ޕްރިންސް ދީދީގެ ވާހަކަ 3

ތެބެ ކޭއި ނުންތައު މިއައި ތިމާ ރާއްދެ ގިނޭށާއު. ތަ ހުދުވިޔަސް އެކަން ނިވޭށިޔައު. މުޅު މީހަކާ ފެހޭ ގިނިގޮއްސެލާއްކެއި. ތަ ކުރިމައްތެ ހިށެ ދިވެއްސަކާ ދުވަހަށަސް ކޭފޭހެއް ކަމައް ތަ ހިތަށަސް ނިއަރާ އެއްތެތި ތިމާ މިކީ ނުންތައު. އެހެނާއު ކޭފެއި ހަމަ އެއްކަމަސް ނިވޭށިޔައު. މިހިސާބައް ވާހަކަ ގޭކޯ ނާސިރު ރިޑިއަރަގެން ތުރުތުރު އެޑައި. ކުއްލިއަކައް ދޮރަހުޅުވަފެއި ބޭރެ ހިށި މީހަކާ އެކެހޭ ކޭފި، ފުލުހުން ގިނާސް މިހިށި އައްޑޫ ކަލޭގެ ހައްޔަރަ ކެރުވާއްކެއި. މިޔަ ތިމާގެ ހުރުމައް ކަނޑަލިޔައު. މީ ސިލޯނު ކަމައްވިޔަސް މި އެމްބަސީއެ އޮންނެއި ދިވެހި ދައުލަތުގެ ހުކޫމަތާއު.

ވޭލަކެޑަކުން ފުލުހުންގެ ދެބާކިޔެ ބާތާ. އާމެއި ނާސިރު ކޭފި، މިޔެ ރާއްދޭގެ ބޮނޑަވަޒީރުގެ ހުރުމަތާއި މި އެމްބަސީގެ ހުރުމަތަސް ކަނޑަލިޔައު. ވީމެއި ހަމަ މިކޯ މިޔެ ހައްޔަރަ ކެރާއްކެއި. ފުލުހުންގެ ދެވެރިޔެ ގޮސް ޕްރިންސް ދީދީގެ ދެއަތި ހިފަހިށުވިޔަ. ހިފިމެއި ސިންގަޅަ ބަހުން ދީދީ ކޭފި އަތުން ދޫކޮއްލެއި ފޭއައް ޖެހޭއްކެއި. ތިމާކީ ކަންކާކަން މި އަނގުވަނީޔައު. މިވެރިން ފޭވީމެއި ކޯޓާއި ޖީބައް އައްކުއްލަފެއި ކާޑައް ނަގަފެއި އެގޭ ދެވެންނައް ދައްކަލި. ހަމަދެއްކިމެއި ފުލުހުންގެ ދެވެރިޔެ ޕްރިންސް ދީދީއައް ސެލިއުޓް ކޮއްފެއި ވީ އާރ ސޮރީ ސަރ އައު ކޭފެއި ނުކުމިގެން އެބެގެޔެ.

ފުލުހުން އެބެގޭމެއި ކުދުކޮއް އިހަފެއި ޕްރިންސް ދީދީ ކޭފި، ކޮބާ ރިވެތިންވީތައު. ތަކީ ބޮނޑަވަޒީރައް ވީމެއި އެވެރިން މިކޯ ސެލިއުޓް ނެގީ ތައް ތައު ނުންފެހޭ ތިމާއް ތައު. މީ މާލޭއައް ނުނާނު. މީ ސިލޯނެ ކޮޅުނބާއު. މިތެއި ހުށިހެއި ކަމައް ފަހިވެފެއި އޮތީ ތިމާށާއު. ތިމާކީ މިތެއި ރައްޔިތަކާމާއު. މިތެއި ސިއްރު ފުލުހުންގެ ސީނިއަރ އޮފިސަރަކާމާއު. މަތިމައްތައް މިތާން ފުލުހުން ގިނާހަސް އެވެރިން ތިމާއް ސެލިއުޓް ކެރާށިޔައު. މިތެއި ބޮނޑަވަޒީރުގެ ޕްރޮޕަގެންޑާ ޑިޕާޓްމަންޓެ ތިމާ މަސައްކަތްކެޑަސް ރަސްމީ ވަޒީފާގެ ހައިސިއްޔަތު މިއޮތީ މިކާޑާއްޔައު. ވީމެއި ތިމާ މިތާން ގިނާސްގެން ޖަހާއް ހިނގި ސަކަރާއް ދުވަހަށަސް ނިޖެހޭށިޔައު.

މެހެންކޭފެއި ޕްރިންސް ދީދީ ބާރާކައް ނުކުމިގެން އެބެގެ. އެބެގޭމެއި ސަފީރު ގިނާސް ނާސިރު ކޭފި، އެކަލޭގެ އަކީ އާދައިގެ ވިސްނުމައް ގިނިވޭނޑޭ މީހަކާ ނުނާއު. ވީމެއި ދެން ހަދާއްވީލެހަކީ އެޔެގެ އަގާއި ހުރުމައް ކެނޑޭ ކަހަލެއި ކަމައް ފެށުމާއު. އެޔެކީ ޕްރިންސައް ނުންކަމާއި ވަގަކާކަމާއި މިތާން އައި ފިލަގެންކަން ސިލޯނެ ހުށިހެއި ނޫސްތަކާއި ސަރުކާރަށަސް އެނގޭވަރަ ކެޑުމާއު. ދިވެއްސަކާ ކަމާއި ވަގަކާކަން މިތެއި ކޯޓެލެއި ސާބިތުކޮއްދީގޭފެހޭ ހުށިހެއި ކަމަކައް މަގަ ފަހިވޭށިޔައު. ވީމެއި ކޮޅުނބެ ހައިކޯޓައް އަލުން މައްސަލާއް ވަދުވާއްވީޔައު. ކުރިންފަހަރަ ނާކާމިޔާބުވިޔަސް މިފަހަރަ އެހެން ވެގެން ނިވޭށިޔައު. މަސްކާ ޖަހަގެނަސް މިކަން ކެރާއްވޭށިޔައު.

ނާސިރު އެނގުވި ލެކައް ކޮޅުނބެ ކޯޓަކައް މައްސަލަ ވަދުވަލިޔެ. ސަރުކާރި ފަރާތުން ކެޑެ ދައުވާގެ ޚުލާސާކީ ވައްކަމުގެ މައްސަލާކި ކުއްވެރިވެގެން މާލެ ގިނޭވޭލެއި ފިލަގެން ކޮޅުނބައް އާސް ޕްރިންސް ދީދީއައު ކޭގެން ޕްރިންސްވެގެން ނަން ބަދަލަކޮއްގެން ހިނގަނީ އައްޑޫ ހިތަދޫ މުހުއްމާދި ކަން ސާބިތުކޮއްދިނުން. ފިލަގެން ވޭނޑޭ ކުއްވެރިޔަކާކަން ސާބިތުކޮއްދިނުން. ދާޚިލިއްޔާން ތައްޔާރަކޮއްފެއި އޮއް ފައިލާސް ހުށަހަޅަލިޔެ. އެޔާއި ތިބީ ރަން ނެގި މައްސަލައިގެ ރިޕޯޓާއި މާލެ ގިނޭއް އެރުވި ވެޑީގެ މާލިމީގެ ބަޔާނާއި ޝަރުއިއްޔާގެ ބަޔާން. ކޯޓައް މައްސަލާ ބަލަގެންފެއި ޕްރިންސް ދީދީ ހާޒިރުކޮއްލިޔެ. ޕްރިންސް ދީދީ ކޭފި، މީ ހުސްހޮޅި ވާހަކާއު. މިޅިން ހޮޅި ދައުވާކާއު.

ތިމާކީ ރަސްކަލަކާގެ ޕްރިންސަކާމާއު. އައްޑޫއަކީ ދުވަހައް ގޭ ތާނކަސް ނުނާއު. ކުދުވޭލެއި ބައްޕާ ތިމާ ބެނޑުއަގެން އާސް ކިޔަވާއް ބޭވިލެކައް ރާއްދެއަށަސް ނިއެމާއު. ރާއްދޭގެ ރަސްކަމުގެ ހަގީގީ ވާރިސަކީ ތިމާކަމައްވީމެއި ސަރުކާރުން އެހިނގަނީ ތިމާގެ އަގަ ވައްޓައި ތިމާގެ ހައްގު ފޭރިގަންނަށާއު. ކޮޅުނބެ ހައިކޯޓުން 1954 ވަނަ އަހަރި ނިންމަފެއި އޮއް ނިންމުން ބެލިމެއި ތެވެންނައް އެނގޭށިޔައު މީ ހޮޅި ދައުވާއްކަން. ސަރުކާރި ފަރާތުން ވަކާލާތު ކެރާއް ހިށީ ސިލޯނެ ވަރައް މަޝްހޫރު ގާނޫނީ ވަކީލައް. ދީދީ ވަކާލާތު ކެޑެއި އަމެއްލާއް. ދައުވާއް އިންކާރަ ކެޑެމެއި ސަރުކާރި ވަކީލު ކޭފި، އިއްސައް ތެ މައްސަލަ ނިމިފެއި އޮތީ ސަރުކާރުން ހުށަހަޅާއް ޖެހޭ ހެކި ނިލިބިގެނާއު. މިފަހަރަ ހެކި ތެތިބިޔައު. މީ ކަންކާކަން ޔަގީންވޭވަރައް ދިވެހި ދަައުލަތި ނިޝާން ޖަހަފެއި ތިބި ލެތުން ތެތިބިޔައު.

މެހެން ކޭފެއި ވަރިކާވެނިޔެއި ކޫދަކާ ހިށިކަމުގެ ލެތުމާއި ރަނުގެ މައްސަަލައިގެ ތުހުމަތާއި ވޭޑެ މާލިމީގެ ބަޔާނާސް ކޯޓައް ދައްކަލި. މީގެ އިތިރައް ސަރުކާރުގެ ވަކީލު ކޭފި މިޔެގެ އަމާ ހިތަދޫ ކޮރޮވަލިގޭ އާމިނާދި މިކަލަސް ދުނިޔެ ތެބިހިށާއު. މީ ހައްތާސް ހެކި ނުންތައު. އައު ހެކިތަކާއިމެދެ ބަހަކީ ކޮބާތައު އެހުވިމެއި އެދީދީ ކޭފި، ތޭ ހުސް ދޮގަ ލިޔުމާއު. ތިމާގެ މަައްތައް ދޮގަ ދައުވާއް ކެރަނީ ދިވެހި ސަރުކާރުން ކަމައްވެފެއި އެ ސަރުކާރި ނިޝާން ޖަހަފެއި ހިތައު އެރިހެއި އެއްތައް ލޭގެން އާސް މީ ތިމާގެ ވަނަވަރާއު ކީމެއި އިންސާފު ގާއިމުކެރާ ކޯޓަކި ކުރިމައްތެ އޭ ބުރަދަން ހިށި ގަރީނާކައް ވޭތަައު. އެވެރިން ލެތުން ހަދަގެން އާސް މިހިށީ މަހާތުމާ ގާނދީއައު ކީމެއި މީ މަހާތުމާ ގާނދީ ކަމައް ވޭތައު.

އަމާ ދުނިޔެ ހިށިފެހެނާ މި ކޯޓައް އެ އަމާ ގިނޭއްވީ ނުންތައު. މިތެއިލައި އެ އަމާ މީ ތިމާގެ ކަލޯއައު ކޭފީފެހޭ ތިމާ އެއްބަސްވެގެން ރާއްދެ އެބޭށުމާއު. ކޯޓުން ދިވެހި ސަރުކާރައް އަނގުވަލިޔެ، އެހެންމެއި ތެ އަމަކާ މި ކޯޓައް ހާޒިރު ކެރާއްކެއި. މެހެން އެނގުވިމެއި ސަރުކާރި ވަކީލު ކޭފި، އެމީހާ ގިނެވޭކައް ނެތާއު. މިކޯ އައްޑޫ އޮތީ ވަކި ސަރުކާރައް ހަދަގެން ދިވެހި ދައުލަތުގެ ހުކޫމަތި ދަށުން ވަކިވެފެއްޔައު.

މިވާހަކަ އަޑައަހާއު ހިށަފެއި ޕްރިންސް ދީދީ ކޭފި، މިކޯޓެ ވަގުތު ނަގަލާއްވެގެން ހެއްކާއި ގަރީނާކަމައް ނިފުދޭ ބޭކާރަ ވާހަކާއު ދިވެހި ސަރުކާރުން މިދައްކަނީ. ތިމާ ދައްކާ ވާހަކަ ސާބިތުވޭވަރަ ހެކި ތިމާ އަތި ތެތިބިޔައު. ކޯޓުން އަނގުވަލިޔެ، އެހެންމެއި ދީދީގެ ފަރާތުން އަވަހައް ހެކި ހުށަހަޅާއްކެއި. މެހެން އެނގުވިމެއި ތިން ހަތަރަ ގަނޑަ ފޮޓޯ ހުށަހަޅަލި. މި ފޮޓޯތަކަކީ ޕްރިންސް ދީދީ ތަންކެޑައް ކުދުވޭލެއި އެދީދީގެ ބައްޕާ ވާރަގޭ އިބްރާހިމް ދީދީ އޭއި އެކީ މާލެ ގޮސް ހެދިކޯ އަތިރީގެއް ގޮސް އެގޭ ބޭފުޅުންނާއިއެކީ ނެގިފެއި ހިށި ގްރޫޕު ފޮޓޯތެކައް. މިހުށިހެއި ދުވަހައް ދީދީ ހިށީ ވަރައް ފަރަވާތެރިކޮއް މި އެއްތެތި ރައްކައުކޮއްގެން.

މިފޮޓޯން ރަންނަބަނޑޭރި ކިލެގެފާނު ދައްކަފެއި އޭ ބައްޕާއު، މުހައްމަދު ފަރީދު އޭއި ހަސަން ފަރީދު ދައްކަފެއި މީ ބޭބޭ މެންނާއު، ނޫރައްދީނު ބަންޑާރައިންގެ ދޮންގޮމާ ދައްކަފެއި މީ އަމާއު، ދެން ޕްރިންސް ދީދީ ދައްކަފެއި މީ ތިމާއު ކޭފި. މި ފޮޓޯތައް ބަލަފެއި ސަރުކާރި މީހާސް ޕްރިންސް ދީދީ ނުން އެހެން އެންމެންނަކީ ރަންނަބަނޑޭރި ކިލެގެފާނުގެ އާއިލާކަމައް އެއްބަސްވެގަތާ. ޕްރިންސް ދީދީއަކީ ފޮޓޯއެ ހިށަސް ބީރައްޓެއްސަކާއު ކޭފިޔެ. ޕްރިންސް ދީދީ ކޭފި، އަޖާއިބައް ނިވޭތައު، މިތެއި ދެން ހިންނެއްވީ ކޮން ބީރަަައްޓެއްސަކާތައު. މީ ތިމާގެ އާއިލާއު. މެހެން ކީމެއި މިކަން ޔަގީންކެރާއް ފޮޓޯ ބަލަގެން އާއިލީ ވައްތަރަ ދެނެގަތުމުގެ މާހިރުންގެ އެހީ ހޯދާއް ކޯޓުން ނިންމަލިޔެ.

މިޒާތުގެ މާހިރުން ހޯދާއް ކޯޓުން އިއުލާން ކެޑެމެއި ދެހަބާކިޔެ ކުރިމަތިލާފިޔެ. އެވެރިންގެ އެތެރުނަސް މިކަމައް އެންމެ މުޅު ބާކިން ބަލަފެއި ފަސްވެރިން ހޮވަފެއި ކޯޓުން އެވެންނައް އެނގުވީ މި ފޮޓޯތަކި މިތިބީ އެއުއާއިލާކި ބާކިންތޯ ބަލައި ދޭއްކެއި. ދީދީއަކީ މިވެރިންގެ އެތެެރުން މީހަކާތޯ ނުންފެހޭ ބީރައްޓެއްސަކާތޯ ޔަގީންކޮއްދޭއްކެއި. މިކަން ކެރާއް ކޯޓުން ދިނީ ހަފުތާކި މުއްދަތު. ހަފުތާއް ހަމަވީދުވެހި ކޯޓައް ގޮސް މިވެރިޔެ ކޭފިޔެ، ފުރެއި ބެލުން ބަލަފިމާއު. އެކި އަރިއަރިން އެކިގޮތައް ބަލަގެނަސް ތިމާފިރިންގެ ފަސްވެންނައް އިއްތިފާގުވެވެނީ މީ ހަމަ އެއުއާއިލާކި ބާކިން ކަމަށާއު. މިތާނކި ބީރައްޓެއްސަކާ ނެތާއު.

ދިވެހި ސަރުކާރުން ހުށަހެޅި ހެކި ނަފީވުމާއި، ހެކިންނާއު ކޭފެއި ދައްކާއް ހިނގި މީހުން ގިނޭއް އުޒުރުވެރިވުމާއި، ޕްރިންސް ދީދީ ހުށަހެޅި ހެކީގެ ސައްހަކަން ތަޖުރިބާކާރުންގެ ޖަމާއަތަކުން ސާބިތުކޮއްދިނުމާއި ކޮޅުނބެ ހައިކޯޓުން ކުރިނަސް ނިންމަފެއި އޮއް ނިންމުމައް ރިއާޔައްކޮއްފެއި ޕްރިންސް ދީދީއަކީ ދިވެހިރާއްދޭގެ ހަގީގީ ޕްރިންސައް ކަމައް ކޯޓުން ހުކުމްކޮއްލިޔެ. އަދި ދިވެހި ސަރުކާރުން ހެދީ ދޮގަކަމާއި އެވެރިންގެ މަގްސަދަކީ ޕްރިންސް ދީދީގެ ހުރުމައް ކަނޑަލުން ކަމަށަސް ނިންމަފެއި ފައިސަލާކޮއްލިޔެ.

ކޯޓުން މައްސަލަ ނިންމިމެއި ނާސިރު ރިޑިއަރަގެން ސަފީރުކަމި ހިށި މީހާ ވަކިކޮއްފެއި އައު މީހަކާ ފެނޑުވަލިޔެ. އޭގެފަހުން ޕްރިންސް ދީދީ އެއި ދޭވުމަސް ހުއްޓިގެ. އޭގެ ދުވަސްކެޑައް ފަހުން ޕްރިންސް ދީދީ ގާއް ފިސްތޯލަ ޖަހައި މަރާއް މަސައްކައް ކެޑުމުގެ ހާދިސާކަސް ހިނގަފި. ދީދީ ގާއް ފިސްތޯލަ ޖެހީ އެދީދީ އިނދެގެން ހިންނެ ސިލޯނެ ފާތިމާ ބީބީގެ ބޭބޭ. އޭޔަސް ފުލުހައް. ގޭގެ މަައްސަލާކި ޕްރިންސް ދީދީ އެއި އަރައިރުންވެގެންގޮސް ފިސްތޯލަ ޖެހީ. ވަޒަނާ އެރީ ޕްރިންސް ދީދީގެ ކަކުލައްވަނި ވިންދައް މަތިން ފައިފަނދައް. އަނިޔާވެފެއި ހިށަގެނަސް ރައްދު ހަމަލާދެެެރެ އެމީހާ މައިތިރިކޮއްލި. އެ ހަނގަރާމައި އެތެރެ އެމީހާއް ވީ އަނިޔާއް އަސްފަތާލުން ފަރަވާ ހޯދަމުން އޭވޭލެއި އެމީހާ މަރަވެގެ.

މިމައްސަލައި ތަހުގީގެ ދީދީ އެނގުވީ ތިމާ ހަމަލާ ދިނީ ނަފްސުގެ ދިފާއެޔައު. ފުލުސް އޮފިސަރަކާ ވީމެއި ނަފްސު ދިފާއުވޭށިޔައު. މިމައްސަލާސް ފައިސަލާ ކެޑެއި ދީދީ އޭއި އެއްކެޑައް. ސުވާދީބު މައްސަލައިގެ ދުވަސްވަރި ރާއްދެ ނުކުންމި ނޫހަކީ ވިޔަފާރިމިއަދު ނޫސް. އިޔާއި ހިންނެއި އަފީފުމެންނައް އަނގާއު އާހެއި އެތައް ކޭފެއި. ޕްރިންސް ދީދީގެ ވާހަކާއް ދުވަހައް ނިލޭތާ. އޭގެ ސަބަބަކީ ޕްރިންސް ދީދީ އެއި ދިމާކޮއްގެން ސަރުކާރިކެޑެ އަބަދުު ބަލިވުމާއި ދީދީގެ ބާރަ ސިލޯނެ ބޮނޑަކަމުން މާލޭ ތިބެގެނަސް އެދީދީ އެއި ދާވާއް ބިރިގަތުން. ނޫހާއި ލޭނެ ބޮނޑަ މީހުން ދޭތެރެދޭތެރުން ސިލޯނައް އޭއްޖެހިފެއި އޮންނެހެދީ ފަހަކައު އާސް އެވެރިން ޕްރިންސް ދީދީއައް ގަންނެއި އަމަށަކި ބިރައް ނުން.

ދީދީ ސިލޯނެ ހިށިކޯ ތިމާގެ މީހުންނާއި ކިތެންމި ގިނައިން ބައްދަލަވިޔަސް ދުވަހަށަސް ހިތަދޫ ބަނޑި ކޮއްޔާއި ބައްދަލަނިވެއި. އެކަމަކި ކުރީގެ އަންހެނުން މަރިޔަމް ދީދީ އޭއި 1978 ވަނަ އަހަރި ބައްދަލަވީ އަހުމަދު ސާލިހު އެއި އައިސާދިމެންނާއި އެކީ ކޮޅުނބައް ގޮސްގެން ހިނގާވޭލެއި. އެންމެންނަސް ތިބިވޭލެއި ޕްރިންސް ދީދީ ކިޔައު، މަރިޔަމް ދީދީ ތިމާއި އެކީ ގެއު ހިނގާއްކެއި. މަރިޔަމް ދީދީ އިހަގެން ކޭފި، ހައިރާން ނިވޭހެއްތައު. ތިމާކީ މުހުއްމާދިއެއި ބެހޭ މީހަކާސް ނުންމާއު. ދެން ޕްރިންސް ދީދީ ކޭފިޔައު، ދީދީ އެއި ތިމާ އިނީ ވަރިކެރާކައް ނުނާއު. ތިމާ ދީދީ ވަރި ނިކެރަމާއު.

ޕްރިންސް ދީދީ ކޮޅުނބެ ހިށިކޯ އެދީދީ އެއި އެންމެ ގިނައިން ދިމާވެ ވާހަކަ ދެކެވިފެއި ހިށި މީހަކީ ކޮރޮވަލިގޭ މަރިޔަމް ދީދީގެ ފާތުމާދިގެ އަބްދުﷲ ދީދީ. މީ ޕްރިންސް ދީދީއެއި ދެބެންގެ ދަރި މީހަކާގެ ކޫދައް. އެންމެ ފެރުތަމާކައް ދިމާވީ 1974 ވަނަ އަހަރި. ޕްރިންސް ދީދީ ހޯދާއްވެގެން އެކި މީހުން އެކެހޭ ކޮންތާކިތައު ވޭނޑެނީ އަހުވަމުން އޭވޭލެއި ކޮންމިޔަސް ފިހާރާކި ސޭޓައް ކޭފި، ތިމާގެ ކޮއްޔާއި ޕްރިންސް ދީދީގެ ދިޔެ ކިޔަވަނީ އެއްކިލާހަކިޔައު. ދިޔެ މެދެވެރިކޮއް މެސެޖައް ފެނޑުވަލާށުމާއު. މެހެން ކޭގެން އަބްދުﷲ ދީދީ ނޯޓައް ލޭފެއި ފެނޑުވަލި. އެޔާއި ލެތީ ތިމާކީ ޕްރިންސް ދީދީ އެއި ތިމާގެ ހިތަދޫ މީހަކާމާއު. ބައްދަލަކެރާއް ވެގެނާއު. ތިމާ ހިންނެއި ގޯލްރޯޑެ ކޮންމިޔަސް ލަމްބަރަކި ގެޔަކިޔައު.

އެނެއްދުވެހި ޕްރިންސް ދީދީގެ ޖަވާބަސް ބާއި. އެޔާއި ލޭފެއި އޮތީ ތިމާ ތެބޭމާއު. ތައްޔާރައް ހިންނެއްކެއި. މެހެން އަނގުވަގެން އަބްދުﷲ ދީދީ ހިށީ ފުރެއި ދިވެހިން އެއްކޮއްގެން އޮޅި ހަދަގެން. މެހެން ހިށިވޭލެއި ޕްރިންސް ދީދީ އާސް އަހަފި، ތިމާއް ނޯޓައް ފެނޑުވި ތިމާގެ މީހާ ކޮބާތައު. މީ ޕްރިންސް ދީދީ މާއު. އެތެއި ހިށި މާލޭ މީހައް ކޭފި، މިތެއި މިތިބިހެއި މީހުންގެ އެތެރުން ޕްރިންސް ދީދީ މުޅުފެހޭ ތެދީދީ އެއި ތިމާގެ މީހާ ހޯދަފެލާއްކެއި. ދެން ޕްރިންސް ދީދީ ކޮންމި މީހަކާ ކަވެރިވެފެއި ބަލަމުންގޮސް އެންމެ ބިއްދަރި ހިށި އަބްދުﷲ ދީދީ އަތި ހިފަފެއި ކޭފި، މީޔައު ތިމާގެ މީހަކީ. ކޮއްކޯއައު ކިޔެންކެރާއްތައު ކޮޅުނބައް އާސްގެން ހިނގަނީ.

ކޮރޮވަލިގޭ މަރިޔަމް ދީދީގެ ފާތުމާދިގެ އަބްދުﷲ ދީދީ އެއި އެދީދީގެ އަންހެނުންނާއި ކޮޅުނބައް ގޮސްގެން ހިނގި ދަތެރަކި ޕްރިންސް ދީދީ އެވެރިން ބެނޑުއަގެން ބޮނޑަވަޒީރު ސްރީމާވޯ ބަންޑާރަނައިކަގެ ގެށަސްގެ. އެހެންފެހެނާސް އެގޭ ބޭރެ ފުރެއި ސިފައިން ތިބުމާއި ހަތިޔާރަ ހިފަގެން ތިބިމެއި އަބްދުﷲ ދީދީގެ އަންހެނުން ބިރުން އެތެރަކައް ނިވަދި. ޕްރިންސް ދީދީ ޖީބުން ކާޑައް ނަގަފެއި ދެއްކިމެއި ސިފައިންގެ މީހާސް ސެލިއުޓްކޮއްފެއި އެދީދީ އެތެރައް ވަދުވަލަތާ.

ހިތަދޫ އަލިބެއްޔާގެ މޫސާއިދި އެއި އެދީދީގެ އަންހެނުން ހުސައިންރަހާގެ ފާތުމާއިދި ކޮޅުނބައް ގޮސްގެން ޕްރިންސް ދީދީ އެއި ބައްދަލަވެގެން ހިނގި އަރައިރުމެ ވާހަކާކީޔަސް ވަރައް މަޝްހޫރު ވާހަކާއް. މޫސައިދިއަކީ ސިޔާސީގޮތުން ތަފާތު ވިސްނުމަކި މީހަކާ ވީމެއި ދެވެރިން ދެއްކި ވާހަކަ ވަރަގަދަ ޒުވާބަކައްވެގެ. ޕްރިންސް ދީދީ ރަށި ހިށި ދުވަސްވަރި އަލިބެއްޔާގެ މޫސައިދީގެ ފަރާތުން ކުރިމަތިވެފެއި ހިށި އާއިލީ ތުރާލަކިވާހަކާސް ކޭލި. މާލެ ފެނޑުވާއްވެގެން ހިތަދޫ ގުދަނި އޮއްވޭލެއި ހެއު އެއްތައް ލޭފެއި ހިށި ފޮތައް ނަގާއްވެގެން އެއްރެއި ނުކުމިގެންގޮސް އެޅެގެއް ވެދެ ބޮނޑަގޭ ހުސެންބެއްޔާގެ ފޮއް ބޭނޑެ އެތެރުން ފޮތައް ނެގިމެއި ނެގިފެއިއޮތީ ޝަމްސުލް މާރިފުލް ކުބްރާއު ކޭ ފަންޑިތަ ފޮތަކާއު، ތިމާއަތި މިކަލަސް އެފޮއް އޮވެއްޔައުކި. އެފޮއް ނެގި މައްސަލައި ހުސައިންރަހާގެ ފާތުމާދި މާފުކޮއްްލީފެހޭ އެދީދީގެ ފިރިމީހާ މޫސައިދީއައް މައުފުކޮއްލާށުމާއު އަސްކި. ބޮނޑަގޭ ހުސެން ބެއްޔާކީ ހުސެންރަހާގެ ފާތުމާދިގެ މުނިމާފާ. ސިލޯނެ ބޮނޑަވަޒީރާއި ޕްރިންސް ދީދީ އެއި އޮންނަ ގުޅުމުގެ އަސްލަކީ ދީދީ އެކުހުން ފަންޑިތަ ހެދުވުމާއު އައްޑޫ ބައެއް މީހުން ދައްކާ ވާހަކާއް އެދީދީ ޖަވާބައް ނިދެއި.

ޕްރިންސް ދީދީ އޭއި ބެހޭ ގޮތުން ހިތަދޫ ބައެއް މީހާ ފުރެއި ވާހަކަ ހަދަގެން ކޭތާ. އޭނެ އެތެރުން އެއްވާހަކާކީ އިނގިރޭސިން ގަމި ތިބިވޭލެއި ޕްރިންސް ދީދީ ފުލައިޓަކަށް އަރަގެން އާސް ހިތަދޫ މަތިން ބުރުޖެހި ވާހަކާއި ތިމާ މިކޯ ހިންނެއި ކޮޅުނބެއައު ކޭފެއި ހިތަދޫ މަގައް ސިޓީ އެއްލި ވާހަކަ. މިވާހަކާކީ އަސްލައްނެއް ފުލޯކު ވާހަކާއް. އެހެން ފެހެނާސް ސިލޯނެ ކަސްޓަމުން ހިތަދޫ ވެޑިފަހަރި މީހުންނައް ބައެއްފަހަރަ ތުރާއުގޮއް މެދެވެރިވީމެއި ޕްރިންސް ދީދީ އެކެހައް ގޮސްގެން ފަސޭހަލެއް ހޯދި ވާހަކާކީ ވަރައް ގިނަމީހުން އަމެއްލަ ތަޖުރިބާއިއެކީ ކޭއި ދެމުން އާ ވާހަކާއް. އެ ވާހަކަތަކުގެ ގިނަކަމުން މިކަހަލެއި ލެތުމަކި ލިޔޭވަރައްވަނި އެބައި ދިގި.

ޕްރިންސް ދީދީ އެއި ބެހޭ ގޮތުން ގިނަ މީހުންނައް ނިއެނގި އޮންނަ އެއްކަމަކީ ހިތަދޫ ކުއްދައިތާގެ މަރިޔަމް ދީދީއަކީ އެދީދީގެ އަލަތު އަނބިމީހާ ނުންކަން. މަރިޔަމް ދީދީ އެއި އިނުމުގެ ކުރިން ހިތަދޫ މޫސާއިދީގެ އާމިނާދިއެއި އިން. މި އިނުމަކުން ކޫދައް ނިލިބެއި. އަދި ވަރައް އަވަހައް ވަރިޔަސް ކޮއްލި. ވަރިކެޑެ ސަބަބައް އެއްވެސް ބާކިޔެ ނިދެނުތާ. މަރިޔަމް ދީދީ އެއި އިންކަން މަޝްހޫރުވެފެއި އޮންނެއި ކޫދަކާ ލިބުމާއި ޕްރިންސް ދީދީ ފުރިކޯ މަރިޔަމް ދީދީ ލެޅެވެއިންނެހެދި. އަދި ތަންކެޑައް ފަހުން ނާއިބުގެއްގޮސް މަރިޔަމް ދީދީ އަމެއްލާ ކާވެނި ރޫޅުވާހެދި.

ކޮންމެހެން ބައްދަލަކެރާއް ޖެހޭ ދިވެއްސަކާއި ނުންފެހޭ ޕްރިންސް ދީދީ ބައްދަލާއް ނިކެރައި. ބައްދަލަކެރަނީ ވަރައް ގާއްތިމާގެ މީހުންނާއި. ދެން މާލޭ ބޭފުޅުންގެ އެތެރުން ރަހުމައްތެރިކަން އޮންނެ ހަތަރަވަރަކައް މީހުންނާއި. ދިވެހިން ގޮސް ވޭނޑޭ ތަންތަނާއި ތިބޭ ތަންތާކައް އާއްމުގޮތެކި ގޮސް ނިހަދައި. ޕްރިންސް ދީދީއަކީ ނިކަން ސަމާސާ މިޒާޖަކި މީހައް. ގާއް މީހުންނާއި ވަރައް ސަމާސާ ކެރައި. އެހުށިހެއި ދުވަހައް ބޭރެ ހިންނެހެދީ އައްޑޫބަހައް ވަރައް ނިފަރިތަ. އެހެންފެހެނާސް މާލޭބަހައް ވަރައް ފަރިތަ. މާލޭބަހައް ފަރިތަވުމުގެ ސަބަބަކީ ފޮއް ކިއުމާއި ބަގީޗާގޭ ޝިހާބާއި އަދުނާނުއެއި ސައްތާރު މޫސައިދިއެއި މޫނިމާގޭ ޒަރީރުމެން ކޮޅުނބައް ގޮސް ތިބޭކޯ ބައްދަލަކޮއް ކަތާކެރާހެދި. ޕްރިންސް ދީދީ ކޭއި ހަދަނީ މިގޭ ހަތަރަވެރިން ނުންފެހޭ މާލޭއަކި ބޭފުޅަކާމެން ނިތިބޭށިޔައު.

އެދީދީގެ އަމާ ކޮރޮވަލިގޭ އާމިނާދި ދުނިޔެ ހިށިކޯ ސިޓީ ފެނޑުވައި ހަދާކަމައް މީހާ ކޭތާ. އަދި ހިތަދޫ ބަނޑި ކޮއްޔާ ދޮން ދީދީއަށަސް ސިޓީ ފެނޑުވާ ވާހަކަ ކޭތާ. ކޮރޮވަލިގޭ އާމިނާދި ނިޔައުވީ ޕްރިންސް ދީދީ ރަށުން ފުރިފަހުން ދުވަހައް ނިފެނި. ޕްރިންސް ދީދީ ނިޔައުވީއަސް އެދީދީގެ ދޭށެ ކޮއްޔާ ދޮންދީދީއެއި ބައްދަލަ ނިވެ ހިށިވޭލެއި. ކޮރޮވަލިގޭ މަރިޔަމް ދީދީގެ ފާތުމާދިގެ އަބްދުﷲ ދީދީއެއި ފެރުތަމާކައް ދިމާވިފަހަރަ ކުދު އަންހެން ކޫދަކާގެ ފޮޓޯ ދައްކަފެއި އެހުވިޔައު، މީ ކޮން ކޫދަކާކަން އެނގޭތައު. މީ ތިމާގެ ހިތަދޫ ބަނޑި ދިޔައު. އަފަގެ ދޮންދީދީޔައު. ދުވަހައް ފެނިފެއިނެތަސް ފޮޓޯ އޮވެއްޔައު.

ޕްރިންސް ދީދީ ނިޔައުވީ އުމުރުން ފަންސާސް ހަ އަހަރި އެތެރެ ކުއްލިއަކައް ދިމާވީ ބަލިކަމަކި އެތެރުން 1979 ވަނަ އަހަރި. އެދީދީ ނިޔައުވުމުގެ އަހަރައްހެއި ދުވަސް ކުރިނަސް ހިތަދޫ ވަރައް ގާއް ބާކިންނާއި ކޮޅުނބުން ދިމާވި. އޭގެ އެތެރެ ކުރީގެ އަނބިމީހާ ކުއްދައިތާގެ މަރިޔަމް ދީދީ އެއި އަހުމަދު ސާލިހު އެއި ކޮރޮވަލިގޭ މަރިޔަމްދީދީގެ ފާތުމާދިގެ އަބްދުﷲ ދީދީ ހިމެނެއި. ޕްރިންސް ދީދީގެ މަހާނަ ހިންނެއި ކޮޅުނބެ މަލިގަވައްތަ ގަބުރުސްތާނެ. އެދީދީގެ ސިލޯނެ އަނބިމީހާ ފާތިމާ ބީބީ ނިޔައުވީ 2004 ވަނަ އަހަރި. ފާތިމާ ބީބީގެ މަހާނަ ހިންނެއި ކޮޅުނބެ ކުއްޕިޔަވައްތަ ގަބުރުސްތާނެ. (ވާހަކަ ނިމިގެ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!