ވޭރާނޑުގެ ހަގީގަތް

މީދޫ ވޭރާނޑު ނުވަތަ ވޭރާނޑި އަތިރި އޭ ކިޔާ މަޝްހޫރު ސަރަހައްދެއް އޮވެއެވެ. އެއީ މީދޫގެ އިރު އުތުރު ފަރާތް ނުވަތަ ފުއްޓަރު ފަރާތުގެ އަތިރި މަތީގެ ވަކި ސަރަހައްދެކެވެ. ވޭރާނޑު މި ނަމަކީ މީދޫގެ ގިނަ ބައެއްގެ މެދުގައި މަގްބޫލު ރީތި ނަމެކެވެ. އެގޮތުން ކުލަބު ޖަމްއިއްޔާތަކަށާއި ފިހާރަތަކަށް ވެސް ވޭރާނޑު ކިޔާފައި ވާތީ ފެނެއެވެ. ނަމަވެސް ވޭރާނޑު މިއީ ކޮންގޮތަކުން އައިސްފައިވާ ނަމެއްކަމާއި ދޭތެރޭ މިހާރުގެ ޖީލަށް އެނގިފައިވަނީ ކިހާ މިންވަރެއްތޯ ސުވާލު އުފެދެއެވެ. ވީމާ މީދޫ ވޭރާނޑަކީ ކޮން ތަނެއްތޯ އާއި އެތަނަށް ވޭރާނޑޭ ކިޔުނީ ކިހިނަކުންތޯ ބަލާލަމާތޯއެވެ.

ވޭރާނޑު މިބަސް އައިސްފައިވަނީ ވޭރު މިބަހުންނެވެ. އިނގިރޭސި ބަހުން ކިޔާ ނަމަ މޮނާސްޓްރީއެވެ. ވޭރަކީ ބުދުދީނުގެ އަޅުކަމުގެ މުޅި ކިއްލާ އަށް ކިޔާ ނަމެވެ. ބުދު ދީނުގެ އަޅުކަމުގައި ބޭނުން ކުރާ ހުރިހާ ތަކެެއްޗާއި އިމާރާތް ތަކާއި ތަން ތަން އެކުލެވޭ ގޮތަށެވެ. މީގެ ތެރޭގައި ހިމެނެނީ ދާގަބާ އާއި ސްޓޫޕާއާއި ޕިރިވޭނަ އާއި ވިހާރަ ފަދަ ތަން ތަނާއި އިމާރާތް ތަކެވެ.

ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރީން ރާއްޖޭގެ އެތައް ރަށެއްގައި މިފަދަ ތަންތަން ހުއްޓެވެ. އެހެން ނަމަވެސް މިޒަމާނަށް އައި އިރު މިތަންތާގެ އަސްލު ވަނީ ވީރާނާވެ ގެއްލިފައެވެ. އެހެން ކަމުން މިފަދަ ތަންތަނަށް ރާއްޖޭގެ އެކި ހިސާބު ތަކުގައި ނަން ކިޔާފައި ވަނީ އެތަން ތަނުން ފެނުނު އެއްޗިއްސަށާއި އެއިގެ ސިފަ އަށް ބަލައިގެންނެވެ. އަދި އެރަށެއްގައި ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކަ ތަކަށް ވެސް ބަލައިގެން އެކި އަތޮޅުތަކުގެ ބަހުރުވައިންނެވެ. މިފަދަ ނަންތަކުގެ ތެރޭގައި ވޭރު، ވޭރާނޑު، އުސްގަނޑު، ހައްތެލި، ހައިތެ، ހަތްކެ، ހަވިއްތަ، އުސްތުނބާ، މާބުދުގެ، ތަރާގަނަޑު، ފޯއްމަތި ފަދަ ނަންނަން ކިޔައިފައި ހުރެއެވެ. މީގެ ތެރޭން އެންމެ އާއްމު ކޮށް ކިޔާ ނަމަކީ ހަވިއްތަ އާއި ތަރާގަނޑު ކަމަށް ފާހަގަ ކުރެވެއެވެ. ވޭރާނޑު ކިޔަނީ ހަމަ އެކަނި އައްޑޫ އަތޮޅު ހުޅުދޫ އާއި މީދޫގައި ކަމަށް ވެދާނެއެވެ.

ވީރާނާވެ އަސްލު ގެއްލިފައިވީ ނަމަވެސް ، ހަވިއްތަ ނުވަތަ އުސް ތަރާގަނޑު ހުރި ގިނަ ރަށް ރަށުގައި މިދެންނެވި ބުޑިޒަމްގެ އާސާރުތަކުގެ ބޮޑު ބައެއް މިޒަމާނަށް އައިއިރުވެސް ފެންނާން ހުއްޓެވެ. އަދި މިފަދަ ތަންތަނުގެ އާރކިއޮލޮޖިކަލް ސަރވޭ ހަދައިގެން އިތުރު މައުލޫމާތުވެސް ވަނީ ހޯދާފައެވެ.

ރާއްޖޭގެ އެހެން ރަށް ރަށުގެ މިފަދަ ތަން ތަނާއި މީދޫ ވޭރާނޑު ތަފާތެވެ. އެހެން ރަށްރަށުގައި މިފަދަ ތަން ތަނަކީ، ފަހުން ހަދާފައި ހުންނަ އުސް ފުނިވަރު ތަކެވެ. ނަމަވެސް މީދޫ ވޭރާނޑޭ ކިޔާ ސަރަހައްދުގައި އެފަދަ އުސް ތަނެއް ހުރި ކަމެއް އެނގޭ ކަށް ނެތެވެ. އަދި ބިންމަތިން ފެންނާނޭހެން ހުރި އެފަދަ އެހެން ނިޝާނެއް ވެސް ފެނިފައި ނުވެއެވެ. އެހެންކަމުން ، ބޭރުގެ އަރކިއޮލޮޖިސްޓުންގެ އެހީއާއި އެކު ރާއްޖޭގައި ހުރި މިފަދަ ތަން ތަން ކޮނެގެން ސަރވޭ ކުރި ގޮތަކަށް މީދޫ ވޭރާނޑު ސާރވޭ ކޮށްފައި ނުވެއެވެ. ނަމަވެސް މަޝްހޫރު ތާރީޚީ އިލްމުވެރިޔާ ، މުޙައްމަދު ލުތުފީ ވިދާޅުވެފައިވަނީ މީދޫ ވޭރާނޑު ސަރަހައްދު ލުތުފީ އަމިއްލައަށް ކޮންމެވެސް ވަރަކަށް ބަލާ ސަރވޭ ކުރި ކަމަށާއި ވޭރާނޑުން އެެއްވެސް އެއްޗެއް ލުތުފީ އަށް ފެނިފައި ނުވާ ކަމަށެވެ. ބިންމަތީން އެއްވެސް ނިޝާނެއް ފެންނާން ނެތުމުން އެސަރަހައްދުގެ ބިން ކޮނެގެން އިތުރު ސަރވޭ އެއް ކޮށްފައި ނުވެއެވެ.

މީދޫ އަކީ ދިވެހި ރާއްޖޭގެ އެންމެ ކުރީން އިސްލާމްވީ ރަށް ކަމުގައި ބައެއް ތާރީޚީ ލިޔުން ތަކުގައި ވެއެވެ. އަދި މީދޫ އަކީ އިސްލާމް ދީން އުނގަންނައި ދިނުމާއި އިސްލާމީ ސަގާފަތް ދެމެހެއްޓުމުގައި އެންމެ ކުރީގައި އޮތް އެއް ރަށް ކަމުގައި ވެސް ވެއެވެ. ވީމާ ލަފާ ކުރެވޭ ގޮތުގައި މީގެ 800 އަހަރު ކުރީން މީދޫ އިސްލާމް ވުމާއި ހަމައިން ބުއްދާ ދީނުގެ ނިޝާން ނައްތާލުމަށްޓަކައި، ވޭރާނޑުގެ ބިނާތައް ތަޅާ ތިރިކޮށް ބިމާ ހަމަކޮށްފައި އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވޭރާނޑުގެ އެއްވެސް ބިނާއެެއްގެ ނިޝާން ފެންނާން ނެތީ އެހެން ވުމުން ކަމަށްވެސް ބެލިދާނެއެވެ.

ކޮންމެއަކަސް މުހައްމަދު ލުތުފީވެސް ނިޔާވި ފަހުން، 2006 ވަނަ އަހަރު ތެރޭގައި، ވޭރާނޑު ސަރަހައްދުން ފުރަތަމަ ފަހަރަށް ވޭރާނޑާއި ގުޅުން ހުރި ކަމަށް ބެލެވޭ ވަރަށް ގިނަ ދުވަސްވެފައިވާ އާސާރެއް ފެނުނެވެ. މިއެއްޗެއް ފެނުނީ ދޮންފުތާގެ އަހުމަދު ދީދީ އަށެވެ. ވޭރާނޑު ސަރަހައްދުގެ ކޮންމެވެސް ތަނަކުން ކޮނެގެން ފަސް ނެގުމުގެ ތެރޭގައެވެ. މިއީ ބުޑިޒަމް ދީނުގެ އަޅު ކަމުގައި ގެން ގުޅޭ ބޮޑު އުއްބަތި ރަމްޒު ކޮށްދޭ ގޮތަށް ހިރިގަލުން ކުރެހުން ނަގައިގެން ހަދާފައިވާ ކުޑަ ސްޓެޗޫ އެކެވެ. ދިގު މިނުގައި ގާތްގަޑަަކަށް ދެފޫޓް ބައި އަދި ފުޅާ މިނުގައި 10 ވަރަކަށް އިންޗި ހުރި އެއްޗެކެވެ.

މި އާސާރު ފެނުމުން މީދޫ އިސްލާމް ވުމުގެ ކުރީން އުޅުނު ބަޔަކީ އަލިފާނަށް އަޅުކަން ކުރި ބައެއް ކަމަށް ވެދާނޭ ކިޔައިގެންވެސް ބައެއް މީހުން ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް އެއީ ހަމަ ބުއްދާ ދީނުގެ އަޅުކަމުގައި ބޭނުން ކޮށް އުޅޭ ފަދަ ބައްތި ރަމްޒު ކޮށްދޭ ސްޓެޗޫއެއްގެ އާސާރެވެ. ބުއްދާ ދީނުގެ އަޅުކަމުގައި ތަފާތު އެތައް ވައްތަރެއްގެ ބައްތިތައް ގެން ގުޅެއެވެ. އެއީ އަލި ކުރުމުގެ އިތުރުން ބައްތީގެ ހުޅުކޮޅަށް ނަޒަރު ހުއްޓުވައިގެން މެޑިޓޭޓް ކުރުމަށްޓަކައެވެ. ބުދުދީނުގެ އަޅު ކަމުގައި ގެންގުޅޭ މިފަދަ ބައްތިތަކަށް އެމީހުން ކިޔާ އުޅެނީ ހޯލީ ހުޅުކޮޅު ލީ ބައްތީގެ ނަމުންނެވެ.

މި ދެންނެވި އާސާރުގެ ސަރވޭއެއް ހެދުމަކީ އަމިއްލައަށް ރަށުގައި ކުރެވޭނެ ކަމަކަށް ނުވާތީ އާއި، އެ ގޮތަށް ފެންނަ އާސާރީ ތަކެތި ހަވާލު ކުރަން ޖެހެނީ ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒަށެވެ. އެގޮތުން މިއާސާރާއި މެދު ކަންތައް ކުރާނެ ގޮތުގެ ލަފައެއް ހޯދުމަށްޓަކައި ، އެއިގެ ފޮޓޯއެއް ، ތާރީޚާއި ބެހޭ މަރުކަޒަށް ފޮނުވުނެވެ. ފޮޓޯ ހަވާލު ކުރީ އެމަރުކަޒުގެ އޭރުގެ ޑިރެކްޓަރ ނަސީމާ މުޙައްމަދަށެވެ. މަރުކަޒުން އެފޮޓޯ ބަލާފައި މީދޫ އޮފީހަށް އެންގީ މި އާސާރު ތަހްލީލު ކުރުމަށްޓަކައި ގައުމީ މަރުކަޒަށް ފޮނުވުމަށެވެ. އެގޮތުން އޭތި މާލެ ފޮނުވި ފަހުން އެއާއި ބެހޭ އިތުރު މައުލޫމާތެެއް ލިބިފައި ނުވެއެވެ. މި އާސާރު ރަނގަޅަށް ތަހްލީލު ކުރެވުނު ނަމަ އެއީ ކިތައް ސަތޭކަ އަހަރު ވެފައިވާ އާސާރެއްތޯ އާއި، އެއީ ބުދުދީނުގެ ކޮން ސެކްޓަކަށް ނިސްބަތްވާ އެއްޗެއް ކަންވެސް ކަށަވަރު ކުރެވިދާނެއެވެ.

މިދެންނެވި އާސާރާއި ބެހޭ ސައެންޓިފިކް ތަހްލީލެއް ކޮށްފައިވެސް އޮވެދާނެއެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެއިގެ މައުލޫމާތު އާއްމު ކުރާން ބޭނުން ނުވެފައި އޮތީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި ވީ ނަމަވެސް ، ވޭރާނޑަކީ ، މީދޫ އިސްލާމް ވުމުގެ ކުރީން ބުއްދާ ދީނުގެ އަޅުކަން ކުރާ ކިއްލާ އެއް ހުރި ތަނެއް ކަމަށް ބުނާ ބުނުމަށް ލިބޭ ކޮންމެވެސް މިންވަރެއްގެ ހެއްކަކަށް މިދެންނެވި އާސާރު ފުދެއެވެ. ވީމާ މިޒަމާނުގެ ވަސީލަތް ތައް ބޭނުން ކޮށްގެން މީދޫ ވޭރާނޑުގެ ފުރިހަމަ އަރކިއޮލޮޖިކަލް ސަރވޭއެއް ކޮށްގެން މީދޫގެ ގަދީމީ ތާރީޚަށް އާ އަލި ކަމެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

You may also like...

1 Response

  1. husen says:

    މިދުވަސްވަރު ރާއްޖޭގެ ހުރިހާ އޮންލައިން ނޫސްތަކުގަައި ފެންނަނީ މުޅީން ސިޔާސީ ވާހަކަ ލިޔާތަން. ސިޔާސީ ގޮތުން ކޮންމެވެސް އެއްކޮޅަކަށްގޮސް ހުސްވެގެން ލިޔެފައި ހުންނަތަން. ކޮންމެވެސް މީހަކާ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭތަން. ނަމަވެސް މިސައިޓުން އަގުހުރި ތާރީޚީ މައުލޫމާތު ހިމެނޭ ލިޔުންތައް ގެނެސްދޭތީ މިހާރު ކޮންމެ ދުވަހަކުވެސް މިސައިޓްގައި އާލިޔުމެއް ހުރިތޯ ބަލާ ލެވޭ. އަދި އާލިޔުމެއް ހުރިއްޔާ އެންމެ ފުރަތަމަވެސް ކިޔަނީ މިސައިޓްގައި ހުންނަ ލިޔުމެއް. އެކަމަކު މިސައިޓުގެ މާޒީއަށް ބަލާއިރު މިސައިޓަކީވެސް ވަރަށް ސިޔާސީ ސައިޓެއް. މިސައިޓަށް ވެސް އަންނާނެ ސިޔާސީ މޫސުން. މިސައިޓްގެ ސިޔާސީ މޫސުމަކީ އިންތިހާބު ދުވަސްވަރު. އެފަދަ ދުވަސްވަރު މަދީނަތުލް ބަނާތުގެ ލިކަވިލިއްސަ ގަހުން ފެށިގެން ލިޔާނެ. ކޮންމެއަކަސް މިއީ ވަރަށް ތަފާތިު ސައިޓެއް.

Leave a Reply to husen Cancel reply

Your email address will not be published. Required fields are marked *

error: Content is protected !!