ހަމައެކަނި ﷲ އަށްޓަކައި

އެއްފަހަރަކު ބަނީއިސްރާއީލު ބާގައިގެ މީހުންގެ ތެރޭ ވަރަށް އަޅުވެރި، ވަރަޢަވެރި، ޒާހިދު، ބޭކަލަކު އުޅުނެވެ. އޭނާ އަބަދުވެސް މާތް ﷲ އަށް އަޅުކަންކުރުން މަތީ އަވަދިނެތި އުޅެއެވެ. އެއްދުވަހަކު ޖަމާޢަތެއްގެ މީހުން އައިސް، އެތާ ކައިރީގަ ދިރިއުޅޭ ޤަބީލާއެއްގެ މީހުން ކޮންމެވެސް ޚާއްޞަ ގަހަކަށް އަޅުކަންކުރަމުންދާ ކަމުގެ ޚަބަރު އޭނާއަށް ދިނެވެ. މި ޚަބަރު ލިބުމުން އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި، ކޯރާޑީއެއް ކޮނޑުގައި އަޅައިގެން، އެ ގަސް ކަނޑަން ދިޔައެވެ.

ދިޔަ މަގުމަތީ، އިބިލީސް، މުސްކުޅި ފިރިހެނެއްގެ ސިފައިގައި އޭނާއާ ބައްދަލުކުރިއެވެ. އަދި އޭނަ ދަނީ ކޮންތަނަކަށްތޯ ސުވާލުކުރިއެވެ. އޭނާ ދަނީ ވަކި ޚާއްޞަ ގަހެއް ކަނޑަން ކަމުގައި ޖަވާބުދިނެވެ. އިބިލީސް ބުންޏެވެ. “އެގަހާ ކަލެއަކާ ކޮންބެހުމެއް ހެއްޔެވެ. ކަލެއާ ނުބެހޭ ކަމަކާ އަޅައިގެން އުޅުމަށްވުރެ ކަލޭގެ އަޅުކަމާއިގެން އުޅުނިއްޔާ މާ ރަނގަޅުވާނެއެވެ.” “މި ގަސް ކެނޑުމަކީވެސް އަޅުކަމެކެވެ.” އަޅުވެރިޔާ ރުޅިވެރިކަމާއެކު ޖަވާބުދިނެވެ. ދެން އިބިލީސް އެ ގަސް ކެނޑުން ހުއްޓުވުމަށް މަސައްކަތްކުރިއެވެ. މި މަސައްކަތުގައި ދެމީހުންގެ އަރާރުން ބޮޑުވެ ތަޅާފޮޅުމަކަށް ބަދަލުވިއެވެ. މި ތަޅާފޮޅުމުގައި އަޅުވެރިޔާ އިބިލީސްގެ މައްޗަށް ގަދަވިއެވެ.

“އެންމެރަނގަޅެވެ. އަޑުއަހާށެވެ.” އިބިލީސް ބުންޏެވެ. “އަހަރެން ކަލެއަށް ފައިދާހުރި ގޮތެއް ހަމަޖެއްސުމަށް ހުށަހަޅަމެވެ.” އަޅުވެރިއާ މިކަމާ އެއްބަސްވުމުން އިބިލީސް ބުންޏެވެ. “ކަލެއަކީ ފަޤީރު މީހެކެވެ. ކަލެއަކީ މި ބިންމައްޗަށް ވާ ބުރައެއް ކަމުގައި މެނުވީ ނުވެއެވެ. ކަލޭ ތިޔަކަން ނުކޮށް ދޫކޮށްލައިފިނަމަ ކޮންމެދުވަހަކު އަހަރެން ކަލެއަށް ތިން ރަން ފަވަން ދޭނަމެވެ. ކޮންމެދުވަހަކުވެސް ކަލޭގެ ބާލީހުގެ ދަށުން ތިން ފަވަން ކަލެއަށް ފެންނާނެއެވެ. މިފައިސާއިން ކަލޭގެ އަމިއްލަ ބޭނުންތައް ފުއްދައި، ގާތްތިމާގެ މީހުންނަށް ޚަރަދުކޮށް، ފަޤީރުންނަށް އެހީތެރިވެދީ، އަދިވެސް އެހެނިހެން ހެޔޮކަންތައްތައް ކުރެވިދާނެއެވެ. ގަސް ކެނޑުމުން އެކުރެވެނީ އެންމެ ހެޔޮކަމެކެވެ. އެކަމަކީ ވެސް މާބޮޑު ބޭނުމެއް ހުރި ކަމެއް ނޫނެވެ. ސަބަބަކީ އެމީހުން އަނެއްކާވެސް އެފަދަ ގަހެއް އިންދައިގެން ހައްދަފާނެއެވެ.”

މި ހުށަހެޅުމަށް އަޅުވެރިއާ ޝަޥްޤުވެރިވިއެވެ. އަދި އޭނާ މި ހުށަހެޅުން ޤަބޫލުކުރި އެވެ. ޖެހިގެންއައި ދެ ދުވަހު ވެސް އޭނާއަށް ފައިސާ ލިބުނެވެ. އެކަމަކު ތިންވަނަ ދުވަހަކު ފައިސާއެއް ނެތެވެ. މިކަމާ އޭނާ ރުޅިގަދަވެގެން ކޯރާޑީ ނަގައިގެން އަނެއްކާވެސް ގަސް ކަނޑަން ހިނގައްޖެއެވެ. މިފަހަރުވެސް އިބިލީސް މުސްކުޅި ފިރިހެނެއްގެ ސިފައިގައި މަގުމަތީން އޭނާއާ ބައްދަލުކުރިއެވެ. އަދި އޭނާ ދަނީ ކޮންތަނަކަށްތޯ ސުވާލުކުރި އެވެ. “ގަސް ކެނޑުމަށެވެ.” އަޅުވެރިއާ ހަޅޭއްލަވައިގެންފައި ބުންޏެވެ. “އަހަރެން ކަލެއަށް ތިޔަކަން ކުރެވުނަކަ ނުދޭނަމެވެ.” އިބިލީސް ބުންޏެވެ. އަނެއްކާވެސް މި ދެމީހުންގެ މެދުގައި ބޮޑު ތަޅާފޮޅުންގަނޑެއް ފެށުނެވެ. އެކަމަކު މިފަހަރު އިބިލީސް މޮޅުވެ، އަޅުވަރިއާގެ މައްޗަށް ބާރުގަދަވެގަތެވެ.

މި ފަހަރު، މިހައި ފަސޭހައިން ބަލިވުމުން އަޅުވެރިހާ ޙައިރާންވެ، މިފަހަރު އޭނާ މޮޅުވުމުގެ ސިއްރަކީ ކޮބައިތޯ އިބިލީސް ކައިރިން އެއްސެވެ. އިބިލީސް ޖަވާބުދިނެވެ. “ފުރަތަމަފަހަރު ކަލޭ ރުޅިއައިސްފައި ހުރީ ހަމައެކަނި ﷲ ގެ ރުހުން ލިބިގަތުމަށްޓަކައެވެ. އެހެންކަމުން ކަލޭ އަހަރެންގެ މައްޗަށް ގަދަވެގަތުމުގައި ކީރިތިވަންތަ ﷲ ކަލެއަށް މަދަދު ފޯރުވައިދެއްވީއެވެ. އެކަމަކު މިފަހަރު ކަލޭގެ ރުޅީގެ އެއް ސަބަބަކީ ރަން ފަވަން ނުލިބުމެވެ. އެހެންކަމުން ކަލޭ ބަލިވީއެވެ.”

You may also like...

Leave a Reply

Your email address will not be published. Required fields are marked *