ކައިލައްކޮރާގެ ހަގީގަތް
ކައިލަގެ ތަންގަނޑު ނުވަތަ ކައިލައްކޮރާގެ ވާހަކައަކީ އަހުރެން އެންމެ ކުޑައިރުވެސް އަހައިއުޅޭ ވާހަކައެކެވެ. އޭރު މިނަން ނިސްބަތްވަނީ ވަކި ސަރަހައްދަކަށެވެ. މީދޫގެ އާބާދުވެފައި އޮންނަ ސަރަހައްދުން އެންމެ ހުޅަނގު ދެކުނަކީ ކައިލަގެ ތަންގަނޑެވެ. ކައިލައްކޮރާއަކީ ކައިލަގެ ތަންގަނޑުގެ އަނެއް ނަމެވެ. މީގެ މާނައަކީ ކައިލަގެ ޕޮކެޓެވެ. ވަކިބަޔަކު އެކަހެރިކޮށް އުޅޭ އަދި އެބަޔަކު ޑޮމިނޭޓްކުރާ އޭރިޔާތަކަށް އެބައެއްގެ ނަމާއި ގުޅުވައިގެން ޕޮކެޓޭ ކިޔައި އުޅެއެވެ.
އަހުރެން އުޅެ ބޮޑުވީ ރަށުގެ އާބާދުވެފައި އޮންނަ ސަރަހައްދުން އެންމެ އިރު އުތުރުގައެވެ. ކައިލައްކޮރާ އާއި އެންމެ ދުރު އޭރިއާގައެވެ. މިހެންވުމުން ކައިލައްކޮރާއާ ދޭތެރޭ އަހަރެމެން ދެކޭގޮތް ވަރަށް ތަފާތެވެ. އަހަރެމެންނަށް ހީވެފައި އޮންނަނީ ކައިލަގެ ތަންގަނޑަކީ އެންމެ ނުލަފާ މީހުން އުޅޭ އޭރިއާކަމަށެވެ. މިހެން ހީވާން ޖެހުނު ސަބަބުވެސް ހުއްޓެވެ. އަހަރެމެން އާއްމުގޮތެއްގައި އެސަރަހައްދަށް ގޮހެއް ނޫޅެމެވެ. ހާލަކުން ފަހަރަކު ވިޔަސް އެސަރަހައްދަށް އަރައިފިއްޔާ އެހިސާބުގެ ނުލަފާ ކޮންމެވެސް ސޮރެއްގެ އަތްދަށުވެ ލޮޓިޔެއް ނުލިބި ނުދާނެއެވެ. އެހެންވެ ދާންވެސް ނުކެރެނީއެވެ.
ކައިލައްކޮރާގެ ހަގީގަތަކީ ކޮބައިބާވައެވެ. މިއީ ކޮންގޮތަކުން ކިހިނަކުން ކިޔަން ފެށުނު ނަމެއް ބާވައެވެ. މިސުވާލުގެ ޖަވާބު މިއަދުގެ ތާރީޚީ ހޯދުންތަކުން ވަނީ ލިބިފައެވެ. ކައިލަގެ އަކީ އިހުޒަމާނުގައި މީދޫގައި ހުރި ގެއެކެވެ. އެގެއެއް ހުރީ މިހާރު ކަންކެޑެގޭ އެހެރަތާގައެވެ. ހަސަންބެޔާގެ ފުރަގަހުންނެވެ. ކައިލަގެއަކީ މިބުނިތަނުގައި ހުރި ގެއެއްކަމުގައިވެފައި އޮރިޖިނަލް ކައިލައްކޮރާއަކީ މިހާރު ކައިލަގެ ތަންގަޑޭ އެކިޔާ ސަރަހައްދެއް ނޫނެވެ. އޮރިޖިނަލް ކައިލައްކޮރާއަކީ މިހާރު ހަސަންބެޔާގެ އާއި ހަސަންރަހާގެ އަދި ސައިގޭ އެހުންނަ އޭރިޔާއެވެ. ކައިލައްކޮރާގެ ފަހުގެ ޖެނެރޭޝަންތަކުގެ މީހުން އެއަށްވުރެ ތަންކޮޅަށް ދެކުނަށް ޖެހި މޫސާގެފަންނާއި އެ ފަންނާ ޖެހިގެން އިރުމައްޗަށް އާބާދުވުމުން އެސަރަހައްދަށް ކައިލަގެ ތަންގަނޑޭ ކިޔަން ފެށުނީއެވެ.
މީގެ ގާތަގަޑަކަށް ތިންސަތޭކައެއްހާ އަހަރު ކުރިން ކައިލަގެއަކީ ވަރަށް ވަރުގަދަ ބާރުގަދަ އާއިލާއަކަށް ނިސްބަތްވި މީހުން ދިރިއުޅުނު ގެއެކެވެ. އެގޭގައި އެކަނިވެސް ދިހަބާރަ ފިރިހެން ކުދިން އުޅުނު ކަމަށްވެއެވެ. އެވެރިންގެ މުލައްދަނޑީގެ ބާރާއި ވެރިންގެ ބަހަށް ތަބާނުވުން ބޮޑުކަމުން އެސަރަހައްދަކީ ރަށުގެ ވެރިންގެ ބަސްވިކޭ އަދި އެވެރިން ގޮސް އުޅޭ އޭރިޔާއަކަށް ވެސް ނުވެއެވެ. އެސަރަހައްދުގެ ބާރުވެރިންނަކީ ކައިލަގެ ކުދިންނެވެ. ތަންކޮޅެއްފަހުން މާލޭގައި ވަކަރުގޭ ކުދިންނޭ ކިޔައި އުޅުނު ގޮތަށް މީދޫގައި އެބަސް ބޭނުން ކުރެވުނީ ކައިލަގެ ކުދިންނަށް ނިސްބަތްކޮށްފައެވެ.
ކުރީޒަމާނުގައި މީދޫގެ ވެރިންނާއި އެވެރިންގެ ގާތްތިމާގެ މީހުން އާބާދުވެގެން އުޅުނީ ރަށުގެ އިރު އުތުރު ފަރާތުން ތަންކޮޅެއްގައެވެ. ކައިލަގެ ކުދީންނާއި އެއުރެންގެ ގާތްތިމާގެ މީހުން އުޅުނީ ރަށުގެ ހުޅަނގު ދެކުނުން ތަންކޮޅެއްގައެވެ. އޭރު އެއީ ދެ ވިލެޖެކެވެ. އެއްބަޔަކު އަނެއްބަޔަކާއި މާބޮޑު ގުޅުމެއްނެތެވެ. އެދުވަސްވަރު މީދޫގައި ތިބެފައި ހުޅުދޫއަށް ހިނގައި އުޅޭ މަގަކީ ކައިލައްކޮރާގެ ތެރެއިން ދެވެން އޮންނަ މަގެކެވެ. މިހާރު މިފެންނަ ބޮޑުމަގަކީ މާފަހުން ހެދި މަގެކެވެ. ކުރީގެ މަގުގައި ކައިލައްކޮރާ ވިލެޖާއި އެންމެ ގާތުން މީދޫ ވިލެޖު ނިމޭ ހިސާބުގައި ހުންނަ ގެޔަކީ ހުޅުދުމައިގެ އެވެ. އެގެއަށް އެނަން ކިޔަނީވެސް ހުޅުދޫއަށް ހިނގާ މަގުގައި މީދޫވިލެޖު ނިމޭތާގައި ހުންނަ ގެއަކަށްވާތީއެވެ. ދެން އޮންނަނީ ޖަންގައްޔެވެ. ތަންކޮޅަކަށް ހިނގާއިރު ދެން ވަދެވޭނީ ކައިލައްކޮރާ ވިލެޖަށެވެ.
ވަން އައިލެންޑް ޓޫ ވިލެޖް ސިސްޓަމަށް މީދޫ ވަރަށް ގިނަ ޒަމާންތަކަށް ދެމިއޮތެވެ. މި ސިސްޓަމް ނިމުނީ ކައިލަގެ އައުލާދުގެ ބާރުވެސް ކުޑަވެ އެއުރެންގެ އާބާދީވެސް ތަންކޮޅެއް ތުނިވެފައި އޮތް ދުވަސްވަރެއްގައި ގަނޑުވަރު ހަސަން ދީދީ އާއި އެދީދީގެ ކޮއްކޮ ގަނޑުވަރު އަހުމަދު ދީދީ ކުޅަ ތަދުބީރަކާ ގުޅިގެންނެވެ. މިތަދުބީރަކީ އަހުމަދު ދީދީ ކައިލައްކޮރާއަށް ގޮސް އެތާގައި ދިރިއުޅޭން ފެށުމާއި އެސަރަހައްދުގެ ހުރިހާ ބާރެއް އަހުމަދު ދީދީއަށް އޮންނަ ގޮތަށް ހަސަން ދީދީ ރުހުމެވެ. އަހުމަދު ދީދީ ގޮސް ގެއެއް އެޅީ ކައިލަގެއާ ވަރަށް ގާތުގައެވެ. މިހާރު ގަނޑުވަރު އަހުމަދު ދީދީގެ އޭ އެކިޔަނީ އެގެއަށެވެ. މިހެންވުމުން މުޅި ރަށުގައި މި ދެބެއިންގެ ބާރެވެ. އަހުމަދު ދީދީއަށް އެހީވުމަށް ދެން އެސަރަހައްދަށް ހިޖުރަކުރީ އެދީދީއަށް ބޮޑުބޭބެ ކިޔާ ކުބެއްޔާއެވެ. ކުބެއްޔާއަކީ އަހުމަދު ދީދީގެ އެއްބަނޑު އެއްބަފާ ދައްތަ ކައްދައިދީގެ ދަރި އަލި ދީދީއެވެ.
ގަނޑުވަރު އަހުމަދު ދީދީ އާއި ކުބެއްޔާ އެސަރަހައްދަށް ބަދަލުވުމުގެ ކުރިން ކައިލަގެ ތަންގަނޑަކީ ވެރިކަމުގެ ފަރާތަށް މާބޮޑު ބާރެއް އޮންނަ ސަރަހައްދެއް ނޫނެވެ. މީދޫއަކީ ދެބައިވެފައި އޮންނަ ރަށެކެވެ. ކައިލައްކޮރާގެ އަމިއްލަ ވަންތަކަން ނިމި ގުޅިފައިވާ މީދޫއަކަށްވީ އެހިސާބުންނެވެ. އެހެންކަމަށް ވިޔަސް ކައިލަގެ އައުލާދުގެ މީހުން ދެންވެސް އާބާދުވަމުން އައީ އެހިސާބާ މާދުރުނޫން ސަރަހައްދެއްގައެވެ. އެކަމަކު އެހިސާބުގައި ކައިލަގެ ނޫން މީހުންވެސް އުޅެއެވެ. އެހެންވީމާ އެއީ ކައިލަގެ ވަކި ޚާއްސަ އޭރިޔާއަކަށް ވުމަށް ފުރުސަތެއް ނުލިބެއެވެ. ތަންކޮޅެއް ފަހުން ކައިލަގެ އައުލާދުގެ ވަރަށް ގިނަ ބަޔަކު ގަމަށް ހިޖުރަކުރިއެވެ. މިހާރު އެއުރެންގެ އައުލާދު އެންމެ ގިނައީ ފޭދޫގައެވެ.
ފަހުގެ ޚިޔާލުތައް