އައްޑޫ މިސާލިބަހި އެތެރުން އަރައިރުން ގަނޑައް
ތެހިށީ ނަސީބައް ކައިށިޖެހި މީހާއް ވީވަރަވެގޮސް. ރަށި ފެރެއިތާ ރަށަށް ގަދަވޭށިޔައު ކޭމުން ރައްކެޑެ ކަލޭގެ ކޭވަކާ ހެން ތެކަމި ދަތޮޅިލާގެން އެބިހިށު. ނާޑަބާލީ ބަރަވަލާކަށް ވީމެއި އަފިރިން މިތިބީ ރަންނަމާރި އެޑަގޮސް. ރެއްސި ރެކިދިޔަ އުދަލިޔަށް ދަހިލާއިލާއި ހިށި ގޮތަށް އަފިރިޔަ ނިތިބޭށުމާ. މެހެން ބެނިމެއި ދެން ރައްކެޑެ ގޮޅޮބާލައި އޭނެއްޔައް ނުން ތެނުނަސް މީހާ ރަޑޭރަޑޭ ކޭތާ. މަމިއޮތީ ބެޅެލާ މަސްގަނޑަށް ބަލަގެން އޮންނަގޮތަށް ނިކަން ހެއުކޮށް ސަމާލަވެގެން. އިހު މީހާ ކޭއި ހަދަތާ ބަސް ނިކޭ ސޫފި ބާރާއް ދާށިޔައު. ބޮލެމެދެ ކަވާފީޅައް ޖަހަގެން ބޯކެޅެ ބަލަގެން ބޮރޮކާ ކޮށާލެކައް ކޮށަމުން ވޭޑެނަސް މަހިތަށް ނިއަރައި ބަޑަބެޔާ އެނދެ އެޑި ކެނެލާއު އަސް.
ބެޅައު ނެތް ރާއްދެ ހައުކުކުޅުން ވޭޑޭލެކަށް ވޭޑޭއް ދިމާކޮށްގެން ހިނގާކޯ މިތެއި ބިސްމަހާ ޖަހާލެކައް މަޑަ ޖަހާ މީހާސް ތެބެ ވޭޑެތާ. ހީޔަސް ނިކެރާހެތި އެންމެންނަކީ ބަކާވަލީ ނިދާވަރަށް ނިދާ މީހުންނާއު. އައުޅައް ބައުޅައް ނިއެނގި ހިތަކައް ހިށެ ބިތަކައް ބޮނޑަވީމެއި ވޭނެލެކަށް ތެހިށީ ވެގޮސް. ބެޅެލާ ހައު ހާލެ ލާހެން އަފިރިޔާސް ލާށުމާ. ތޭ ހީކެޑެލެއް. ބޮނޑަ ދޮންކާނލޯ ފިށިމާތެ ގޭ އެޑަގެން ވޭޑެނަސް އެންމެޔަ އެހެން ނިހަދާށިޔެ. ބޮނޑަގޭ ބޭބޭ ގޮޅާގެ އައިސާ ދޫނިކެޑެ ލެކަށް މާސް މިހިށީ ތެކަމުން އަތް ދޯނަ ގޮތަކަށް ނުން. ދެން ނިބެނާހެތި ކެނިކެނިހެން ފަސް ގިނަވޭށިޔައު. ކިނަހާލި ގަނޑައްހެން ބޮނޑަ ވޭނަކަށް މިކަން ވެގޭމެއި މިވާހަކަ ދައްކާއް ތެބެޖެހެއި. މީ އެއްގޮތަކިޔަސް ކެރެދެ ކަނޑި މަސްބާކޯ ކުބުއްޑޫ މިސްކިތެ ތަނބަށް ބާރަކެރަނީއަށް ނުން. ކުކުޅާ އެރެނެމަހި ލީ ކިރިތާލި ގުއާހެން އަނގަ ހަދަގެން ކައުޅާ ފާސް ހަރަނިލާވަރަށް ބޯ ކަހަގެން ތެތަނި އެބޯ.
ތެއޮތީ ކަޅަ ވެމަކި ދެދަތް ދޭތެރެކަން ދެންނަހެތި. ބޮނޑަގޭ ދޮން އަލިޔަ ދިދަނާގެން ވޭޑެނެ ލެކަށް ތިމާސް ހަދާށުމާއު ހިތެ ނިލަ. އެދުވަސް އެބެގެ. މިކަމަކީ ބޮނޑަ ހުސައިންބެއާ އިސްލާންކެރާއް ހިނގުން ކަމަށް ވިޔަސް އަވަ ދޫނިކެރާށުން. ކާފަރަކާ އަތުން ފެނިވައް ދިވިޅައް ނިލިބެނަސް ކަޅަހެލަދާކި މަދާ ހޯދާއް ހިނގުމަކަށް ވިޔަސް މިކަން އަވަ ނިހުއްޓާށުން.
ކުދުކާށެ ހިފަގޭ ކަމައް ބޮނޑަވިޔަސް ނިހުއްޓޭހެއްކަން އެންމެޔާސް ދެނުތާ. ކުދު ސޯބު އެނބެރޭނެއި ބޮނޑަ ސޯބު އެނބެރޭ ލެކަށް. އަފަގެ އައުލާދި މިކަން އޮތީ މެހެން. ކޭތާށަށް ގޫލުމަކީ އަފިރިން ކެރާ ކަމައް ނުން.
ތެކަމި އެތެރެ ހިށަގެން އެއްތައް ނިއެނގެނެކޯ ތެވެނީ ކިޔެވި ކިޔެވިހެން ކާފަރަ. ތެކަމާއި ޖެހިގެންގޮސް މަ މިހިންނެއި ކަނދިމަހި ކެއްކި ކަނދި ތާހާއި އަނގަމަތިހެން ވެގޮސް. ކުދުމިރިސް ކުޑާލެއް އެނގޭ ފެހޭ ވިސްނައި ހިންނަހެތި. މިނުންފެހޭ ކޮތަރާ އުދުހެނަސް އަސްދީނާއް ނިއުދުހޭހެއްކަން ނިއެނގެނެ އާދަމުގެ ދާރަކާ އަވަ ނިދަކުން. އިރިދަށި ފެރެއިތާ ކުމަރީ ބަލަގެން ހިންނަލެކަށް ހިށަސް ތޭ ކަނޑުން ފެޑިލެކަށް އޮއްޅައް ނިލަނބައި ހިށި އެއްތައްކަން މީހާ ދެނެތިބިޔަ. މީހާ ބެނަތާ އެއްވޭޑަކުން ދަތެރެކެޑެ މީހާސް ހަތަރަ އަހަރަށް ހަނދާން ހިށެއްޔައު. އެވަރަސް ވެނީއަށް ނުން. އަބޫގެ މޫސު ބަންޑާރަވީހެން ހިށިކޯ އަސްލު ތެހިށެނީ އަބުދުބޭބޭ މުލަކުން އާލެކަށް.
މަކީ ކެނޑިތަނުން ލެއި ނިއަރާވަރަށް ދަހި މީހަކާއްވީ އެއްތެންނާ އަދަދުވެހި ތެތެއި ހިންނަނެއި އަވަ. އެޅެބެއްޔާގެ އަލަތާހާ މެލުވާއް އަރުވަގެން އަނގައިން ތުނބުން ބަހައް ނިކޭއި މީހާ އަބަދަށް ނިތިބޭށިޔެ. އިނބިލީހާ ލީ ވެރާއްވީ ލެކަށް މިކަން އޭށިޔައު ހީކޮށް މާއި އެކީ ބާކިން ނިއާހަސް އުތުރެ ހަސަނާ ދަޑިމަގި ދޮންދީދީއަށް ފަރިއަކައް ބަންކެއުގެހާން ފުންމިލެކަށް އަވާސް ފުންމަލާށުން. ކުދު ޖެހިލުމަކަސް ނިވެއި. ގިނަމީހުންނަށް ނިފެނެނަސް މަކީ އައިނައްމައްތެ ހިށި ކެރަގާއް. އަވަ ނިހިނގަން އައުކުކުޅަކަށް ގައު ބިހައް އެޑިގެން. އަތާއި ވީފެހޭ ދަތާއި ވޭހެއްކަން އަވަ ދެނުން. އިނދޯލިޔަސް ލެއްވެނީ ދެކެޑައް ކަމުގައި ވޭހެދިތާ މީދެލާ ހައްތިން ވައުލާ ފެންބޮނީޔަސް. މޮހޮނާ ވެޑި ކަނޑި ދިވާލެކަށް މަހިތައް ނިއަރައި ކަހިރުވަކަކާއު އަސް.
މާކަނާ ވާގަނޑިމައްތެ ހިނގާލެކަށް ހިނގަމުން މަލިކަލް އަރުޒުގެ މައިމީހާ އަނގަހެން އަނގަ ހަދަގެން ވޭކަންކޮށް މުޑޭށައް އެޑަ. ފުކަކަސް ރައި ނިދޭހެތި. އެކަމަކި މަ އަނގައިން ބަސް ހުސްވޭނެއި މަކުޑާ ފިނދުން ވާ ހުސްވީފެހޭ. މީދެލާސް އޮންނަ ރުކާ ނިކައި. ދެން އެވަރަ ނިވީމެއި ވޭނެގޮތް މިވެނީ. ފިލަ ކުކުޅާ ގާއު އަރާއް އާމެއި ތިމާއް ދޮންކޮއްޔެގެ ހަންޑިޔަ އަމިނި ބިދެލާއި ފިލިހެން ފިލޭށިޔައު ހީނެކެރައި ވާ. އެކަމަށް ނިވޭހެއް. އަވަ ދެނުން ވެންމަސް ވެނަށް ދޭއް. މަނިކަން މުޅުވޭހެއް އެކަމަށް. މަކޭ އެއްތާކީ ދޮންބާގެ ދަންނަކަން ބެނުމަކަށް ނިވޭހެއް. މަމެހެން ހިށިހެއި ދުވަހަކި ދެ ހަޅަ ކެނޑި ހުވަން ނަކަތް އިރައް ނިލާހެއް. އޭ ވޭނެ ކަމަށް ނުން.
ދެނަކަށް ސަންދޮއް ނުކުންމި ގެއައުހެން އަފިރިން ނިތިބޭށުމާ. ދަހި ކޫދަކާ ކުއް ޖަހާލެކަށް ކުއް ޖަހާއް އަފިރިޔަ އަބަދަކި ނިތިބޭށުމާ. ދޮން މުހާތައްކާނަށް އިރުވައިމަތިން ނިއެރެނަސް އަފިރިޔަ އަރާށުމާ. އަފިރިންނަކީ ދެފައި ރެވިތެއު ލާގެން ހިނގާ ބާކިންކަން އެންމެންނަށަސް އެނގޭހެއް. ކަންތެތި މާ ބޮނޑަ ވޭފެހޭ ލަންދޭސީއަކާ އޫރައް ބަންލެކަށް ބެނދެލާށުމާ. ތެލެކަށް ދެ އިރެ ދެ ދަޅާއް ދަޅަދައްކަގެން ދެބޯގެރި ދިއްވަގެން ދެފިށަށް ކަހައި ހާލައު އެޑަމުން ދެލެ ބޭރުން ޖެހި ބޯމަށަމުން ތަކުރާ ހެރައި ރުއް ތިބޭލެކަށް ތަންތާން ކުދި ދެމުން ހިނގިޔަސް ތެ މީހާއިދެވިޅިއައް ނިވޭ ވަލަކީ އެއްލެއް. ހީނެރާހެތި މީ ދޮންދަގަނޑަ މައްތަށް ޖެހި ފެނަކީ އެއްވަރަ ވާހަކާކާއު. ދިވާމަހަކި ނަގުލެ ހިފަގެން ހައްޔަރައް ނިވޭހެއް.
މިކޯ ތެހިށީ ގައުބޮލާ ބިޅިޔަ އިތިކޮށްލާއި އިންނަލެކަށް ދުރެ ބަލަގެންދީ. ގޫނިދަކުނަ ކައުޅާއް ގޫފެނެނެމެއި ވޭނެއި ތެހެން. މިފަހަރަ މިކަން ގަމި މީހުންގެ ހުކުރައް ވީލެކަށް ވޭއް ދޫނިކެރާށުން. ދިޔަދޫ ކޮއްޔެ އޭއި ބޮނޑަ ހަސަންދީދީ އެއި އޮތް ގާތްކަމަސް ދެން މާއި ނިއޮންނަހެއް.
ފަހުގެ ޚިޔާލުތައް