަނިޔަގެ އެދުރު ކަލޭގެފާނު ފަދަ އެތައް އިލްމީ ބޭފުޅުންނާ ގުޅެއެވެ. އެއްދުވަސްވަރަކު ޢަރަބިއަކުރު ރީއްޗަށް ލިޔުމުގެ ރޮނގުން ރާއްޖޭގައި ހުންނެވި އެންމެ މޮޅު ފަންނާނު ޢަލްމުޢައްލިމް ޢަލީ ނުވަތަ މީދޫ ވަށޮދިޔަގެ މާލިމީ އަކީ ޢަބްދު ﷲ ހާނީގެ މުނިކާފައެވެ. އަދި އެންމެފުރަތަމަ މިޞްރުގެ ޖާމިޢުލް އަޒުރުން ކިޔަވާ ވިދާޅުވުމަށްފަހު ޢާލަމީ ފާސް ނަންގަވައިގެން ރާއްޖެ ވަޑައިގެންވި މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚުލް ޙާއްޖު ޢަބްދުއްރަހުމާނަކީ ޢަބްދު ﷲ ހާނީގެ ކާފައާ އެއްބަފާ ބޮޑުބޭބެއެވެ.
އަބްދުﷲ ހާނީގެ ބައްޕަ މުހައްމަދު މަނިކުފާނުގެ މާފަ ހުސެން މަނިކުފާނުގެ ކާފަ އަކީ ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނެވެ. މި ތަކުރުފާނަކީ އަލް ފަޤީހުލް ހާފިޒު ޔޫސުފު ނާއިބު ތަކުރުފާނުގެ ޔަހުޔާ ނާއިބުގެ ދަރިކޮޅުގެ ބޭފުޅެއްކަމުގައިވާ ބޮޑުބަނޑާރައި ތަކުރުފާނުގެ އީސާބަންޑާރައި ނާއިބު ތަކުރުފާނުގެ ވަޒީރުއްޞަޣީރު އަލީގެ އައިސާބީގެދަރު ދޮން ހުސެންތަކުރުފާނުގެ ގެދަރު އަލްޚަޠީބު އަލި ތަކުރުފާނުގެ އަންނާއިބު މުހައްމަދު ތަކުރުފާނެވެ.
އަބްދު ﷲ ހާނީގެ ކާފައަކީ މީދޫ ކަޅިހާރު ހައްވާބީ އާއި ކުދުރަނިޔަގެ އެދުރު ކަލޭގެ ކައިވެނި ބައްލަވައިގެން ލިބުނު ކުދުރަނިޔަގެ މަރިޔަމްބީއާއި އެޅެތޮށިގޭ މުހައްމަދު ޚަތީބު މަނިކާ(ދޮށީ ޚަޠީބު މަނިކާ) ކައިވެނި ބައްލަވައިގެން ލިބުނު ކުދުރަނިޔަގެ އައިސާބީގެ ޙައްވާބީ އާއި އަލް މުއައްލިމް ޢަލީ (މީދޫ ވަށޮދިޔެ ގެ މާލިމީ) ކައިވެނި ބައްލަވައިގެން ލިބުނު ހަސަން މަނިކާ (ހައްވާ ރަނިޔަގެ ހަސަން މަނިކާ)އެވެ. ހާނީގެ މުންނައަކީ މީދޫ އަލްފަޤީހު މޫސާ (މީދޫ އެދުރުތަކުރުފާނު) ގެ އެދުރުގޭ ހައްވާފާނުގެ ކައްދާފާނުގެ އާމިނާފާނާއި، ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނުގެ ގަނޑުވަރު ދޮން މަނިކުފާނުގެ ހުސެން މަނިކުފާނު ކައިވެނި ބައްލަވައިގެން ލިބުނު މަރްޔަމް މަނިކުފާނާއެވެ. މި ދެންނެވި މަރްޔަމް މަނިކުފާނާއި ހައްވާ ރަނިޔަގެ ހަސަން މަނިކާ ކައިވެނި ބައްލަވައިގެން ލިބުނު މުހައްމަދު މަނިކުފާނަކީ ހާނީގެ ބައްޕައެވެ. ހާނީގެ މަންމައަކީ އައްސުލްޠާނު އަލީ 7ގެ އައްސުލްޠާނު ހަސަން 10ގެ އިބްރާހިމް މަނިކުފާނުގެ ހުސެން މަނިކުފާނު، އައިސާބީގެދަރު ކައްދާ މަނިކުފާނާއި ކައިވެނި ބައްލަވައިގެން ލިބުނު މުހައްމަދު މަނިކުފާނު (މީދޫ ރަހާ)ގެ ހުޅުދުމައިގޭ މޫސާ މަނިކުފާނުގެ އައިސާމަނިކުފާނުގެ ފާތިމާ މަނިކުފާނާއި، ހުޅުދުމައިގޭ މޫސާ މަނިކުފާނުގެ ހައްވާ މަނިކުފާނުގެ އިބްރާހިމް މަނިކުފާނު ކައިވެނި ބައްލަވައިގެން ލިބުނު އާމިނާ މަނިކުފާނެވެ.
އައްޝައިޚު ޢަބްދު ﷲ ހާނީ އޭނާގެ ޅައިރުގެ ތަޢުލީމީ ޙަޔާތް ހޭދަކުރެއްވީ އޭނާގެ ރަށް އައްޑޫ މީދޫގައެވެ. މިގޮތުން ހުޅުދޫއާއި މީދޫ ގައި އެދުވަސްވަރު ހިންގި މަދަރުސާތަކަށް ވަޑައިގެން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އޭގެތެރޭގައި މީދޫ މަދަރުސަތުލް ހިދާޔާ (ގާޒީ މުހައްމަދު ޝަމްސުއްދީން ސްކޫލް) އާއި މަދަރުސަތުލް ޒަހަބިއްޔާ އާއި ހުޅުދޫ ނަސްރިއްޔާ ސްކޫލް ހިމެނެއެވެ. އޭނާގެ އުސްތާޛުންގެ ތެރޭގައި މީދޫ އަލްފާޟިލް މުޙައްމަދު ނަޖީބުއާއި އަލްފާޟިލް ޢަބްދު ﷲ ބާޤިރު އާއި އަލްފާޟިލް ޢަބްދުﷲ ނާފިޒުއާއި ހުޅުދޫ އެޅެހިށިގޭ އަލްފާޟިލް ޢަބްލް މުޙުސިން އާއި ހުޅުދޫ އައްޝައިޚު ޢަބްދުލްބާރީ އާއި ހުޅުދޫ އައްޝައިޚު އިބްރާހިމް ތައްޚާނު ހިމެނެއެވެ.
ޅަފުރައިގެ ދުވަސްތައް އޭނާގެ އުފަންރަށުގައި ހޭދަކުރުމަށް ފަހު އިތުރަށް ތަޢުލީމް ޙާޞިލުކުރެއްވުމަށް ދެން ޢަބްދު ﷲ ހާނީ ވަޑައިގަތީ މާލެއަށެވެ. މާލެ ވަޑައިގެން އަދަމް ހަލީމު ހިންގެވި ހިދާޔާ ސްކޫލުގައ ކިޔަވާ ވިދާޅުވިއެވެ. މާލޭގައި ހުންނެވުމަށްފަހު ރަށަށް ވަޑައިގެން ރަށުގައި ހުންނެވުމަށްފަހު ހާނީ ވަޑައިގަތީ އިންޑިޔާ އަށެވެ. އިންޑިޔާއަށް ވަޑައިގަތް އިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އިންޑިޔާއަށް ވަޑައިގެން އިންޑިއާގެ އިސްލާމީ ޖާމިޢާ ތަކުން ޢިލްމު އުނގެނިވަޑައިގަތެވެ. ގުޖުރާތުގެ ޑާބީލްގެ ޖާމިޢާ އިސްލާމިއްޔާ ތަޢުލީމުއްދީން އާއި ޓެމިލް ނާޑޫގެ ވެއްލޫރުގެ ބާގިޔާތުއްޞާލިހާތާއި ޢުމަރުއާބާދުގެ ދާރުއްސަލާމް ހިމެނެއެވެ. ޢަބްދު ﷲ ހާނީ ވަނީ އުމަރު އާބާދުގެ ދާރުއްސަލާމުން ޝަހާދަތުލް ޢަލަމިއްޔާ ހާޞިލް ކުރައްވާފައެވެ. އައްޝައިޚް ޢަބްދު ﷲ ހާނީ އަކީ ދިވެހި އަދަބިއްޔާތު، އަރަބި، އުރުދޫ، އަދި ޝަރުއީ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. ޢަބްދު ﷲ ހާނީ އަކީ ދީނީ ތަޢުލީމް ޙާޞިލު ކުރައްވައިގެން ހުންނެވި ބަލާޢާތްތެރި މުޤައްރިރެކެވެ. މޮޅަށް ވާހަކަދައްކަވާ ފަސާޙާތްތެރި ދުލެއްގެ ވެރިއެކެވެ. ކުޅަދާނަ ލިއުންތެރިއެކެވެ. މަދަރުސާތަކުގައި ކިޔަވައިދެއްވާ މުދައްރިސެކެވެ. ތާރީޚު ދިރާސާކުރައްވާ އެރޮނގުން ލިއުންތައް ޝާއިޢުކޮށް ހައްދަވާ ބޭފުޅެކެވެ.
އައްޝައިޚް ޢަބްދު ﷲ ހާނީ ތައުލީމު ޙާޞިލުކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު އެކި ރޮނގުރޮނގުން ގައުމަށް ޚިދުމަތްކުރެއްވިއެވެ. މިގޮތުން ހާނީ އެންމެފުރަތަމަ ކުރެއްވިކަމަކީ މާލޭގައި ދިރާސާތުލް އަސްރިއްޔާގެ ނަމުގައި ކުލާހެއް ރެޖިސްޓްރީކޮށް އެކްލާސް ހިންގުމެވެ. މިކްލާސް ހިންގެވީ ގ. ހޮރިޒަންގައެވެ. އަދި އެދުވަސްވަރު ބޭރު ގައުމުތަކުން ދިވެހިރާއްޖެ ވަޑައިގަންނަވާ ވާއިޒުން އަރަބި ބަހާއި އުރުދޫ ބަހުން ދެއްވާ ދީނީ ދަރުސްތައް، ދިވެހި ބަހަށް ތަރުޖަމާކޮށް މީހުންނަށް ބުނެދެއްވިއެވެ. އިނގިރޭސިބަހުން ދެއްވާ ދަރުސް ތައް ދިވެހި ބަހަށް ތަރުޖަމާކޮށް ދެއްވީ ހާނީގެ އެކުވެރިޔާ މިހާރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފުއެވެ.
އެއަށްފަހު އައްޑޫއަށް ވަޑައިގެން ހުޅުދޫ އާއި މީދޫގެ މިސްކިތްތަކުގައި ވެސް ދީނީ ނަޞޭޙަތް ދެއްވިއެވެ. މިގޮތުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އައްޑޫ މަރަދޫ އަށް ވަޑައިގަތެވެ. މަރަދޫއަށް ވަޑައިގެން މަރަދޫ ސްކޫލްގެ ނާޒިރެއްގެ ހައިސިއްޔަތުން އެ ސްކޫލް ހިންގެވުމާއި ހަވާލުވިއެެވެ. މަރަދޫގައި ހުންނެވި ދުވަސްވަރު އަޒުމް ކިޔާ މަޖައްލާ އަކާއި މަހިނޫރު ކިޔާ މަޖައްލާއެއް ރެޖިސްޓްރީ ކުރުމަށްފަހު މަހަކު 1 ފަހަރު އެ މަޖައްލާ ނެރުއްވަމުން ގެންދެވިއެވެ. މީގެ އިތުރުން އައްސޭރި ކިޔާ ނޫހެއް ރެޖިސްޓްރީކޮށް އެނޫސް ހިންގެވިއެވެ. އަމިއްލައަށް ޗާޕުކުރާ މެޝިނެއް ހޯއްދަވައިގެން ނޫސްސްތަކާއި މަޖައްލާ ތަކާއި ދައުވަތު ކާޑުތައް ޗާޕް ކުރައްވަމުން ގެންދެވިއެވެ. އައްޑޫގައި އެންމެ ގިނަދުވަސްވާދެން މެދު ކެނޑުމެއްނެތި ޕްރިންޓް ކޮށްގެން ހިންގެވި ނޫހަކީ މިދެންނެވި އައްސޭރި ނޫހެވެ.
މަރަދޫ ސްކޫލްގެ ނާޒިރެއްގެ ހައިސިއްޔަތުން އެ ސްކޫލުގައި ގާތްގަޑަކަށް 2 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު އެތަނަށް ހެޔޮބަދަލު ގެނެސް ދެއްވުމަށްފަހު ހާނީ ދެން ގުޅިވަޑައިގަތީ ސިޔާސީ ދާއިރާ އާއެވެ. މިގޮތުން ފުރަތަމަ އަދާކުރެއްވީ މަރަދޫ ކުޑަ ކަތީބުކަމުގެ ވަޒީފާއެވެ. މި ވަޒީފާ އަދާ ކުރައްވަން ފެއްޓެވީ 1983 ވަނައަހަރުގެ މާރޗް މަހުގެ 31 ވަނަދުވަހުގައެވެ.
މަރަދޫގައި ހުންނެވުމަށްފަހު ހާނީ އޭނާގެ އުފަން ރަށް މީދޫ އަށް ބަދަލުވިއެވެ. މީދޫއަށް ބަދަލުވީ 1987 ވަނައަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަދުވަހުގައެވެ. މީދޫ ކުޑަކަތީބު ކަމުގެ މަގާމުގައި ހުންނަވަނިކޮށް 1992 ވަނައަހަރުގެ ޖުލާއި މަހުގެ 15 ވަނަދުވަހު މީދޫގެ ބޮޑުކަތީބު ކަމުގެ މަގާމު އޭނާއަށް ލިބިވަޑައިގަތެވެ. އެގޮތުން މީދޫގެ އެންމެ އިސްވެރިއަކަށް ހާނީ ވެވަޑައިގަތެވެ. ހާނީ މީދޫގެ އިސްވެރިއަކަށް ހުންނަވައިގެން ރަށުގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީ ކުރިއަށް ގެންދިއުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރަށުގެ ވެރިކަމާ ޙަވާލުވުމުގެ ކުރީން ރަށުގެ ޙާލަތު އޮތް މިންވަރަށް ވުރެ ރަށުގެ ޙާލަތު ބަދަލުވެގެން ދިއުމުގައި އޭނާގެ ދައުރު ބޮޑެވެ.
ޢަބްދު ﷲ ހާނީ ގެ ބެއްލެވުމުގެ ދަށުން މީދޫގައި ކުރެވިފައިވާ ބޮޑެތި މަޝްރޫއު ތަކުގެ ތެރޭގައި، މީދޫގެ ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމާއި، މީދޫ އޮފީހުގެ ޢިމާރާތް ހެދުމާއި، މަސްޖިދު އިބްރާހިމް މަޖުދުއްދީން ޢިމާރާތްކުރުމާއި، ކޯގަންނުގެ އިންފާރު ރޭނުމާއި، ޝަމްސުއްދީން ސްކޫލުގެ އާ ޢިމާރާތް ހެދުމާއި، މީދޫގައި މުޅީން އާ ފުޓްބޯޅަ ދަނޑެއް ހެދުމާއި، މީދޫގެ ބަނދަރު ހެދުމާއި، ރަށުގައި ސައުވީސްގަޑިއިރު ކަރަންޓް ލިބޭނެ ގޮތް ހެދުމަށްޓަކައި ބިނާކުރެވުނު އިންޖީނުގެ ޢިމާރާތްކުރުން ހިމެނެއެވެ.
ހާނީ އިސްވެ ހުންނަވައިގެން އުފައްދައި ހިންގަމުންދިޔަ އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓްގެ ފަރާތުން ބިނާކުރި، އިޖްތިމާޢި މަރުކަޒަކީ ވެސް ހާނީގެ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ޚިދުމަތެކެވެ. މީދޫ މަޖުދުއްދީން މަގުގެ އިރުމަތީ ފަރާތުން ވޭރާނޑު އަތިރިއަށް ދެވޭނޭ ގޮތަށް ހެއްދެވީ ހާނީއެވެ.
މަރަދޫގައި ހުންނެވިއިރު ޗާޕްކޮށްގެން ނެރުއްވަމުން ގެންދެވި މަޖައްލާތަކާއި އައްސޭރި ނޫސް މީދުއަށް ވަޑައިގެން ވެސް ޗާޕްކޮށްގެން ނެރުއްވަމުން ގެންދެވިއެވެ. އެމަޖައްލާގައި އަމިއްލައަށް އެކި ރޮނގުރޮނގުން އަދަބީ ލިއުންތަކާއި މަޒުމޫނުތައް ލިއުއްވައި ހެއްދެވިއެވެ. ނޫސްވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި ލިޔުންތެރިކަން ފާހަގަކޮށް ރިހި ގަލަމަކާއި ހަނދާނީލިޔުމެއް ހާނިއަށް ލިބިވަޑައިގަތެވެ.
ރަށު އޮފީހާއި ރކއ ކޮމިޓީގެ އިސްވެރިއަކަށް ހާނީ ހުންނެވި ދުވަސްވަރު ގުރުއާން ހިތު ދަސްކޮށްދޭ ކުލާހެއް ރެޖިސްޓްރީ ކުރުމަށްފަހު އެކްލާސް ހިންގެވިއެވެ. މިކްލާހުގައި ބައިވެރިވި ގިނަބަޔަކު ކީރިތި ޤުރްއާން ހިތުދަސްކުރިއެވެ. ސ. މީދޫ ބެންހާގެ ހަސަން މުހައްމަދު އާއި ކޮތަންގެ އަބްދުއްރަހުމާނަކީ ވެސް އެކުލާހުގައި ބައިވެރިވެ ހިތުދަސް ކިޔުނު ދެ ހާފިޒުންނެވެ.
މީދޫގެ ބޮޑުކަތީބު ކަމުގެ މަގާމުގައި ޢަބްދު ﷲ ހާނީ އުޅުއްވަނިކޮށް ރާއްޖޭގައި މަލްޓިޕާރޓީ ނިޒާމު ޤާއިމުވެ، ރާއްޖޭގައި އުފެދިގެން އައި ލާމަރުކަޒީ ނިޒާމުން އައްޑުއަތޮޅަކީ ސިޓީ އަކަށް ބަދަލުވުމުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރުމުގައި ޢަބްދު ﷲ ހާނީ ވެގެންދިޔައީ ވަރަށް މުހިއްމު ބޭފުޅަކަށެވެ. އެއަށްފަހު 2014 ވަނައަހަރުގެ ފެބްރުއަރީ 13 ވަނަދުވަހު ޢަބްދު ﷲ ހާނީ ވަނީ ރިޓަޔަރ ކުރައްވާފައެވެ. އެހެންނަމަވެސް އޭނާގެ ވެރިކަމުގެ ދުވަސްވަރު ކުރެއްވި ޚިދުމަތްތަކުގެ އަސަރު މީދޫގެ އެކި ދިމަދިމާއިން މިހާރުވެސް ފެންނާން އެބަހުއްޓެވެ.
ފަހުގެ ޚިޔާލުތައް