އުއިގުޅާ ކަލޭގެ ވާހަކަ

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގެ ބައެއް މަޖައްލާތަކުގައި ޝާއިއު ކުރެވިފައިވާ ވާހަކައެކެވެ. އެކަމަކު ތިރީގައި މިގެނެސްދެނީ އެކެއްގެ އަނގައިން އަނެކެއްގެ އަނގައިން ތަންކޮޅެއް ކުރީ ޒަމާނެއްގައި މީދޫގައި ކިޔައި އުޅުނު ވާހަކައެއް އެމީހުން ކިޔައި އުޅުނު ގޮތަށެވެ. އެހެންވީމާ އަސްލު ވާހަކައިގެ ގޮތުގައި ޝާއިއު ކުރެވިފައިވާ ގޮތާއި މިވާހަކަ ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.

އުއިގުޅާ ކަލޭގެ ވާހަކަ މީދޫގައި ކިޔާގޮތް

އެއްޝަހަރެއްގައި އުޅުނު ސައުދާ ގަރެއްގެ ފިރިހެން ދަރިއަކު ހުއްޓެވެ. ސައުދާގަރުގެ މިފިރިހެން ދަރި ބޮޑުވެ ފުރާ ފުރިހަމަ ވުމުން އެއް ދުވަހަކު އޭނާގެ ބައްޕަ ކައިރީ ބުންޏެވެ. ތިމަންނާވެސް މިހާރު މިހިރީ ބޮޑުވެފައެވެ. އެހެންވީމާ ތިމަންނާ ދިރި އުޅޭނީ އަމިއްލަ އަށް މަސައްކަތް ކޮށްގެންނެވެ. ސައުދާގަރަކީ ކިތަންމެ މުއްސަނދި މީހަކަށް ވިޔަސް ދަރިފުޅުގެ މިހުށަހެޅުމަށް އިންކާރެއް ނުކުރިއެވެ. ސައުދާ ގަރު ބުންޏެވެ. ދަރިފުޅުގެ ތިޔަ ނިންމުމަކީ ގޯސް ގޮތެއް ނޫނެވެ. ބައްޕަ އަށް ލިބިފައި މިހިރަ މުއްސަނދި ކަމަކީވެސް ބައްޕަގެ ޒުވާން ދައުރުގައި އަމިއްލަ އަށް ކުރި ބުރަމަސައްކަތުން ލިބުނު މުންސަނދި ކަމެކެވެ. ވީމާ ދަރިފުޅު ކުރާން ބޭނުންވާ ނުވަތަ ހިތާވާ މަސައްކަތެއް ހޯދުމަށް އަވަސް ވެގަންނާށެވެ.

ސާދާ ދިރި އުޅުމެއްގެ ޚަރަދު ބަރަދު އަމިއްލައަށް ހަމަ ޖެއްސޭ ވަރުގެ އުޖޫރައެއް ލިބޭނެ މަސައްކަތެއް ހޯދުމަށްޓަކައި ސައުދާ ގަރުގެ ދަރިފުޅު އެއް ދުވަހަކު ޝަޚަރު ތެރެއަށް ނުކުމެގެން ހިނގާންޖެއެވެ. މަސައްކަތެއް ލިބޭތޯ ވަޑާން ކުރާ މީހުންނާއި ، ދަނގަޑު ތަޅާ މީހުންނާއި އަތްކަން ކުރާ މީހުންގެ ކާރިއަށް ދިޔައެވެ. އެހެން ނަމަވެސް އެއިން ތަނެއްގައި އުޖޫރަ ލިބޭނެ މަސައްކަތެއް އޮތް ކަމަކަށް ނުވިއެވެ. ދެން ސައުދާގަރުގެ ދަރި ހިތައް އެރި މި ޝަޚަރަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ކިބުރު ވެރިންގެ ޝަޚަރެކެވެ. މިޝަޚަރުގައި ތިމަންނާ އަށް ލިބޭނެ މަސައްކަތެއް ނެތް އިރު މިތާގައި އުޅެންވީ ކީއްކުރަން ހެއްޔެވެ. މިގޮތުން ސައުދާގަރުގެ ދަރިފުޅުގެ އަމިއްލަ ޝަހަރު ދޫކޮށް އެހެން ޝަހަރަކަށް ދިޔައެވެ.

މަސައްކަތެއް ހޯދުމަށްޓަކައި އަލަށް ދެވުނު ޝަހަރުގައި ހިނގަމުން ދަނިކޮށް ފޭރާން ކުރާ ތަނެއް ފެނުނެވެ. މިތަން ފެނުމުން ސައުދާ ގަރުގެ ދަރި ހިތައް އެރިއެވެ. މިއީ ހަމަ ގައިމުވެސް ތިމަންނާ އަށް ކުރެވޭނެ މަސައްކަތް ހުންނާނެ ތަނެކެވެ. އެހެން ހިތައް އަރާފައި، އެފޭރާންގޭ ދޮރުމައްޗަށް ގޮސް މަޑުކޮށްލައިފިއެވެ. އެއަށްފަހު ފޭރާން ކަލޭގެ ފޭރާން ވިޔުމުގެ މަސައްކަތް ކުރާ ގޮތް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. މިހެން ހުއްޓާ ފޭރާން ކަލޭގެ މި ކޮއިފުޅު ކާރިން އަހައިފިއެވެ. ތިޔައީ ކޮން ހިސާބަކުން އައިސް ހުރި ކޮން ކުއްޖެއްހެއްޔެވެ. ބޭބެގެ ފޭރާން ގެއަށް އައިސް ހުއްޓި ހުރެގެން ތިޔަ ވަރަށް ބޭބޭ ކުރާ މަސައްކަތް ބަލަހައްޓައިގެން ހުރީ ފަހެ ކޮން ބޭނުމެއް ޖެހިގެން ހެެއްޔެވެ.

ފޭރާން ކަލޭގެ މިސުވާލުގެ ޖަވާބުގައި މިކޮއި ބުނެފިއެވެ. ތިމަންނާއީ އެހެން ޝަހަރަކުން ދަތު ކުރަމުން މިހިސާބަށް އައި ޒުވާނަކީމެވެ. ބޭނުމަކީ އުޖޫރައެއް ލިބޭނެ މަސައްކަތެއް ހޯދުމެވެ. ފޭރާން ކަލޭގެ ބުނެފިއެވެ. ފޭރާން ވިއުމުގެ މަސައްކަތް ކުރާ ގޮތް މިހާރު ކޮއިފުޅަށް ރަނގަޅަށް ފެނިއްޖެ ކަން ކަށަވަރެވެ. އެހެންވި އިރު މިތަނުން ކޮއި ފުޅަށް ކުރެވޭނެ މަސައްކަތަކީ ކޮބައި ހެއްޔެވެ.

މިކޮއި ބުނެފިއެވެ. ބޭބޭ ފޭރާން ވިޔަމުން ދާ އިރު އުއި ހުސްވުމުން އަމިއްލައަށް އުއި ގުޅުމުގެ ބަދަލުގައި ދެވަނަ މީހަކު އުއި ފަށް ގުޅާ ދޭން ހުންނަ ނަމަ ފަސޭހަ ވާނެ ނޫން ހެއްޔެވެ. ތިމަންނާ އަށް އެގޮތައް އުއި ގުޅާ ދެވިދާނެއެވެ. ފޭރާން ކަލޭގެ ހިތައް އަރައިފިއެވެ. މިކޮއި މިކިޔަނީވެސް ރަނގަޅު ވާހަކައެކެވެ. ވިމާ މިކޮޔަށް އުޖޫރައެއް ދޭ ގޮތައް އުއި ގުޅުމުގެ މަސައްކަތް ދޭނީއެވެ. އެހެން ކަމުން ފޭރާން ކަލޭގެ ބުނެފިއެވެ. މިއަދުން ފެށިގެން މިފޭރާންގޭ ގެ އުއި ގުޅުމުގެ މަސައްކަތް ކޮއިފުޅަށް ދީފީމެވެ. ރަނގަޅު މިންވަރެއްގެ އުޖޫރައެއް ވެސް ދޭނަމެވެ. މިހާ ހިސާބުން ސައުދާ ގަރުގެ ދަރި އެފޭރާން ގޭގެ އުއި ގުޅުމުގެ މަސައްކަތުގައި ވަރަށް ހީވާގި ކޮށް މަސައްކަތް ކުރާން ފަށިފިއެވެ. މިހިސާބުން އެ އަވަށުގެ މީހުންގެ މެދުގައި މިކޮއިގެ ނަމަކީ އުއިގުޅާ ކަލޭގެ އެވެ.

އެއްދުވަހަކު މެންދުރުގެ ވަގުތެކެވެ. ފޭރާންގޭ ގެ މަސައްކަތް މެންދުރަށް ހުއްޓާ ލުމަށް ފަހު އުއި ގުޅާ ކަލޭގެ ހިނގައި ގަތީ މެންދުރުގެ ނާސްތާ ކޮށްލުމަށެވެ. ތަންކޮޅަކަށް ދެވުނުތަނާ އުއިގުޅާ ކަލޭގެ އާއި ދިމާވީ ބައިސިކަލެއް ދުއްވަމުން ދިޔަ ރީތި އަންހެން ކުއްޖަކު ބައިސިކަލާއި އެކު މަގު މައްޗަށް ވެއްޓުނު ތަނެެވެ. ދުވަހަކީ ވިއްސާރަ ދުވަހެއް ކަމުން މަގު އޮތީ ފެން ހެދި ޗަކަވެފައެވެ. މިއަންހެން ކުއްޖާ ވެއްޓުނު ތަން ފެނުމުން އުއިގުޅާ ކަލޭގެ ދުވެފަ ގޮސް އެކުއްޖާ އަށް އެހީވެ ބިންމަތިން ތެދުކުރިއެވެ. އަދި ބައިސިކަލް ވެސް ތެދުކޮށް އޭގައި ހުރި ޗަކަ ފޮހެ ސާފުކޮށް ދިނެވެ. އުއިގުޅާ ކަލޭގެ މިއަންހެންކުއްޖާއަށް ވީ އޯގާތެރިކަމަށްޓަކައި އުއިގުޅާ ކަލޭގެއަށް އަންހެން ކުއްޖާގެ ހިތުގެ ފުން މިނުން ޝުކުރު އަދާ ކުރިއެވެ. އަދި ބުންޏެވެ. ތިޔައީ ކޮންތާކު އުޅޭ ކޮން ޒުވާނެއް ހެއްޔެވެ. އުއި ގުޅާ ކަލޭގެ ބުނެފިއެވެ. ތިމަންނާ އަކީ މިހިސާބު ގަނޑުގެ ފޭރާން ވިޔާ ގެއެއްގައި އުއިގުޅުމުގެ މަސައްކަތުގައި އުޅޭ މީހަކީމެވެ. އަދި ތިމަންނަގެ ނަމަކީ އުއި ގުޅާ ކަލޭގެއެވެ. މިއަންހެން ކުއްޖާ ބުނެފިއެވެ. މިއަދު ކަލޭ ތިމަންނާ އަށް ތިޔަ ބެހެއްޓި އޯގާ ތެރި ކަމަށްޓަކައި މިއަންހެން ކުއްޖާގެ ގެއަށް އައުމަށް އުއިގުޅާ ކަލޭގެއަށް ދައުއަތު ދިނެވެ. އަދި ދެމީހުން އެކު އެކީގަ ތަން ކޮޅަކަށް ހިނގާފައި ދިޔައެވެ. އެއަށް ފަހު ދުރުން ފެންނާން ހުރި ގެއަކާއި ދިމާއަށް އިޝާރަތް ކޮށްފައި އެއީ އެ އަންހެން ކުއްޖާގެ ގެ ކަމުގައި ބުންޏެވެ. ފަހުން ތިގެޔަށް ދާ ނަމޭ، އަންހެން ކުއްޖާ ކާރީގައި ބުނެފައި އުއިގުޅާ ކަލޭގެ ހިނގާއްޖެއެވެ.

އުއިގުޅާކަލޭގެ އުޅެމުން ދަނީ ވަރަށް ފަގީރު ދިރި އުޅުމެއްގައެވެ. އުޅެނީ ފޭރާން ކަލޭގެ ހޯދާދިން އޭނާގެ ތިމާގެ މީހެއްގެ ގޭގައެވެ. އެއީވެސް ފަގީރު ބައެކެވެ. ބައެއް ދުވަސް ދުވަހު ކާނެ އެއްޗެއް ވެސް ގޭގައި ނުހުރެއެވެ. އެހެން ކަމުން އުއިގުޅާ ކަލޭގެ އަށް ބަނޑުހައިހޫނު ކަމުގެ އިހްސާސް ވާ ދުވަސް ތައް ވެސް އާދެއެވެ. އެހެން ނަމަވެސް އެގޭގެ މީހުން އުއިގުޅާ ކަލޭގެއަށް ހެޔޮކޮށް ހިތާ ކަމަށް ވެއެވެ.

ފޭރާން ކަލޭގެއާއި އުއިގުޅާ ކަލޭގެ ހުންނަ ގޭގެ މުސްކުޅި ދެމަފިރިން ނޫނީ އޭނާ އާއި ވާހަކަ ދައްކާ ރަހްމަތް ތެރިކަމެއް ބާއްވާ އެއްވެސް ބަޔަކާ މުޅި ހިސާބު ގަނޑުން ވެސް ދިމާ ނުވެއެވެ. އެހެން ކަމުން އުއިގުޅާ ކަލޭގެ އަށް އެކަނި ވެރި ކަމާއި ނިކަމެތި ކަން އިހްސާސް ވާން ފަށައިފިއެވެ. ބައްޕަ އަކީ ސައުދާ ގަރެއް ކަމަށް ވިޔަސް ބައްޕަގެ ތަނަވަސް ދިރި އުޅުމުގެ ތެރޭގައި އުޅުމަށްޓަކައި ދެވޭކަށް ނެތެވެ. އެއީ ބައްޕައާއި ވަކިވެގެން އައި އިރު އުއިގުޅާ ކަލޭގެ އައީ އަހްދެއް ކޮށްފައި ކަމުންނެވެ. އެއީ ތިމަންނާ ބައްޕަގެ ތަނަވަސް ކަމުގެ ތެރޭގައި އުޅެން ބޭނުން ވަނީ އަމިއްލަ މަސައްކަތުން އާދައިގެ ދިރި އުޅުމެއްގެ ތެރޭ އުޅެ ތިމަންނާ އާއި ފިކުރާވާ މީހަކާއި ކައިވެނީގެ ގޮތުން ގުޅުމަށް ފަހުގައި ކަމަށް ވެފައިވާ އަހްދެވެ. ބައްޕަ ކާރީ ބުނެފައި އޮތީ “މަ ކައިވެނި ކުރާނީ މަށާ ހިތާވާ” ކަމަނާ އަކާއި ކަމުގައެވެ. އެބަހީ ބައްޕަގެ މުދާވެރިކަމާއި ހުރެ ތިމަންނަ އާއި ކައިވެނި ކުރާ ކަމަނާ އެއް ބޭނުމެއް ނޫން ވާހަކައެވެ. އުއިގުޅާ ކަލޭގެ އަށް ގަބޫލު ކުރެވިފައި އޮތީ އެބުނާ މަށާ ހިތާވާ މީހަކު ލިބޭނީ ފަގީރެއް ކަމަށް ހެދިގެން އަމިއްލަ އަށް މަސައްކަތް ކޮށްގެން އާދައިގެ ދިރި އުޅުމެއްގެ ތެރެއިން ކަމެވެ.

އެއްދުވަހެއްގެ އިރާ ކޮޅުގެ ވަގުތެކެވެ. އުއި ގުޅާ ކަލޭގެ ވަނީ އެކަނި ވެރި ކަމާއި ފޫހި ކަމުގެ ދުނިޔެ އަކަށް ގެނބިފައެވެ. އެހެން ކަމުން އުއިގުޅާ ކަލޭގެ ހަނދާނަށް ކުއްލި އަކަށް އައީ އެއްކަލަ އަންހެން ކުއްޖާގެ އަށް ޒިޔާރަތް ކޮށްލުމަށެވެ. މިގޮތުން އެރޭ އެއަންހެން ކުއްޖާގެ އަށް އުއިގުޅާ ކަލޭގެ ދިޔައެވެ. އެގެއަށް ދިޔައީމާ އެ އަންހެން ކުއްޖާ ހިތް ހެޔޮކަމާއި ހިނިތުން ވުމާއި އެކު އުއިގުޅާ އާއި ވާހަކަ ދެއްކިއެވެ. އެގެ އަކީ ރީތި ކޮށް ހަދާފައިވާ މުއްސަނދި ގެއެކެވެ.

އެއަންހެން ކުއްޖާ އުއިގުޅާއާއި މެދު ކިތަންމެ ހިތް ހެޔޮ ކަމުގައި ވިޔަސް އެކުއްޖާގެ މައިން ބަފައިން ތިބީ އުއި ގުޅާ އެގެއަށް އައިސް އެއަން ހެން ކުއްޖާ އާއި ވާހަކަ ދައްކާތީ ހިތް ހަމަ ނުޖެހި ކަން ބޮޑުވެފައެވެ. އެއީ އުއިގުޅާ އަކީ ފެންނަ ފެނުމަށް ރީތި ޒުވާނަކަށް ވިޔަސް ފަގީރު ނިކަމެއްޗެއް ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭތީއެވެ. އެއަންހެން ކުއްޖާ އަކީ އެމީހުންގެ ވެސް ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ކަމަށް ވާތީ އެ ދަރިފުޅު ދެރަވެދާނެތީ އުއިގުޅާ އެގެއަށް އައިސްގެން ނުވާނޭ ބުނާ ކަށް އެމީހުން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އަންހެން ކުއްޖާގެ މީހުން ކަންތައް ކުރީ ވަރަށް އާދަޔާއި ޚިލާފު ގޮތަކަށެވެ.

ރޭގަނޑުގެ ކާ ގަޑި ޖެހުމުން ބަދިގޭގެ ފެންޑާ އަށް އައުމަށް އަންހެން ކުއްޖާގެ މަންމަ އުއިގުޅާ ކަލޭގެ އަށް ގޮވައިފިއެވެ. އުއިގުޅާ ދިއުމުން ކާން ދިނީ ނާއްޓަކަށް އަޅާފައި ހުރި ކުޑަ ބަތް ކޮޅަކާއި މުގު ރިހަ ކޮޅަކާއި ޒާތެއްގެ އަސާރަ ކޮޅެކެެވެ. ބޯނެ ފެން ކޮޅު އަޅާފައި ހުރީ ކުޑަ ފުޅި ބުރިއަކަށެވެ. އުއިގުޅާ ކާން ހުންނަ އިރު އެއަންހެން ކުއްޖާ އަށް ކައިރީގައި ހުރެވުނަ ނުދިނުމުގެ ގޮތުން މަންމަ ހެދި ގޮތަކީ އުއިގުޅާގެ ކެއުން ފުރިހަމަ ކުރާން ކަމަށް ބުނެ ކޮންމެވެސް އެއްޗެއް ގަންނާން ފިހާރަ އަކަށް ފޮނުވައިފިއެވެ. އެބުނި އެއްޗެއް ގަނެގެން އަންހެން ކުއްޖާ އަށް ގެއަށް އާދެވުނު އިރު އުއިގުޅާ ހުރީ ކައި ނިމގެން އަތް ދޮންނާށެވެ. ކައި ނިމުނީހޭ ކެއުން ކިހިނެތްހޭ އަންހެން ކުއްޖާ އެހިއެވެ. އެވަގުތު އުއިގުޅާ ބުނީ ކެއުން ވަރަށް ބަރާބަރު ކަމަށާއި ވަރަށް މީރު ކަމަށެވެ. އެވަގުތު އަންހެން ކުއްޖާގެ މަންމަ ހުރީ ކޮޓަރި ތެރޭގައެވެ. އުއިގުޅާ ކެއި ތައްޓެއް ވެސް ކާކޮޓަރީގެ މޭޒު މަތީން ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ކެއި ތަށި ކޮބައިތޯ ވެސް އަންހެން ކުއްޖާ އަހައެް ނުލައެވެ. ފަހަރުގައި މަންމަ ކޮޓަރިއަށް ވަނީ ތަށިތައް ނަގާފައި ކަމަށް ވެދާނެތީއެވެ.

ކުއްލިއަކަށް ބަދިގޭ ފެންޑާ އިން އިވުނީ ބުޅަލެއްގެ އަޑެވެ. ކޮންމެވެސް ކާ އެއްޗެއްގެ ރާހަތު ލިބިގެން އުޅޭ ފާޑަށް ބުޅަލެއް އުޅޭކަން އެނގިގެން ބުޅާ ފަހާލުމަށް ފެންޑާ އާއި ވީ ފަރާތައް އަންހެން ކުއްޖާ ދިޔައެވެ. އެވަގުތު އަންހެން ކުއްޖާ އަށް ފެނުނީ އުއިގުޅާ އަށް ކާން ދިން ތަށި ފަދަ ތަކެއްޗެވެ. ކަން ދިމާ ކުރި ގޮތުން އަންހެން ކުއްޖާ ގެއަށް އައުމުގެ ކުރީން އުއިގުޅާ އަށް ކާން ދިން ނާއްޓާއި ފެން އަޅާފައި ބެހެއްޓި ފުޅި ބުރި ނުނެގި ހުރީއެވެ. މިތަކެތި ފެނުމުން މަންމަ ކަންތައް ކުރި ގޮތް ހިތައް އަރާފައި ހިތާ ހިތުން ރޮވުނެވެ. އަންހެން ކުއްޖާ ވީ ދެރައިން އަދި އައި ރުޅިން އެއިން އެއްޗެއްގެ އަތް ވެސް ނުލާ އެހުރި ގޮތައް ބަހައްޓާފައި އެނބުރި ގޭތެރެއަށް ވަނީއެވެ. އެވަގުތު އުއިގުޅާ ފެންނާކަށް ނެތެވެ. އޭނާވީ އެއިރު އެގެއިން ނުކުމެގެން ގޮހެވެ.

މިދުވަހަށް ފަހު އަންހެން ކުއްޖާގެ މޫޑަށް ބޮޑު ބަދަލު ތަކެއް އަންނާން ފަށައިފިއެވެ. އަބަދު ހުންނަނީ ކޮންމެވެސް ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އަންހެން ކުއްޖާގެ އުފާވެރި ކަން ގެއްލިފައިވާ ދިރި އުޅުން ފެނިފައި ކުއްޖާގެ މައިންބަފައިން ބޭނުންވީ، ވީ އެންމެ އަވަހަކަށް އަންހެންކުއްޖާ އަށް ރަނގަޅު ބައިވެރި އަކު ހޯދާ ކައިވެނި ކޮށް ދިނުމަށެވެ. މާ ގިނަ ދުވަހެއް ނުވަނީސް އަންހެން ކުއްޖާ އާއި ކައިވެނި ކުރާން ރަނގަޅު ފިރިހެން ކުއްޖަކު ހޯދުމަށް ފަހު އަންހެން ދަރިފުޅަށް ހުށަ ހެޅުނެވެ. ނަމަވެސް އަންހެން ދަރިފުޅު އެކައިވެންޏަށް ވަގުތުން ދެކޮޅު ހެދިއެވެ. އަދި ބުންޏެވެ. ތިމަންނާ ކައިވެނި ކުރާނީ އުއިގުޅާ ކަލޭގެ އާއި އެވެ. ކޮންމެ އަކަސް އަންހެން ދަރިފުޅުގެ މައިން ބަފައިންނަށް މިކަންވީ ވަރަށް ބޮޑު މައްސަލަ އަކަށެވެ. ދުވަހަކަަށް ފަހު ދުވަހެއް ފާއިތު ވަމުން ދެއެވެ. އަންހެން ކުއްޖާ އަށް ނަސޭހަތް ދީދީ އެކުއްޖާގެ ވިސްނުން ބަދަލެއް ނުކުރެވުނެވެ. އެހެން ކަމުން ދަރިފުޅުގެ އުފަލަށް ޓަކައި މަންމަމެން އެންމެ ފަހަކަށް އުއި ގުޅާ އާއި އެދަރިފުޅު ކައިވެނި ކުރާން ހިތާއި ދެކޮޅަށް ނަމަވެސް ރުހިއްޖެއެވެ.

އުއިގުޅާ ކަލޭގެ އާއި މި އަންހެން ކުއްޖާގެ ލޯބީގެ ގުޅުން ކުރި ފަޅައިގެން ހެދެމުން ދެއެވެ. މިގޮތުގައި ކުޑަ ދުވަސް ކޮޅަކަށް ފަހު ކައިވެނި ކުރުމަށް ދެމީހުން އެއްބަސް ވެއްޖެއެވެ. ކައިވެންޏަށް އެއްބަސްވީ އިރުވެސް ، އުއިގުޅާ އަކީ ސައުދާ ގަރެއްގެ ދަރިއެއް ކަމެއް އަންހެން ކުއްޖާ އަކަށް ރޭކާވެސް ނުލައެވެ. ކައިވެނީގެ ތާރީޚަކަށް އެއްބަސް ވުމަށް ފަހު އުއިގުޅާ ބުނެފިއެވެ. ކައިވެނި ކުރާ އިރު ތިމަންނާގެ މައިން ބަފައިންނާއި އާއިލާގެ މީހުން ވެސް ތިބެން ބޭނުން ވެއެވެ. ވީމާ ތިމަންނާގެ ޝަހަރަށް ގޮސް ބައްޕަމެންނަށް ކައިވެނީގެ ޚަބަރު ކުރުމަށް ފަހު ވީ ވަރަކުން ކައިވެންޏަށް ތައްޔާރު ވެގެން އަންނާނަމެވެ. އުއިގުޅާގެ މި ހުށަހެޅުން އަންހެން ކަނބުލޯ ވެސް ގަބޫލު ކޮށްފިއެވެ.

އުއިގުޅާގެ ކައިވެންޏަށް ތައްޔާރުވެގެން ، އުއިގުޅާގެ ބައްޕަ ސައުދާގަރާއި މުޅި އާއިލާ އާއި އަވައްޓެރީންން އަދި އޭނާގެ އައުވާނުން ހިމެނޭ ގާފިލާއެއް އަންހެން ކުއްޖާގެ އަވަށަށް އަތުވެއްޖެއެވެ. މިގާފިލާ އައީ ކައިވެނީގެ ދަރުބާރު ފެށުމުގެ އެއް ދުވަސް ކުރީންނެވެ. ޖެހިގެން އައިރޭ ކައިވެނީގެ ދަރުބާރު ފެށިއްޖެއެވެ. ކައިވެނީގެ ހަފްލާ އަށް މުޅި މެހެފިލް ތައްޔާރު ކުރެވިފައި އޮތީ ، ދަރުބާރަށް ޚާޒިރުވި އެންމެން އާ ޝޯޚްވާހާ ރީތިކަމާއި ފުރިހަމަ ކޮށެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރީތިހާ ކުލަ ކުލައިގެ އުޖާލާ ބޮކި ތަކެވެ. މުޅި ދަރުބާރުގައި ހަމަ ހިމޭން ރީތި މިއުޒިކެއްގެ އަޑު އިވެއެވެ. ދަރުބާރުގެ ކޮންމެ ދިމާލަކަށް ބެއްޔަސް ފެންނަނީ އިންތިހާ ދަރަޖައިގެ މުއްސަނދި ކަމުގެ މަންޒަރެވެ. އަންހެން ކުއްޖާގެ މައިން ބަފައިންނާއި އެ އަވަށުގެ މީހުންގެ ސަމާލު ކަން ހުއްޓިފައި އޮތީ ކައިވެނީގެ ދެ އަރޫޝާއިން ދަރުބާރަށް ޚާޒިރުވާ ވަގުތަކަށެވެ.

އިންތިޒާރުގެ ކުޑަ ވަގުތު ކޮޅަކަށްފަހު ކެހިގެން އެދިޔަ ފަރުދާ އަކާއި އެކު ކުއްލިއަކަށް ފެނުނީ ކައިވެނީގެ ދެ އަރޫޝާއިންނެވެ. ކައިވެނީގެ އެރީތި ހެދުމުގައި އުއިގުޅާ ފެނުނު އިރު ހީވަނީ ރަސް ދަރިކަލެއް ހެންނެވެ. އުއިގުޅާ ކަލޭގެ ލައިގެން ހުރި ރީތި އަގުބޮޑު ކައިވެނީގެ ހެދުން ފެނުމުން އެކަނި ވެސް އެއީ އިއްޔެ އާއި ޖެހެން ދެން ފަގީރެއްގެ ގޮތުގައި ފެނުނު ޒުވާނާ ކަމުގައި ގަބޫލު ކުރަން ދަތިވާހާ ވެއެވެ. އަންހެން ކަމަނާގެ ހެދުމަކީވެސް ހަމަ އެހާ ރީތި އަގުބޮޑު ހެދުމެކެވެ. އިންތިހާ ދަރަޖައިގެ ކުލަގަދަ ހަފްލާއެއްގެ ތެރޭގައި އުއިގުޅާ ކަލޭގެ އާއި އެކަމަނާގެ ކައިވެނި ކުރެވިއްޖެއެވެ. ސައުދާގަރު ކަލޭގެ މުޅި އާއިލާ އާއި އަވަށްޓެރިންނާއި އަންހެން ދަރިފުޅުގެ މައިން ބަފައިންގެ ޚާޒިރުގައެވެ. ކައިވެނީގެ ކުލަގަދަ ހަފްލާ ނިމިގެން ދިޔަ އިރު އަންހެން ކުއްޖާގެ މަންމަ އާއި ބައްޕަ އުފަލުން ރޮވުނެވެ. ހަމަ އެވަގުތު އުއިގުޅާ ކަލޭގެ ވެސް އުފަލުން ރޮވުނެވެ. އުއިގުޅާ ކަލޭގެ ބޭނުންވި ފަދައިން ” މަ ކައިވެނި ކުރާނީ މަށާ ހިތާވާ” ކަމަނާ އަކާއި ކައިވެނި ކުރެވުނީތީ ވީއުފަލުންނެވެ.

You may also like...

1 Response

  1. rasheedha says:

    އަހަރެމެން ރަށުގައި ކިޔާ އުޅޭ ގޮތާއް ތަފާތު ތަކެއް އެބަހުރި ސްޓޯރީ ލައިންގަ. އެކަމަކު މައިގަނޑު ޕްލޮޓް އެއް ގޮތް. މިގޮތްވެސް ހަމަ ރީއްޗެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!