އިހުމާލު ކުރެވފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 18
ބޮޑު ތިލަދުންމަތީގެ ބަތަލުންނާއި ބޮޑު ދެކުނުގެ ގުޅުމުގެ ތެރެއިން
ޕޯޗުގީޒުންގެ އިސްތިއުމާރު ނިމުމަކަށް ގެންނަވައި އުތީމު ބޮޑުތަކުރުފާނު ރާއްޖޭގެ ރަސްކަމަށް ވަޑައިގަތުމަށްފަހު ދެކުނުގެ ކުރިއަށް ތިބި ބައެއް މީހުން މާލެ ގެންނަވައި ދަރަޖަތަކާއި ލަގަބުތައް ދެއްވި ވާހަކަ އިސްވެ ހިގާއްޖެއެވެ. މިއީ ކޮންމެހެން ދެކުނުގައި އަތޮޅުތަކެއް ހުރެފައި އެތަންތާގައި މީހުން ތިބިކަމަށްޓަކައި ވަކި އުސޫލެއް ނެތި ކުރެއްވި ސިޔާސީ ކަމެއް ނޫނެވެ. މިކަމުގެ ފަހަތުގައި ވަރަށް ބޮޑެތި ބޮޑެތި ސަބަބުތަކެއް ހުއްޓެވެ.
ދޮއްތޮޑަފި އެދުރު ތަކުރުފާނުގެ އެދުރު ދޮންތަކުރުފާނުގެ ދެ ބޭފުޅުންގެ ތެރެއިން އެދުރު ހަސަން ތަކުރުފާނުގެ އައުލާދު އޮތީ ފަހުން އުތީމުގައެވެ. އެދުރު އަލި ތަކުރުފާނުގެ އައުލާދު އޮތީ ފުވައްމުލަކާއި އައްޑޫ އާއި ހުވަދޫގައެވެ. މި ސަބަބަށްޓަކައި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި އޮތް ދޮއްތޮޑަފި އައުލާދުގެ ދެ ގޮފީގެ މެދުގައި ދެނެގަތުމާއި އުޚުއްވަތްތެރިކަމުގެ ގުޅުން އޮތީ ގާއިމުވެފައެވެ. ދެބައިމީހުންގެ މެދުގައި މުއާމަލާތު ކުރުން އޮތީ ފެށިފައެވެ. އުތީމު ބޮޑުތަކުރުފާނު ރަސްކަމަށް ވަޑައިގަތުމުގެ ކުރީންވެސް މި ގުޅުމުގެ އަސަރުތައް ތާރީޚުން ފެންނާން އެބައޮތެވެ.
ބޮޑު ތިލަދުންމައްޗާއި ބޮޑު ދެކުނުގެ ގުޅުމަކީ ހަމައެކަނި އެޒަމާނުގައި އޮތް ގުޅުމެއް ނޫނެވެ. މިއަދުވެސް މިގުޅުން އެބައޮތެވެ. ބޮޑު ފަނޑިޔާރުގެ އައުލާދުން ވަޑައިގެންނެވި މީދޫ އެދުރުގޭ އިބްރާހިމް މަޖްދުއްދީނު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ދެށިނާގެ ތުއްތު މަނިކު ވަނީ ބޮޑުތިލަދުންމަތީގެ ނާއިބުކަން ކުރައްވައިފައެވެ. މިގޮތުން ބޮޑުތިލަދުންމަތީގައި ހުންނަވައި ހަތިފުށިން ކައިވެންޏެއް ކުރައްވައި ވަރަށް އިލްމުވެރި ދަރިކޮޅެއްގެ ބިންގައު އެޅުއްވިއެވެ. މި ތުއްތު މަނިކު ތިލަދުންމައްޗަށް ވަޑައިގަތުމުގެ ކުރިން ކުރެއްވި ކައިވެންޏަކުން ލިބިވަޑައިގަތް ހަތަރު އަންހެން ބޭފުޅުންގެ ދަރިކޮޅު ދެކުނުގައި އަދި މާލޭގައިވެސް އެބައޮތެވެ.
ބޮޑު ތިލަދުންމަތީގެ އުތުރުން އޮތް އަވައްޓެރި އިންޑިޔާގެ ރަށެއް ކަމަށްވާ މަލިކުގެ އަހުލުވެރިންގެ އަސްލާއި ބެހޭ ގޮތުން އެންތުރޮޕޮލޮޖިކަލް ސާވޭ އޮފް އިންޑިޔާއިން ޝާއިއުކޮށްފައިވާ ޕީޕަލް އޮފް ލަކްޝަދުވީޕް ފޮތުގައިވާ ގޮތުން މަލިކުގައި ތިބި ތަކުރުންނަކީ ވެސް ދިވެހިރާއްޖޭގެ އައްޑު އަތޮޅަށް ނިސްބަތްވާ ބައެކެވެ.
ފަތްތޫރައިގައި އައްނަބީލާ ހަބީބާ ހުސައިން ހަބީބު ލިޔުއްވާފައިވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ހުވަދޫ އާއި ފުވައްމުލައް އަދި އައްޑޫގެ ބައިވެރިވުން ނުހަނު މަތީ ދަރަޖައަކަށް އޮތް ކަމަށެވެ. އެގޮތުން އުތީމު ތިން ބެއިންގެ ތެރެއިން އަލި ތަކުރުފާނު ހުވަދޫއަށް ވަޑައިގެން ވާދޫގައި ދުވަސްކޮޅަކު ހުންނަވައި ފުވައްމުލަކާއި އައްޑޫން މީހުން ގެންނަވައި މި ޖިހާދުގައި އުތީމު ތިންބެއިން ކޮޅަށް މި ތިން އަތޮޅުގެ ރައްޔިތުން ތިބުމަށް އަހުދު ކަށަވަރު ހިއްޕެވި އެވެ. މިކަމުގައި މި ތިން އަތޮޅުން ކުރިއަށް ތިބީ ދޮއްތޮޑަފި އައުލާދުގެ ބެއިފުޅުންނެވެ. އޭގެ ތެރޭގައި ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނު ވެސް ހިމެނިވަޑައިގަތެވެ.
ޕޯޗުގީޒުންގެ ތުރައުތަކެއް ދެކުނަކަށް ނުފޯރައެވެ. ޕޯޗުގީޒުންގެ އަސަރެއްވެސް ދެކުނުގައި ނެތެވެ. އެހެންކަމުން އުތީމު ތިންބެއިންގެ ޖިހާދަށް ދެކުނުގެ މަދަދު ލިބުމުގައި އެއްވެސް ހުރަހެއް ނެތެވެ. މި ތިން ބެއިންގެ ލަފާ ފުޅަށް އައްޑޫ ހިތަދޫ އެންމެ އުތުރުކޮޅުގައިވާ ކޯއްޓޭ އައުވެސް ކުރެވުނެވެ.
ކޮންމެއަކަސް މި ޖިހާދުގައި އުތީމު ތިންބެއިންނާއި ދިވެހި ގައުމަށް ނަސްރު ލިބުމަށްފަހު ދެކުނުގައި ތިބި އެބޭފުޅުންގެ ޖިހާދުގެ ބައިވެރިން މާލެ ވަޑައިގެން ބޮޑުތަކުރުފާނު ދިވެހި ރަސްކަމާއި ހަވާލުވުމަށް ބައިއަތު ހިފުމުގައި ލަހެއް ނުކުރައްވައެވެ. މާލޭގައި މިވެރިކަން ހަމަ މަގަށް އެޅުވުމަށް އެބޭފުޅުންނަށް ވެވުނު ވަރަކުން އެހީތެރިވެވަޑައިގަތެވެ. އެހެންކަމުން މިފަދަ ވަރަށް ގިނަ ބޭފުޅުންނަށް ކޮލި ދަރަޖަތައް ލިބިވަޑައިގަތެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ވާހަކަ އިސްވެ ހިގާއްޖެއެވެ. އެ ލިސްޓުގެ ތެރެއަށް ފުވައްމުލަކު ދޫނޑިގަމު އެދުރު ކަލޭގެފާނުގެ ބައްޕަ މޫސާ ކާންނާ ކަލޭގެފާނާއި ފުވައްމުލަކު ދައިގަނޑު މާފަތް ތަކުރުފާނާއި ހުވަދޫ ވާދޫ މުހައްމަދު ފަޑިއްތަކުރު ވެސް އިތުރު ކުރަން ޖެހެއެވެ. މިއީ ހަމަ މިމަގުން އެދުވަސްވަރު ކޮލިލެވުނު ކަމަށް ތާރީޚުން ފެންނަ ބެއިފުޅުންނެވެ.
ބޮޑުތަކުރުފާނަށް ފަހު އެތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގައިވެސް މިގުޅުންތައް މިމަގުން ދެމިއޮތެވެ. ކަލާފާނު ޝަހީދުވުމަށްފަހު ތަޚުތަށް އިސްވެވަޑައިގަތް ސުލްތާނު ހުސައިން ފާމުލަދޭރިކިލެގެ ރަސްކަމުގައި ވެސް މިޔަކަށް ބަދަލެއް ނާދެއެވެ. އައްސުލްތާން ހުސައިން ފާމުލަދޭރިކިލެގެފާނު ގެ ބައްޕައަކީ ރ. މަޑުއްވަރީ އުމަރު އޮޅިގިނައި ކިލެގެއެވެ. މަންމައަކީ ބާރަށު އަލީ ޚަތީބު ތަކުރުފާނުގެ ދަރިކަނބަލެކެވެ. މިހެންވެ މިއީވެސް ދޮއްތޮޑަފިގެ އައުލާދަށް ނިސްބަތްވާ ބޭފުޅެކެވެ. އަލްގާޒީ މުހައްމަދު ޝަމްސުއްދީނަށް ފަނޑިޔާރުކަން ދެއްވީ މިރަދުންނެވެ. އެއީ މީލާދީން 1609 ވަނަ އަހަރު މިރަދުން ރަސްކަމަށް އިސްވެވަޑައިގަތުމާއެކުގައެވެ.
އަލްގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނު
އަލްގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނަކީ މުހައްމަދު އިބްނުއް ސުލްތާނުލް މިސްރީ (ދޮރޮބައިގެދަރު ފެހެލާނޑާ)، ދޮއްތޮޑަފި އެދުރު ތަކުރުފާނުގެ އެދުރު ދޮންތަކުރުފާނުގެ އެދުރު އަލި ތަކުރުފާނުގެ ސަންފާބީފާނުގެ އިސްމާއީލް އެދުރު ތަކުރުފާނުގެ ދަރިކަނބަލުން ފުވައްމުލަކު ދޮރޮބައިގެދަރު ބީފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުން އަލްހިބްރުލް ފައްހާމާ އެދުރު ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނުގެ ދަރިކަލުންނެވެ.
ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ މަންމައަކީ ގާދިިރީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދޮން ފާތިމާގެ ދޮން މުހައްމަދު އެދުރު ތަކުރުފާނުގެ އަލްއައްލާމަތުލް ފަގީހު ސުލައިމާނު އެދުރު ތަކުރުފާނުގެ ދޮން ހުސައިން ޚަތީބު ތަކުރުފާނުގެ ދޮން މުހައްމަދު ޚަތީބު ތަކުރުފާނުގެ ދޮން އަލީ އެދުރު ތަކުރުފާނުގެ ދޮން މަހުމޫދު ނާއިބު ތަކުރުފާނުގެ ދޮން ބުބޫގެ ދޮން ފާތިމާގެ ކެއުޅާރާ ހައްވާބީގެ ދަރި ދިޔަރެހިގެދަރު ސަންފާބީ އެވެ. ހަސަން ނާއިބު ތަކުރުފާނާއި ދިޔަރެހިގެދަރު ސަންފާބީގެ ކައިވެނިން ލިބިވަޑައިގަތީ ތިން ބޭފުޅުންނެވެ. އެއީ މުހައްމަދު ޝަމްސުއްދީނާއި ސިއްތީފާނާއި ކުޑައިބީފާނެވެ. ބޮޑު ފަނޑިޔާރު ތަކުރުފާނު ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތީ މީލާދީން 1563 ގައި އައްޑޫ މީދޫ ގައެވެ.
ދިވެހި ތާރީޚުގައި އެންމެ ފުރަތަމަ ޝަމްސުއްދީންގެ ލަގަބު ލިބިވަޑައިގެންނެވި ދިވެއްސަކީ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު ނުވަތަ އަލްގާޒީ މުހައްމަދު ޝަމްސުއްދީނުލް ކަބީރެވެ. މިއަށް ފަހުން ޝަމްސުއްދީންގެ ނަމުގައި އެހެން ފަނޑިޔާރަކަށާއި ތިން ރަސްކަލަކަށް މި ނަން ކިޔާފައިވެއެވެ.
މުހައްމަދު ޝަމްސުއްދީނު ކިޔަވައި ވިދާޅުވީ އޭނާގެ އިލްމުވެރި ބައްޕަ އަލްހިބުރުލް ފައްހާމާ ހަސަން ނާއިބު ތަކުރުފާނުގެ އަރިހުންނެވެ. އެއަށްފަހު ހުވަދު އަތޮޅު ވާދޫއަށް އަލްއައްލާމާ މުހައްމަދު ޖަމާލުއްދީން ދަންނަ ތަކުރުފާނުގެ އަރިހުގައި ވަޑައިގެން އިލްމު އުނގެނިވަޑައިގަތެވެ. އެޒަމާނަކީ ކިޔަވައިދިނުމުގައި އަމިއްލަ އާއިލާގެ މީހުންނަށް އިސްކަން ދިނުމުގެ ޒަމާނެކެވެ. ވާދޫ ދަންނަ ތަކުރުފާނުގެ އަރިހުގައި ޝަމްސުއްދީނު ވަޑައިގަތީ މި ދަންނަ ތަކުރުފާނަކީ ޝަމްސުއްދީނުގެ ބައްޕައާއި ދެބޭންގެ ދެދަރި ބޭފުޅަކަށް ވުމުންނެވެ. އެވާހަކަ އިސްވެ ހިގާއްޖެއެވެ. ޝަމްސުއްދީނު ވާދޫއަށް ވަޑައިގެންނެވި އިރުވެސް ރަގަޅަށް އަރަބި ބަސް ދެނެވަޑައިގަންނަވައެވެ. ބޭސްވެރިކަމާއި ހެވިކަމާއި މާލިމީކަމަށް ބޭނުންވާ އިލްމު ހޯއްދެވީ ބައްޕަ ހަސަން ނާއިބު ރަނަހަމައިދި ތަކުރުފާނުގެ އަރިހުންނެވެ. ވާދޫ ދަންނަ ތަކުރުފާނުގެ އަރިހުން ފިގުހު އިލްމާއި ޝަރީއަތުގެ އުސޫލުތަކާއި ތަފްސީރާއި ހަދީސް އިލްމު އިތުރަށް އުނގެނިވަޑައިގަތެވެ.
ވާދޫ ދަންނަ ތަކުރުފާނުގެ އިލްމުވެރިކަމުގެ ސަނަދު ނުވަތަ ސިލްސިލާ މިހާރާ ހަމައަށް ދެމިގެން އައިސްފައިވަނީ މުހައްމަދު ޝަމްސުއްދީނު ވާރުތަ ކުރެއްވި އިލްމީ ސިލްސިލާއިންނެވެ. މިސިލްސިލާ މައިގަނޑު ގޮތެއްގައި ދެމިގެން އައިސްފައި ވަނީ އެ ތަކުރުފާނުގެ ސީދާ ދަރިކޮޅުންނާއި އެދަރިކޮޅުގެ ބޭފުޅުންގެ އަރިހުން އިލްމު ހޯއްދެވި އިލްމުވެރީންގެ ވާރުތައިންނެވެ.
ކުރެއްވި ކައިވެނިތަކާއި ބެއިފުޅުން
ބޮޑު ފަނޑިޔާރު ތަކުރުފާނު ކައިވެނި ބެއްލެވީ ޔޫސުފު ނާއިބުގެ ދަރިކޮޅުގެ އަންހެން ބޭފުޅަކާއެވެ. އެކަމަނާއަކީ ކަޅިހާރި ދޮން ހަސަން ޚަތީބުގެ ފުތް ކަޅިހާރި ދޮންސީދިކަލޭގެ ދި ބޮޑު ދޮން ދަލިކާ ކާނލެގެ އެވެ. މިކާނލެގެއާ ބޮޑު ފަނޑިޔާރު ކައިވެނި ބެއްލެވި އިރުވެސް މި ކަމަނާގެ ތިން ބޭފުޅުން ތިއްބެވިއެވެ. އެއީ ދޮންބުއި ނާއިބު (އެޅެބެޅެލިއެ ނާއިބު) ތަކުރުފާނާއި ދޮން އީސާ ނާއިބު ތަކުރުފާނާއި ދޮން ކަދީދާބޫ އެވެ. މިތިން ބޭފުޅުންގެ ގެ ބައްޕައަކީ ކަޅިހާރު ދޮން ސިއްތިއަގެ ފުތް ދޮން އަދެއްލަ ޚަތީބެވެ. މި ދޮން އަދެއްލަ ޚަތީބު އަވަހާރަވުމުން މިކަމަނާ ހުވަފަތް ވެފައި ވަނިކޮށް ޝަމްސުއްދީނު މިކަމަނާ އާއި ކައިވެނި ބެއްލެވީއެވެ.
ދޮން ދަލިކާ ކާނލެގެ ބަނޑުން ބޮޑު ފަނޑިޔާރަށް ލިބިވަޑައިގަތީ ހަތަރު ބޭފުޅުންނެވެ. އެއީ އައްނާއިބު އިބްރާހިމް ބޮޑު ފަޑިއްތަކުރުފާނާއި އައްޝައިޚް އަލްއައްލާމާ އަހުމަދު ބޮޑު ނާއިބު ތަކުރުފާނާއި ފާތިމާ ބޮޑު މުގުރީފާނާއި އަލްއައްލާމާ ހުސައިން އުއްތަމަ ފަނޑިޔާރު ތަކުރުފާނެވެ.
ދޮން ދަލިކާ ކާނލެގެއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން ވާދޫގައި ކިޔަވައި ވިދާޅުވާން ހުންނެވިއިރު ޝަމްސުއްދީނު އެހެން ކައިވެންޏެއް ކުރެއްވިއެވެ. އެއީ ހުވަދު އަތޮޅު ވާދޫ ކަނބަލަކާއެވެ. މި ކަމަނާއާ ބޮޑު ފަނޑިޔާރު ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލަކީ އަލްހާއްޖު އަލީ ތުއްކަލާއެވެ. މިއީ ދެއްވަދޫ ރަސްގެފާނު ނުވަތަ އައްސުލްތާން މުހައްމަދުގެ ބައްޕައެވެ. ދެއްވަދޫ ރަސްގެފާނުގެ މަންމައަކީ މަޝްހޫރު ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އާއިޝާ ނުވަތަ އައިސާދިޔޯ އެވެ.
ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހުރިހާ ބޭފުޅުންނަކީ އެދުވަސްވަރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި އިލްމުވެރީންނެވެ. ބޮޑުފަނޑިޔާރު ތަކުރުފާނު ފަނޑިޔާރުކަން ކުރެއްވި ދުވަސްވަރު އޭނާގެ އިލްމުވެރި ތިން ދަރިކަލުން މާލޭގައި އިލްމު ފެތުރުއްވުމުގައި މަސައްކަތް ކުރެއްވިއެވެ.
ބޮޑު ފަނޑިޔާރުގެ ދަރިކޮޅުގެ އިލްމު ވެރިކަން އެތައް ޖީލުތަކަކަށް ދެމިގެން އައިސްފައިވެއެވެ. ބައެއް ލިޔުންތެރީން މިތަކުރުފާނަށް ފަނޑިޔާރުންގެ ބައްޕަގެ ނަންވެސް ދީފައިވެއެވެ. އޭގެ ސަބަބަކީ މި ތަކުރުފާނަށްފަހު މި ދަރިކޮޅުގެ ފަނޑިޔާރުންގެ ސިލްސިލާ ދެމިގެން އައުމާއި އެ ސިލްސިލާގެ ދިގުކަމަށްޓަކައެވެ. މިވަގުތުވެސް އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވީ މި ތަކުރުފާނުގެ ދަރިކޮޅުގެ ބޭފުޅެެއްކަން ފާހަގަކޮށްލެވެއެވެ.
ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅުގެ އިލްމުވެރިކަން މިތަކުރުފާނާއި ހަމައިން ފެށިގެން މެދުނުކެޑި މިއަދާއި ހަމައަށް ވެސް ދެމިގެން އައިސްފައިވާއިރު މި ތަކުރުފާނާއި ހަމައިން ދެން ފެށުނީ ދިވެހިރާއްޖޭގައި އުނގެނުމާއި އުނގަންނައިދިނުމުގެ އާ ބާބެކެވެ.
ސަލާހުއްދީނު މާލޭގައި އެޅުއްވި ނިޒާމީ ތައުލީމާއި ބޮޑު ފަނޑިޔާރު
މިހާރު ރާއްޖޭގައި ކުރިއަށް މިދާ ނިޒާމީ ތައުލީމުގެ ފެށުމަކީ ފަޟީލަތުއް ޝައިޚު ހުސައިން ސަލާހުއްދީނު އައްޑޫ މީދޫން ކިޔަވައި ވިދާޅުވެގެން މާލެ ވަޑައިގެން މާލޭގައި ކިޔަވައިދެއްވާން ފެއްޓެވި ފެއްޓެވުމެވެ. ސަލާހުއްދީނުގެ އުސްތާޒުންނަކީ އައްޑޫ މީދޫ އައިސާބީގެދަރު އައްޝައިޚު އިބްރާހިމް ތަކުރުފާނު (ދޮންބެއްޔާ) އާއި ފުވައްމުލަކު އީސާ ނާއިބު ތަކުރުފާނުގެ ދަރިކަލުން މުހައްމަދު ޖަމާލުއްދީނު ނާއިބު ތުއްތު އެވެ. މިދެ ކަލުންގެ އެދުރު ބެއިކަލަކީ ގާޒީ އިބްރާހީމް މަޖްދުއްދީން ފަނޑިޔާރު ތަކުރުފާނެވެ.
މަޖްދުއްދީނުގެ ފުރަތަމަ އެދުރު ބެއިކަލަކީ މީނާގެ ބައްޕަ އަލްފަގީހު މޫސާ މީދޫ އެދުރު ތަކުރުފާނެވެ. ދެވަނަ އެދުރު ބެއިކަލަކީ ގާޒީ މުހައްމަދު މުހިއްބުއްދީނެވެ. މުހިއްބުއްދީނާއި ފަގީހު މޫސާ އާއި ދެކަލުންގެ އެދުރު ބެއިކަލަކީ މި މުހިއްބުއްދީނުގެ ބައްޕަ ގާޒީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނެވެ. މި މަނިކުފާނުން އަވަހާރަވީ މީލާދީން 1811 ވަނަ އަހަރުގައެވެ. މި މަނިކުފާނުންގެ އެދުރަކީ ގަމު ރަށްބޭގެ ހުސައިން އަފީފުއްދީން ބަންޑާރަ ނާއިބު ތަކުރުފާނުންގެ ފުތް އަލްގާޒީ މުހައްމަދު މުހިއްބުއްދީން ޝައިޚުލް އިސްލާމް ފަނޑިޔާރު ތަކުރުފާނެވެ. މި ތަކުރުފާނުން ނިޔައުވީ މީލާދީން 1784 ވަނަ އަހަރުގައެވެ. މި ތަކުރުފާނުންގެ އެދުރުންނަކީ މި ތަކުރުފާނުގެ ބައްޕަ އާއި ބޮޑުބޭބެ ގާޒީ ހަސަން ތާޖުއްދީން ފަނޑިޔާރު ކަލޭގެފާނާއެވެ.
ތާޖުއްދީން ނިޔައުވީ މީލާދީން 1726 ވަނަ އަހަރުގައެވެ. ތިރީސް ހަތް އަހަރު ފަނޑިޔާރުކަން ކުރެއްވި އެވެ. ހުސައިން ޢަފީފުއްދީން ނިޔައުވީ މީލާދީން 1746 ވަނަ އަހަރުގައެވެ. ތާޖުއްދީން ފަނޑިޔާރު ކަލޭގެފާނަކީ އެޒަމާނުގައި މައްކާގައި ތިއްބެވި ބޮޑަތިބޮޑަތި އާލިމުންނަށް ދަރިވަރުވެގެން ހުންނެވި ބެއިކަލެކެވެ. އަދި އައްސުލްތާން މުހައްމަދު ޝަމްސުއްދީން އިބްނު އައްސައްޔިދު އަބްދުއްރައްޒާގު އަލްޙަމަވީ ނުވަތަ ސައްޔިދު ރަސްގެފާނުންގެ އަރިހުން ވެސް ކިޔެވިއެވެ. މިރަސްގެފާނުން އަވަހާރަވީ މީލާދީން 1691 ވަނަ އަހަރުއެވެ.
އަލްގާޒީ ހަސަން ތާޖުއްދީންގެ ފުރަތަމަ އެދުރު ބެއިކަލަކީ އައްޑޫ މީދޫ ގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރުގެ ދަރިކަލުން އަލްޚަތީބު މުހައްމަދު ޖަމާލުއްދީން ވަ ސިރާޖުއްދީން ފޮނަދޫ ޚަތީބު ތަކުރުފާނެވެ. މިއީ އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި އެރަސްގެފާނާއި އެއްކިހުނުފަން ބޭފުޅަކާއި ކާވަނި ބައްލަވައިގެން މާލޭގެ ހެންވޭރު ޚަތީބު ކަމުގައި ހުންނެވި ބެއިކަލެކެވެ.
ފޮނަދޫ ޚަތީބޭ ކިޔުނީ ފޮނަދޫގައި ޚަތީބުކަން ކުރައްވައި އެ ރަށުގައި ނިޔައުވެ އެތާނގައި ފަސްދާނުލެވިގެންވާ ކަމަށްޓަކައެވެ. މީނާ ފޮނަދޫއަށް ވަޑައިގެންނެވީ ސައްޔިދު ރަސްގެފާނު އަވަހާރަވީމާ އެ ކަލޭގެފާނަށް ރަސްކަން ދިނުމަށް މާލޭގެ މީސްތަކުން ގަސްތުކުރީމައެވެ. އެކަލޭގެފާނު އެކަމަށް ފިއްލަވައިގެން ފޮނަދޫއަށް ވަޑައިގެންނެވުމުން އެއިރު ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު އިބްނު އަލްހާއްޖު އަލީ ތުއްކަލާ އިބްނު އަލްގާޒީ އަލްކަބީރު މުހައްމަދު ޝަމްސުއްދީން ރަސްކަމަށް އިސްވެވަޑައިގަތީއެވެ. ގާޒީ ޙަސަން ތާޖުއްދީން ފަނޑިޔާރުކަމަށް އިސްވީ މި ދުވަހުއެވެ. އެއީ މީލާދީން 1692 ވަނަ އަހަރެވެ. ހިޖުރައިން 1103 ވަނަ އަހަރުގެ ޝައްވާލު މަހެވެ.
ސިރާޖުއްދީން ޚަތީބު ތަކުރުފާނު އަވަހާރަވީ މީލާދީން 1695 ވަނަ އަހަރުގައެވެ. މި ޚަތީބު ތަކުރުފާނަކީ އުތީމު ބޮޑު ތަކުރުފާނުގެ ޒަމާނުގައި މި ރާއްޖެއަށް އިލްމާއިގެން ވަޑައިގެންނެވި އައްޝައިޚް އަލްއާލިމް އަލްއައްލާމާ ވަހިބްރުލް ފައްހާމާ ޖަމާލުއްދީން މުހައްމަދު އަލްވާދުވީ ނުވަތަ ވާދޫ ދަންނަތަކުރުފާނުގެ އަރިހުން ކިޔެވި ޝަމްސުއްދީން ގާޒީ މުހައްމަދު މި ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ފުތް އަދި ދަރިވަރު އައްނާއިބު އަހުމަދު ޝިހާބުއްދީން އަހުމަދު ބޮޑު ނާއިބުތަކުރުފާނުގެ އަރިހުން ކިޔެވި އޭނާގެ ދޮންދަރި މީދޫ ގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ދަރިވަރެކެވެ. އަދި ދަރިކަލެއްމެއެވެ.
ފަނޑިޔާރުކަމުގެ ދައުރު
އަލްގާޒީ މުހައްމަދު ޝަމްސުއްދީނަށް ފަނޑިޔާރުކަން ދެއްވީ ސުލްތާން ހުސައިން ފާމުލަދޭރި ކިލެގެ ރަސްކަމުގައިކަން އިސްވެ ހިގާއްޖެއެވެ. އެއީ މީލާދީން 1609 ވަނަ އަހަރު މިރަދުން ރަސްކަމަށް އިސްވެވަޑައިގަތުމާއެކުގައެވެ. އެ ރަސްގެފާނު 1620 ގައި އަވަހާރަވެގެން ރަސްކަމަށް ވަޑައިގަތް ކަޅުތުއްކަލާގެ ރަސްކަމުގައިވެސް ފަނޑިޔާރުކަމުގައި ހުންނެވީ ޝަމްސުއްދީނުލް ކަބީރެވެ.
އަލްގާޒީ މުހައްމަދު ޝަމްސުއްދީނަށް ބޮޑު ފަނޑިޔާރުގެ ނަމުން މުޚާތަބު ކުރެވެން ފެށީ ކަޅުތުއްކަލާގެ ރަސްކަމުގައެވެ. ކަޅުތުއްކަލާއަކީ ހުސައިން ފާމުލަދޭރިއަށް ފަހު ރަސްކަމަށް އިސްވެވަޑައިގެންނެވި އައްސުލްތާނު މުހައްމަދު އިމާދުއްދީން އެއްވަނަ ނުވަތަ ބޮޑު ރަސްގެފާނެވެ. މިއީ އުތީމު އަލީ ތަކުރުފާނުގެ މަރިޔަމް ކަނބައިދި ކިލެގެ އާއި ރ.ކިނޮޅަހު ހަސަން ނާއިބު ކިލެގެއާއި ދެމީހުން ކައިވެނިކޮށްގެން ލިބުނު އާމިނާ ކަނބައިދި ކިލެގެ ދަރިކަލެކެވެ. ބޮޑު ރަސްގެފާނުގެ ބައްޕައަކީ ތ. މަޑިފުށީ އުމަރު މާފަތް ކިލެގެއެވެ. ބޮޑު ރަސްގެފާނުގެ ނަމުގެ ކުރިއަށް އިތުރު ކުރެވިފައިވާ ބޮޑު މި ލަފްޒު އެރަދުންގެ ފަނޑިޔާރުގެ ނަމުގެ ކުރިއަށްވެސް އިތުރު ކުރެވުނީ އެވެ. ދިވެހި ތާރީޚުގައި އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ނޫން އެހެން ބޭފުޅަކަށް ބޮޑު ފަނޑިޔާރުގެ ނަން ލިބިފައެއް ނުވެއެވެ.
ކަޅުތުއްކަލާގެ ވެރިކަމުގެ ދުވަސްވަރަކީ އަސްކަރީގޮތުން ދިވެހިރާއްޖެ ވަރުގަދަ ކުރަމުން ދިޔަ ޒަމާނެވެ. ބޮޑުފަނޑިޔާރަކީ ދީނުގެ އިލްމުގެ އިތުރަށް ހެވިކަމުގެވެސް އެދުރެކެވެ. އެހެންކަމުން ޕޯޗުގީޒުންނާއި މަލާބާރީންގެ އެކި ފޮށުންތަކާއި ދެކޮޅަށް ބޮޑުރަސްގެފާނު ހިންގެވި ކެމްޕޭނުތަކުގައި އަމަލީ ގޮތުންވެސް ބައިވެރިވެވަޑައިގެންނެވިކަން ތާރީޚުން އެގެއެވެ.
މާލޭގެ ދިފާއުގައި ބޮޑު ރަސްގެފާނު ރޭނުއްވީ ހަމައެކަނި ބޮޑުފާރެއް ނޫނެވެ. ބަޑިބުރުޒުތަކެއް ވެސް ނޫނެވެ. ފަންޑިތަވެރިން މާލެއަށް ގެންނަވައި ފަންޑިތަވެސް ހެއްދެވިއެވެ. މިފަންޑިތައެއްގެ ބޭނުމަކީ ރާއްޖެއާ ތޮޅެން އަންނަ ނައުތަކާއި ގުރާބުތައް ފަރުފަރަށް އުރުވާލުމާއި އެނައުތަކުން ގެންނަ ބަޑި އާއި ބަޑިބޭސް ދިވެހިންނަށް މިލްކުވުމަށް މަގުފަހި ކުރުމެވެ. މިގޮތަށް ފަންޑިތަ ހަދައިގެން ދެތިން ހަތަރު ނަވެއް ރާއްޖޭގެ ފަރުތަކަށް އުރުނު ވާހަކަ ދިވެހި ތާރީޚުގައި ލިޔެވިގެންވެއެވެ.
ބޮޑުރަސްގެފާނުގެ ފަންޑިތަ ޓީމުގެ އިސް ދެމީހުންނަކީ އައްޑޫ މީދޫ ދޮން އުމަރާއި ދޮން ހުސައިން ކަލޭގެ އެވެ. މިއީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. މި ދެބެއިން މާލެ ގެންނެވީ ޝަމްސުއްދީން ބޮޑުފަނޑިޔާރުތަކުރުފާނުގެ ވިދާޅުވުމަކަށެވެ. މި ފަންޑިތައެއް ހެދުމުގެ އަގަކަށް އެދެބެއިން ބޮޑުރަސްގެފާނަށް ހުށައެޅީ އައްޑޫ ހިތަދޫ ފަޅުވެފައި އޮންނާތީ އެރަށް އެދެބެއިންނަށް ދެއްވުމާއި އެރަށް އަލުން އާބާދު ކުރުމުގެ އިޒުނަ ދެއްވުމެވެ. މި އަޑު އައްސަވާން ހުންނަވާފައި ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު އެދިވަޑައިގެންނެވީ ދޮން އުމަރާއި ދޮން ހުސައިން ކަލޭގެ އާއެކު ހަމައެވަރަށް ހައްގުތައް ދެއްވާފައި ބޮޑުފަނޑިޔާރުތަކުރުފާނުގެ އަންހެން ދަރި މުގުރީ ބޮޑު ފާތުމާފާނު ވެސް މި ޓީމުގައި ހިމެނުއްވުމަށެވެ. އެކަމަށް ބޮޑުރަސްގެފާނު ރުހިވަޑައިގެން އިޒުނަ ދެއްވައިފިއެވެ.
ހިތަދޫ އަލުން އާބާދު ކުރުމުގެ ކަންކަމުގެ މޭސްތިރިއަކަށް ބޮޑުރަސްގެފާނު އައްޔަން ކުރެއްވީ މީދޫ ތަކުރެވެ. އޭނާއަކީ ދައުލަތުގެ ދާޚިލީ ވަޒީރެވެ. މީނާގެ ބެލުމުގެ ދަށުން މި އާބާދުކުރުމެއްގެ އިސް ތިން މީހުންނަކީ ދޮން އުމަރާއި ދޮން ހުސައިން ކަލޭގެ އާއި ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރި ބޮޑު ފާތުމާފާނެވެ. ހިތަދޫ އާބާދުކޮށްފައި މި ތިން މީހުން ތާރީޚީ ތިން މިސްކިތެއް ބިނާކުރިއެވެ. ބޮޑު ފާތުމާފާނު ބިނާކުރީ ހިތަދޫ ހުކުރު މިސްކިތެވެ. ދޮން އުމަރު ކަލޭގެ ބިނާކުރީ ހިތަދޫ މެދު މިސްކިތެވެ. ދޮން ހުސައިން ކަލޭގެ ބިނާކުރީ މެދުވަލު މިސްކިތެވެ. ފަހުން އެއީ މަސްޖިދު ޒިއްނޫރައިނި އެވެ.
ސުލްތާނު ހުސައިން ފާމުލަދޭރިކިލެގެ ރަސްކަން 1609 ގައި ފެށުނު ހިސާބުން ގޮސް ސުލްތާނު މުހައްމަދު ހަތަރެއްގެ ނަމުގައި ރަސްކަން ކުރެއްވި ދެއްވަދޫ ރަސްގެފާނުގެ ދައުރު 1701 ގައި ނިމެންދެން ގާތްގަޑަކަށް ސަތޭކަ އަހަރާއި ކައިރިކުރާ މުއްދަތަކަށް ރަސްކަމުގެ ތެރޭގައި އައްޑޫ ނުފޫޒު ވަރަށް ގަދަ ކަމެވެ. މި ދެއްވަދޫ ރަސްގެފާނަކީ އިސްދޫ ޑައިނާސްޓީ ނުވަތަ އިސްދޫ ދަރިކޮޅުގެ ރަސްކަމުގެ ސިލްސިލާގެ ފެށުމެވެ. މި ރަދުންގެ ރަސްކަމުގައި މީދޫ ވަރަށް ގިނަ ބަޔަކަށް ތަފާތު ކަންކަމަށް އަނެއްކާވެސް ކޮލިލެވުނެވެ.
އެވޭލާ ޒަމާނުގެ ދިވެހި މަޝްހޫރު ޝާއިރު ބަނޑޭރި ހަސަން މަނިކުފާނަކީ ހިތަދޫއަށް އުފަން ހިތަދޫ ބޭފުޅެކެވެ. މި ހަސަން މަނިކުފާނަކީ ހިތަދޫ އަލުން އާބާދުކުރެއްވި ބޭފުޅުންގެ ތެރެއިން ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރި ފާތުމާފާނުގެ އައުލާދެވެ. ބަނޑޭރި ހަސަން މަނިކުފާނު އުފަންވީ 1746 ގައެވެ. ހިތަދޫ ފަޅުވީ ބަނޑޭރި ހަސަން މަނިކުފާނު އުފަންވުމުގެ ސަތޭކަ އެތައް އަހަރެއް ކުރިންނެވެ. އެއީ އެކެއްގެ އަނގައިން އަނެކެއްގެ އަނގައިން ތަވާތުރުކޮށް ހިތަދޫ ފަޅުވިގޮތް ތާޒާކަމާއެކު އެނގޭހާ ކައިރި ދުވަސްވަރެކެވެ. މި ހަސަން މަނިކުފާނުފާނަކީ ވެސް ފަހުން ރަސްކަމުގެ ކޮއިލުގެ ތެރޭގައި ވަރަށް ނުފޫޒުގަދަކޮށް އުޅުއްވި ބޭފުޅެކެވެ.
ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ފުރަތަމަ އައްޑޫ މީހަކީ މީދޫ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނެވެ. އައްޑޫ ގަމާއި ހިތަދޫއާއި ދޭތެރޭގައި މިހާރު އެވާ ބޮޑު މަގަށް ޝަމްސުއްދީން ފަނޑިޔާރުތަކުރުފާނުގެ ނަން ދިނީ އެ ތަކުރުފާނަށް ނިސްބަތްކޮށްފައެވެ. ހިތަދޫ އާއި އެރަށާއި ގުޅިފައިވާ ރަށްރަށުގެ އާބާދީގެ ބޮޑުބައެއް ނިސްބަތްވަނީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނަށް ކަމަށްވާތީ ހަގީގަތުގައިވެސް ޝަމްސުއްދީނު ވެފައިވަނީ އާއިލީ ގޮތުން މިހާރުގެ އައްޑޫގެ ހުރިހައި ރަށެއް އާއިލީ ފާލަމަކުން ގުޅައިދޭ އައްޑޫގެ ވަރަށް ގިނަ ބައެއްގެ އިސް ކާފައެއް ކަމުގައެވެ.
ޝަމްސުއްދީން ބޮޑު ފަނޑިޔާރުތަކުރުފާނަށް ފަހު އެތަކުރުފާނުގެ ދަރީންގެ ތެރެއިން ގާޒީ ހުސައިން ގުތުބުއްދީނާއި ކާފަދަރިންގެ ތެރެއިން ގާޒީ ހަސަން އާއި ގާޒީ މުހައްމަދު ވަނީ ފަނޑިޔާރުކަން ކުރައްވައިފައެވެ. މީގެ ތެރެއިން ގާޒީ މުހައްމަދު ފަހުން ސުލްތާން މުހައްމަދު ހަތަރެއްގެ ނަމުގައި ރަސްކަންވެސް ކުރެއްވި ވާހަކަ އިސްވެ ހިގާއްޖެއެވެ. ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރީންގެ ތެރެއިން ނާއިބު އަހުމަދު ޝިހާބުއްދީނަކީ މާލޭގެ ބޮޑުނާއިބު ކަމާއި ޚަތީބުކަން ކުރެއްވި ބޭފުޅެކެވެ. އިސްކަންދަރު ރަސްގެފާނުގެ ދައުރުގައި ހުކުރުމިސްކިތުގައި ފުރަތަމަ މަދަރުސާ ހިންގެވީވެސް މި އަހުމަދު ޝިހާބުއްދީނެވެ.
ފަނޑިޔާރުކަމުން ވަކިކުރައްވައި އައްޑޫ މީދޫއަށް ފޮނުވައިލެއްވުން
ބޮޑު ފަނޑިޔާރު ތަކުރުފާނު ފަނޑިޔާރުކަމުން ވަކި ކުރެވުނީ އައްސުލްތާނު މުހައްމަދު އިމާދުއްދީންގެ ރަސްކަމުގެ އެންމެފަހު އަހަރު 1648 ގައެވެ. މިކަމާއި ބެހޭގޮތުން ދިވެހި ތާރީޚުގައި ލިޔެވި ބަޔާންވެގެންވެއެވެ. އައްސުލްތާނު މުޙައްމަދު އިމާދުއްދީނަކީ ކޯފާ ގަދަ ރަސްކަލެކެވެ. ފަނޑިޔާރު ކަމުގައި ހުންނެވި އައްޑޫ މީދޫ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ކަލޭގެފާނު އެއްދުވަހަކު ކިޔުއްވި ޚުތުބާ އެއްގައި ރަސްގެފާނަށް ދުއާ ކުރެއްވުމުގައި އެންމެ ކަލިމައެއް ތަޣައްޔަރު ކުރެއްވި ކަމަށްޓަކައި ކޯފާވެގެން އޭނާގެ ތިން ދަރިކަލުންނާއިއެކު އޭނާގެ ރަށަށް (އައްޑު އަތޮޅު މީދޫއަށް) އަރުވާ ލެއްވީއެވެ. އެތިން ދަރިކަލުންނީ ވެސް އިލްމަށް ވަރަށް ބޮޑު މީހުންނެވެ.
ބުނެވޭގޮތުގައި ބޮޑު ފަނޑިޔާރު ތަކުރުފާނު ހުކުރު ޚުތުބާގައި ރަސްގެފާނަށް ތައުރީފު ކުރެއްވުމުގައި މަލިކުލް ބައްރި ވަލް ބަޙްރި (އެއްގަމާއި ކަނޑުގެ ވެރި ރަސްގެފާނު) ވިދާޅުނުވެ ވިދާޅުވީ މަލިކުލް ބައްރި (އެއްގަމުގެ ވެރި ރަސްގެފާނު) މިހެންނެވެ. މި ސަބަބާއި ހުރެ ރަސްގެފާނު ކޯފާވީއެވެ. މިތަކުރުފާނު ދިވެހިރާއްޖޭގެ ފަނޑިޔާރުކަން 39 އަހަރު ކުރެއްވިއެވެ.
މިކަން މިމަގުން ހިގައި ދިޔުމުގެ ސިއްރަކީ ބޮޑު ފަނޑިޔާރުގެ މަގުބޫލުކަމާއި ބާރު ގަދަވެފައިވާ މިންވަރު ބޮޑުކަމުން އިމާދުއްދީނު ރަސްކަމުން ވައްޓައިލައްވައިފާނެ ކަމަށް ބައެއް މީހުން ރަސްގެފާނުގެ އަރިހުގައި ކުޓުވައިފައި ވަނިކޮށް މިކަލިމައެއް ވައްޓައިލެއްވީމާ އެއީ ހަމަ ގަސްތުގައި ރަސްގެފާނުގެ ހައިބަތު ކުޑަ ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެއްކަމަށް ޔަގީން ކުރައްވައިފައެވެ. މަގާމުން ވަކި ކުރައްވައިފައި ތިން ދަރިކަލުންވެސް އައްޑޫއަށް ފޮނުވައިލެއްވީ އެހެންވެގެންނެވެ. ބޮޑު ފަނޑިޔާރު މަގާމުން ވަކި ކުރެއްވިތާ އަހަރެއްވެސް ނުވަނީސް ބޮޑު ރަސްގެފާނު އަވަހާރަ ވެއްޖެއެވެ.
ބޮޑު ފަނޑިޔާރުގެ ހަޔާތުގެ ފަހު ދުވަސްތައް
މީދޫއަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ކޯގަންނުގައި ހުންނަ ކަޅިހާރު މިސްކިތް އާކުރެއްވުމެވެ. މި މިސްކިތް އާކުރެއްވީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނާއި އެތަކުރުފާނުގެ މީދޫ ބަނޑު ތިން ފިރިހެން ބޭފުޅުންނެވެ. މިހާރު އެއީ ފަނޑިޔާރު މިސްކިތެވެ. ފަނޑިޔާރު މިސްކިތުގެ ވަގުފު ބެހިފައިވާ ގޮތަކީ ހުޅަނގު ފުރާޅު އައްނާއިބު އިބްރާހިމް ފަޑިޔައްތަކުރުފާނަށެވެ. ދެކުނުފުރާޅު ބޮޑުއަހްމަދު ނާއިބު ތަކުރުފާނަށެވެ. އިރުފުރާޅު ބޮޑު ފާތުމާފާނަށެވެ. އުތުރު ފުރާޅު ހުސައިން ފަނޑިޔާރު ތަކުރުފާނަށެވެ. ތިން އަށި ދޮން ތިން ކުދީންނަށެވެ. އެއީ ދޮންބުއި ނާއިބު ކަލޭގެފާނާއި ދޮން އީސާ ނާއިބު ކަލޭގެ ފާނާއި ދޮން ކަދީދާ ބޫ އެވެ.
ދެވަނައަށް ކުރެއްވި ކަމަކީ މީދޫ މާމިސްކިތުގައި ހިންގަމުން އައި އިލްމު ފެތުރުން މިސްކިތުން ނެރުއްވައި މިސްކިތާއި ޖެހިގެން އުތުރަށް އޮތް ހުސްބިމުގައި މާމިސްކިތުގެ ހަރުގެ އަޅުއްވައި އެއީ ރަސްމީ މަދަރުސާ ކަމުގައި ހަމަޖެއްސެވުމެވެ. މިވާހަކަ ދިވެހިރާއްޖޭގެ ތައުލީމުގެ އައުބާބެއްގެ ފެށުން މި މައިގަނޑު ނަމުގެ ދަށުގައި ދެން ލިޔަން ފަށާ ސިލްސިލާގައި އަންނާނެއެވެ.
ބޮޑުފަނޑިޔާރު ތަކުރުފާނު އަވަހާރަވީ އޭނާގެ އުފަން ރަށް ކަމުގައިވާ އައްޑޫ މީދޫގައި ހުންނަވަނިކޮށް މީލާދީން 1651 ގައި އުމުރުފުޅުން 88 އަހަރުގައެވެ. މީދޫ ކޯގަންނު ގަބުރުސްތާނުގައި އެތަކުރުފާނުގެ މަގްބަރާ އެބަހުއްޓެވެ. (ނިމުނީ)
ފަހުގެ ޚިޔާލުތައް