ފަނޑިޔާރު މިސްކިތް
ފަނޑިޔާރު މިސްކިތަކީ ކޯގަންނު އިރުދެކުނު ދޮރާށިން ވަންނަ މީހާގެ ކުރިމަތީގައި ހުރި ފުރަތަމަ މިސްކިތެވެ. މިސްކިތުގެ ހުޅަނގު އުތުރު ކަނުން ފެށިގެން މެދުޒިޔާރަތުގެ އިރުދެކުނު ކަނަށް ހުންނަނީ 70 ފޫޓެވެ. ފަނޑިޔާރު މިސްކިތުގެ ކައިރީގައި ހުރި ހިރިގަލުގެ މިންބަރަކީ ގާތްގަނޑަކަށް 800 އަހަރުވެފައިވާ ތަނެކެވެ. މިސްކިތުން ފެށިގެން މިންބަރުގެ ހުޅަނގު އުތުރު ކަނަށް ހުންނަނީ 8 ފޫޓެވެ.
ފަނޑިޔާރު މިސްކިތް ބިނާކުރެއްވީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު) އާއި އެތަކުރުފާނުގެ މީދޫ ބަނޑުގެ ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ އައްލާމާ އަހުމަދު ޝިހާބުއްދީނާއި އަލްހާފިޒާ ބޮޑު ފާތިމާފާނާއި އައްނާއިބު އިބްރާހިމް ފަޑިޔައްތަކުރުފާނާއި އަލްޤާޟީ ޙުސައިން ޤުޠުބުއްދީނެވެ. މިބޭފުޅުންގެ މަންމައަކީ ކަޅިހާރު ދޮންސީދިކަލޭގެ (ދޮން ހަސަން ނާއިބު) ދި ބޮޑު ދޮންދަލިކާ (ޒުލައިޚާ) އެވެ.
ބޮޑުފަނޑިޔާރު ތަކުރުފާނު މި މިސްކިތް ބިނާކުރެއްވި އިރު އެތަނުގައި ކުރީ ޒަމާނުގެ މިސްކިތެއް ހުރިކަމަށާއި އެއީ ބޮޑު ދޮންދަލިކާ (ޒުލައިޚާ) ގެ އާއިލީ ގުޅުން ހުރި މިސްކިތެއް ކަމަށާއި އެއީ ކަޅިހާރު މިސްކިތް ކަމުގައި ބުނެވެއެވެ. އެ ބުނުމަށް ބާރު ލިބެނީ މިސްކިތް އައު ކުރައްވައިފައި އެ މިސްކިތުގެ އެކި ބައިތައް ބޮޑު ދޮންދަލިކާގެ ބޭފުޅުންނަށް ހަމަޖެއްސެވުމުންނެވެ. ބޮޑު ދޮންދަލިކާއަކީ ކަޅިހާރު އައުލާދުގެ ބޭފުޅެކެވެ. ބޮޑު ފަނޑިޔާރުގެ ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންގެ މަންމަޔަކީ އެއީއެވެ. ބޮޑު ފަނޑިޔާރުގެ އެންމެ ދޮށީ ބޭފުޅަކީ ހާއްޖު އަލީތުއްކަލާއެވެ. އެއީ ވާދޫ ބަނޑުގެ ބޭފުޅެކެވެ. އެހެންވީމާ ފަނޑިޔާރު މިސްކިތުގެ ބައެއް އޭނާއަކަށް ނެތެވެ. އަލްހާއްޖު އަލީތުއްކަލާ އަކީ އައްސުލްޠާން މުހައްމަދު ސިރީކުލަ ރަންމަނި މަހާރަދުން (ދެއްވަދޫ ރަސްގެފާނު) ގެ ބައްޕަ އެވެ.
އެޒަމާނުގައި ފަނޑިޔާރު މިސްކިތުގެ އުތުރު ފުރާޅު ބެލެހެއްޓެވީ ޙުސައިން ފަނޑިޔާރު ތަކުރުފާނެވެ. ދެކުނުފުރާޅު ބެލެހެއްޓެވީ ބޮޑު އަހުމަދު ނާއިބު ތަކުރުފާނެވެ. އިރުމަތީ ފުރާޅު ބެލެހެއްޓެވީ ބޮޑު ފާތިމާފާނެވެ. ހުޅަނގު ފުރާޅު ބެލެހެއްޓެވީ އިބްރާހިމް ފަނޑިޔައްތަކުރުފާނެވެ.
ފަނޑިޔާރު މިސްކިތުގެ ތިން އަށި ބެލެހެއްޓެވީ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ނިއުފަން ތިން ބޭފުޅުންނެވެ. އެއީ ކަޅިހާރި ދޮންބުއި ނާއިބު ކަލޭގެފާނާއި ކަޅިހާރި ދޮން ޢީސާ ނާއިބު ކަލޭގެ ފާނާއި ކަޅިހާރި ދޮން ކަދީދާބޫ އެވެ. މިތިން ބޭފުޅުންގެ ބައްޕައަކީ ކަޅިހާރު ދޮން ސިއްތިއަގެ ފުތް ދޮން އަދެއްލަ ޚަޠީބެވެ. ދޮން އަދެއްލަ ޚަޠީބު އަވަހާރަވުމުން މިކަމަނާ ހުވަފަތް ވެފައިވަނިކޮށް ބޮޑުފަނޑިޔާރު ތަކުރުފާނު މިކަމަނާ އާއި ކައިވެނި ބެއްލެވީއެވެ.
މި މިސްކިތުގެ މައިދޮރުގެ ކުރިމަތިން މިސްކިތުގެ ބޭރުން ވަޅުގަނޑެއް ކޮނެގެން ހެރިޓޭޖުގެ ފަރާތުން ދިރާސާއެއް ކުރިއެވެ. މިކަމެއް ކުރެވުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
މި މިސްކިތަކީ މީދޫގެ އާޘާރީ މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.

ފަހުގެ ޚިޔާލުތައް