އީގަލްބޯޓުގެ ބިރުވެރި ދަތުރު 7

ދާޔާގެ އަހުމަދުދީދީ މަންމަ ދޮންދީދީއަކީ ވެސް ގެއްލުމުގެ ވޭންދެނިވި ތަޖުރިބާކޮށްފައިވާ މީހެކެވެ. ދޮންދީދީގެ ބައްޕަ އަލިބެއްޔާގެ އަހައްމައިދީއަކީ ދާންދޫ ދޮންތައްކާނު އޮޑީން ދަތުރުކުރަނިކޮށް ގެއްލިފައިވާ މީހެކެވެ. ބައްޕަޔަށް މެދުވެރިވީގޮތް ދަރިފުޅަށްވެސް މެދުވެރިވީކަމުގެ ހިތާމަ ދޮންދީދީ ވަރަށް ބޮޑަށް ކުރިއެވެ. އެހެންނަމަވެސް ކޮންމެވެސް ދުވަހަކުން ދަރިފުޅު ފެންނާނެކަމުގެ އުއްމީދު ދޫކޮށެއް ނުލައެވެ.

އީގަލްބޯޓުގެ ޚަބަރެއްވޭތޯ ތަފާތު ގޮތްގޮތަށް މަސައްކަތް ކުރި މީހުންވެސް ތިއްބެވެ. އެދުވަސްވަރަކީ ރަމަލުޖަހައި ފާލުބަލައި ހުވަފެން ތައުބީރުކުރާ ބަޔަކުވެސް އުޅުނު ދުވަސްވަރެކެވެ. އެއްބަޔަކު ބުނެއެވެ. ބޯޓުން ދަތުރުކުރި އެންމެން ތިބީ ސަލާމަތުން ހެޔޮ ހާލުގައެވެ. އެމީހުން ރަށަށް އަންނާނެއެވެ. ކޮންމެވެސް މީހަކަށް ހުވަފެނެއް ފެނިގެން ބުންޏެވެ. ތިމަންނާ ދުނިޔޭގައި ހުއްޓައި ތުނޑާގެ ތުއްތުދީދީއާ ބައްދަލުވާނެއެވެ. އޭނާގެ މިވާހަކައިންވެސް އެތައްބަޔަކު ހިތް ހަމަޖައްސައިގެން ތިއްބެވެ.

ރަމަލުޖެހި މީހެއްގެ ވާހަކަ

އީގަލްބޯޓާއެކު ތުނޑާގެ ތުއްތުދީދީ ގެއްލިގެން މުޅި އާއިލާ މޮޅީންމޮޅިސާލު ލައިގެން ތިއްބައި ރަމަލުޖަހައި ފާލުބަލައި އުޅޭ ވަރަށް މަޝްހޫރު މީހަކު ފުވައްމުލަކުން އަތުވެއްޖެއެވެ. ގޭދޮށަށް މިމީހަކު ގެނެސްގެން އޭނާ ބުނި އުޖޫރައެއްވެސް ދީފައި ގެއްލިފައިވާ ބޯޓަށް ވީގޮތެއް ބަލައިލަދޭށޭ އެދުނީމާ ގަލަމަކާއި ދެއްޔާއި ކަރުދާސް ނެރެގެން އަކަކުރަހައި ވިޔައަކުރުތަކެއް ލިޔެ އެއްކޮށް ކަނޑައި ގުނަކޮށް އުޑާއި ބިމާއި އިރަށް ބަލަބަލައިފައި ނިއްކުރިން ދާފޮހެލައިފައި ބުންޏެވެ. އާމިނާދީއެވެ. ކަލޭގެ ދަރިފުޅު ބޮޑަށް ގާތީ ކަނޑުގެ އަޑީގައި ވުމާއެވެ. އަޑީގައި ނެތިއްޔާ ފެނުންމަތީގައެވެ. ކޮންމެވެސް ރޫހާނީ ބާރަކުން ވީކަމެއް ވެނިމިއްޖެއެވެ. ރަމަލަށް ފެންނަނީ މިގޮތެވެ.

މިއަޑު އިވިފައި މިތާ ތިބިހައި ބަޔަކު އަޑުން އަޑުނަގާފައި ރޯން ފަށައިފިއެވެ. ތުއްތުދީދީ މަރުވެއްޖެ ކަމަށް ގަބޫލުކޮށް ދެން ކުރާންވީ ކަންތަކާއިގެންވެސް އުޅެގެންފިއެވެ. ރަމަލުޖަހާ މީހާވެސް ފުރައިގެން ހިގާއްޖެއެވެ. މިވާހަކަ އިވިގެން އެހެން މީހަކު އައިސް ބުންޏެވެ. ރަމަލުޖެހިމީހާވެސް ބޯޓަށް މިވެނި ގޮތެއް ވެއްޖެޔޭ ސާފު ބަހަކުން ނުބުނެއެވެ. ކޮންމެވެސް ބާރެކޭ ދަގަތްފާނެކޭ އަލިފާނެކޭ ކަނޑުގެ އަޑިއޭ ފެނުން މައްޗޭ ކިޔައިފައި ދިޔައީއެވެ. އެހެންވީމާ އޭނާ އެކިޔާ ބަންޖެއްގެ މާނަ އަދި އެއްފަހަރު ނަމަވެސް ބަލައިލާން ފެނެއެވެ. މިއީ ރަގަޅު ބުއްދިޔެއް ކަމަށް ފެނިގެން ކޮންމެވެސް މީހަކު ފުވައްމުލަކަށް ކުރި ދަތުރެއްގައި ރަމަލުޖަހާމީހާޔާ ބައްދަލުކޮށް މިވާހަކަ އޮޅުންނާރާ ގޮތަށް ތިލަކޮށްދޭން އެދިއްޖެއެވެ.

ރަމަލުޖަހާމީހާ ބުންޏެވެ. ރަމަލަށް ފެނުނުގޮތް އަހަރެން ވާނީ ކިޔައިދީފައެވެ. އެޔަކީ ސުވާލެއް އުފެދޭގޮތަށް ކިޔައިދިން އެއްޗެއް ނޫނެވެ. މީހުން މަރުވާގޮތާއި ދިރިތިބޭގޮތް އެއީ އެންމެންނަށްވެސް ވަރަށް ސާފު ކަމެކެވެ. ބޯޓު ފެނުންމަތީގައި ނެތިއްޔާ ދެން އޮންނާނީ އަޑީގައެވެ. ފެނުންމަތީގައި އޮތިއްޔާ މީހުން ދިރިތިބޭނެއެވެ. އަޑީގައި އޮތިއްޔާ އެންމެން މަރުވީއެވެ. އެހެންވީމާ ގޮސް ބުނާށެވެ. އެދުވަހުވެސް އަހަރެން ބުނީ މިހެންނެވެ. މިހާރުވެސް ބުނަނީ މިހެންނެވެ. ރަމަލު ބަހުރުވަޔަކީ އަރަތެއް ނޫނެވެ. މިއީ އަރަތެއް ނޫނޭ މިމީހަކު ބުންޏަސް ދެންތިބީންނަށް މިވާހަކަ އަރަތަކަށްވެގެން އުޅެނިކޮށް ސިލޯނުގެ ޓްރިންކޮމަލީއަށް ބޯޓު ހިގާއްޖެކަމަށް ރޭޑިއޯއިން ގޮވައިފިއެވެ. ދެން އެންމެންވެސް އުފާކޮށްފިއެވެ.

ރޭޑިޔޯއިން ލިބުނު ޚަބަރު

އެދުވަސްވަރު ރޭޑިއޯގެ ސިގުނަލް ލިބެނީ ވަރަށް ދެރަވަރުކޮށެވެ. ރޭޑިއޯއިން ކިޔާ އެއްޗެއް ގިނަފަހަރު ސާފެއް ނުވެއެވެ. ރޭޑިއޯގެ އަޑު ދަމައިގަތުމުން އާގަންނަ މީހަކު އާގަންނަހެން ހީވާކަހަލައެވެ. އެއްރެއަކު އިރުއޮއްސި 7:30 ގެ ޚަބަރުގައި އީގަލްބޯޓާއި ބެހޭގޮތުން އެއްޗެކޭ ކިޔައިފިއެވެ. އެންމެފުރަތަމަ މި ޚަބަރެއްގެ އަޑު އިވުނީ ވަށަދިޔަގެ ރޭޑިއޯ އަޑުއަހާން ތިބި މީހުންގެ ތެރޭން އަބްދުﷲ ހާނީ އަށެވެ. ހާނީއަށްވެސް އީގަލްބޯޓުގެ ނަން އަޑުއިވުނެވެ. އެއަށްފަހު އަޑު ދަަމައިގަތް ގޮތަށް ޚަބަރުގެ އެއްވެސް ތަންކޮޅެއް ސާފު ނުވިއެވެ.

އެރޭގެ ދިހައެއްގެ ޚަބަރު ގަޑިއަށް އެންމެންވެސް ވަރަށް ސަމާލުވެގެން ތިއްބައި ސިލޯނުގެ ޓްރިންކޮމަލީއަށް އީގަލްބޯޓު ހިގައްޖެ ވާހަކަ ސާފުކޮށް އެނގޭވަރަށް ކިޔައިފިއެވެ. އެހިސާބުން އީގަލްބޯޓުން ދަތުރުކުރި މީހުން މަރުނުވާކަމާއި ދުނިޔޭގައި އެބަތިބިކަން ޔަގީންވެ ހިތާމަތައް ހިތްހަމަޖެހުމަކަށް ބަދަލުވެއްޖެއެވެ. އެހެންވީމާ ބެހުނު މީހުން ރަށަށް އައިއިރު އެމީހުން ދުނިޔޭގައި ތިބިކަމުގެ ހިތްހަމަޖެހުން ގާތްތިމާގެ މީހުންނަށް އޮތީ ލިބިފައެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!