މީދޫ ސިއްސުވައިލި ހާދިސާތަކުގެ ތެރެއިން އީގަލްބޯޓު ބެހުން 7
ސިލޯނުން ފުރައިގެން މެރިނަރުބޯޓު ދަތުރުކޮށްފައި އައިސް ރާއްޖޭގެ ސަރަހައްދަށް ވަދެވުނުތަނާ މަތިންދާބޯޓެއް ބޯމަތީން ދެތިން ބުރު އަޅައިފިއެވެ. މިކަމާ ބިރުން މީސްތަކުން އުޅެގެންފިއެވެ. އެއީ ބަންގާޅުގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރެވެ. އެހެންވީމާ ނުރައްކާތެރި ހަމަލާއެއް އަތުވެދާނެކަމުގެ ބިރުހީވީއެވެ. އެހެންވެ އަމާންދިނުމާއި ރަހުމަތްތެރިކަމުގެ ނިޝާނެއްގެ ގޮތުން ބޯޓުގައި ބޮޑު ހުދުދިދައެއް ނަގައިފިއެވެ. ބޯޓުގެ ކައްޕިތާނު ބުނެއެވެ. ބިރުނުގަންނާށެވެ. މިތިބީ ރާއްޖޭގެ ސަރަހައްދުގައެވެ. މެރިނަރުބޯޓަށް މާލެ އާދެވުނީ ފަސް ދުވަހުގެ ދަތުރަކަށްފަހުއެވެ.
މާލޭގައި ބަނދަރުކުރުމާއެކު ކަސްޓަމުގެ މުއައްޒަފުން ބޯޓަށް އަރައި އީގަލްބޯޓުން ބެހުނު މީހުން ގޮވައިގެން ކަސްޓަމަށް ގެންގޮސްފިއެވެ. އެމީހުންނަށް އެންގީ އައްޑުވަށް ފުރާ ބޯޓެއް ފެންނާންދެން މާލޭގައި ތިބުމަށެވެ. މާލޭގައި ތިބޭ ކޮންމެ ދުވަހަކަށް ކޮއްތުގެ ގޮތުގައި ކޮންމެމީހަކަށް ދޮޅުރުފިޔާ ދޭނެކަންވެސް ސަރުކާރުން އެންގިއެވެ. މާލޭގައި ގިނަ ދުވަސްތަކެއް ހޭދަކުރާން ޖެހުނެވެ. އީގަލްބޯޓުން ބެހުނު މީދޫ ތިން މީހުންގެ ތެރެއިން ދާޔާގެ އަހުމަދު ކަމާލާއި އިބްރާހިމް ލުތުފީ ނިދައި ކައިބޮއި އުޅުނީ ވައްބެރުގޭގައެވެ. އެގޭ މަރިޔަމްްފުޅު ދައިތަ ވަރަށް ހެވެއެވެ. ތުނޑާގެ މުހައްމަދު ބާގިރު އުޅުނީ ސަތަރުގެޔާއި ނޫރާނީވިލާގައެވެ.
އައްޑުވަށް ފުރާ ބޯޓެއްގެ އިންތިޒާރުގައި މާލޭގައި ތިއްބައި ސުވާސާބޯޓު މާލެ އަތުވެއްޖެއެވެ. އެޒަމާނަކީ ދަތުރުފަތުރު މަދު ދުވަސްވަރެކެވެ. ބޭނުންއިރަކު ފުރައިގެން ދެވޭނެ ގޮތެއް ނޯވެއެވެ. ސުވާސާބޯޓު މާލެ އައުމުން އެބޯޓުން ފުރުމަށްޓަކައި ތައްޔާރުވަމުން ދަނިކޮށް އީގަލްބޯޓުވެސް މަރާމާތަށްފަހު ލަންކާއިން އަތުވެއްޖެއެވެ. ދެން އީގަލްބޯޓުގައި ހުރި ފޮށިތައް ނަގައި ސުވާސާބޯޓަށް އަރުވައި އެބޯޓުން ފުރީއެވެ. އަމާން ދަތުރަކަށް ފަހު ސުވާސާބޯޓު އައްޑުވަށް ފޯރީ 1972 ވަނައަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އަންހެނުން ވިހާދުވަހަށް ބޭނުންވާނެ ސާމާނު ގަތުމަށްޓަކައި މާލެދިޔަ ދަތުރު ނިންމާފައި އިބްރާހިމް ލުތުފީއަށް ރަށަށް އާދެވުނުއިރު އަންހެނުން ވިހައިފިއެވެ. ވިހެއީ އަންހެން ކުއްޖެކެވެ. މާލެދާން ތުނޑާގެ މުހައްމަދު ބާގިރު ފުރިއިރު އޭނާގެ އަންހެނުންވެސް އިނީ ބަލިވެއެވެ. އެނބުރި ރަށަށް އާދެވުނުއިރު އަންހެނުން އޮތީ ވިހައިގެންނެވެ. ފިރިހެން ކުއްޖެކެވެ.
އީގަލްބޯޓުން ދަތުރުކުރި މީހުން ހާލުގައިޖެހި ކަނޑު މަތީގައްޔާއި ސިލޯނުގެ ބަނދަރުތަކުގައި އުޅުނު ވާހަކަ ލިޔެނިމުނީއެވެ. އެބޯޓުން ދަތުރުކުރި މީދޫ ތިން މީހުން ގެއްލިގެން އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިން ކުރި ހިތާމަޔާއި އުޅުނު ގޮތުގެ ވާހަކަވެސް ބަޔާންކުރާހުށީމެވެ.
އީގަލް ބޯޓު އައްޑުވަށް ދިއުމަށްޓަކައި ހައްދުންމަތިން ފުރިފަހުން އެއްވެސް ޚަބަރެއް ނުވާކަން ރަށުގައި ތިބި މީހުންނަށް އެނގުނީ މާލެއިން އައްޑުވަށް އައި އެހެން ބޯޓުފަހަރުގެ މީހުންގެ ފަރާތުންނެވެ. ހައްދުންމަތިން ފުރިރޭގައި އެސަރަހައްދަށް ގަދަފަދަ ތޫފާނެއްގެ އަސަރުކުރިކަމާއި އާދަޔާއިޚިލާފަށް ކަނޑު ގަދަވީކަން އެނގުނީ އެމީހުންގެ ފަރާތުންނެވެ. މި ޚަބަރުން ސިހުން ލިބި ބޯޓުން ދަތުރުކުރި މީހުން ކަނޑުވެ މަރުވީކަމަށް ބައެއް މީހުން ނިންމައިފިއެވެ. ފާތިހާވެސް ކިޔަވައިފިއެވެ. އީގަލްބޯޓުން ދަތުރުކުރި މީދޫ ތިން މީހުންގެ ތެރެއިން ދެ މީހުންގެ އަނބިން ތިބީ ބަލިވެއެވެ. އެމީހުންގެ ދަރިން ޔަތީމު ވެއްޖެކަމަށްވެސް ނިންމައިފިއެވެ. މުދާ ބެހުމުގެ ހަރަކާތެއްވެސް ހިންގައިފިއެވެ.
އިބްރާހިމް ލުތުފީގެ ބައްޕަ އަލިބެއްޔާގެ އަހައްމަައިދިއަކީ ހުވަދޫ ދާންދޫ ދޮންތައްކާނު އޮޑިން ކޮޅުނބަށް ކުރި ދަތުރެއްގައި ގެއްލިފައިވާ މީހެކެވެ. އެއޮޑީން ދަތުރުކުރި އެއްވެސް މީހެއްގެ ޚަބަރެއް ނުވެއެވެ. އެހެންވީމާ ފިރިމީހާ ގެއްލުނުގޮތަށް ދަރިފުޅުވެސް ގެއްލުނީ ކަމަށް ހީކޮށް އިބްރާހިމް ލުތުފީގެ މަންމަ ހުރީ ނުހަނު ހިތާމައިގައި ގިސްލުމުގައެވެ. އެހެންނަމަވެސް އުއްމީދު މުޅިން ދޫކޮށެއް ނުލައެވެ. ފިރިމީހާއަށް ދިމާވި ހިތާމަވެރިގޮތް ދަރިފުޅަށް މެދުވެރި ނުކުރައްވާތޯ ކެނޑިނޭޅި ދިޔައީ ދުއާކުރަމުންނެވެ.
ތުނޑާގެ މުހައްމަދު ބާގިރުގެ މަންމަ ވެސް އުޅުނީ ހަމަ މިކަހަލަ ހާލެއްގައެވެ. މަންމަ އައިމިނާދީވަނީ ގެއްލުމުގެ މިކަހަލަ އެހެން ދެ ހާދިސާއެއް ތަޖުރިބާކޮށްފައެވެ. އައިމިނާދީގެ ބައްޕަ އަލިދީދީއަކީ ދަތުރުކުރި އޮޑި ބެހިގެން އެފްރިކާގެ އައްސޭރިޔަށް ދެވި އޮޑި ދޫކޮށްލާފައި އެތައް އަހަރަކުން އެނބުރި ރަށަށް އައި މީހެކެވެ. އައމިނާދިގެ ފިރިމީހާ އަދި މުހައްމަދު ބާގިރުގެ ބައްޕަ އިބްރާހިމް ދީދީއަކީވެސް ބެހިގެން ބަންގާޅަށް ދެވި އެހިސާބަށް އޮޑިދޫކޮށްފައި އަހަރެއްހާ ދުވަސް ފަހުން އެނބުރި ރަށަށް އައި މީހެކެވެ. އެހާގިނަދުވަސް ފަހުން ބައްޕަޔާއި ފިރިމީހާވެސް ފެނިފައިވާތީ ދަރިފުޅާމެދު އައިމިނާދި އުއްމީދު ދޫކޮށެއް ނުލައެވެ. އެހެންވެ ބޯޓުގެ ޚަބަރެއްވޭތޯ ކޮންމެ ދުވަހަކުވެސް ހުޅުދޫ މަޖުދީ ގެނެސްގެން ރާފަޅާދޮށުގައި ވޯކީޓޯކީން އީގަލްބޯޓަށް ގޮވުން އޮވެއެވެ.
ދާޔާގެ އަހުމަދު ކާމިލުގެ މަންމަ ދޮންދީދީއަކީ ވެސް ގެއްލުމުގެ ވޭންދެނިވި ތަޖުރިބާކޮށްފައިވާ މީހެކެވެ. ދޮންދީދީގެ ބައްޕަ އަލިބެއްޔާގެ އަހައްމައިދީއަކީ ދާންދޫ ދޮންތައްކާނު އޮޑީން ދަތުރުކުރަނިކޮށް ގެއްލިފައިވާ މީހެކެވެ. ބައްޕަޔަށް މެދުވެރިވީގޮތް ދަރިފުޅަށްވެސް މެދުވެރިވީކަމުގެ ހިތާމަ ދޮންދީދީ ވަރަށް ބޮޑަށް ކުރިއެވެ. އެހެންނަމަވެސް ކޮންމެވެސް ދުވަހަކުން ދަރިފުޅު ފެންނާނެކަމުގެ އުއްމީދު ދޫކޮށެއް ނުލައެވެ.
އީގަލްބޯޓުގެ ޚަބަރެއްވޭތޯ ތަފާތު ގޮތްގޮތަށް މަސައްކަތް ކުރި މީހުންވެސް ތިއްބެވެ. އެދުވަސްވަރަކީ ރަމަލުޖަހައި ފާލުބަލައި ހުވަފެން ތައުބީރުކުރާ ބަޔަކުވެސް އުޅުނު ދުވަސްވަރެކެވެ. ރަމަލުޖަހައި ފާލުބަލާފައި އެއްބަޔަކު ބުނެއެވެ. އީގަލްބޯޓު މިހާރު ފެންމައްޗަކު ނެތެވެ. އަނެއްބަޔަކު ބުނެއެވެ. ބޯޓުން ދަތުރުކުރި އެންމެން ތިބީ ސަލާމަތުން ހެޔޮ ހާލުގައެވެ. އެމީހުން ރަށަށް އަންނާނެއެވެ. ކޮންމެވެސް މީހަކަށް ހުވަފެނެއް ފެނިގެން އޭނާ ބުންޏެވެ. ތިމަންނާ ދުނިޔޭގައި ހުއްޓައި ތުނޑާގެ ތުއްތު ދީދީއާ ބައްދަލުވާނެއެވެ. އޭނާގެ މިވާހަކައިންވެސް އެތައްބަޔަކު ހިތް ހަމަޖައްސައިގެން ތިއްބެވެ.
އެދުވަސްވަރު މުޅި މީދޫގައިވެސް ހުރީ ދެތިން ރޭޑިއޯއެކެވެ. ރޭޑިއޯގެ ސިގުނަލް ލިބެނީ ވަރަށް ދެރަވަރުކޮށެވެ. ރޭޑިއޯއިން ކިޔާ އެއްޗެއް ގިނަފަހަރު ސާފެއް ނުވެއެވެ. ރޭޑިއޯގެ އަޑު ދަމައިގަތުމުން އާގަންނަ މީހަކު އާގަންނަހެން ހީވާކަހަލައެވެ. އެއްރެއަކު އިރުއޮއްސި 7:30 ގެ ޚަބަރުގައި އީގަލްބޯޓާއި ބެހޭގޮތުން އެއްޗެކޭ ކިޔައިފިއެވެ. އެންމެފުރަތަމަ މި ޚަބަރެއްގެ އަޑު އިވުނީ ވަށޮދިޔަގެ ރޭޑިއޯ އަޑުއަހަން ތިބި މީހުންގެ ތެރޭން އުމުރުން 13 އަހަރުގެ އަބްދުﷲ ހާނީ އަށެވެ. ހާނީއަށްވެސް އީގަލްބޯޓުގެ ނަން އަޑުއިވުނެވެ. އެއަށްފަހު އަޑު ދަަމައިގަތް ގޮތަށް އެޚަބަރުގެ އެއްވެސް ތަންކޮޅެއް ސާފު ނުވިއެވެ.
ހާނީގެ އިތުރުން އެތާގައި ތިބީ އެޅެތޮށިގޭ ހަސަން ބެއްޔާއާއި އެޅެފުތާ ބެއްޔާގެ ބޭބެއެވެ. އެ ދެމީހުންގެ ކާރީގައިވެސް ހާނީ މިވާހަކަ ބުންޏެވެ. އަދި ރަށުގެ އެހެން މީހުންނަށްވެސް އެންގިއެެވެ. އެރޭގެ 10 ގެ ޚަބަރު ގަޑިއަށް އެންމެންވެސް ވަރަށް ސަމާލުވެގެން ތިއްބައި ސިލޯނުގެ ޓުރިންކޮމަލީއަށް އީގަލްބޯޓު ހިގައްޖެ ވާހަކަ އެނގޭވަރަށް ކިޔައިފިއެވެ. އެހިސާބުން އީގަލްބޯޓުން ދަތުރުކުރި މީހުން މަރުނުވާކަމާއި ދުނިޔޭގައި އެބަތިބިކަން ޔަގީންވެ ހިތާމަތައް ހިތްހަމަޖެހުމަކަށް ބަދަލުވެއްޖެއެވެ. އެހެންވީމާ ބެހުނު މީހުން ރަށަށް އައިއިރު އެމީހުން ދުނިޔޭގައި ތިބިކަމުގެ ހިތްހަމަޖެހުން ގާތްތިމާގެ މީހުންނަށް އޮތީ ލިބިފައެވެ. (ނިމުނީ)
ފަހުގެ ޚިޔާލުތައް