އިސްލާމް – ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއް ހެއްޔެވެ؟”
ތަރުޖަމާއެއް، އަސްލު ލިޔުއްވީ އުލާމްނަބީ ކަޝާއީ
މަތީގައިއެވާ މައިގަނޑު ނަމަކީ ފޮތެއްގެ ނަމުގެ ތަރުޖަމާއެވެ. އެފޮތުގެ މުޞަންނިފަކީ އިސްލާމްދީނުގެ ދަންނަބޭކަލެއް ނޫނެވެ. މުސްލިމް މުފައްކިރެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ހިންދީ ސްކޮލަރެކެވެ. ސުވާމީ ލަކްޝަމީ ޝަންކަރު އަޗާރިޔާއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ގައެވެ. އުއްތަރުޕްރަދޭޝްގެ ކާންޕޫރުގައެވެ. އޭނާއަކީ ބުރަހްމަން ޢާއިލާއެއްގެ މެމްބަރެކެވެ. އޭނާގެ ބައްޕަ ސީތާރާމް ތަރުޕާއާއި، މަންމަ ކޯޝީލާދޭވީއާ ދެކަނބަލުންނަކީ ދެ ޓީޗަރުންނެވެ. ސުވާމީޖީ ތަޢުލީމު ހާސިލުކުރެއްވީ ކާންޕޫރުންނާއި، އިލާހުއާބާދުންނެވެ. އޭނާ ތަޢުލީމީ ދައުރު ނިންމެވުމަށްފަހު މާގިނަދުވަސްތަކެއްނުވެ މާއްދިއްޔަތު ދޫކޮށްލައްވައި މިސްރާބު ޖެއްސެވީ ރޫޙާނިއްޔަތާ ދިމާޔަށެވެ. އިސްލާމްދީނާ ދެކޮޅަށް ހިނގަމުންދިޔަ ޕްރޮޕެގެންޑާގެ އަސަރުގައި ޖެހިވަޑައިގެން އޭނާ އިސްލާމްދީނާ ދެކޮޅަށް ހިންދީބަހުން ފޮތެއް ލިޔުއްވައި ލަކަނޫގައި އެފޮތް ޝާއިޢުކުރެއްވިއެވެ. ހިންދީންގެ ތެރޭގައި އެފޮތަށް ލިބުނު ހޫނު ތަރުޙީބުގެ ސަބަބުން އެފޮތް އިނގިރޭސިބަހަށް ތަރުޖަމާކުރައްވައި ބޮމްބޭއިން އެފޮތް ނެރުއްވިއެވެ. އެފޮތުގެ އިނގިރޭސި ތަރުޖަމާގެ ނަމަކީ “ދަ ހިސްޓްރީ އޮފް އިސްލާމިކް ޓެރަރިޒަމް” އެވެ.
މިދެންނެވި ފޮތް ޝާއިޢުކުރެއްވުމަށްފަހު އޭނާ ޙައްޤު ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ. ޙައްޤު އޮޅުންފިލައިވަޑައިގެންނެވުމުން އޭނާ ޙައްޤަށް އިޢުތިރާފުވެވަޑައިގަތުން ލަހެއް ނުކުރައްވައެވެ. އޭނާ ކުރިން ލިޔުއްވި ފޮތާމެދު ހިތާމަފާޅުކުރައްވައި ހިންދީބަހުން ފޮތެއް ލިޔުއްވިއެވެ. އެފޮތަށް ދެއްވައިފައިވާ ނަމަކީ “އިސްލާމް އާތިންކް ޔާ އާދަރްޝަން” އެވެ. އެފޮތްވެސް ޝާއިޢުކުރެއްވީ ލަކަނޫއިންނެވެ. އެފޮތުގެ އުރުދޫ ތަރުޖަމާ ޝާއިޢުކުރައްވައިފައިވަނީ “އިސްލާމް، ދަހްޝަތުގިރުދީ ޔާ އޭކްމިޘާލީދީން” މި ނަމުގައެވެ. އެފޮތުގެ ޞަފްޙާގެ އަދަދަކީ 104 އެވެ. އެފޮތަކީ އިސްލާމްދީނުގެ ނަބިއްޔާ صـلّــى اللّـــه عـليــه وسـلّــم ގެ ސީރަތާއި އިސްލާމީ ޖިހާދުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ވަރަށް މުހިންމު ފޮތެކެވެ.
އެފޮތުގެ ފަސްމަންޒަރާއި އެފޮތް ލިޔުއްވާން ޖެހިވަޑައިގެންނެވި ސަބަބާ ބެހޭގޮތުން ފޮތުގެ މުޞަންނިފް ޖަނާބު ސުވާމީލަކްޝަމީ ޝަންކަރު އަޗާރިއްޔާ ލިޔުއްވައިފައިވާ ބާބުގެ މައިގަނޑު ނަމަކީ “އަހަންނަށް ޙައްޤު އޮޅުންފިލި ހިނދު” މި މައިގަނޑު ނަމެވެ. އެބާބުގައި އޭނާ ލިޔުއްވައިފައިވެއެވެ.
“ފަސާދަތައް ހިނގަނީ ކީއްވެގެންހެއްޔެވެ؟” މި މައިގަނޑު ނަމުގައި މީގެ އަހަރުތަކެއް ކުރީން ހިންދީ ނޫހެއްގައި ޖަނާބު ބަލްރާޖުމަލޫކު ލިޔުއްވި މަޒުމޫނެއް އަހަރެން ވަނީ ކިޔައިފައެވެ. އެ މަޒުމޫނުގައި ބަޔާންކޮށްފައިވާގޮތުގައި ހިންދީންނާއި މުސްލިމުންނާ ދެމެދު ހިނގާ ފަސާދައިގެ ސަބަބަކީ ކާފަރުންނާއި ހަނގުރާމަކުރުމަށް ޤުރްއާން މަޖީދުގައި اللّـــه ކުރައްވައިފައިވާ އަމުރުފުޅެވެ. އެ މަޒުމޫނުގައި ޤުރްއާން މަޖީދުގެ އެ އާޔަތްތައްވެސް ވަނީ ބަޔާންކުރައްވައިފައެވެ.
އޭގެފަހުން ދިއްލީން ޝާއިޢުކޮށްފައިވާ ޕެންފްލެޓެއްވެސް އަހަންނަށް ލިބުނެވެ. އެ ޕެންފްލެޓަކީ “ޤުރްއާނުގެ ސައުވީސް އާޔަތް” މި މައިގަނޑު ނަމުގައި ތައްޔާރުކޮށްފައިވާ ޕެންފްލެޓެކެވެ. އެ އާޔަތްތަކުގައިވެސްވަނީ އެހެނިހެން ދީންތަކުގެ މީހުން ދެކޮޅުވެރިވުމަށް އަމުރުކުރައްވައިފައެވެ. އެ ޕެންފްލެޓް ކިޔުމުން އަހަރެންގެ ހިތުގައި ޤުރްއާން ކިޔައިލުމުގެ ޝައުޤު އުފެދުނެވެ. އިސްލާމީ ފޮތް ވިއްކާ ފިހާރަޔަކުން ޤުރްއާން މަޖީދުގެ ހިންދީ ތަރުޖަމާއެއް ހޯދައިފީމެވެ. އެ ތަރުޖަމާ ކިޔައިލިއިރު ޕެންފްލެޓުގައި ހުރި ހުރިހާ އާޔަތްތަކެއް އެ ތަރުޖަމާގައިވެސް ހުއްޓެވެ. ނަތީޖާއަކަށްވީ ހިންދީ ރާޖާއިންނާއި މުސްލިމް ރަސްރަސްކަލުންނާމެދު ހިނގައިފައިހުރި ހަނގުރާމަތަކާއި، މިހާރުގެ ދީނީ ތަޢައްޞުބުގެ ލޭއޮހޮރުވުންތަކުގެ ސަބަބަކީ އިސްލާމްދީންކަމުގެ ކުށްތަޞައްވުރެއް އަހަރެންގެ ހިތުގައި އަށަގަތުމެވެ. ނިރުބަވެރިކަމުގެ ހުރިހައި ހާދިސާތަކެއް އިސްލާމްދީނާ ގުޅުވޭގޮތްވުމެވެ.
އެހެންކަމުން މާޒީގެ ތާރީޚާއި، މިހާރުގެ ހުރިހާ ނިރުބަވެރިކަމަކާއި، ލޭއޮހޮރުވުމުގެ ހާދިސާތަކެއް އިސްލާމްދީން ގުޅުވައިގެން އަހަރެން ފޮތެއް ލިޔުނީމެވެ. އެފޮތުގެ އިނގިރޭސި ތަރުޖަމާގެ މައިގަނޑު ނަމަކީ، “ދަ ހިސްޓްރީ އޮފް އިސްލާމިކް ޓެރަރިޒަމް” އެވެ.
އެފޮތް ޝާއިޢުކުރިފަހުން އިސްލާމްދީނާ ނިރުބަވެރިކަމާ ގުޅުމެއް ނެތްކަމަށް އިސްލާމީ ޢިލްމުވެރީން ދެއްވާ ބަޔާންތައްވެސް އަހަންނަށް ލިބުނެވެ. އިސްލާމީ ޢިލްމުވެރީން ވިދާޅުވާގޮތުގައި އިސްލާމްދީނަކީ ލޯތްބާއި، ހެޔޮއެދުމާއި، އުޚުއްވަތްތެރިކަމުގެ ދީނެކެވެ. ކުށެއްނެތް މީހަކު ޤަތުލުކުރުމަކީ އެ ދީނުގައި ފާފައެކެވެ. އިސްލާމީ ޢިލްމުވެރީންވަނީ ނިރުބަވެރިކަމާ ދެކޮޅަށް ފަތުވާވެސް ދެއްވައިފައެވެ.
ބާބަރީ މިސްކިތް ތަޅައި ހިންދީންނަށް ބިން ސާފުކުރެވުނުކަމުގައި ވިޔަސް ހިންދީން އެދޭވަރު ގެ ފައްޅިޔެއް އެތާނގައި ބިނާކުރުން މިހާރު ވަނީ މައްސަލަޔަކަށްވެފައި. ފައުންޑޭޝަން ޕައިޕްތައް ބޭނުންވާ ފުންމިނަށް ޖެހޭކަށެއްނެތް. އެދިމާއިން އަޑީން ކޯރެއް ހިނގަމުން އެބަދޭ (ސުބްޙާނަﷲ) އެބިމުގެ ބަދަލުގައި މުސްލިމުންނަށް ލިބުނު ބިމުގައި މުސްލިމުން މިހާރު ގެންދަނީ ރީތި މިސްކިތަކާއި ދަރުމަ އަސްފަތާލެއް އަޅަމުން
އެފަތުވާތަކާއި ބަޔާންތައް މުޠާލިޢާކުރުމަށްފަހު ޤުރްއާން މަޖީދުގައި ޖިހާދާ ބެހޭގޮތުންހުރި އާޔަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި އިސްލާމީ ޢިލްމުވެރީންނާ ގުޅާންފަށައިފީމެވެ. އެބޭކަލުން ވިދާޅުވިގޮތުގައި ޤުރްއާނުގެ އާޔަތްތަކަކީ އެކިކަންކަމާ ގުޅިގެން އެކި ޙާލަތްތަކުގައި ބާވައިލައްވައިފައިވާ އާޔަތްތަކެކެވެ. އެހެންކަމުން ޤުރްއާން މަޖީދުގެ އާޔަތްތަކުގެ ސަބަބުއްނުޒޫލަށް ރިޢާޔަތްކުރުމެއްނެތި ހަމައެކަނި ތަރުޖަމާއެއްގެ މައްޗަށް ބިނާކޮށް ޙުކުމްތައް ނެރެން އުޅުމަކީ ރަނގަޅުގޮތެއް ނޫނެވެ. ޤުރްއާން މަޖީދުގެ އާޔަތްތަކުގެ ޙަޤީޤީ މަފްހޫމް އެނގޭނީ އާޔަތްތަކުގެ ސަބަބުއްނުޒޫލާއި ސިޔާޤާއި ސިބާޤު އެނގިގެންނެވެ. ހަމައެފަދައިން ކީރިތި ޤުރްއާނުގެ ޙަޤީޤީ މަފްހޫމު ދެނެގަތުމަށްޓަކައި އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ސީރަތު އެނގުންވެސް ވަރަށް މުހިންމެވެ. އެހެނީ ޤުރްއާން މަޖީދު ބާވާލެއްވީ އެކަލޭގެފާނަށެވެ. އެފޮތުގެ ޙަޤީޤީ މާނަ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެކަލޭގެފާނަށެވެ.
އިސްލާމީ ޢިލްމުވެރީން ވިދާޅުވާގޮތުގައި އިސްލާމްދީނާމެދު ޞައްޙަ މަޢުލޫމާތު ލިބިފައިނެތުމުގެ ސަބަބުން ވަރަށްގިނަ ބަޔަކަށް ޤުރްއާން މަޖީދުގެ އާޔަތްތަކުގެ ޙަޤީޤީ މަފްހޫމް އޮޅުމެއްނުފިލައެވެ. އިސްލާމީ ޢިލްމުވެރީން އަހަންނަށް މަޝްވަރާދެއްވީ ކީރިތި ޤުރްއާނުގެ ވަކިވަކި އާޔަތްތަކުގެ ބަދަލުގައި މުޅި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް މުޠާލިޢާކުރުމަށެވެ. ހަމައެއާއެކު އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ސީރަތުންވެސް މުޠާލިޢާ ކުރުމަށެވެ.
އިސްލާމީ ޢިލްމުވެރީންގެ މަޝްވަރާގެ މަތީން އަހަރެން އެންމެ ފުރަތަމަ ދިރާސާކުރި އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ސީރަތެވެ. އަހަރެން މުޠާލިޢާކުރި ސީރަތަކީ މުޙައްމަދު ޢިނާޔަތުاللّـه ސުބުޙާނީ ލިޔުއްވައި ނަސީމު ޣާޒީ ފަލާޙީ ހިންދީބަހަށް ތަރުޖަމާކުރައްވައިފައިވާ ސީރަތެކެވެ. އެއަށްފަހު އިޚްލާޞްތެރި ނިޔަތަކާއެކު ޤުރްއާން މަޖީދު އެއްކޮޅުން އަނެއްކޮޅަށް މުޠާލިޢާކުރުމުން ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ޞައްޙަ މަޠުލަބާއި މަޤްޞަދު އަހަންނަށް ވިސްނޭން ފަށައިފިއެވެ.
ޙައްޤު ފާޅުވެ އެނގުމުން އަހަންނަށް ނުހަނު ފުންކޮށް އިޙްސާސްވާންފެށި ނޭނގުމުގެ ސަބަބުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް އަހަރެންގެ ފޮތެއްކަމުގައިވާ “އިސްލާމީ ނިރުބަވެރިކަމުގެ ތާރީޚުގައި” އިސްލާމްދީނާއި ނިރުބަވެރިކަމާ ގުޅުވުނުކަމީ އަހަންނަށް ހެދުނު ކިހައިބޮޑު ގޯހެއްކަމެވެ. އެކަމާ އަހަރެން އިންތިހާއަށް މޮޅިވިއެވެ. އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. އަހަރެން اللّـه ގެ ޙަޟްރަތުންނާއި، އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ އަރިހުންނާއި އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންގެ ކިބައިން ފާޅުގައި އިޖުތިމާޢީ ގޮތެއްގައި މަޢާފަށް އެދެމެވެ. ނޭނގުމެއްގެ ތެރޭގައި އަހަންނަށް ލިޔެވިފައިވާ ލިޔުންތަކާއި ދެއްކިފައިހުރި ވާހަކަތައް އަނބުރައި ގެންނަމެވެ. އަހަރެންގެ އިލްތިމާސަކީ އަހަރެން ފޮތެއްކަމުގައި “ދަ ހިސްޓްރީ އޮފް އިސްލާމިކް ޓެރަރިޒަމް” އަކީ ސުމެއްކަމުގައި އެންމެންވެސް ބެލުމެވެ. (ޞަފްޙާ: 9-11)
ޢިލްމީ އަދި އަޚްލާޤީ ދުނިޔޭގައި މީހަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ މަރްޙަލާއަކީ ތިމާއަށް ކުރެވުނު ކުށަކަށް އިޢްތިރާފުވެ އެކުށް އިޞްލާޙުކުރަން މަސައްކަތް ކުރުމެވެ. ޙަޤީޤަތުގައި އެއީ ވަރަށް ވަރުގަދަ ޢަޒުމަކާއި ހިތްވަރެއް ލިބިފައިވާ ބަޔަކަށް މެނުވީ ކުރެވޭނެކަމެއް ނޫނެވެ. ޖަނާބު ސުވާމީ ލަކްޝަމީ ޝަންކަރު އަޗާރިއްޔާ ފަދައިން ކުށް ގަބޫލުކޮށް މަޢާފު އެދިފައިވާ މީހަކު ފެނިފައިވަނީ ވަރަށް މަދުންނެވެ. ސުވާމީޖީ ވަނީ މިރޮނގުން ވަރަށް ރީތި މިސާލެއް ދައްކަވައިފައެވެ. އެތަކެއް ހިސާބެއްގެ ދުރު ހޯދިކަމުގައި ނާދިރުގޮތެއްގައި މެނުވީ ނުފެންނަފަދަ މިސާލެކެވެ.
މުސްލިމުންގެ އޮފިސަރެއްކަމުގައިވާ މީރުބާޤީ 1528މ. ގައި ބިނާކުރެއްވި ބާބަރީ މިސްކިތް ނަވާރަސަތޭކައިގެ ފަހުކޮޅު މޯދީގެޕާޓީން ތަޅައިލަންދެން ވެސް ބަރު ގުއްބުތަކާއެކު ދެހެއްޓެވީ މާތްﷲ. އަޑީން ކޯރެއް ހިނގުމުގެ މައްސަލައެއް ކުރިމައްޗެއްނުވޭ
ފޮތުގެ ހަތްވަނަ ޞަފްޙާގައި “ބައެއް އިސްލާމީ އިސްޠިލާޙުތައް” މި މައިގަނޑު ނަމުގައި ސުވާމީޖީ ވަނީ އީމާން އަހުލުކިތާބީން، ކާފިރުން، ރަސޫލުން، ނަބީން، ޖިހާދު ފަދަ ލަފުޒުތަކުގެ ބަހަވީ މާނައާއި، އިޞްޠިލާޙީ މާނައާމެދު ވާހަކަ ދައްކަވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ.
“ކާފަރުންނަކީ ކުފުރުވާ ނުވަތަ އިންކާރުކުރާ މީހުންނެވެ. ތެދު ޙަޤީޤަތް ފޮރުވާ މީހުންނެވެ. ޝުކުރުވެރިނުވާ މީހުންނާއި، اللّـه އާއި އެކަލާނގެ ނަބިއްޔާ އަންގަވައިދެއްވައިފައިވާ ޙަޤީޤަތްތަކަށް އިޢުތިރާފުވެވުމަށާއި ގަބޫލުކުރަން އިންކާރުކުރާ މީހުންނެވެ. “ކާފިރު” މި ލަފުޒަކީ ބަހަވީގޮތުން ބަލާއިރު ސިފައެއްގެ ނަމެކެވެ. އެ ލަފުޒަކީ އިހާނެތިކޮށް ހިތުމުގެ ލަފުޒެއް ނޫނެވެ. اللّـه އާއި އެކަލާނގެ ރަސޫލާގެ އުނގަންނައިދެއްވުންތަކާއި ޙުކުމްފުޅުތަކަށް އިންކާރުކުރާ މީހުންނަށް ޤުރްއާން މަޖީދުގައި “ކާފިރު” ބޭނުންކުރައްވައިފައިވާ އެއްވެސްތަނެއްގައި އެ ލަފުޒުގެ މަޤްޞަދަކީ ހުތުރު ލަޤަބެއް ދެއްވުމެއް ރުހިވޮޑިނުގަތުން ފާޅުކުރެއްވުމެއް ނުވަތަ ކޯފާވެވޮޑިގަތުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޙައްޤު ޤަބޫލުކުރާން އިންކާރުކޮށްފައިވާތީ އެ ޙަޤީޤަތް ފާޅުކުރެއްވުމުގެގޮތުން އެ ލަފުޒު ބޭނުންކުރައްވައިފައިވަނީއެވެ. ބައެއް މީހުން ޙަޤީޤަތާ ޚިލާފަށް އަޑުއަރުވާ ފަދައިން “ކާފިރު” މިއީ ހިންދޫ އާ އެއްމާނައެއްގެ ލަފުޒެއްވެސް ނޫނެވެ. “ކާފިރު” މިބަހާ ގާތްގަނޑަކަށް އެއްމާނައެއްގެ ލަފުޒަކީ “ނާސްތިކު” އެވެ. އިސްލާމްދީނުގައިވާގޮތުން އެދީނަށް އިންކާރު ކުރުމަކީ މިދުނިޔޭގައި އެކަމަށް އެއްވެސް އަދަބެއް ދެވޭނެކަމެއް ނޫނެވެ. އިންސާނީ އެއްވެސް ޙައްޤަކުން މަޙްރޫމް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ދުނިޔަވީ މުޢާމަލާތު ތަކުގައި އެބައިމީހުންނަށްވަނީ އިންކާރު ނުކުރާ މީހުންނާ ހަމަހަމަ ޙައްޤުތަކެއް ލިބިގެންނެވެ.
ކޮންމެ ދީނެއްގައިވެސް އަސާސީ ޢަޤީދާތަކާއި މައިގަނޑު އިރުޝާދުތައް ގަބޫލުކުރާ މީހުންނާއި ގަބޫލު ނުކުރާ މީހުން ވަކިކުރުމަށް އެކިއެކި ޚާއްޞަ ބަސްބަސް ބޭނުންކުރެއެވެ. މިސާލެއްގެގޮތުން ހިންދީ ދީނުގައިވެސް އެދީނުގެ އަހުލުވެރީންކަމުގައި ނުވާމީހުންނަށް ޚާއްޞަ ބަސްތަކެއް ހުރެއެވެ. ނާސްތިކުއާއި އަނާރިއްޔާއާއި، މަލީޗު ފަދަ ބަސްބަހެވެ.
ހަމައެފަދައިން ޖިހާދުގެ ޙަޤީޤަތާމެދުވެސް ސުވާމީޖީ ވަނީ ވާހަކަ ދައްކަވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ.
ކޮންމެ ދީނެއްގައިވެސް އަސާސީ ޢަޤީދާތަކާއި މައިގަނޑު އިރުޝާދުތައް ގަބޫލުކުރާ މީހުންނާއި ގަބޫލު ނުކުރާ މީހުން ވަކިކުރުމަށް އެކިއެކި ޚާއްޞަ ބަސްބަސް ބޭނުންކުރެއެވެ. މިސާލެއްގެގޮތުން ހިންދީ ދީނުގައިވެސް އެދީނުގެ އަހުލުވެރީންކަމުގައި ނުވާމީހުންނަށް ޚާއްޞަ ބަސްތަކެއް ހުރެއެވެ. ނާސްތިކުއާއި އަނާރިއްޔާއާއި، މަލީޗު ފަދަ ބަސްބަހެވެ.
ހަމައެފަދައިން ޖިހާދުގެ ޙަޤީޤަތާމެދުވެސް ސުވާމީޖީ ވަނީ ވާހަކަ ދައްކަވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ.
“ޖިހާދަކީ ހުއްޓުމެއްނެތި ގަދައަޅައި މަސައްކަތްކުރުމެވެ. މަޤްޞަދެއް ހާސިލުކުރުމަށް ފުރިހަމަ ބުންވަރާއި ހަކަތަ ހޭދަކުރުމެވެ. ޤުރްއާނުގައި ހަނގުރާމައާ ގުޅޭގޮތުން ޢާންމުކޮށް ބޭނުންކުރައްވައިފައިވަނީ ޤިތާލެވެ. ޖިހާދުގެ މަފްހޫމް ޤިތާލުގެ މާނަޔަށްވުރެ މާތަނަވަހެވެ. ޙައްޤަށް ނަޞްރު ދިނުމަށްޓަކައި ތިމާގެ މުދަލާއި، ތިމާގެ ދުލާއި ގަލަމުގެ ބޭނުންކޮށްގެން މަސައްކަތްކުރުމުގައި ތިމާގެ ހަކަތަ ހޭދަކުރުމަކީވެސް ޖިހާދުކުރުމެވެ. ޙައްޤު ފާޅުކުރުމަށްޓަކައި ހަނގުރާމަކުރަންވެސް ޖެހިދާނެއެވެ. އެކަމަށްޓަކައި ފުރާނަވެސް ޤުރުބާންކުރަން ޖެހިދާނެއެވެ. އެއީވެސް ޖިހާދުގެ ބައެކެވެ. ޖިހާދެއް އިސްލާމީ ޖިހާދަކަށްވަނީ ކަލާނގެ ރަސްކަންފުޅަށްޓަކައި ޖިހާދުކުރުމުންނެވެ. އެކަލާނގެ ހިދާޔަތާ އެއްގޮތަށް ކުރާ ޖިހާދަކަށްވެގެންނެވެ. މުދަލާއި ފައިސާ ހޯދުމަށްޓަކައި ކުރާކަމަކަށް ވެގެންނެއް ނޫނެވެ. (ޞަފްޙާ 7-8)
“ރޭވުންތެރި މަސައްކަތް” މި މައިގަނޑު ނަމުގެ ދަށުން ލިޔެފައިވެއެވެ.
ދިއްލީގެ ލާލް ޤަލްޢާ. އިންޑިއާގައި ވަރުގަދަ އިސްލާމީ ރަސްކަމެއް ކުރި މުޣުލް ޚާންދާނުގެ ރަސްރަސްކަލުންނާއި އެ ބޭފުޅުންގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވުމަށް ޓަކައި ޚާއްޞަ ކުރެވުނު ބޮޑު ސަރަޙައްދު. އެ ސަރަޙައްދުގެ ވަށައިގެންވަނީ 75 ފޫޓު އުސް ވަރުގަދަ ފާރެއް ލެވިފައި. ކިއްލާގެ އެތެރޭގައި ގަނޑުވަރުތަކާއި މުނިފޫހި ފިލުވުމުގެ މެހެފިލުތައް ބާއްވާ މާލަންތަކާއި ކުޅިބަލާ ގެކޮޅުތަކާއި ޙައްމާމުތައް ހުރޭ. މަޞްނޫޢީ ފެންއާރުތަކާއި ޖިއޮމެޓްރިކް ބައްޓަންތަކަށް ހަދައިފައި ވާ ބަގީޗާތައް ވެސް ހުރޭ. މީގެ އިތުރުން، ވަރަށް ރީތިކޮށް ހަދައިފައި ހުންނަ މިސްކިތެއް ވެސް ތަނުގެ އެތެރޭގައި ހުރޭ. ލާލް ޤަލްޢާ ބިނާ ކުރުމުގެ މަސައްކަތް ފެށުނީ ޝާހު ޖަހާންގެ އަމުރުފުޅަށް މީލާދީން 1638 ވަނަ އަހަރު. ޢިމާރާތް ކުރުމުގެ މަސައްކަތް ނިމުނީ ދިހަ އަހަރުން. އިނގިރޭސީން ހިންދުސްތާނަށް އަރައި މުޣޫލީ އިސްލާމީ ރަސްކަން ނިމުމަކަށް ގެންނާންދެން، ރަސްކަމުގެ މަރުކަޒަކީ ލާލްޤަލްޢާ
ނިރުބަވެރިކަން މުސްލިމުންނާ ގުޅުވުމުގެ ހަރަކާތް ފެށިގެން އައީ އިންޑިޔާވެސް ހިމެނޭގޮތަށް ދުނިޔޭގެ ކޮންމެތަނެއްގައި ބޮމެއް ގޮވިކަމުގައިވިޔަސް މީހަކު ނުވަތަ ބަޔަކު ޤަތުލުކުރުވުނުކަމުގައިވިޔަސް އެ ހާދިސާއެއްގައި އިއްތިފާޤުންވެސް މުސްލިމަކު ހިމެނިއްޖެކަމުގައިވާނަމަ އެ ހާދިސާ އިސްލާމީ ނިރުބަވެރިކަމުގެ ގޮތުގައި ސިފަކުރުމުންނެވެ.
ވަރަށްކުރު މުއްދަތެއްގެ ތެރޭގައި މީޑިޔާވެސް ހިމެނޭގޮތަށް ބައެއް ބާރުތަކުން އެބައިމީހުންގެ ޒާތީ މަޞްލަޙަތަށްޓަކައިވަނީ އިސްލާމީ ނިރުބަވެރިކަމުގެ އިސްތިލާޙު އުފައްދައިފައެވެ. އެނަން ހަރުކޮށްފައެވެ. މުސްލިމުންގެ ޢަދުއްވުން ރާވައިގެން ކުރިމަސައްކަތުގެ ސަބަބުން މިއަދު ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ބޮމެއް ގޮވިކަމުގައިވިޔަސް އެކަން ވަގުތުން އިސްލާމީ ނިރުބަވެރިކަމާ ގުޅުވައިލެވެއެވެ. އެނާރެހުގައި މުޅިދުނިޔޭގައި ތަފާތު އެތައް ބަސްބަހަކުންވަނީ ފޮތްތައްވެސް ލިޔެ ޝާއިޢުކޮށްފައެވެ. ދުނިޔޭގައި ހިނގާ ހުރިހާ ނިރުބަވެރިކަމެއްގެ މުލަކީ އިސްލާމްދީން ކަމުގައި މީހުންނަށް ވިސްނައިދެވިފައެވެ. އެ ޙަޤީޤަތާ ޚިލާފު އަޑުއެރުވުމުގައި ސާބިތުކޮށްދީފައިވަނީ ޤުރްއާން މަޖީދުގެ އާޔަތްތަކުގައި އެހެނިހެން ދީންތަކުގެ އަހުލުވެރީންނާ ހަނގުރާމަކުރުމަށް މާތް اللّــه މުސްލިމުންނަށް އަމުރުކުރައްވައިފައިވާ ކަމުގައެވެ. އެހެނިހެން ދީންތަކުގެ އަހުލުވެރިން އެއްވެސް ރަޙުމެއްނެތި ޤަތުލުކުރުމަށް އަންގަވައިފައިވާ ކަމުގައެވެ. ނުވަތަ އެބައިމީހުން ބިރުގަންނަވައިގެން އިސްލާމްދީނަށް ވައްދަން އަންގަވައިފައިވާކަމުގައެވެ. އެހެނިހެން ދީންތަކުގެ މީހުންގެ އަޅުކަންކުރާ ތަންތަން މުގުރައި ތަޅައި ސުންނާފަތިކުރުމަށް އަންގަވައިފައިވާ ކަމުގައެވެ. ޖިހާދުކުރުމަކީ އެއީކަމަށާއި، ޖިހާދުކުރާ މީހުންނަށް މާތް اللّــه ސުވަރުގެ ދެއްވާނެކަމުގައެވެ. މިގޮތުން ދުރާލައި ރާވައިގެންވަނީ އިސްލާމްދީނަކީ ކުށެއްނެތް މީހުންގެ ޤާތިލެއްކަމުގައްޔާއި، ނިރުބަވެރި ދީނެއްކަމުގައި ކަނޑައަޅައިފައެވެ. ޖިހާދުގެ މަޠުލަބަކީ ނިރުބަވެރިކަން ކަމަށާއި އިސްލާމްދީނަކީ މީސްތަކުންގެ ޤާތިލެއްކަމުގަޔާއި، އެދީނަކީ ނިރުބަވެރި ދީނެއްކަމުގައި ކަނޑައަޅައިފައެވެ. ޖިހާދުގެ މަޠުލަބަކީ ނިރުބަވެރިކަން ކަމުގައި މީސްތަކުންގެ ހިތްތަކަށް ވައްދައިފައެވެ. (ޞަފްޙާ: 12)
ލާލްޤަލްޢާ. މުޣުލް ރަސްރަސްކަލުން ހީފުޅުކުރެއްވީ ރީތި ބިޔަ ޢިމާރާތައް ހެއްދެވުމުން އިންޑިޔާގައި އެބޭފުޅުންގެ ރަސްކަމާއި މުސްލިމުންގެ ބާރު ދެމިއޮންނާނެކަމަށް. ޢިމާރާތް ކުރައްވަން ކުރެއްވި މަސައްކަތާއި ހޭދަ ދީންތަބްލީޣު ކުރައްވަން ޚާއްސަ ކުރެއްވިނަމަ އިންޑިޔާ ވީހީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޤައުމަކަށް. އިންޑިޔާއަކީ ދީންފެތުރުމަށްޓަކައި މުސްލިމުން ވެރިކަމުގެބާރު ބޭނުންނުކުރާކަމުގެ ހެއްކެއް. އިންޑިޔަން ސަބްކޮންޓިނެންޓުގައި އިސްލާމްދީން ފެތުރުނީ އަބުލްބަރަކާތު ޔޫސުފުއް ތަބްރޭޒީ ފަދަ ދަރުވޭޝީ ޚަޞީލަތުގެ ދީނީ ޢިލްމުވެރީން ނާއި ޞޫފީންގެ ސަބަބުން
ސުވާމީޖީ އޭނާގެ މައިގަނޑު މައުޟޫޢު ކުރިޔަށް ގެންދަވަމުން އިސްލާމްދީނުގެ އަސާސީ މަރާޖިޢުތައް ކަމުގައިވާ ކީރިތި ޤުރްއާނާއި ކައުސާހިބާ محمّد صلّــى اللّــه عليـه وسلّـم ގެ ސުންނަތާއި ނަބަވީ ސީރަތުގެ އަލީގައި ނުހަނު ޞަރީޙަކޮށް ބަޔާންކުރައްވައިފައިވަނީ ނިރުބަވެރިކަމާ އިސްލާމްދީނާ ކުޑަވެސް ގުޅުމެއްނެތްކަމެވެ. މި މައުޟޫޢުގައި ކީރިތި ޤުރްއާނުން ހެތްކާއި ދަލީލު ދައްކަވަމުން އޭނާ ވަނީ އިސްލާމްދީނުގެ ނަބިއްޔާ محمّد صلّــى اللّــه عليـه وسلّـم ގެ ޙަޔާތްޕުޅުގެ މައްޗަށް ނުހަނު އޮށްޓަރުހުރި ޢިލްމީ ބަޔާނެއްވެސް ލިޔުއްވައިފައެވެ. އެ ބަޔާން ކިޔަމުންދާއިރު އޭނާއަކީ محمّد صلّــى اللّــه عليـه وسلّـم އާމެދު ޒަހަރުން ކަޅިވެފައިވާ ވާހަކަތަކެއް ލިޔުއްވައިފައިވާ ބޭފުޅެއްކަމާއި އިސްލާމްދީނާއި މުސްލިމުންގެ ދާވަނީގައި ނިރުބަވެރިކަމުގެ ލޭބަލް ހަރުކުރެއްވި ބޭފުޅެއްކަމުގެ ހުވަންހިލަންވެސް ނުވެއެވެ. އޭނާ އިތުރު ސާހިބާގެ ސީރަތު ތޭރަ ޞަފްޙާއަށް ފައްތަވައިފައިވަނީ ކޯރެއްގެ ފެން ދޯރަކަށް އެޅުންފަދަ ފުރިހަމަ ގޮތެއްގައެވެ. ސުވާމީޖީ ކައުސާހިބާގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި ބަޔާން ނިންމަވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
“އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ މި ޠާހިރު ސީރަތުން ސާބިތުވާގޮތުގައި އިސްލާމްދީނުގެ އަސްލު މަޤްޞަދަކީ ދުނިޔޭގައި ޙައްޤު ޤާއިމުކުރުމެވެ. އަމަންއަމާންކަން އާއްމުކުރުމެވެ. ނިރުބަވެރިކަމާ ދެކޮޅުހެދުމެވެ. އެހެންކަމުން އިސްލާމްދީނާ ނިރުބަވެރިކަމާ ގުޅުވުމަކީ މީހަކަށް ދެއްކޭނެ އެންމެ ޙަޤީޤަތާ ޚިލާފު ވާހަކައެވެ. ދެކޮޅުވެރިގޮތުގައި ބާރުގެ ބޭނުންކުރުމުގެ ކޮންމެ ހާދިސާއެއް އިސްލާމްދީނާއި އިސްލާމީ އުންމަތާ ގުޅުވޭކަށެއް ނޯންނާނެއެވެ.” (ޞަފްޙާ: 26)
ލާލުޤަލްޢާ. ރައްޔިތުންގެ މަޖްލިސްގެ ދެރައީސެއްގެ އަރިހުގައި ދިއްލީއަށް ދެވުނުކަމުގައިވިޔަސް މުސްލިމުންގެ މަތިވެރިކަމުގެ ރަމްޒެއް ކަމުގައި ހިމެނޭ މިއާޘާރުގެ އެތެރެއަށްވަދެ ބަލައިލެވުމުގެ ނަސީބެއްނުލިބުނު. ފުރިފައިވާ ޕްރޮގްރާމުގައި އެކަމަކަށް ޖާގައެއްނެތް.އިންޝާ ﷲ އަދިއެނަސީބުލިބޭނެ
ފޮތުގެ ހަތާވީސްވަނަ ޞަފްޙާއިން ފެށިގެން ތެއްތިރީސްވަނަ ޞަފްޙާއާ ހަމަޔަށްވަނީ “އިސްލާމްދީނާއި ނިރުބަވެރިކަން” މި މައިގަނޑު ނަމުގައިވާ ބާބެކެވެ. އެއީވެސް ވަރަށް މަޢުލޫމާތު މުއްސަނދި މަޒުމޫނެކެވެ. ސުވާމީޖީ އެ މަޒުމޫނުގައި މަސައްކަތް ކުރައްވައިފައިވަނީ އިސްލާމްދީނަކީ ނިރުބަވެރިކަމުގެ ދީނެއް ނޫންކަމާއި މިސާލެއްނެތްފަދަ ފުރިހަމަ ދީނެއްކަން ސާބިތުކުރެއްވުމަށެވެ. މި މައިގަނޑު ނަމުގައި އޭނާ ޤުރްއާނުގެ އެތައް އާޔަތްތަކެއް ހުށަހަޅުއްވައި ސާބިތު ކުރައްވައިފައިވަނީ އިސްލާމްދީނަކީ ނިރުބަވެރިކަމުގެ ދީނެއް ނޫންކަމެވެ. އިސްލާމްދީނަކީ މިސާލެއްނެތްފަދަ ފުރިހަމަ ދީނެއްކަމެވެ. އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމަށް ގޮވައިލާ ދީނެއްކަމެވެ. އެ މަޒުމޫނުގައި އޭނާ ވަނީ ޤުރްއާނުގެ އާޔަތްތަކުގެ ފުރިހަމަ މަފްހޫމް ދެނެގަތުމަށްޓަކައި ކޮންމެހެން ބޭނުންބައެއްކަންކަމަށްވެސް އަލިއަޅުއްވައިފައެވެ. އެކަންކަމަކީ ޤުރްއާނުގެ އާޔަތްތަކުގެ ފަސްމަންޒަރާއި ސަބަބުއްނުޒޫލު އޮޅުންފިލުވައިގެން އެއާޔަތްތައް މުޠާލިޢާ ކުރުމެވެ. މި މައުޟޫޢުގައި އޭނާ ލިޔުއްވައިފައިވެއެވެ.
“ޤުރްއާން މަޖީދު ތަރުޖަމާކުރާއިރު އެއްވެސް އާޔަތެއްގެ މަފްހޫމަށް ކުޑަވެސް ބަދަލެއް އަޔަދީގެން ނުވާނެއެވެ. އެހެނީ އާޔަތެއްގެ މަފްހޫމް ބަދަލުވުމަކީ އެއްވެސް އަގެއްގައި ގަބޫލުކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން މުސްލިމުން ދުނިޔޭގެ ތަފާތު ބަސްބަހަށް ޤުރްއާން ތަރުޖަމާކޮށްފައިވާއިރު ކޮންމެ އާޔަތެއްގެ ތަރުޖަމާއިންވެސް ލިބޭނީ އެއް މަފްހޫމެކެވެ. ޣައިރުމުސްލިމް އަޚުންނަށް ޤުރްއާން މަޖީދުގެ ތަރުޖަމާގެ އުނދަގޫ ލަފުޒުތަކުގެ މާނަ ވިސްނައިނުގަނެވިއްޖެނަމަ މައުލާނާ މުޙައްމަދު ފާރޫޤު ޚާން ތަރުޖަމާކުރައްވައިފައިވާ “ޕޫތަރެޤުރްއާން” (ހިންދީ ބަހުގެ ތަރުޖަމާއެއް) ގެ އެހީ ހޯދިދާނެއެވެ.” (ޞަފްޙާ: 27)
އިތުރަށް ކުރިޔަށް ގެންދަވަމުން ކީރިތި ޤުރްއާނުގެ އެތަކެއް އާޔަތްތަކަކުން ސާބިތުކޮށްދެއްވަން މަސައްކަތްކުރައްވައިފައިވަނީ محمّد صلّــى اللّــه عليـه وسلّـم ގެ ޢަމަލުފުޅުތަކުންވެސް ކީރިތި ޤުރްއާނުގެ އުނގަންނައިދެއްވުންތަކުންވެސް ނިރުބަވެރިކަމުގެ އަސަރުވެސް ހިޔަނިވެސް ފެންނާން ނެތްކަމެވެ. އާދެ، ސުވާމީޖީ ލިޔުއްވައިފައިވެއެވެ.
“އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ޠާހިރު ސީރަތާއި ކީރިތި ޤުރްއާނުގެ އާޔަތްތައް މުޠާލިޢާކުރުމުން ބަޔާންވެ އެނގެނީ އިތުރު ސާހިބާގެ އެއްވެސް ޢަމަލުފުޅަކުންވެސް ކީރިތި ޤުރްއާނުގެ އެއްވެސް އިރުޝާދަކުންވެސް ނިރުބަވެރިކަމުގެ ވަސްވެސް ކުލަވެސް ފެންނާން ނެތްކަމެވެ. އެކަމުން ސާބިތުވާ އަނެއް ޙަޤީޤަތަކީ އިސްލާމްދީނާއި ނިރުބަވެރިކަމާ (އާތިންކުވާދު) ގުޅުވާ މީހުން އެކަންކުރަނީ މަޢުލޫމާތުގެ ފަގީރުކަމާއި ނޭނގުމުގެ ސަބަބުންކަމެވެ.” (ޞަފްޙާ: 33)
ލާލުޤަލްޢާގެ އެތެރޭގެ މަންޒަރެއް. މުސްލިމުންގެ ވަޤުފުތަކުން އިންޑިޔާއަށްް އަހަރަކު އެތަކެއް ބިލިޔަން ރުފިޔާ ލިބޭ. މުސްލިމުންގެ ވަޤުފު ބޯޑު މިނިވަންކޮށްފިނަމަ މުސްލިމުންގެ ތައުލީމާއި ސިއްހަތުގެ ހުރިހާކަމެއް އެންމެ މަތީ ފެންވަރުގައި އަމިއްލަޔަށް ހަމަޖެއްސުނީސް. ނާށިގަނޑުހިފައިގެން މަގުމަތީ ސަލާންޖަހާކަށެއް ނުޖެހުނީސް
ތިރީސްހަތަރުވަނަ ޞަފްޙާއިން ފެށިގެން ފަސްދޮޅަސްވަނަ ޞަފްޙާއާ ހަމަޔަށް ބަޙުޘްކުރައްވައިފައިވަނީ އިސްލާމްދީނުގެ ޢަދުއްވުންގެ ތެރޭގައި ހިމެނޭ ޣައިރުމުސްލިމް ސްކޮލަރުން އިސްލާމްދީނާއި ނިރުބަވެރިކަމާ ގުޅުވަން ދަލީލެއްގެގޮތުން ބޭނުންކުރާ ކީރިތި ޤުރްއާނުގެ ސައުވީސް އާޔަތާ މެދުގައެވެ. ސުވާމީޖީ ވިދާޅުވެފައިވާގޮތުން ޣައިރުމުސްލިމް ސްކޮލަރުން އިސްލާމްދީން ނިރުބަވެރިކަމާ ގުޅުވަން އެ އާޔަތްތައް ބޭނުންކުރަނީ ސިޔަޤާ ގުޅުން ކަނޑުވައިގެންނެވެ. ބައެއްފަހަރު އެބައިމީހުން މުޅި އާޔަތް ނަކަލުވެސް ނުކުރެއެވެ. އާޔަތްތައް މާނަކޮށް ޝަރަޙަކޮށް ހަދަނީވެސް ހިތަށްއެރި ގޮތަކަށެވެ. އެގޮތުން ޢާއްމު ހިންދީންނަށް މަގުއޮޅުވައިލަން މަސައްކަތްކުރެއެވެ.
ފޮތުގެ މުޞަންނިފް ސުވާމީޖީ ވަނީ، ނިރުބަވެރިކަމަށް ބާރުއަޅާކަމަށް ޣައިރުމުސްލިމުން ބުނާ ސައުވީސް އާޔަތް އެއާޔަތްތަކުގެ ސިޔާޤާއި ފަސްމަންޒަރާއެކު އޭނާގެ ފޮތުގައި ގެންނަވައިފައެވެ. އެ އާޔަތްތަކާ ނިރުބަވެރިކަމާ އެއްވެސް ގުޅުމެއްނެތްކަން ސާބިތުކުރައްވައިފައެވެ. މި މައިގަނޑު ނަމުގައި ލިޔުއްވި ލިޔުއްވުމުގައި ސުވާމީޖީ ޚުދު އޭނާގެ މިސާލުވެސް ވަނީ ޖައްސަވައިފައެވެ. އޭނާ ކުރީން ހުންނެވީ ކިހައިބޮޑު ކުށްހީއެއްގައި ހައްޔަރުވެވަޑައިގެންފައިކަން ބަޔާންކުރައްވައިފައެވެ. އާދެ، ސުވާމީޖީ ލިޔުއްވައިފައިވެއެވެ.
“ބައެއްމީހުން އެތައް އަހަރަކުއްސުރެ ގެންދަނީ ޤުރްއާން މަޖީދުގެ ސައުވީސް އާޔަތެއްގެ މައްޗަށް އެކުލެވޭ ޕެންފްލެޓެއް ޤައުމުގެ ކަންކޮޅުތަކުގައި ބަހަމުންނެވެ. އެ ޕެންފްލެޓް އިންޑިޔާގެ ގާތްގަނޑަކަށް ހުރިހައި ސަރަޙައްދީ ކަންކޮޅުތަކެއްގައި ހުރިހައި ބަހުރުވަތަކަކުން ޝާއިޢުކުރަމުން ގެންދެއެވެ. އެ ޕެންފްލެޓުގެ ޢުންވާނަކީ “ޤުރްއާނުގެ ބައެއް އާޔަތްތައް އީމާންކަމުގެ އަހުލުވެރީން (މުސްލިމުން) އެހެން ދީންތަކުގެ އަހުލުވެރީންނާ ދެކޮޅުވެރިވެ ހަނގުރާމަކުރުމަށް އަމުރުކުރެއެވެ.” މިފޮތުގެ ފެށުމުގައި “އަހަންނަށް ޙައްޤު އޮޅުންފިލިހިނދު” މި މައިގަނޑު ނަމުގައި އަހަރެން ލިޔެފައިވާ ފަދައިން އެ ޕެންފްލެޓް ކިޔުމުން އަހަންނަށްވެސް މަގުއޮޅޭގޮތްވިއެވެ.” (ޞަފްޙާ: 34)
އެއަށްފަހު އޭނާވަނީ އެއާޔަތްތަކަކާ ބެހޭގޮތުން ބަހުސްކުރެވެމުންދާ ސައުވީސް އާޔަތް ޞަރީޙަކޮށް ތަފްސީލުކޮށް ބަޔާންކުރައްވައިފައެވެ. އޭނާގެ ބަޔާން ކުރިޔަށް ގެންދަވަމުން އެއްތަނެއްގައި ލިޔުއްވައިފައިވެއެވެ.
“ޢާންމުން މިފަދަ މީހުނާމެދު ހުސިޔާރުވާންޖެހެއެވެ. މިފަދަ މީހުންނަކީ ތިމައުރެންގެ ސިޔާސީ މަޞްލަޙަތަށްޓަކައި ޤައުމުގެ އަމަން ނަގައިލަން ބޭނުންވާ މީހުންނެވެ. ޞުލްޙަމަސަލަސްކަން ނީލަންކިޔަން ފަސްނުޖެހޭ މީހުންނެވެ. އަނެކުންގެ ފަރާތުން ކަމޭހިތުމާއި ޢިއްޒަތް ލިބިގަތުމަށްޓަކައި ތިމާމެންވެސް އަނެކުންނަށް ޢިއްޒަތްތެރިކޮށް ހިތަންޖެހޭނެއެވެ. އެކަމަކު އެފަދަ މީހުން އެކަމެއް ނުދަނެއެވެ. އެފަދަ މީހުން އެންމެފުރަތަމަ ކުރާންވީކަމަކީ އިޚްލާޞްތެރި ހިތަކާއެކު ކީރިތި ޤުރްއާން ރަނގަޅަށް ދިރާސާކުރުމެވެ. އިސްލާމްދީން ދެނެގަތުމެވެ. އިސްލާމްދީނާމެދު ވާހަކަ ދައްކާނަމަ ނުވަތަ ތަންޤީދުކުރާނަމަ އެކަން ކުރާންވާނީ އެއަށްފަހުގައެވެ. (ޞަފްޙާ: 59)
ހަމައެފަދައިން “ޤުރްއާނުގެ މަތިވެރި އުނގަންނައިދެއްވުން” މި މައިގަނޑު ނަމުގައިވެސް ސުވާމީޖީވަނީ ވަރަށްފުރިހަމަ މަޒުމޫނެއް ލިޔުއްވައިފައެވެ. ފޮތުގެ 61 ވަނަ ޞަފްޙާއިން ފެށިގެން 77 ވަނަ ޞަފްޙާގެ ނިޔަލަށެވެ. އެ މަޒުމޫނު ކިޔައިލުމުން އެނގެނީ މުޞަންނިފުވަނީ ކީރިތި ޤުރްއާން ވަރަށް ފުންކޮށް ދިރާސާކުރައްވައިފައިކަމެވެ. އޭނާ ވަނީ އޭނާގެ މަޒުމޫނުގައި ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކެއްގެ ތަރުޖަމާ ހުށަހަޅުއްވައިދެއްވައިފައެވެ. އޭނާ ޞަރީޙަކުރައްވައިފައިވަނީ އިސްލާމްދީނަކީ ހަމައެކަނި ޢަދުލުވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެއްކަމުގައި ހިމެނޭ ދީނެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އޭނާ ސާބިތުކުރައްވައިފައިވަނީ އިންސާނީ ޙަޔާތުގެ ފަލާޙަށްޓަކައި ޢަމަލުކުރެވޭފަދަ ނަމޫނާއެއް ހުށަހަޅާ ދީނަކީ ހަމައެކަނި އިސްލާމްދީންކަމެވެ. އެގޮތުން އޭނާ އިސްލާމްދީނުގެ އެންމެމަތީ ފެންވަރުގެ ޢަދުލުގެ ނިޒާމާ ބެހޭގޮތުން އެއްތަނެއްގައި ލިޔުއްވައިފައިވެއެވެ.
ހަމައެފަދައިން “ޤުރްއާނުގެ މަތިވެރި އުނގަންނައިދެއްވުން” މި މައިގަނޑު ނަމުގައިވެސް ސުވާމީޖީވަނީ ވަރަށްފުރިހަމަ މަޒުމޫނެއް ލިޔުއްވައިފައެވެ. ފޮތުގެ 61 ވަނަ ޞަފްޙާއިން ފެށިގެން 77 ވަނަ ޞަފްޙާގެ ނިޔަލަށެވެ. އެ މަޒުމޫނު ކިޔައިލުމުން އެނގެނީ މުޞަންނިފުވަނީ ކީރިތި ޤުރްއާން ވަރަށް ފުންކޮށް ދިރާސާކުރައްވައިފައިކަމެވެ. އޭނާ ވަނީ އޭނާގެ މަޒުމޫނުގައި ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކެއްގެ ތަރުޖަމާ ހުށަހަޅުއްވައިދެއްވައިފައެވެ. އޭނާ ޞަރީޙަކުރައްވައިފައިވަނީ އިސްލާމްދީނަކީ ހަމައެކަނި ޢަދުލުވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެއްކަމުގައި ހިމެނޭ ދީނެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އޭނާ ސާބިތުކުރައްވައިފައިވަނީ އިންސާނީ ޙަޔާތުގެ ފަލާޙަށްޓަކައި ޢަމަލުކުރެވޭފަދަ ނަމޫނާއެއް ހުށަހަޅާ ދީނަކީ ހަމައެކަނި އިސްލާމްދީންކަމެވެ. އެގޮތުން އޭނާ އިސްލާމްދީނުގެ އެންމެމަތީ ފެންވަރުގެ ޢަދުލުގެ ނިޒާމާ ބެހޭގޮތުން އެއްތަނެއްގައި ލިޔުއްވައިފައިވެއެވެ.
“އިސްލާމީ ޤައުމުތަކުގެ ތެރެއިން އިސްލާމްދީނުގެ މަތިވެރި ޢަދުލުގެ ނިޒާމު ތަންފީޒުކުރެވޭ ޤައުމުތަކުގައި ޤަތުލާއި ފޭރުމާއި ޢިޞްމަތްތެރިކަމަށް އަރައިގަތުމާއި ޒިނޭކުރުމާއި ވައްކަންކުރުމާއި މިފަދަ ޖިނާޔަތްތައް ޢާންމުވެފައިނުވަނީ އެހެންވެގެންނެވެ. ދުބާއީއާއި، އީރާނާއި، ސަޢޫދީ ޢަރަބިޔާއާއި، ކުވައިތުފަދަ ޤައުމުތަކުގައި ހުކުރުނަމާދަށް ބަންގި ގޮވުމާއެކު އެތަކެއް ކުރޯޑު ރުފިޔާއެއްގެ އަގުހުރި ރަނުގެ ގަހަނާތަކާއި ޖަވާހިރުތައް ހާމަޔަށް ބަހައްޓައިފައި ފިހާރަވެރީން އެދަނީ ހުކުރުނަމާދަށެވެ. ދުނިޔޭގެ ޤައުމުތަކުގެ މީހުން އެމަންޒަރު ބަލަނީ ހައިރާންވެ އަންތަރީސްވެ ތިބެއެވެ. ފިހާރައިގައި މީހަކު ނެތަސް ވައްކަމެއް ނުކުރެއެވެ. މިއަދު މުޅި ދުނިޔޭގައިވެސް ޒުވާނުން ގެންދަނީ އަފިހުނުން ތައްޔާރުކޮށްފައިވާ މަސްތުވާ އެއްޗެހީގެ ބާވަތްތަކުގެ ދުންބޮމުންނެވެ. އެކަމަކު އިސްލާމްދީނުގެ ޢަދުލުގެ ނިޒާމުގެ ފުރިހަމަކަމުން އެ ނިޒާމު ތަންފީޒުކުރާ ޤައުމުތައްވަނީ މިފަދަ ނުބައި ސަމާޖީ ކަންތައްތަކުން ސަލާމަތްވެފައެވެ.” (ޞަފްޙާ: 73)
މުސްލިމުންވަނީ ފަސޭހައިން ފޮހެނުލެވޭނެ އަސަރުތަކެއް އިންޑިޔާގެ ބިމަށް ދޫކޮށްފައި. އޭގެތެރެއިން އެއްތަނަކީ ތާޖުމަހަލް. 1991 ނޮވެމްބަރުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ތާޖުމަހަލަށް ކުރި ޒިޔާރަތް. ފޮޓޯބައްލަވާފަރާތުގެ ކަނާތުން ވާތަށް. މުހައްމަދު ޢަޒީޒު (މަޖިލީހުގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ) ޢަބްދުލްހަސީބު (ވ. އަތޮޅުމެންބަރު) އޮނަރަބްލް އފ. އަޙްމަދުޒަކީ (މަޖިލީހުގެ ރައީސު) ޢަބްދުﷲ ފާރޫޤު ޙަސަން (ޏ .އަތޮޅު މެންބަރު) ޢަލީ މުޙައްމަދު (ނ .އަތޮޅު މެންބަރު)
ފޮތުގެ ޞަފްޙާ ނަންބަރު 78 ން 80 އަށް އޮންނަ މަޒުމޫނަކީ އިސްލާމްދީނުގެ ނަބިއްޔާ محمّد صلّــى اللّــه عليـه وسلّـم ގެ ރަންބަސްފުޅުތަކާއި އިރުޝާދުތަކުގެ މައްޗަށް އަލިއަޅުވައިލާ މަޒުމޫނެކެވެ. ސުވާމީޖީ އެ މަޒުމޫނުގައި ސާބިތުކޮށްދެއްވައިފައިވަނީ އިސްލާމްދީނަކީ ކީރިތި ޤުރްއާނުގެ އުނގަންނައިދެއްވުންތަކާއި އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم ގެ ބަސްފުޅުތަކާއި ނަސޭހަތްޕުޅުތަކުގެ މަޖްމޫޢާކަމެވެ. ސުވާމީޖީ މިމޭރުމުންވަނީ ބުޚާރީއަށް ޙަވާލާދެއްވައި ވަރަށްގިނަ ޞައްޙަ ޙަދީޘުތައްވެސް ނަކަލުކުރައްވައިފައެވެ. އޭނާ ސާބިތުކުރައްވައިފައިވަނީ އިސްލާމްދީނަކީ ޙައްޤާއި އިންސާނިއްޔަތުކަމުގެ ދީނެއްކަމެވެ. އެދީން ނިރުބަވެރިކަން އުނގަންނައިދީފައި ނުވާކަމެވެ. ނިރުބަވެރިކަމާ އެދީނާ އެއްވެސް ގުޅުމެއް ނުވާކަމެވެ. އޭނާ މި މައުޟޫޢު ނިންމައިލައްވަމުން ލިޔުއްވައިފައިވެއެވެ.
“މި ޙަޤީޤަތްތަކުން އޭގެ އަމިއްލަ ޒާތުގައި ސާބިތުވަނީ އިސްލާމްދީން އެއްވެސްއިރަކު އެއްވެސްކަމަކާ ވިދިގެން ނިރުބަވެރިކަން އުނގަންނައިދީފައި ނުވާކަމެވެ. އަދި ކީއްހެއްޔެވެ؟ އެދީން ނިރުބަވެރިކަމާ ނުހަނު ބޮޑަށް ދެކޮޅުހަދައެވެ. ޖިހާދަކީ އެއްވެސް ޙާލެއްގައި ނިރުބަވެރިކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ އަމިއްލަ ދިފާޢުގައި ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތެކެވެ.”
އަހަރެންގެ ފޮތެއްކަމުގައިވާ “އިސްލާމިކް އާތިންކުދާދުކާ އިތުހާސް” (އިސްލާމީ ނިރުބަވެރިކަމުގެ ތާރީޚު) ގައި އަހަރެންވަނީ ހިންދީރާޖާއިންނާއި މުސްލިމް ރަސްރަސްކަލުންނާ ދެމެދު ހިނގައިފައިވާ ހަނގުރާމަތަކުގައި އޮހޮރައިލެވިފައިވާ ގެއްލުންހުރި ލެޔާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ. މިހާރު އަހަންނަށް ރަނގަޅަށް ވިސްނިފައިވަނީ ލޭއޮހޮރުވިފައިވަނީ ހަނގުރާމައިގެ ތެރޭގައިކަމެވެ. އެއީ ވަކިފަރުދެއްގެ ކަމެއް ނޫނެވެ. އަދި އިސްލާމްދީނާވެސް ބެހޭކަމެއް ނޫނެވެ. ހަނގުރާމައިގެ ތެރޭގައި އެގޮތަށް ލޭއޮހޮރުމަކީ ހުރިހައި ޤައުމުތަކެއްގައިވެސް ހުރިހައި ޒަމާންތަކެއްގައިވެސް ހިނގައިފައިވާ ކަމެކެވެ. ސިކަންދަރުން ފެށިގެން ހިޓްލަރާ ހަމަޔަށް ތާރީޚުން ފެންނަނީ މިޙަޤީޤަތެވެ. ޚުދު އަހަރެމެންގެ އަމިއްލަ ޤައުމުގައި އަމިއްލަ ތާރީޚުގައި އާޝޯކު ކުލިންގު ފަތަޙަކުރެއްވުމުގައި އެއްލައްކަޔަށްވުރެ ގިނަމީހުން ޤަތުލުވިއެވެ. އެ ބިރުވެރި ލޭއޮހޮރުވުމުގެ އިލްޒާމެއް އަހަރެމެން އޭނާގެ ދީނަކަށް ރައްދެއް ނުކުރަމުއެވެ. މުސްލިމު ރަސްރަސްކަލުންނާ ބެހޭގޮތުން ބުނަންޖެހޭނީ މިގޮތަށެވެ.” (ޞަފްޙާ: 80)
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފުދު ޝާހްޖިހާނާއި މުމްތާޒުމަހަލްގެ މަޤްބަރާގައި
81 ވަނަ ޞަފްޙާއިން ފެށިގެން 98 ވަނަ ޞަފުޙާޔާ ހަމަޔަށްއޮތް މަޒުމޫނުގެ ޢުންވާނަކީ “ސަންސާތަން ވެދަކު އައުރެ އިސްލާމް” އެވެ. ސުވާމީޖީ އެ މަޒުމޫނުގައި ހިންދޫ ދީނުގެ މުސްކުޅި ފޮތްތަކަށް ޙަވާލާދެއްވައި ލިޔުއްވައިފައިވަނީ ތައުޙީދުގެ މައްސަލައިގައި އިސްލާމްދީނާއި ހިންދޫދީނާ ދެމެދު ޙައިރާންވާފަދަ އެއްގޮތްކަމެއް އެބަހުރިކަމެވެ. މިގޮތުން އޭނާ ސާބިތުކުރައްވަނީ ހިންދޫދީނުގެވެސް އަސްލު އުސޫލަކީ ތައުޙީދުކަމެވެ. އެކަމަކު ޒަމާންތަކާއެކު ތައުޙީދުގެ ބަދަލުގައި ޝަރީކު ކުރުމާއި އެތަކެއް ކަލުންނެއްގެ ކުށް ނަޒަރިއްޔާ ހިންދޫދީނަށް ވަދެފައިވަނީއެވެ.
“މިތާނގައި ފާހަގަކުރާންޖެހޭ ހިތާމަވެރި ޙަޤީޤަތަކީ ތައުޙީދުގެ މި ޙަޤީޤަތް ބަޔާންކުރާ ސަންސާތަން ވެދަކު ދީން މިހާރުވަނީ ހުސްއެކަނި ފޮތްތަކުގެ ޞަފުޙާތަކުގެ ތެރޭގައި ބަންދުވެފައިކަމެވެ. އޭގެބަދަލުގައިވަނީ ޝިރުކާއި އެތަކެއް ކަލުންތަކެއް ގަބޫލުކުރުމުގެ ނަޒަރިއްޔާ އެދީނުގެ ތެރެޔަށް ވެއްދިފައެވެ. ހިންދޫންގެ ތެރޭގައި މިހާރުވެސްދަނީ އައު ދޭވަތާއިންނާއި ކަލާނގެ ވަލިއްޔުން އަލުން އުފެދި އާލާވަމުންނެވެ. ޓީވީ ޕްރޮގްރާމެއްގައި ނުވަތަ ފިލްމެއްގައި އީޝްވަރުގެ އައުތާރެއްގެ ގޮތުގައި މީހަކު ދައްކާއިރަށް މިތާނގެ ޢާންމުން އެމީހަކަށް އަޅުކަންކުރާން ފަށައިގަނެއެވެ. އޭގެތެރެއިން އެތައްބަޔަކު އަމިއްލަޔަށްވެސް ތިމާއަކީ މުޖައްސިމް ކަލެއްކަމަށް ދަޢުވާކުރަމުން ހިނގާންފަށައިގަނެއެވެ. ޢާންމުންގެ އެތައްބަޔަކު އެމީސްމީހުންގެ ފަހަތުން ދުވާންފަށައިގަނެއެވެ. ހިތާމަޔާއި ހިތްދަތިކަމާއެކު ބުނާންޖެހެނީ އަހަރެމެންގެ ތެރޭގައި ބާޠިލާ އެއްކޮޅަށް ކުރިއެރުން ލިބޭގޮތަށް އެހެން އެއްވެސްތަނެއްގައި އެގޮތަށް ކަންހިނގަމުން ނުދާވާހަކައެވެ. ކަލާނގެ އެންމެންނަށްވެސް ސަލާމަތް ބުއްދި ދެއްވާށިއެވެ. އަހަންނަށް ހީވަނީ މިތާނގެ މީހުން އެބައިމީހުންގެ ބުއްދިއާއި ފިކުރު އެއްގޮތަކަށްވެސް ބޭނުންނުކުރާހެންނެވެ.” (ޞަފްޙާ: 93)
ޤަދީމީ ހިންދީ ދީނުގެ (ސަންސާތަންދަރަމް) އަސާސީ ފޮތްތައް ވެދާއި، އަޕުންޝަދުއާއި ގީތާގެ ގޮތުގައި މިހާރުވެސް ފެންނާން އެބަހުއްޓެވެ. އެފޮތްތަކުން ތައުޙީދު ތަޞައްވުރު ފެންނާން އެބައޮތެވެ. އެކަމަކު ނުރަނގަޅު އެތައްވާހަކަތަކެއް އެފޮތްތަކުގައި ހިމެނުމުގެ ސަބަބުން އެފޮތްތައް ޤަބޫލުކުރާ މީހުންގެ ތެރޭގައިވެސް ޝިރުކާއި ބުދަށް އަޅުކަންކުރުމާއި އެތަކެއްހާސް ކަލާނގެތަކެއް ޤަބޫލުކުރުމުގެ ތަޞައްވުރުވަނީ ޢާންމުވެފައެވެ. އަދި ކީއްހެއްޔެވެ؟ ހިންދީދީނުގައި އެއްކައުވަންތަ ކަލެއްގެ ތަޞައްވުރު އެކުލެވިފައިވާކަމެއްވެސް ހިންދީދީން ޤަބޫލުކުރާ މީހުންނަކަށް މިހާރަކު ނޭނގެއެވެ. އެހެންކަމުން ސުވާމީޖީގެ މިފޮތަކީ ހިންދީދީނުގެ މީހުންގެވެސް ލޯހުޅުވައިލަދޭ ފޮތެކެވެ. އެބައިމީހުން މުޠާލިޢާކުރާން ރަނގަޅު ފޮތެކެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފުދު ޝާހްޖިހާނާއި މުމްތާޒުމަހަލްގެ މަޤްބަރާގައި
ސުވާމީޖީ މިފޮތުގެ 94 ވަނަ ޞަފުޙާއިން ފައްޓަވައިފައިވަނީ “އަހަރެމެން އެންމެންގެ ޒިންމާ” މި މައިގަނޑު ނަމުގައި ލިޔުއްވައިފައިވާ މަޒުމޫނެކެވެ. ސުވާމީޖީ ޞަރީޙުކޮށް ބަޔާންކުރައްވައިފައިވެއެވެ. “އިސްލާމްދީނަކީ ހުސްއެކަނި މުސްލިމުންނަށްޓަކައި އޮތް ދީނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އިންސާނިއްޔަތަށްޓަކައި އޮތް ދީނެކެވެ. އިންސާނިއްޔަތުގެ ކާމިޔާބީއާއި ހެވަށްޓަކައި އޮތްދީނެވެ. އެދީނުގައި ނިރުބަވެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. އެހެންކަމާއެކުވެސް މުސްލިމުންނާ ނިރުބަވެރިކަމާ ގުޅުވުމަށްޓަކައި ނުހަނު ރޭވުންތެރިކަމާއެކު ދަނީ މަސައްކަތް ކުރެވެމުންނެވެ.” އަދިވެސް އޭނާ ލިޔުއްވައިފައިވެއެވެ. “މުސްލިމުންނަކީ ނިރުބަވެރީން ކަމުގައިވާނަމަ މުސްލިމުންނަކަށް ނިރުބަވެރި ޙަމަލަތަކެއް އަމާޒެއް ނުވީހެވެ. ޙައިދަރުއާބާދުގެ މައްކާ މަސްޖިދާއި، މާލީގާއޫންގެ (މަހާރާޝްޓަރުގެ) އީދުގާހަށް ޙަމަލައެއް ނުދެވުނީހެވެ.” އަދިވެސް ލިޔުއްވައިފައިވެއެވެ.
“މުސްލިމުންގެ މަދަރުސާތަކާއި ދީނީ އަދި އިޖުތިމާޢީ ޖަމާޢަތްތަކާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފަށް ޕްރޮޕެގެންޑާ ކުރެވެމުންދަނީ އެތަންތަނުން މީހުންނަށް ނިރުބަވެރިކަމަށް ހިތްވަރުދޭކަމުގައެވެ. އެކަމުގެ ޙަޤީޤަތް ހޯދުމަށްޓަކައި އަހަރެންވަނީ މުސްލިމުންގެ މަޝްހޫރު ގާތްގަނޑަކަށް ހުރިހައި ދީނީ ޖަމާޢަތްތަކަކާއި އިޖުތިމާޢީ ޖަމްޢިއްޔާތަކެއް މުޠާލިޢާ ކޮށްފައެވެ. އެކަމަކު އެއިން އެއްވެސްތަނަކުން ނިރުބަވެރިކަމަށް ހިތްވަރުދޭ ނުވަތަ ތާއީދުކުރާކަމުގެ ލިސާނެއް ނުފެނުނެވެ. އަޑުއަރުވަމުންދާގޮތުގައި ނިރުބަވެރީން އުފައްދަނީ މަދަރުސާތަކުންނެވެ. މަދަރުސާތަކުން ތައްޔާރުކުރާކަމަށް އެބުނާ ނިރުބަވެރީން ހޯދުމަށްޓަކައި އަހަރެން ލަކަނޫގެ ހުރިހައި މަދަރުސާތަކަކާއި ކޮލެޖުތަކަކާއި އެނޫންވެސް އެތައް މަދަރުސާތަކަކަށް ދިޔައީމެވެ. އެކަމަކު އެތަންތަނުން ނިރުބަވެރިކަމުގެ ބަދަލުގައި އަހަންނަށް ފެނުނީ އަމާންކަމާއި ސަލާމަތެވެ. ސަމާޙަތެވެ. ފުރިހަމަ އިންތިޒާމާއި ގަވާއިދު ހިފެހެއްޓުމެވެ. ތަހުޒީބެވެ. ދޮށީމީހުންނަށާއި މާތްމީހުންނަށް އިޙްތިރާމް ކުރުމެވެ. އިންސާނިއްޔަތަށްޓަކައި ލޯތްބާއި ހަންހާރަވެތިކަމެވެ. މިފޮތް ލިޔުމުގެ ކުރީން އަހަރެން އިސްލާމީ ވަރަށްގިނަ ޢިލްމުވެރީންނާ ބައްދަލުވީމެވެ. مــولانـا سـيّـدأبــوالحــسن عـلــى الحسنـِى الـنّــدوى (ޢަލީ މިޔާން) ގެ ޒަރީޢާއިން އުފެދިފައިވާ “ފިޔާމެ އިންސާނިއްޔަތު ފޯރަމް” ގެ ފަރާތުން ޤައުމުގެ ތަފާތު ކަންކޮޅުތަކުގައި ސެމިނާރތައް ބާއްވަމުން ގެންދެއެވެ. އިންސާނީވަންތަކަމާ ބެހޭގޮތުން ޚިޔާލު ފާޅުކުރުމަށްޓަކައި އަހަންނަށްވެސް ދަޢުވަތު ދެއެވެ. އޭގެއިތުރަށް ޤައުމުގެ މުސްލިމް އެތަކެއް ޖަމާޢަތްތަކަކުންވެސްވަނީ ޢާންމުންނަށްޓަކައި ހުޅުވައިލެވޭ ޕްރޮގްރާމުތަކުގައި ޚިޔާލުފާޅުކުރަން އަހަންނަށް ފުރުސަތު ދީފައެވެ. އެހުރިހާ ފަހަރަކުވެސް އަހަރެން ތަފާތު ޢިލްމުވެރީންނާ ބައްދަލުކުރީމެވެ. އެބޭކަލުންގެ ސާދާކަމާއި މާތްކަމާއި ހެޔޮލަފާކަމާއި، އެބޭކަލުންގެ ހިތްޕުޅުގައިވާ އިންސާނީ ހަމްދަރުދީގެ ޖަޒުބާތު އެނގިފެނިވުމުން އަހަންނަށް ވަރަށް އަސަރުކުރިއެވެ. މުސްލިމުންގެ ދީނީ ޖަމްޢިއްޔާތަކާއި އިޖުތިމާޢީ ތަންޒީމުތަކާއި މުސްލިމުންގެ ޢިލްމުވެރީންނާ ބައްދަލުވުމުން އަހަންނަށް އެނގުނީ އާންމުންގެ މެދުގައި އިސްލާމްދީން ބަދުނާމުކުރުމަށްޓަކައި ނުބައި ރޭވުންތައް ރާވައި އެއަށް ޢަމަލުކުރަމުން ގެންދާކަމެވެ.” (ޞަފްޙާ: 100)
ޝަމްސުއްދީނު އަލްތަތުމިޝްގެ ވީރާނާވަމުންދާ މަޤްބަރާ. މިމަޤްބަރާ ހުންނަނީ ޤުއްވަތުލް އިސްލާމް މިސްކިތުގެތެރޭގައި.1991 ގައި އަޅުގަނޑުމެން ޒިޔާރަތްކުރިއިރު އެމިސްކިތުގެވެސް ބޮޑުބައި ވަނީ ވެއްޓިފައި. ވީރާނާވެފައި. ވީރާވެފައި ހުރިކަމުގައިވިޔަސް ޙާލުގެ ދުލުން އެމިސްކިތުގެ ޝަރަފުވެރި މާޒީގެ ދާސްތާނު ކިޔައިދިން.ތާތާރުން އިސްލާމީ ދުނިޔެއަށް ހަމަލަދިން ދުވަސްވަރު އުންމަތުގައި ހުންނެވި އެންމެ އައުދާނަ ރަސްކަލަކީ ޝަމްސުއްދީން. އެމަނިކުފާނު ނިހާޔަތަށް ބޭނުންފުޅުވުމާއެކުވެސް މުސްލިމުންނަށް އެހީވެދެއްވަން އިންޑިޔާއިން ފައިންޕުޅު އުފުރައިލައްވާކަށެއް އިންޑިޔާގެ ޚާއްސަ ޙާލަތު ތަނެއްނުދިން. އެހެންކަމާއެކުވެސް މުސްލިމުންގެ ޢިލްމާއި ޙަޟާރަތާ ޢިލްމުވެރީން ޙިމާޔަތްކޮށްދެއްވި
ކޮންމެއަކަސް “އިސްލާމް – ނިރުބަވެރިކަންހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟” މިފޮތަކީ ފެށުނީއްސުރެ ނިޔަލަށް އެފޮތުގައިވާ ކޮންމެ ޖުމުލަޔަކާމެދުވެސް ކޮންމެ ލަފުޒަކާމެދުވެސް ވިސްނައި ފިކުރުކުރަން ދަޢުވަތުދޭ ފޮތެކެވެ. އެފޮތެއް ކިޔުމަށް ބުއްދި ލާޒިމުކުރާ ފޮތެކެވެ. އެފޮތް ކިޔާންވީ ހަމައެކަނި ޣައިރުމުސްލިމުންނެއް ނޫނެވެ. މުސްލިމުންވެސް އެފޮތް ކިޔާންޖެހެއެވެ. ސުވާމީޖީ އެފޮތް ލިޔުއްވައިފައިވަނީ ވަރަށްބޮޑަށް ތަޙުޤީޤު ކުރައްވައި މަޢުލޫމާތު އެއްކުރައްވައިގެންނެވެ. ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވައިގެންނެވެ. ނުހަނު އިޚްލާޞްތެރިކަމާއި ކުލުނުވެރިކަމާ އެކުގައެވެ. އޭނާވަނީ އޭނާއަށް ކުރެއްވުނު ކުށަށް އިޢުތިރާފުވެވަޑައިގެން މުސްލިމުންގެ ކިބައިން މާފުއެދިވަޑައިގެންފައެވެ. އޭނާ އެފޮތުގެ ޒަރީޢާއިން މުސްލިމުންގެ ހިތްތައް ފަތަޙަކުރެއްވި ފަދައިން އޭނާވަނީ އޭނާއަކީ ތެދުވެރި ސަލާމަތް ފިޠުރަތެއްގެވެރި ހެޔޮލަފާ އިންސާނެއްކަންވެސް ސާބިތުކުރައްވައިފައެވެ. ޝައްކެއްނެތެވެ. މިފޮތް ލިޔުއްވިކަމީ ސުވާމީޖީއަށް ތާރީފުކޮށް މުބާރިކުބާދީ ދެންނެވުން ޙައްޤުކަމެކެވެ.
ނިންމައިލުމުގެކުރީން އަޅުގަނޑުގެ ހިތުގައިވާ ޝުޢޫރެއްވެސް ފާޅުކޮށްލަން ބޭނުންވެއެވެ. ސުވާމީޖީ މިފޮތް ލިޔުއްވައިފައިވާ ފުރިހަމަކަމުން ސާބިތުވަނީ އޭނާ ވަރަށް ފުންކޮށް އިސްލާމްދީން ދިރާސާ ކުރައްވައިފައިވާކަމެވެ. އޭނާވަނީ އިސްލާމްދީނަކީ އާފާޤީ ދީނެއްކަމުގައްޔާއި އިލްހާމީ ދީނެއްކަމަށްވެސް އިޢުތިރާފުވެވަޑައިގެންފައެވެ. އިސްލާމްދީނަކީ އިންސާނިއްޔަތުގެ ސަލާމަތުގެ މަގު ކަމުގައިވެސް ވިދާޅުވެފައެވެ. މިދެންނެވި ފޮޅުވަތްތައް ކިޔަމުންދިޔައިރު ފޮޅުވަތުންނާއި ދެފޮޅުވަތް ދޭތެރެއިން އަޅުގަނޑަށް އެނގުނީ އޭނާގެ ސަލާމަތް ފިޠުރަތު ޝަރީކުކުރުމާއި ބުދުއަޅުކަން ޤަބޫލު ނުކުރައްވާކަމެވެ. އެތަކެއްހާސް ކަލުންނެއް ޤަބޫލުކުރާ ނަޒަރިއްޔާއާ އޭނާގެ ހިތްޕުޅު ނުރުހޭކަމެވެ. އެހެންކަމުން އަޅުގަނޑުގެ ހިތަށް އަރައެވެ. ސުވާމީޖީ އިސްލާމްދީން ޤަބޫލުކުރައްވާނެނަމައެވެ. އޭނާ އީމާންވެވަޑައިގެން ޞާލިޙު ޢަމަލުތަކުގެ ޒަރީޢާއިން އޭނާގެ އުޚުރަވީ އަދި އަބަދީ ޙަޔާތްޕުޅު ކާމިޔާބު ކުރައްވާނެ ނަމައެވެ. އޭނާއަށްޓަކައި ޖަންނަތުލްފިރުދައުސުން ޖާގަ ކަށަވަރުކުރައްވާނެ ނަމައެވެ.
ޝައްކެއްނެތެވެ. ކޮންމެކަމެއްގެވެސް ހެޔޮނިމުން ގުޅިފައިވަނީ އަރަހުށި މާތް اللّـه سبحـانــه وتـعــالــى ގެ ތައުފީޤާއެވެ. އެކަމަކު އަޅާވެސް ޖެހޭނީ އެކަން އަދައިގެން އުޅޭށެވެ. ޙައްޤު ހޯދުމަށާއި ހެޔޮނިމުން އަދައިގެން މަސައްކަތްކުރާށެވެ. އަޅުގަނޑު ދުޢާކުރަމެވެ. އަރަހުށި މާތް اللّـه ސުވާޖީއަކީ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުގެ މުޞްދާޤެއްކަމުގައި ލައްވާށިއެވެ.
“اللّـه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ.” (الأنـعـام: 125)
(ނިމުނީ)
ފަހުގެ ޚިޔާލުތައް