އަބްދު ﷲ ނާސިރު ގެ މަރަކީ ބޮޑުވެގެންވާ އިހުމާލެކެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖޭގައި ނިޔާވި މީހުންގެ ލިސްޓްގައިވާ 268 ވަނަ މީހާގެ ވާހަކައެވެ. އެއީ އައްޑޫ މީދޫގައި މިބަލިޖެހިގެން ނިޔާވި ފުރަތަމަ މީހާއެވެ. އުމުރަކީ 76 އަހަރެވެ. ކޮވިޑް ފެސިލިޓީއަށް ވެއްދިތާ 33 ގަޑިއިރުނުވަނީސް މިދުނިޔެއާ ވަކިވީއެވެ. އޭނާ ހިތަދޫއަށް ގެންދިޔައީ އެކްސިޑެންޓެެއްގައި އަނިޔާވުމުން އެކްސްރޭއެއް ނެގުމަށެވެ. ހުޅުދޫ މީދޫގައި އެކްސްރޭ ނެގޭނެ ގޮތެއް ނެތުމުންނެވެ.

އާދައިގެ މަތީން ހެނދުނު އަބްދު ﷲ ނާސިރު ގެއިން ނިކުތީ ފިހާރައަށެވެ. ދިޔައީ ސައިކަލުގައެވެ. ކާފަދަރިފުޅު އަޒަމްގެ ސްކޫލް އިންޓަވަލް ގަތުމަށެވެ. އެއީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހެވެ. މަގުމަތީގައި ވަނީ ފެންބޮޑުވެ ޗަކަހެދިފައެވެ. މަގުގެ އެއްފަރާތުން ފާރާއި ކައިރިން ދުއްވަނިކޮށް ކަރަންޓު ޑިސްޓްރިބިއުޝަން ބޮކްސްގައި ޖެހި ސައިކަލާއެކު ވެއްޓުނީއެވެ. އެހެން ދެމީހަކަށް މަންޒަރު ފެނުމުން އަބްދު ﷲ ނާސިރު ނަގައިގެން ދިޔައީ އޭނާގެ ގެއަށެވެ. އެއަށްފަހު ސިއްހީ މަރުކަޒަށެވެ. އެއީ ހުޅުދޫ މީދޫ ސިއްހީ މަރުކަޒެވެ.

ޑިސްޓްރިބިއުޝަން ބޮކްސްގައި ޖެހި އަނިޔާވެފައިވަނީ ކަނާތުފައިގެ އިނގިލިތަކަށެވެ. ކުޑަ އިނގިލީން ފެށިގެން ބޮޑުއިނގިއްޔާއި ހަމައަަަށް ވަނީ ފުންކޮށް ކަފައިގެން ގޮސްފައެވެ. ޒަޚަމުވެފައިވާތަން ފަހައި އެތާގައި ބޭސް އެޅިއެވެ. ފައިގެ މެދު އިނގިލި ސަލާމަތް ވާނެކަން އެނގޭނީ ތިން ދުވަސް ފަހުން ކަމަށްވެސް އެންގިއެވެ. އެކްސްރޭ ނަގަން ބޭނުންވާކަމަށްވެސް ބުންޏެވެ. އެކްސްރޭ ނެގުމަށްޓަކައި ދާންޖެހޭނީ ހިތަދޫގައި ހުންނަ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. ހުޅުދޫ މީދޫ ސިއްހީ މަރުކަޒުގައި އެކްސްރޭ ނެގޭކަށް ނުހުރެއެވެ. އެކަމަކު ހުޅުދޫ މީދޫގެ އާބާދީ 7000 އަށްވުރެ ގިނައެވެ.

އެހީތެރިންގެ ގޮތުގައި ހިތަދޫއަށް ދިޔައީ އަބްދު ﷲ ނާސިރުގެ ދަރިފުޅު އިބްރާހިމްދީދީ އާއި ކާފަ ދަރިފުޅު ހިޒްޔަމެވެ. މީގެ އިތުރުން ސިއްހީ މަރުކަޒުގެ 2 ނަރުހުންނެވެ. އޭއީއެޗަށް ގެންގޮސް އެތަނުން އެކްސްރޭ ނެގުމުން އަބްދު ﷲ ނާސިރުގެ ފައިގެ އިނގިއްޔެއް ބިނދިފައިވާކަން އެނގުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮވިޑް-19ގެ ނަތީޖާ ލިބުނެވެ. ކޮވިޑް 19 އަށް ޕޮޒިޓިވްވީއެވެ. އެމީހުން އެންގީ ފަރުވާއަށް ގެންދަން ޖެހޭނީ ހިތަދޫގައި ހުންނަ އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީއަށް ކަމުގައެވެ.

އަބްދު ﷲ ނާސިރު ބުންޏެވެ. އެތަނަށް ތިމަންނަ ނުގެންދާށެވެ. އެތަނަށް ނުގެންދަން އެދި އާދޭސް ކުރިއެވެ. ރުޔެވެ. އެކަމަކު އެމީހުން ބުނީ ކޮންމެހެންވެސް ގެންދަން ޖެހޭކަމަށެވެ. އެތަނަށް ނުދާން އުޅުމުން ބާރުގެ ބޭނުންކޮށް ހިފާހައްޔަރުކޮށް ބެލްޓް އެޅުވިއެވެ. އެހިނދު އަބްދު ﷲ ނާސިރުގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެންބިއުލާންސަށް އަރުވައިގެން ގެންދިޔައީ އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީ އަށެވެ. އޭރު އެތާގައި އެޑްމިޓް ކޮށްފައިވަނީ އެންމެ ޕޭޝަންޓެކެވެ.

އިރުކޮޅަކުން އެތަނުން އެންގީ އަބްދު ﷲ ނާސިރުގެ ހާލު ސީރިއަސް ވެއްޖެކަމުގައެވެ. ސޯޑިއަމް ދަށްވެ ޕޮޓޭސިއަމް މަތިވީޔޯލައެވެ. ޑައިބެޓިކް ޕޭޝަންޓަކަށް ވިޔަސް ޝުގަރ ލެވެލް ރަގަޅުކަމަށް ވެއެވެ. އަބްދު ﷲ ނާސިރުގެ ކައިރީގައި އެހީތެރިއަކު ބަހައްޓައި ދިނުމަށް އެދުމުން އެކަމަށް ރަސްމީ ފަރާތްތަކުގެ ހުއްދަ ލިބޭގޮތެއް ނުވިއެވެ. އެތަނުން އެންގީ ބަލިމީހާގެ އެހީތެރިއަކަށްވެސް ވެވޭނީ ޕޮޒިޓިވް ވެގެން ކަމަށެވެ. އިރުކޮޅެއްފަހުން އިންޗާޖު އެންގީ ޕޮޒިޓިވް މީހަކަށް ވެސް ނުވަދެވޭނެ ކަމަށެވެ.

އެރޭގެ ދަންވަރު އެންގީ މިހާރު އަބްދު ﷲ ނާސިރަށް ނުވެސް ހިނގޭ ކަމަށެވެ. ޖެހިގެން އައި ދުވަހެވެ. ޖެނުއަރީ 19 ވަނަ ދުވަހެވެ. ކާން ދިނުމަށްޓަކައި ހޮޅި ގުޅަން ކުރި މަސައްކަތުގައި އަބްދު ﷲ ނާސިރުގެ ނޭފަތުން ވަރަށް ގިނައިން ލޭއައެވެ. ސީޓީ ސްކޭނެއް ހަދަން ބޭނުންވާކަން އެންގިއެވެ. ސްކޭން ހެދުމަށްޓަކަައި ކޮވިޑް މެނޭޖްމަންޓު ފެސިލިޓީން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނެވެ. ސްކޭން ހަދައި ނިމުމުން އަނބުރާ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީއަށް ގެންދެވުނީ އިރުއޮއްސުނު ފަހުންނެވެ.

އަބްދު ﷲ ނާސިރުގެ ކުދީންގެ ތެރެއިން ކުއްޖަކު އެހީތެރިއެއްގެ ގޮތުގައި ބަހައްޓައި ދިނުމަށް އެދުމުން އެކަން އެހެން ނުކުރެވޭނެކަމަށް އަނެއްކާވެސް އެންގިއެވެ. އެކަމަކު އެތަނަށް ވަނުމުގެ ހުއްދަ ފަހުން ލިބުނެވެ. ޕީޕީއީ ލައްވާފައި އެތަނަށް ވެއްދީ އަބްދު ﷲ ނާސިރުގެ ދަރިފުޅު ހަސަން ނާސިރެވެ. އޭރު ބައްޕަގެ މޫނުގައިވަނީ އޮކްސިޖަން ބައިޕާސް މާސްކެއް އަޅާފައެވެ. ހަސަނު ބުންޏެވެ. ބައްޕައަށް ގޮވުމުން ރެސްޕޮންޑް ކުރިއެވެ. ގިނައިރުތަކެއް ނުވަނީސް ހަސަނު އެތަނުން ބޭރުވާން އެންގިއެވެ.

ޖެނުއަރީ 20 ވަނަ ދުވަހު ހެނދުނު 8:25 ގައި ފޯނުންގުޅާފައި އެންގިއެވެ. އަބްދު ﷲ ނާސިރުގެ ހާލު ސީރިއަސް ވެއްޖެއެވެ. އޮކްސިޖަން ލެވެލް ދަށްވެ ވެންޓިލޭޓަރާއި ގުޅުމުގެ މަސައްކަތް ކުރަނީއެވެ. އެޕްރޮސީޖާގެ ތެރެއިން ފުރާނަ ދިއުމަކީވެސް އެކަށީގެންވާކަމެއްކަމުގައި އެންގިއެވެ. ގިނައިރުތަކެއް ނުވަނީސް އަލުން އެންގިއެވެ. ކޮވިޑް ނިއުމޯނިޔާގެ ސަބަބުންނާއި ޓައިޕް 2 ރެސްޕިރޭޓަރީ ފެއިލިއާރގެ ސަބަބުން އަބްދު ﷲ ނާސިރު ދުނިޔެ ދޫކޮށްފިއެވެ. އެއީ ހެދުނު 9:00 ގައެވެ.

ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން އަބްދު ﷲ ނާސިރު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ގެންދެވުނުއިރު އެތަނުގައި އެހެން ޕޭޝަންޓަކު އޮތެވެ. އެއީ ހިތަދޫ ޒުވާނެކެވެ. އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ލިޔުނެވެ. މީދޫން ގެންދިޔަ ޕޭޝަންޓާމެދު ފެސިލިޓީގައި ކަންކަން ކުރެވުނީ ވަރަށް އިހާނެތިކޮށެވެ. އަޅާލުމެއް ނެތެވެ. މިޒުވާނާޔަކީ އަބްދު ﷲ ނާސިރުގެ އާއިލާގެ ކޮންމެވެސް ކުއްޖަކާ ރަހުމަތްތެރިކަމެއް އޮންނަ ޒުވާނެއްކަމުން އޭނާއަށް ގުޅައިގެން އިތުރު ތަފްސީލަށް އެދުމުން ކިޔައިދިނެވެ. ތިމަންނާޔަށް ފާޚާނާއަށް ދެވެނީ އަބްދު ﷲ ނާސިރު އޮތް އެނދުގެ ކުރިމަތިންނެވެ. އެހެންވެ ވަރަށް ގިނައިން އެ އެނދު ހުރަސްކުރަން ޖެހެއެވެ. ފެނެއެވެ. އިވެއެވެ.

ޒަޚަމުވެފައިވާތަން ފަހައި އެތާގައި ބޭސް އަޅާފައި

ނިޔާވިރޭ ދަންވަރުވެސް ނޭފަތުން ވަރަށް ގިނައިން ލޭ ފޭބިއެވެ. ފަތިސްދަމުގައި އަބްދު ﷲ ނާސިރު އެހީތެރިކަމަށް އެދި ގޮވާ އަޑު އެހީމެވެ. ނަރުސްކުއްޖަކަށް އިވުނުކަމަށް ނުވިއެވެ. ނީވެންޖެހޭ ސަބަބެއް ނެތެވެ. ތިމަންނާޔަށްވެސް އިވުނީއެވެ. އެހީތެރިކަމަށް އެދި ގޮވިފަހުން މީހެއްގެ ހިލަމެއްވެސް ނުވެ އެތައް އިރެއްވީފަހުން ނަރުސް ކުދިން އައިސް ބަލަބަލައިފައި ފުރޮޅަފުރޮޅައިފައި ބޭބެ މިކޮޅަށް ބަލައިބަލާށޭ، އެއްޗެއް ބުނެބަލާށޭ ކިޔަކިޔައިފައި ނިކަން ހާސްވެ ތިބެގެން ކޮންމެވެސް މީހަކަށް ފޯނުކޮށްފައި ބުންޏެވެ. މީދޫން ގެނައި މީހާ މިހާރު ރެސްޕޮންޑެއް ނުކުރެއެވެ. މިމީހާ ވެންޓިލޭޓަރާއި މިގުޅަނީއެވެ. މި ޕްރޮސީޖަރުގެ ތެރޭގައި ފުރާނަ ދިޔުންވެސް އެކަށީގެންވެއެވެ. އެވާހަކަ އާއިލާއަށް އަންގާށެވެ.

މަންޒަރު ދުށް ޒުވާނާގެ ވާހަކަ ވަރަށް ދިމާވެއެވެ. އާއިލާޔަށް އެންގީ ހަމައެހެންނެވެ. އެކަމަކު ވެންޓިލޭޓަރާއި ގުޅަނީއޭ ގުޅައިފީމޭ، ފުރާނަވެސް ހިނގައިދާނެޔޭ ބުނީ ފުރާނަ ދިޔަފަހުންނެވެ. ވެންޓިލޭޓަރުގެ ބޭނުން ކެނޑުނު ފަހުންނެވެ. އެހީތެރިކަމަށް އެދި އަބްދު ﷲ ނާސިރު ގޮވައި އާދޭސްކުރިއިރުވެސް އެއަޑު ނާހައި ތިބޭނެ އިރަކު ތިބެފައި ފުރާނަ ދިޔަފަހުންނެވެ.

އަބްދު ﷲ ނާސިރުގެ ފުރާނައަށް ހެޔޮރަހުމަތް މިންވަރު ކުރައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ.

ހިނެވުމުގެ ކަންތައް ކުރިއަށް ދިޔައީ އޭސީއެމްއެފް ގެ ޓީމަކުންނެވެ. އިސްކޮަށް ހުންނެވީ ޝައިޚު އަނީލެވެ. މޫނު ދެއްކުމަށް 15 މިނިޓާއި 30 މިނިޓްގެ ވަގުތުކޮޅެއް ދިނެވެ. މޫނު ބަލަން ވަދެވޭނީ އާއިލީ މެމްބަރުނަށް އެކަނިކަމުގައި ވެސް އެންގިއެވެ. މޫނު ދެއްކުމާއި ހިނެވުން އޮތީ ގެލެކްސީ ގައެވެ. ކަށުނަމާދު އޮތީ ތާރުއެޅި މަގުގެ އުތުރު ފަރާތުގައެވެ. އެއީ ކޯގަންނުގެ ހުޅަނގު ފަރާތެވެ. ކަށުނަމާދު އޮތީ ހަވީރު 4:30ގައެވެ. ވަޅުލެވުނީ މައްޔިތާ މީދޫއަށް ގެންގޮސް ކޯގަންނު ގަބުރުސްތާނުގައި ކޮވިޑަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުގައެވެ.

އަބްދު ﷲ ނާސިރުގެ ބައްޕައަކީ ހުޅުދޫ ގައުމާތަގޭ މަނިކުފާނުގެ މީދޫ މުހައްމަދު ރަހާގެ އަހުމަދު މަނިކުފާނެވެ. މަންމައަކީ މީދޫ ގަނޑުވަރު އަހުމަދު ދީދީގެ އަލި ދީދީ، އެދުރުގޭ އާމިނާފާނުގެ އައިސާ މަނިކުފާނާއި ކައިވެނި ބައްލަވައިގެން ލިބުނު ދޮން ދީދީގެ އާއިޝަތު ދީދީއެވެ. އަބްދު ﷲ ނާސިރު ކައިވެނިކުރީ ކަޅިހާރު އާއިޝަތުދީދީގެ އާބިދާއާއެވެ. އެކައިވެނިން ހަތަރު ފިރިހެންކުދިންނާއި އަންހެންކުއްޖަކު ލިބިފައިވެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!