ދިޔަމިގިލީ ރަދުންގެ ޒިޔާރަތުން މެސެޖެއް

“މެސެޖް” މިއީ ރާއްޖެއަށް ހިޖުރަކުރި ބަހެކެވެ. “ޑިމޮކްރަސީ” މިކިޔާހެން ބޭރުގެ ބައެއް ބަސްތައް މިރާއްޖެއަށް ހިޖުރަކުރި ބީދައިން އެ މަގުންނެވެ. ބަހުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި “މެސެޖް” އަކީ ޚިޠާބެވެ. ބަޔާނެވެ. ޚަބަރެވެ. ކަމަކާބެހޭގޮތުން އަންގާ އެންގުމެވެ. އިޝާރާތެވެ. ސިގްނަލެވެ.

Mohamed Imaadudden

ޒިޔާރަތް ނުވަތަ ބިސްތާނައާއި ގަބުރުސްތާނަކީ އެތަންތަނަށް ޒިޔާރަތްކުރާ މީސްމީހުންނަށް ޕްރިންޓާއި އިލެކްޓްރޯނިކްސް އަދި އެނޫން ވަސީލަތްތައް މެދުވެރިކޮށް ވިޔަސް ހަމަލޮލަށް ފެންނަގޮތަށް މެސެޖް ދޭ ތަނެއްނޫނެވެ. އެފަދަ ތަންތަނަށް ޒިޔާރަތްކުރާ މީސްމީހުންނަށް އެތަނަކުން ދޭ މެސެޖެއް ދޭނީ އެމީހެއްގެ ސިކުނޑިއަށެވެ. ނުވަތަ ވިސްނުމަށެވެ. މިގޮތަށް މޮޅެއް ދެރައެއްނެތި އެންމެން ހަމަހަމަކޮށް އެއްވެސް އިސްތިސްނާއެއް ނެތި އެންމެނަށް ލިބޭ ޢާއްމު މެސެޖެއް އޮންނާނެއެވެ. އެމެސެޖަކީ މަރުވާނެކަމެވެ. ދިރިހުރުން ނެތިދާނެކަމެވެ. މަރު ހަނދާންކުރަންޖެހޭ ކަމެވެ. މީގެއިތުރަށް މުސްލިމުންގެ ގަބުރުސްތާނަކަށް ޒިޔާރަތްކުރާ މުސްލިމަކަށް އެތަނަކުން ދޭ އިތުރު މެސެޖަކީ މައްޔިތުންނަށް ހެޔޮދުޢާކުރުމުގެ ހެޔޮކަމުގެ މެސެޖެވެ. ތިމާގެ ހެޔޮދުޢާ ބޭނުންވާނޭ މުސްލިމުން މިތިބަގޮތަށް ތިމާއަށްވެސް މިދުވަސް މިގޮތަށް އަންނާނެކަމުގެ ކަށަވަރު މެސެޖެވެ.

އިސްވެ ދެންނެވިގޮތުން މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައިވާ ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ ބިސްތާނަ ނުވަތަ ޒިޔާރަތުގެ ތެރެއިން އިންސާނީ ސިކުނޑިތަކަށް ރައްދުކޮށްދޭ އެހެން މެސެޖެއްވެސް އެބަވެއެވެ. މަޢުނަވީ މެސެޖެކެވެ. ހިނގިގޮތަކަށް ހިނގައި އެ ކަމެއް ނިމުނުތާ ދެ ގަރުނާއި ބަޔާއި ގާތްވަމުންދާ ކަމަކާގުޅޭ ގޮތުން އުފެދިފައިވާ ސުވާލެއްގެ ޖަވާބީ މެސެޖެކެވެ. މިހެންވީ ނަމަވެސް އިންސާނީ ސިކުނޑިތަކަށް ރައްދުކޮށްދޭ މި މެސެޖް އެ ސިކުނޑިތަކަށް ތަރުޖަމާކުރެވޭނީ ދިވެހި މުޖުތަމަޢުގެ ވަކި ހިސާބަކުން ވަކި ހިސާބަކަށް ހިނގާފައިވާ ކަންތައްތަކެއް އެ ސިކުނޑިއެއްގެ ވެރިއަކަށް އެނގި، އެކަންކަމަށް ރިޢާޔަތްކުރެވިފައިވާނަމަ އެވެ. އެހެންނޫނީ ހަމަ ހުރެފައި ކުއްލިއަކަށް ގޮސް މި ބިސްތާނަ ނުވަތަ މި ޒިޔާރަތަށް ވަދެ ބަލައިލުމަކުން ނުވަތަ ފޮޓޯއެއް ނެގުމަކުން އެމެސެޖެއް ތަރުޖަމާ ނުކުރެވޭނެއެވެ. މިކަންކުރަން ޖެހެނީ ޢިލްމީ ތާރީޚީ އަދި ވިސްނުމުގެ ތެރެއިންނެވެ. ތިމާގެ ޒާތީ މަޞްލަޙަތާއި އެއްކޮޅަށް ވިސްނުމުގެ ތަރާދު ބުރަނުކޮށެވެ.

ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ ބިސްތާނަ ނުވަތަ ޒިޔާރަތުގެ ތެރެއިން ލިބޭ މެސެޖް:
ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު ޣިޔާސުއްދީން ރަދުން ޝަހީދުކުޅައިރު ދިވެހިތަޚުތުގައި އިންނެވީ ސުލްޠާން ޙަސަން ޢިއްޒުއްދީން(ދޮންބަންޑާރައިން)ގެ ދޮށީ ދަރިކަލުން ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނެވެ. މިކަން މިހެންއޮތުމުން ޣިޔާސުއްދީން ރަދުން ޝަހީދުކުޅަ ލާއިންސާނީ އަނިޔާވެރިކަންބޮޑު ޙީލަތްތެރި ނުބައި ޖަރީމާގައި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ޙިއްޞާއެއް އޮތުމާއި ނެތުމުގެ ސުވާލާއި އެޖަރީމާގެ ފަހުން ޣިޔާސުއްދީން ނިސްބަތްވެވަޑައިގަންނަވާ ދިޔަމިގިލީ ދަރިކޮޅާއި މުޢިއްޒުއްދީން ނިސްބަތްވެވަޑައިގަންނަވާ ހުރާގޭ ދަރިކޮޅުން ދޮންބަންޑާރައިންގެ ފަރާތްޕުޅުން އުފެދުނު ދަރިކޮޅާއި ދެމެދުގެ ގުޅުންތެރިކަން އޮތް ނެތްގޮތުގެ ސުވާލަކީ އޭގެ ޖަވާބެއް ޢާއްމުކޮށް ފެންނަފަށުގައި އޮތުން ބޭނުންވެފައިވާ އެއްޗެކެވެ.

މިހެންވުމާއެކު އުފެދިފައިވާ ސުވާލަށް އެކަށޭނަ ޖަވާބު އެވަނީ މުޙައްމަދު ޣިޔާސުއްދީން ރަދުންގެ ކާފާފުޅު ދިޔަމިގިލީ ރަދުންގެ ބިސްތާނަ ނުވަތަ ޒިޔާރަތުގެ ތެރެއިން ޢާއްމުކޮށް ފެންނަފަށުގައި ދެއްވާފައިކަމަށް ޢިލްމީ ތާރީޚީ އަދި ވިސްނުމުގެ ބައެއް އަހުލުވެރިން ބުރަވެވަޑައިގަނެއެވެ. މިޖަވާބަކީ ލާއިންސާނީ ނުހަނު އަނިޔާވެރި ރަޙުމް ކުޑަގޮތަކަށް މުޙައްމަދު ޣިޔާސުއްދީން ރަދުން ޝަހީދުކުޅައިރު ދިވެހި ރަސްކަމުގައި އިންނެވި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ފަރާތްޕުޅުން ދަރިކޮޅު އުފެދުނު ހަމައެކަނި ދަރިކަނބަލުން ކަކާގޭ ގޮމާ (ޢާއިޝާ ކަނބާރަނި ކިލެގެފާނު)، މުޙައްމަދު ޣިޔާސުއްދީން ރަދުންގެ ކާފާފުޅު ދިޔަމިގިލީ ރަދުންގެ ބިސްތާނައިގައި އެ ރަދުންނާއި އޭނާގެ ދަރިކަނބަލުން ޢާއިޝާ ކަނބާ އާއި ދެމެދުގެ ދަތި ޖާގައިގައި ފަސްދާނުލެއްވުމެވެ.

1133ހ. ގައި ފުރައުއްތަވެ ފަސްދާނުލައްވައިފައިވާ ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ މަހާނަފުޅާއި ޖެހިގެން ވާތްފަރާތުގައި ފަސްދާނުލައްވާފައި ވަނީ 1140ހ. ގައި އަވަހާރަވި އެރަދުންގެ ދަރިކަނބަލުން ޢާއިޝާ ކަނބާ އެވެ. މި ދެމަހާނަފުޅުގެ ދެމެދު އޮތީ ނުހަނުދަތި ހަނި ޖާގައެކެވެ. މި ދަތި ޖާގައިގައި ފަސްދާނުލައްވާފައި އެވަނީ ޢާއިޝާ ކަނބާ އަވަހާރަވީތާ 103 އަހަރުގެ ފަހުން (1243ހ.ގައި) އަވަހާރަވެފައިވާ ކަކާގޭ ގޮމާ އެވެ.

ތެދުފުޅެކެވެ. ކަކާގޭ ގޮމާގެ މަންމާފުޅަކީ ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ސަންފާ ރަންދި ކަނބާފާނުގެ ދޮންބީނާގެ އާމިނާދީދީއަށް ވީމާ މިގޮމާ އޭނާގެ މާމާފުޅުގެ ކާފާފުޅުގެ ބިސްތާނައިގައި ފަސްދާނުލެއްވުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. ޙަސަބާއި ނަސަބާއި ޢިއްޒަތުގެ ދަރަޖައާއި އުޚުއްވަތްތެރިކަމާއި، އޮތުން ލާޒިމު ޢާއިލީ ލޯތްބަށް ބަލާނަމަވެސް އެކަށީގެންނުވާ ކަމެއްނޫނެވެ. ނަމަވެސް ކަކާގޭ ގޮމާ ފަސްދާނުލެވުނު ދުވަސްވަރާއި ޙާލަތާއި މަގްޞަދުން އިޝާރަތްކުރެވޭ މަޢުނަވީކަމެއް އޮތްކަމަށް ޢިލްމީ ތާރީޚީ އަދި ވިސްނުމުގެ ބައެއް އަހުލުވެރިން ބުރަވެވަޑައިގަންނަވަނީ ކަކާގޭ ގޮމާއަށް އުފަން ބައެއް ދަރިކަނބަލުންގެ މަހާނަފުޅާއި ޖެހިގެންވެސް އެކަމަނާ ފަސްދާނުލެވެންއޮތް އިރު އެކަން ނުކުރައްވައި ދިޔަމިގިލީ ރަދުންގެ ބިސްތާނަ ތެރޭ ދަތި އުނދަގޫ ހަނި ޖާގައެއްގައި އެކަމަނާ ފަސްދާނުލެއްވުމުންނެވެ. މިދެންނެވި ޖާގައިގެ ދަތިކަން ދިޔަމިގިލީ ރަދުންގެ ބިސްތާނައިގެ މަހާނަފުޅުގެ ފޮޓޯ ބަލައިލުމުން އެނގެއެވެ.

ކަކާގޭ ގޮމާ އެ ގޮމާގެ މާމާފުޅުގެ ކާފާފުޅުގެ އަރިހުގައި ފަސްދާނުލުމަކީ އުޚުއްވަތްތެރިކަމާއި، ޢާއިލީ ލޯތްބާއި ގުޅުންތެރިކަމަށް ބަލާއިރު އޭގެ ތަރުޖަމާއެއް ބޭނުންވާ މެސެޖެއްނޫނެވެ. ސުވާލު އުފެދޭކަމެއް ނޫނެވެ. ޙަސަބާއި ނަސަބާއި ދަރަޖައިގެ ގޮތުން ކުފޫ ހަމަނުވާކަމެއްވެސް ނޫނެވެ. އެކަން އެގޮތަށް ކުރުން އެކަށީގެންނުވާ ކަމެއްވެސް ނޫނެވެ. މިކަންކަން މިގޮތަށް އެބަ އޮތެވެ. އެހެންނަމަވެސް އޭގެ ތަރުޖަމާއެއް ބޭނުންވަނީ ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ހަމައެކަނި އިންނެވި ދަރިކަނބަލުން ޢާއިޝާ ކަނބާރަނި ކިލެގެފާނު 1243ހ. ގައި އަވަހާރަވީމާ އެކަމަނާ ސުލްޠާން މުޙައްމަދު ޢިޔާޡުއްދީންގެ ކާފާފުޅުގެ އަރިހުގައި ފަސްދާނުލައްވާފައި އެވަނީ އެއަށްވުރެ ހުރިހާގޮތަކުންވެސް އެކަމަނާއާއި އެކަށޭނަ އެހެންތަނެއް ނެތިގެންނޫން ކަމަށްވާތީއެވެ.

ހިނގި ކަމެއްގައި އުފެދޭ ސުވާލެއްގެ ޖަވާބަކީ އެކަމަކާ ގުޅުންހުރިކަމަށް ބެލެވޭ ފަރާތަކާ ލޭގެ ގުޅުންހުރި ފަރާތެއް ދުނިޔެ ދޫކުރުމުން އެމީހަކު ވަޅުލެވޭތަނެއްގެ ގޮތުން އެއްކަލަ އުފެދިފައިވާ ސުވާލަށް ޖަވާބުލިބޭ ކަމެއްނޫނެވެ. ޢާއްމުކޮށް މިކަން އޮންނަނީ މިހެންނެވެ. ނަމަވެސް މި ޢާއްމު ޙާލަތު ބަދަލުވެގެންދާ ޚާއްޞަ ޙާލަތު ހުރެއެވެ. ދިޔަމިގިލީ ރަދުންގެ ޒިޔާރުގައި ކަކާގޭ ގޮމާ ފަސްދާނުލެއްވުން ހިމެނިގެންދަނީ ލާއިންސާނީ އަނިޔާވެރި ރަޙުމް ކުޑަގޮތަކަށް ސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ޝަހީދުކުޅައުމުގައި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ސީދާ ދައުރެއް، (އެނގިވަޑައިގަތުމެއް، އެދިވަޑައިގަތުމެއް) އޭގެތެރޭ ނެތުމާއި އެދެމެދުގައި އޮތް އުޚުއްވަތްތެރި ކަމާއި، ޢާއިލީ ލޯތްބާއި ގުޅުންތެރިކަން ރަމްޒުކޮށްދޭ ކަމެއްގެގޮތުން ކަމަށް ޢިލްމީ ތާރީޚީ އަދި ވިސްނުމުގެ ބައެއް އަހުލުވެރިން ބުރަވެވަޑައިގަނެއެވެ.

ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ ބިސްތާނަ ނުވަތަ ޒިޔާރަތުގެ ތެރެއިން ލިބޭ މެސެޖް ތަރުޖަމާކުރުމުގެ ތެރެއިން:

1- ސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނު ފުރައުއްތަވީ، އެ ރަދުންގެ ބައްޕާފުޅު ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުން، 1133ހ. ގައި ފުރައުއްތަ ވީތާ 40 އަހަރެއްހާ ދުވަހުގެ ފަހުން 18 ރަބީޢުލްއައްވަލް 1163ހ. ގަ އެވެ. އޭރު މުޙައްމަދު ޢިމާދުއްދީން ރަދުންގެ ބިސްތާނަ ނޫނީ ޒިޔާރަތްވަނީ ފަސޭހައިން ޖާގަނުލިބޭ މިންވަރަށް ފުރިފައެވެ. މިހެންވެ، އިބްރާހީމް ރަސްގެފާނު ފަސްދާނުލެއްވީ ވަކި ބިސްތާނައެއްގައެވެ. ހަމަ މިގޮތަށް އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންގެ ތެރެއިން މާލޭގައި އަވަހާރަވިކަން އެނގޭ 2 ބޭފުޅުންކަމަށްވާ 1186ހ. ގައި އަވަހާރަވި ޢާއިޝާ ކަނބާފާނާއި، 1198ހ. ގައި އަވަހާރަވި ސަންފާރަންދި ކަނބާފާނާއި ދެ ބޭފުޅުން އަވަހާރަވީ އިރު ވެސް އެ ދެ ބޭފުޅުންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނުގެ ބިސްތާނަ ފުރިފައިވާތީ މި ދެ ބޭފުޅުން ފަސްދާނުލެއްވީ، މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގެ އެހެން ތަނެއްގައެވެ. މި ދެ ބޭފުޅުންގެ މަހާނަ ޖެހިޖެހިގެން އެބަވެއެވެ.

2- ކަކާގޭ ގޮމާ 04 ރަބީޢުލްއައްވަލް 1243ހ.(09 ސެޕްޓެމްބަރ 1827މ.) ގައި އަވަހާރަވީއިރު ހުންނެވި ރަސްކަލަކީ 1799 ން 1835 އަށް ރަސްކަންކުރެއްވި ސުލްޠާން މުޙައްމަދު މުޢީނުއްދީން(1) އެވެ. މިއީ ކަކާގޭ ގޮމާގެ ބައްޕާފުޅު ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލް  ޠާން ޙަސަން ނޫރައްދީން(1) ގެ ދަރިކަލެކެވެ. ކަކާގޭ ގޮމައާއި ދެބެންގެދެދަރި އަދި އެކަމަނާގެ ޝަރުޢީ ގާނޫނީ ވަލީވެރިޔާއެވެ. މިކަންކަމަށް ވިސްނުމުގެ ނަޒަރަކުން ބަލާއިރު ކަކާގޭ ގޮމާ އަވަހާރަވީއިރު އެކަމަނާގެ މަންމާފުޅު އާމިނާދީދީ ދުނިޔޭގައި އިންނެވި ނަމަވެސް އާމިނާދީދީގެ މާފާފުޅުގެ ބައްޕާފުޅު ދިޔަމިގިލީ ރަދުންގެ ބިސްތާނައިގައި ކަކާގޭ ގޮމާ ފަސްދާނުލައްވާފައި އެވަނީ ސުލްޠާން މުޙައްމަދު މުޢީނުއްދީން(1) ވެސް އެގޮތް ބޭނުންފުޅުވުމުންނެވެ. އެރަދުން ބޭނުންފުޅުނޫންނަމަ އެއީ އެދުވަސްވަރަށް ބަލާނަމަ ކުރެވޭނޭކަމެއް ނޫނެވެ.

Ibrahim Rasgeffan

ސުލްޠާން މުޙައްމަދު މުޢީނުއްދީން(1) އާއި އަދި ކަކާގޭ ގޮމާގެވެސް ކާފާފުޅު ސުލްޠާން ޙަސަންޢިއްޒުއްދީން(ދޮންބަންޑާރައިން) ފުރައުއްތަވެ އެރަދުން ފަސްދާނުލައްވާފައިވަނީ ކަކާގޭ ގޮމާގެ މަންމާފުޅުގެ މާފަ ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ. މިކަންކުރައްވާފައި ވަނީ ކަކާގޭ ގޮމާގެ މާމާފުޅު ސަންފާ ރަންދި ކަނބާފާނާއި އެއްބަނޑު އެއްބަފާ ބޭބޭފުޅު ސުލްޠާން މުޙައްމަދު ޣިޔާސުއްދީން އިސްވެހުންނަވައިގެންނެވެ.

ރަސްކަލުންނާއި ރަސްމަތިފުށުގެ ބައެއް ބޭފުޅުން މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި ފަސްދާނުލައްވާފައިވާ ގޮތަށް ބަލާއިރު ކަކާގޭ ގޮމާ އަވަހާރަވުމުން އެކަމަނާ ފަސްދާނުލެއްވުމަށް ޖާގަލިބޭ އެކަމަނާއާއި ނުހަނު އެކަށީގެންވާ ތަންތަން އެ ގަބުރުސްތާނުގައި ހުރިކަމަށް މާލޭ ހުކުރުމިސްކިތް ފޮތުންވެސް އެނގެއެވެ.

(މާލޭ ހުކުރުމިސްކިތް ފޮތުގެ 335ޞ.)

މަހާނަ ނަމްބަރ 5 އިބްރާހީމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނު – އަވަހާރަވީ 1186ހ.

މަހާނަ ނަމްބަރ 6 އިބްރާހީމް ރަސްގެފާނުގެ (ރަންދި؟) ކަނބާފާނު – އަވަހާރަވީ 1198ހ.

މަހާނަ ނަމްބަރ 7 ޝަމްސުއްދީން ފާށަނާކިލެގެފާނުގެ ދަރިކަނބަލުން ފާޠިމަތު – އަވަހާރަވީ 1237ހ.

*  ކަކާގޭ ގޮމާ 04 ރަބީޢުލްއައްވަލް 1243ހ. ގައި އަވަހާރަވުމުން މިތާނގައި ފަސްދާނުލެވެން އޮތެވެ.

މަހާނަ ނަމްބަރ 8 ކަކާގޭ ގޮމާގެ މަންމާފުޅު ދޮންބީނާގޭ އާމިނާދީދީ – އަވަހާރަވީ 1244ހ.

މަހާނަ ނަމްބަރ 9 ކަކާގޭ ގޮމާގެ ދަރިކަނބަލުން ޙައްވާދީދީ – އަވަހާރަވީ 1245ހ.

މަހާނަ ނަމްބަރ 10 ހުރާ އިބްރާހީމް ރަނަހަމާދިކަލޭގެފާނުގެ ދަރިކަނބަލުން މަރިޔަމް – އަވަހާރަވީ 1240ހ.

*  ކަކާގޭ ގޮމާ 04 ރަބީޢުލްއައްވަލް 1243ހ. ގައި އަވަހާރަވުމުން މިތާނގައި ފަސްދާނުލެވެން އޮތެވެ.

މަހާނަ ނަމްބަރ 11 ކަކާގޭ ގޮމާގެ ދަރިކަނބަލުން ޚަދީޖާދީދީ – އަވަހާރަވީ 1253ހ.

*  ކަކާގޭ ގޮމާ 04 ރަބީޢުލްއައްވަލް 1243ހ. ގައި އަވަހާރަވުމުން މިތާނގައި ފަސްދާނުލެވެން އޮތެވެ.

މަހާނަ ނަމްބަރ 12 ކަކާގޭ ގޮމާގެ ދަރިކަނބަލުން ސަންފާދީދީ – އަވަހާރަވީ 1209ހ.

*  ކަކާގޭ ގޮމާ 04 ރަބީޢުލްއައްވަލް 1243ހ. ގައި އަވަހާރަވުމުން މިތާނގައި ފަސްދާނުލެވެން އޮތެވެ.

މަހާނަ ނަމްބަރ 13 އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނު – އަވަހާރަވީ 06 ރަމަޟާން 1343ހ.

މަހާނަ ނަމްބަރ 14 ޢިމާދުއްދީން ބަންޑާރައިންގެ ތުއްތުގޮމާ، އަތިރީގޭ ގޮމާ  އަވަހާރަވީ ….

މަހާނަ ނަމްބަރ 15 އަތިރީގޭ އަޙުމަދު ދޮށިމޭނާކިލެގެފާނު – އަވަހާރަވީ 1364ހ.

މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުން (މާލޭ ހުކުރުމިސްކިތް ފޮތުގެ 327ޞ.)

މަހާނަ ނަމްބަރ 15 ސުލްޠާން ޙަސަން ޢިއްޒުއްދީންގެ ހަނގުދަރިކަލުން އިބްރާހީމް – އަވަހާރަވީ 1192ހ.

މަހާނަ ނަމްބަރ 16 ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން – ފުރައުއްތަވީ 1193ހ.

މަހާނަ ނަމްބަރ 17 ސުލްޠާން ޙަސަންނޫރައްދީން(1) ގެ ދަރިކަލުން ޢަބުދުލްޙަމީދު – އަވަހާރަވީ 1131ހ.

* ކަކާގޭ ގޮމާ 04 ރަބީޢުލްއައްވަލް 1243ހ. ގައި އަވަހާރަވުމުން މިތާނގައި ފަސްދާނުލެވެން އޮތެވެ.

މަހާނަ ނަމްބަރ 18 ސުލްޠާން މުޙައްމަދު މުޢީނުއްދީން – ފުރައުއްތަވީ 1250ހ.

(ކަކާގޭ ގޮމާ 04 ރަބީޢުލްއައްވަލް 1243ހ. ގައި އަވަހާރަވީއިރު މަހާނަ ނަމްބަރ 19 އިން 28 އާއި ހަމައަށްވެސް ބިމުގެ ޖާގަ އެދުވަސްވަރު ހުހަށް އޮތްކަމަށް ހުކުރުމިސްކިތު ފޮތުން އެނގެއެވެ. މިޖާގަތަކުގައި ފަސްދާނުލައިފައިވަނީ ކުޑަކިބާ ތުއްތުމަނިއްޕުޅާއި ޢިމާދުއްދީން ބަންޑާރައިންނާއި މާންދޫގޭ ދޮށީމަނިއްޕުޅާއި މާންދޫގޭ ތުއްތުގޮމައާއި ޢިމާދުއްދީން ބަންޑާރައިންގެ ދޮށީ މަނިއްޕުޅާއި ނޫރައްދީން ބަންޑާރައިންނާއި އާގަނޑުވަރު ދޮށީގޮމައާއި މުލީގޭ މެދުގޮމައާއި މުލީގޭ ދޮންގޮމައެވެ.)

3- ޢުމުރުފުޅުން ގާތްގަނޑަކަށް 20 އަހަރުގެ ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ރަސްކަމުގެ ދުވަސްވަރު “މުޙައްމަދު ޣިޔާސުއްދީން ގަތުލުކުޅައީ ތިމަންނާއޭ” ދިވެހިރައްޔިތުންގެ ކުރިމަތީގައި ހުރާގޭ މުޙައްމަދު މަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެ އިޢުތިރާފުވެވަޑައިގަތް ކަމަށް ދިވެހިތާރީޚުގައި ލިޔެފައިވެއެވެ. ހުރާގޭ މުޙައްމަދު މަނިކުފާނަކީ ދޮންބަންޑާރައިންގެ ފަރާތްޕުޅުން އުފެދިގެންދިޔަ ޢާއިލާގެ ބޭފުޅެއްނޫނެވެ.

ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނަކީ ރަސްކަމުގެ ބާރެއްނެތް ހަމައެކަނި ނަމެއްގައި ހުންނެވި ރަސްކަލެއްކަމަށް އެދުވަސްވަރުގެ ބައެއް ލިޔުންތަކުން އެނގެއެވެ. އަދި އޭރު ރަސްކަމުގެ ބާރުތައް އަމިއްލަ އަމިއްލައަށް ނަގައި ޣިޔާސުއްދީން ޝަހީދުކޮށް، “ދިޔަމިގިލީ ޚާންދާނުގެ އެންމެހައި ބޭފުޅުން ދަތި ރަށްރަށަށް އަރުވާލައި ބައެއް މީހުން މަރައި ރަސްކަމުގެ ކޮއިލުގައިހުރި ޣިޔާސުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައި އެތާގައިހުރި ތަކެއްޗާއި ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންގެ ގޯތިގޯއްޗާއި ވަގުފު ކުރައްވައިފައި ހުރި ތަކެއްޗާއި ދިޔަމިގިލީގައި ހުރި ގެއެއް ނޫން އެހެން އެއްވެސް އެއްޗެއް ދޫނުކޮށް ހުރިހާއެއްޗެއް ފޭރިގަތީ” ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ކުރިން ރަސްކަމުގެ ދާނުގައި އިން ހުރާގޭ މުޙައްމަދު މަނިކުފާނެވެ. އަދި ކުރިން ދެންނެވި ކަންކަމުގެ އިތުރަށް “މިބޭބޭފުޅުން އިލްމު އުނގެނުންވެސް މަނާ ކުރިއެވެ. ފޮތްތައް ފޭރިގަތުމަށްފަހު އަންދައިލީއެވެ. ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގެ ދުވަސްވަރު ކަންތަކާއި ހަވާލުވެ އުޅުނު އެންމެންގެ މުދާތައްވެސް ފޭރި ރަށްރަށަށް އަރުވައިލިއެވެ. އެކަކުވެސް އިސްތިސްނާއެއް ނުކުރެއެވެ. އަންހެނެއް ފިރިހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް ތަފާތެއް ނުކުރެއެވެ.”

ދިޔަމިގިލީ ރަދުންގެ ކާފަދަރިކަލުން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމާ ގުޅިގެން ދިޔަމިގިލީ ޚާންދާނުގެ ޚިދުމަތުގެ އަގު ވަޒަންކުރާ ރާއްޖޭގެ މީސްތަކުންގެ ތެރޭ ރަސްކަމާމެދު އުފެދުނު ރުޅިއާއި ހިތްހަމަނުޖެހުން ޙައްލުކުރައްވައި ރަސްކަން ދެމެހެއްޓެވޭތޯ ބެއްލެވުމަށް ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނަށް ޖެހިވަޑައިގަތެވެ. މިހެންވެ ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން ދޮންބީނާގެ އާމިނާދީދީއާއި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ކައިވެނިފުޅު ކުރެއްވިއެވެ. އަދި މިކައިވެނިފުޅުން ކަކާގޭ ގޮމާ(ޢާއިޝާ ކަނބާރަނި ކިލެގެފާނު) ލިބިވަޑައިގެން އެގޮމާގެ ފަރާތްޕުޅުން ޚިދުމަތްތެރި ޢާއިލާއެއް އުފެދިފައިވެއެވެ.

4- ސުލްޠާން މުޙައްމަދު ޢިޔާސުއްދީން ޝަހީދުކޮށްލުމުގެ ލާއިންސާނީ އަނިޔާވެރިކަން ހިނގި އިރު ރަސްކަމުގެ ލަފުޡީ ވެރިއަކީ ޣާޒީ ޙަސަން ޢިއްޒައްދީންގެ ދަރިކަލުން ދޮށީ ދަރިކަލުން ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނެވެ. އެރަދުން ހުންނެވީ ރަސްކަމުގެ ބާރެއްނެތް ހަމައެކަނި ނަންފުޅެއްގައެވެ. ރަސްކަމުގެ ޢަމަލީވެރިއަކީ ސުލްޠާން މުޙައްމަދު ޢިޔާސުއްދީން ޝަހީދުކޮށްލުމުގެ ލާއިންސާނީ އަނިޔާވެރިކަމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި މުޙައްމަދު ފާށަނާކިލެގެފާނެވެ. މުޙައްމަދު ޝަމްސުއްދީން (ދެވަނަ)ގެ ނަންފުޅުގައި ކުޑަ ދުވަސްކޮޅަކު ރަސްކަމުގައި ހުންނެވުމަށްފަހު، އެކަމުން ވަކިވެވަޑައިގެން އަމިއްލަފުޅަށް މުޙައްމަދު ފާށަނާކިލެގެފާނީމޭ ވިދާޅުވެ އެ ނަންފުޅުގައި ހުންނެވި ހުރާގޭ މުޙައްމަދު މަނިކުފާނެވެ. މިއީ ޣާޒީ ޙަސަން ޢިއްޒައްދީންގެ އަޚު ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) ގެ ދަރިކަލެކެވެ. ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ހުންނެވީ ރަސްކަމުގެ ބާރެއްނެތް ހަމައެކަނި ނަންފުޅެއްގައިކަން  http://www.galehiri.com/2014/01/blog-post.html މިލިޔުމުންވެސް އެނގެއެވެ.

“ދިއުޣާސް ނައު ހިމިއްޗަށް އުރުނީމައި، އޭގައި ތިއްބެވި އަންހެން ބޭފުޅުން ގެންދެވުނީ މާލެ އަށެވެ. މިބޭފުޅުން މާލޭގައި ތިއްބެވި ދުވަސްތަކުގެ ތެރޭގައި، މާލޭގައި ވަރަށް ބޮޑު އިޙްތިފާލެއް އޮތް ކަމަށް ފަރަންސޭސި ލިޔުމުގައިވެ އެވެ. އެލިޔުމުގައިވާ ގޮތުގައި، މިކަމުގައި ދެ ރަސްކަލުން ނާއި ހުރިހާ ވަޒީރުން ވެސް ބައިވެރިވެވަޑައިގަތެވެ. މިދުވަސްވަރަށް ބަލާއިރު، މިއިޙްތިފާލަކަށް ވާނީ، ރަބީޢުލްއައްވަލް 12 ދުވަހާ ގުޅިގެން އެއިރު ބާއްވާ މައުލޫދު ކިޔުން ފަދަ ދީނީ ޚާއްސަ ކަމެއް ކަމަށް ލަފާކުރެވެ އެވެ. މި ބަޔާނުގައި ވާގޮތުގައި، އެއިރު ދިވެހިރާއްޖޭގައި ދެ ރަސްކަލުން ތިއްބެވި އެވެ. އެތަނުން އެއް ބޭފުޅަކީ އެއިރު ހުންނެވި ޙަޤީޤީ ރަސްގެފާނެވެ. މިއީ ދޮންބަންޑާރައިންގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީނެވެ. ނަމަވެސް މިބޭފުޅަކުވަނީ ރަސްކަމުގެ ކަންތަކުން ދުރުކުރައްވާފައެވެ. އަދި އުޅުއްވަނީވެސް ދެރަ ޙާލަތެއްގައެވެ. މިމަނިކުފާނަކީ ގޮނޑިކޮއްކޮއެއްގެ މިސާލުގައި ފެންނަ ބޭފުޅެކެވެ. މިހެން ހައްދަވައިފައިވަނީ، އެމަނިކުފާނުގެ ދެބޭންގެދެދަރި ބޭބޭފުޅު، ރަސްކަމުން ވަކިވެވަޑައިގެންނެވި މުޙައްމަދު ފާށަނާކިލެގެފާނުއެވެ.”

ކަކާގޭ ގޮމާގެ މާމާފުޅު ސަންފާ ރަންދިކަނބާފާނާއި އަދި ޙާޖީ ބަންޑާރައިންގެ ވެސް ކާފާފުޅު ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީން ރަދުންގެ ޒިޔާރަތުގައި އެރަދުންނާއި އެރަދުންގެ ދަރިކަނބަލުންނާއި ދޭތެރޭ އޮތް ދަތި ހަނި ޖާގައި ކަކާގޭ ގޮމާ ފަސްދާނުލެއްވުމަކީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމުގެ ތެރޭ ސުލްޠާން މުޢިއްޒުއްދީންގެ ސީދާ ދައުރެއްނެތް ކަމާއި އެދެމެދުއޮތް ގުޅުންތެރިކަމާއި ޞުލްޙަވެރިކަން މުޖުތަމަޢަށް ރައްދުކޮށްދޭ ވަރުގަދަ މެސެޖެއްކަމަށް ތިމާގެ ޒާތީ މަޞްލަޙަތާއި އެއްކޮޅަށް ވިސްނުމުގެ ތަރާދު ބުރަނުކުރާ ޢިލްމީ ތާރީޚީ އަދި ހެޔޮ ވިސްނުމުގެ ބައެއް އަހުލުވެރިން ފުރިހަމައަށް ގަބޫލުކުރެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *