ގަރުނުގެ ބޮޑު ޖޯކަކަށް ޗާޗާގެ މަހާނަވުން

އައްޑޫ ގަމުގައި ހުރި މާހައިބަތު ހުންނަ މަހާނައެއް ބަޔަކަށް އަލަށް ފެނިގެން ވަރަށް ދިގު ލިޔުމެއް ލިޔެފައިވާތީ ފެނިއްޖެއެވެ. ހިތަށް އެރިއެވެ. އަސްތާ މިއޮތީވާ ކަންތަކާ ޖެހިފައެވެ. އެހެން ހިތަށް ނާރަންވީ ސަބަބެއްވެސް ނެތެވެ. އެމަހާނައަކީ އައްޑޫގެ ތާރީޚީ ތަރިކައަކަށް އޮތީ ހަދައިފައެވެ. އެފަދަ ތަންތަން ބެލެހެއްޓުގެ މުހިއްމުކަމާ ބެހޭ ގޮތުން އޮތީ ނަސޭހަތް ދީފައެވެ. ދިވެހީންގެ ސަގާފީ ތަރިކައެއް އެބީދައިން ވީރާނާވާން ދޫކޮށްލެވިފައިވާނަމަ ހަގީގަތުގައިވެސް އެއީ ބޮޑު މައްސަލައެކެވެ.

އެމަހާނައަކީ ޗާޗާގެ މަހާނައެވެ. ކޮންކްރީޓު ބިސްތާނެއްގެ ތެރޭގައި ހުންނަ މަހާނައެކެވެ. ނޫހުގައި ލިޔެފައި އޮތީ އެއީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރު އައްޑޫގައި އުޅެ ބޮޑުވި ޗާޗާ ކިޔާ އިންޑިޔާ މީހެއްގެ މަހާނަ ކަމަށެވެ. އެބުނާ އިސްތިއުމާރަކީ ކޮބައިބާވައެވެ؟ ދިވެހިރާއްޖޭގެ ރަސްމީ ތާރީޚު ބުނާގޮތުން އިނގިރޭސިންގެ އިސްތިއުމާރެއް މިތާގެ މައްޗަކަށް ނުހިގައެވެ. އެހެނެއް ނޫނެވެ. ދިވެހިން އެދިގެން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ވަނެވެ. އެ ހިމާޔަތުގެ ދަށުގައި ސައްބީސް ޖުލައި 1965 އާ ހަމައަށް ދެމިތިއްބެވެ. ދިވެހިން މިއަދު ފާހަގަކުރަމުންދާ މިނިވަން ފަސްސާހަކީ އެ ހިމާޔަތް ނިމި ފުރިހަމަ މިނިވަން މުސްތަގިއްލު ގައުމަކަށްވިތާ ފަންސާސް އަހަރު ފުރުމުގެ ހަފުލާތަކެވެ.

އިސްތިއުމާރީ ވެރިކަމެއް ހިގިނަމަ މިތާގައި ހުންނާނީ އިނގިރޭސި ގަވަރުނަރެކެވެ. ނުވަތަ ވައިސްރޯއި އެކެވެ. އޭނާއަށް އެހީވާން އިނގިރޭސި ސިފައިންވެސް ތިބޭނެއެވެ. އެކަމަކު އެކަހަލަ ކަމެއް ނެތެވެ. މިތާގައި ވެރިކަންކުރީ އަހަރެމެންނެވެ. އަހަރެމެންގެ ކުޅައީ އަހަރެމެން ބޭނުންވާ ޒާތުގެ މުޅިން އަމިއްލަ ވެރިކަމެކެވެ. އެހެންވީމާ ނޫހުން އެއޮތީ ހިމާޔަތާއި އިސްތިއުމާރުގެ ތަފާތު އޮޅުވާލާފައެވެ. ނުވަތަ އޮޅިފައެވެ. ފުރިހަމަ މިނިވަން މުސްތަގިއްލުކަން 1965 ވަނަ އަހަރު ލިބުމަށްފަހުވެސް އިނގިރޭސިން ގަމުގައި ތިއްބެވެ. އެމީހުން ފޭބީ މިނިވަންކަމަށް ދިހަ އަހަރުވެސް ވީފަހުންނެވެ. އެހެންވީމާ އެބުނާ އިސްތިއުމާރާއި މިނިވަންކަމާއި ގަމުގައި އިނގިރޭސިން ތިބުމާ އެއްވެސް ގުޅުމެއް ނެތެވެ.

އިނގިރޭސިންގެ ދަށުގައި ތިބި ދުވަސްވަރު އިންޑިޔާއިންނާއި އެނޫންތަންތަނުން ބޭނުން ބަޔަކު ރާއްޖެއަށް އައިސް ބޭނުން ރަށެއްގައި ބޭނުން ގޮތަކަށް އުޅެފައިވޭ ބާވައެވެ. އެހެންކަމަށްވާނަމަ އެބުނާ ޗާޗާއަކު އައްޑޫގައި އުޅެ ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ނޫސްވެރިންނަށް އެގިފައިނެތް އެއްޗަކީ މާލޭގައި ވިޔަފާރިކުރާން އުޅުނު އިންޑިޔާގެ ވޯރާ ވިޔަފާރިވެރިން ފިޔަވައި އެގޮތަށް ބިދޭސީންގެ އެހެން ބަޔަކު ރާއްޖޭގައި ދިރިއުޅެފައި ނެތްކަމެވެ. ހަމަގައިމުވެސް އައްޑޫގައި އުޅެފައެއް ނެތެވެ. އެހެންވީމާ އެބުނާ ޗާޗާއަކު އުޅެ ބޮޑުވީ އައްޑޫއަކު ނޫނެވެ. އޭނާ އައްޑޫއަށް ދިޔައީ ބޮޑުވިފަހުންނެވެ. މާބޮޑަށްވެސް ބޮޑުވި ފަހުންނެވެ. އޭނާ އައްޑޫއަށް ދިޔައީ އިނގިރޭސިންގެ ވަޒީފާ ލިބުމުންނެވެ.

ނޫހުގައި ލިޔެފައި އޮތްގޮތުން އިނގިރޭސިން އައްޑޫގައި ލައްކަ ގިނަ ދުވަހު ދެމިތިއްބެވެ. އެއީ މައުލޫމާތު ލިބިފައިނެތުމުގެ އުނިކަމެވެ. އިނގިރޭސި ސިފައިން އައްޑޫއަށް އެންމެ ފުރަތަމަ ދިޔައީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1941 ގައެވެ. އެހަނގުރާމަ 1945 ގައި ނިމެންދެން ދެމިތިއްބެވެ. ފަސް އަހަރުގެ މުއްދަތަކަށް އައްޑޫ އެކި ތަންތަނުގައި މަރުކަޒު ހަދައިގެން އެމީހުން ތިއްބެވެ. އޭގެ ތެރޭގައި ތިބީ އިނގިރޭސިން އެކަންޏެއް ނޫނެވެ. އިންޑިޔާ އާއި ލަންކާ މީހުންވެސް ގެނެސްފައި ތިއްބެވެ. އެމީހުން ފައިބައިގެން ދިޔައީ އޭގެތެރެއިން ހަމަ އެކަކުވެސް ބަހައްޓާފައެއް ނޫނެވެ. ފައިބައިގެންދިޔައީ އެންމެން އެކީގައެވެ.

އިނގިރޭސިން ދެވަނަ ފަހަރަށް އައްޑޫއަށް ދިޔައީ 1957 ގައެވެ. ގަމުގައި އެއަރފޯސް ބޭހެއް ހެދީ އަދި މާމެންދޫގައި މުވާސަލާތީ މަރުކަޒެއް ގާއިމުކުރީ މިފަހަރުއެވެ. މިފަހަރު ގާތްގަޑަކަށް 18 އަހަރުވަންދެން ދެމިތިބުމަށްފަހު މުޅިން ފައިބައިގެން ދިޔައީ 1975 ގައެވެ. މިފަހަރުވެސް ފަންނީ މަސައްކަތް ކުރުމަށާއި އެޒާތުގެ މަސައްކަތްތަކަށް ޕާކިސްތާނުންނާއި ލަންކާއިން މީހުން ގެނެސްގެން އުޅުނެވެ. އެއީ އެޒާތުގެ މަސައްކަތްތަކަކީ ދިވެހިން އަހުލުވެރި މަސައްކަތަކަށް ނުވާތީއެވެ. އެކަމަކު ދިވެހިންނަށް މަސައްކަތް ދަސްވާވަރަކުން އެ ވަޒީފާތަކަށް ދިވެހިން ނެރެ ޕާކިސްތާނާއި ލަންކާ މީހުން ދިޔައީ މަދުކުރަމުންނެވެ. މުޅިއެކު ދެފަހަރެއްގެ މަތިން އިނގިރޭސިން އައްޑޫގައި ތިބީ ޖުމްލަ ތޭވީހަކަށް އަހަރުއެވެ. މި ދެދައުރުވެސް ދުށް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. މިދައްކަނީ މާެއެވޭލާ ޒަމާނުގެ ވާހަކައެއް ނޫނެވެ.

ފަހުފަހަރު ބިދޭސީ މަސައްކަތު މީހުން ދިރިއުޅޭން ގަމުން ވަކި ސަރަހައްދެއް ކަޑައެޅިއެވެ. އެސަރަހައްދަށް ކިޔަނީ ޕާކިސްތާނު ކޭމްޕެވެ. ނޫހުގައި ލިޔެފައިވާ ޗާޗާއަކީ ޕާކިސްތާނު މީހެކެވެ. ގަމުގައި ވަޒީފާ އަދާކުރި ޕާކިސްތާނު މީހެކެވެ. އެވެރިން ގަމުގައި އުޅުނު 18 ވަރަކަށް އަހަރުގެ ތެރޭގައި ދެތިން މީހަކު މަރުވެސް ވިއެވެ. ޗާޗާއަކީ އޭގެތެރެއިން މީހެކެވެ. ނޫހުގައި ލިޔެފައިވާފަދައިން އޭނާއަކީ ދިވެހިންނަށް އޭރު ދަސްވެފައި ނެތް ކަހަލަ މަސައްކަތެއް ކުރި މީހެކެވެ. ހަމައެހެންމެ ގަމުގައި އުޅުނު ޕާކިސްތާނު މީހުންނާއި އިނގިރޭސިންގެ ތެރޭގައިވެސް މަގްބޫލު މީހެކެވެ.

ނޫހުގައި ލިޔެފައި އޮތްގޮތުން އައްޑޫއަކީ ނުވަތަ ގަމަކީ ވަކިހަމައެއް ލަމައެއް ސުމާރެއް ނެތި ބިދޭސީންގެ ބޮޑުން ރާބޮއި އުޅުނު ތަނެކެވެ. މަންޒަރު ސިފަކޮށްދޭން އުޅެފައި އޮތީ ހޮޅީން ރާއްޖޭގައި ވެރިކަންކުރި ޒަމާނުގައި އެވެރިންގެ ދަރުބާރާއި ޕޯޗުގީޒުން ރާއްޖޭގައި ވެރިކަންކުރިއިރު އަނދިރިއަނދިރީންގެ ދަރުބާރު އޮތްގޮތް ކަމަށް އަހަރެމެން އަޑު އަހާ ވައްތަރަކަށެވެ. އެކަމަކު ގަމަކީ އިނގިރޭސި އެއަރފޯސްގެ ބޭހެއް ކަމާއި އެތަނުގައި މިލިޓަރީ ޑިސިޕްލިން އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭނެކަން ނޫސްވެރިންގެ ސިކުނޑިއަކަށް ނުވަނެވެ. ދުނިޔޭގެ ތަހުޒީބު އެއްވެސް ގައުމެއްގެ ސިފައިން ހިންގާ އަސްކަރީ ބޭހެއްގައި ބޭނުން އިރަކު ބޭނުންވަރަކަށް ރާބޮއެފައި ބޭނުންހާ ސަކަރާތެއް ނުޖެހޭނެއެވެ. އެއީ އެކަން ހިނގާނެ ގޮތެއް ނޫނެވެ.

މިލިޔަނީ ގަމުގައި ރަލުގެ ބާވަތްތައް ނުގެންގުޅެއެކޭ ނޫނެވެ. ރާ ގެންގުޅުނެވެ. ބާރތައްވެސް ހުއްޓެވެ. އެކަމަކު އެތަންތަނުން ރާ ލިބެނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވި ވަރަށް ބޮޑަށް މޮނިޓަރ ކުރެވިގެންނެވެ. ހަމަ މީހަކު ބޭނުންވީމާ ކޭސްކޭސް ލިބޭ ގޮތަކަށް ނޫނެވެ. އެހެންވީމާ ކޮންމެ ރެޔަކު ހޭކުޑަވަންދެން ހުރިހާ ބޮޑުން ރާބެއެގެން އަނެއްދުވަހު ދެމިފައި ތިބުމުގެ ފުރުސަތެއް ނެތެވެ. ނޫހުގައި ލިޔެފައި އޮތްގޮތުން ޗާޗާ މަރުވީ މިގޮތަށް ބޮޑުން ރާބޮއެގެން ދެމިފައި ތިއްބާ ޗާޗާ ގޮސް ދެން ބާކީ ހުރި އެތިފޮދު ބޯލައިގެން ރަލަށް އޯވަރޑޯޒް ވެގެންނެވެ.

ރަލަކީ ޑްރަގް ގޮތަށް އޯވަރޑޯޒްވާ އެއްޗެއް ނޫނެވެ. ރާ ބޮއެގެން ވަކިވަރެއްވީމާ ދެން ހޮޑުލެވި ދެމިފައި އޮންނާނީއެވެ. ވަކިވަރަކަށްވުރެ ގިނައިން ނުވެސް ބޮވޭނެއެވެ. އެއީ ޑްރަގު ކަހަލަ އެއްޗެއް ނޫނެވެ. އަދި އަމްދުން އަލަށް ރާބޮއެގެން މަރުވުންވެސް ދުރެވެ. އެކަމަކު ދިގު މުއްދަތަކަށް ރާބޯމީހުންގެ އެތެރެހަށީގެ ގުނަވަންތައް ބަލިވަމުންބަލިވަމުން ގޮސް މަރުވުމަށް ފުރުސަތު އޮވެއެވެ. މިކަހަލަ އަސާސީ މައުލޫމާތު ހޯދައިގެން ލިޔުނު ނަމަވެސް ޗާޗާ މަރުވީ އިނގިރޭސިން ބޮއެފައި ބާކީވީ ރާފޮދު ބޮއެގެން އޯވަރޑޯޒް ވެގެންނޭ ލިޔާކަށް ނުޖެހޭނެއެވެ.

ޗާޗާއަކީ ޕާކިސްތާނު މީހެކެވެ. މުސްލިމެކެވެ. އެހެންވީމާ އޭނާ ރާބުއިމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މިލިޔަނީ ނުބޯނެއެކޭ ނޫނެވެ. ދިވެހިންނަކީވެސް މުސްލިމުންކަމުގައިވެގެން ތިބެ ދިވެހިންގެ ތެރޭންވެސް ބައެއް މީހުން ރާބޯކަމީ ހަގީގަތެކެވެ. އެހެންވީމާ ޗާޗާ ވެސް ރާ ބޮއެފާނެވެ. އެކަމަކު ނޫހުގައި ލިޔެފައިއޮތް ގޮތަށް ރާ ބުއިމަކީ ހަމަ މުޅީންމެ މުސްތަހީލު ކަމެކެވެ.

ކޮންމެވެސް ސަބަބަކާ ހެދި ޗާޗާ މަރުވެއްޖެއެވެ. އޭނާ ވަޅުލީ ގަމުގައެވެ. ވަޅުލީ ޕާކިސްތާނު ކޭމްޕުގައެވެ. އޭނާގެ މަހާނައިގެ ވަށައިގެން ކޮންކްރީޓުން ބިސްތާނެއް ރޭނީ ޕާކިސްތާނު މުވައްޒަފުންނެވެ. އެކަމުގައި އިނގިރޭސިން ކުޅުނު ދައުރެއް ނެތެވެ. އެވަރުގެ ރޭނުމެއް ރޭނީ ޗާޗާއަކީ ގަމުގައި މަރުވި ޕާކިސްތާނު ފުރަތަމަ މީހާކަމަށް ވުމާއި އޭނާއަކީ އެންމެނާވެސް ގުޅޭ ހެޔޮ މީހަކަށްވާތީއެވެ. މިކަމުގައި އިނގިރޭސިން ދައުރެއް އަދާކޮށްފައިވާނަމަ އެދައުރަކީ ގަމުގައި ޗާޗާ ވަޅުލުމުގެ ހުއްދަ ދިނުމާއި މަހާނަ ހެދުމުގެ އިޒުނަ ދިނުމެވެ. ދެންކުރި ހުރިހާކަމެއް ކުރީ ޕާކިސްތާނު މީހުންނެވެ. އެހެންވީމާ އެކަންކުރީ އިނގިރޭސިންނޭ ލިޔުމަކަށް ޖާގައެއް ނެތެވެ.

ނޫހުގައި ލިޔެފައިވާ ގޮތުން ޗާޗާ ވަޅުލިއިރު އޭނާގެ ހުރިހާ މުދަލެއްވެސް އޭނާއާއެކު ވަޅުލީއެވެ. އޭގެތެރޭގައި އަތުކުރީ ގަޑިއާއި ރަނާއި ރިއްސާއި ފައިސާވެސް ހިމެނެއެވެ. މިއީދެން ކިހާ ބޮޑު ޖޯކެއް ބާވައެވެ. ޗާޗާގެ ޖަނާޒާއަކީ ފުރިހަމަ އިސްލާމީ ޖަނާޒާއެކެވެ. އެފަދަ ޖަނާޒާއެއްގައި މިހުރިހާ ސަކަރާތެއް ނުޖަހާނެއެވެ. ނުވެސް ޖެހޭނެއެވެ. ނޫހުގައި ލިޔެފައިވާ ގޮތުން ޕާކިސްތާނު މީހުންނަކީ ވެސް ދިވެހިންނަކީ ވެސް އަދި ނުވިތާކަށް އިނގިރޭސިންނަކީވެސް މިޒާތުގެ ކަންކަންކުރާ މޮޔައިންނެވެ.

ޕާކިސްތާނު މީހުން އިނގިރޭސިންގެ ކައިރީގައި ވަޒީފާ އަދާކުރީ ކޮންޓްރެކްޓް އުސޫލުން އެގްރިމަންޓް ކުރެވިގެންނެވެ. ކަމެއް ދިމާވެއްޖެނަމަ ދެން އެމީހެއްގެ ތަކެއްޗާއި ފައިސާއަށް ހަދަންވީ ގޮތް އެއިން ކޮންމެ މީހެއްގެ އެގްރިމަންޓްގައި ބަޔާންވެގެންވެއެވެ. އެހެންވީމާ ޗާޗާގެ ފައިސާތަކާއި މުދާ އޭނާއާއެކު ވަޅުލި އިރު އެގްރިމަންޓުގައި އެތަކެތި ވާރިސުންނާ ހަމައަށް ފޮނުވުމުގެ ކަންތަކަށް މިއޮތީ އިހުމާލުވެފައިތާއެވެ. ދެންވާނީވެސް އެހެންނެވެ. ކަމުގެ އެކޮޅު މިކޮޅު ނޭގިތިބެ ލިޔަން އުޅެގެން ދެން ވާނީ މިކަހަލަ ގޮތެކެވެ.

ޗާޗާއަކީ ބިދޭސީއެކެވެ. ޗާޗާ އުޅުނީ ބިދޭސީންގެ ވަޒީފާގައެވެ. ޗާޗާ ވަޅުލާފައިވަނީ ބިދޭސީންގެ އަސްކަރީ މަރުކަޒެއްގައެވެ. އެވަޅުލުމެއްލީ ވެސް ބިދޭސީންނެވެ. ޗާޗާއަކީ ދިވެހިންނަށް އެއްކަމެއްވެސް ކޮށްދިން މީހެއް ނޫނެވެ. އެހެންވީމާ ޗާޗާގެ މަހާނަ ދިވެހިންގެ ސަގާފީ އަދި ތާރީޚީ ތަރިކައަކަށް ވާނެ ގޮތެއް ކިޔުންތެރިން ބުނެދީބަލާށެވެ. އަހަރެންނަކަށް ނުވިސްނުނެވެ. ވިސްނާވިސްނާވެސް ނުވިސްނުނެވެ.

ނޫހުގައި ޗާޗާގެ މަހާނައިގެ ވާހަކަ ލިޔެ ނިންމާލިއިރު އައްޑޫ ރައްޔިތުންނަށް ވަރަށް އެހެންކަހަލަ ނަމެއްވެސް އޮތީ ދީފައެވެ. މަހާނަ ވަގުންނޭ އޮތީ ބުނެފައެވެ. ޗާޗާގެ މަހާނަ ކޮނެގެން ރަނާއި ރިއްސާއި އެނޫންވެސް މުދާ އައްޑޫ ރައްޔިތުން ވަގަށް ނެގީއޭ އޮތީ ލިޔެފައެވެ. އަޅެ މިނޫސްވެރިން މިލިޔުމެއް ލިޔުނުއިރު ތިބީ ހަމަހޭގައިބާވައެވެ. ކަށްވަޅުން ވައްކަންކުރިކަމަށް ވާނަމަ އެކަމެއް ކުރެވޭނީ އިނގިރޭސިން ފޭބިފަހުންނެވެ. އަދި ފޭބިފަހުން ކުރިޔަސް ކުރެވޭނީ އެއްޗެއް ހުރެގެންނެވެ. އެތާކު ޗާޗާގެ ކަށިތައް ފިޔަވައި އެހެން އެއްޗެއް ނެތެވެ. އަދިއެއްވާހަކައެވެ. ޗާޗާގެ މަހާނައިގައިވާ ގަލުގައި ލިޔެފައިވަނީ އުރުދޫ ބަހުންނެވެ. އެއީ ޕާކިސްތާނުގެ ރަސްމީ ބަހެވެ. އެކަމަކު ނޫހުގައި އޮތީ އެއީ އަރަބި ކަމުގައެވެ. އަރަބިން ލިޔެފައި އޮންނަ އެއްޗަކާއި އުރުދޫ ބަހުން ލިޔެފައި އޮންނަ އެއްޗެއް ވަކިކުރަން ނޭގޭ ބަޔަކު މިޒާތުގެ ސަގާފީ ބޮޑު މަޝްރޫއެއް ހިންގަން އުޅުނުކަމީވެސް އޭގެ ޒާތުގައި ޖޯކަކަށް ނޫނީ ނުވާނެއެވެ.

You may also like...

1 Response

  1. ހިޔަޅު މަނިކުފާނު says:

    ބަޔަކަށް ކަމެއް ގޯސްކޮށް ކުރެވުނީމާ ތިޔައީ ގޯހެކޭ ތިޔަކަމުގެ ރަގަޅު ގޮތަކީ މިއީއޭ ބުނެ ކިޔައިދޭން ވާނީ އަޑުއެހުމުގެ ގާބިލްކަން ހުރި ބަޔަކަށެވެ. އަޑު އެހުމުގެ ގާބިލްކަން ހުންނާނީ ތަންދޮރު ދަތުން ހުރެފައި ހިތާއި ސިކުނޑި އޭގެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާ މީހުންގެއެވެ. ހިތާމަޔާއެކު ބުނަން ޖެހެނީ ތިޔަ ލިޔުން ނިސްބަތްވާ މީހުންގެ ކިބައިގައި އެފަދަ އުރަތްޕެއް ނެތްކަމުގައެވެ. ރަށްރަށަށް އަރައި އެރަށްރަށުގެ މީހުން ސެންސިޓިވްވާ ކަންކަން ތިލަ ނުކުރާށޭ އެއީ ގޯހެކޭ ބުނީމާ އެވެރިންނަށް ހީވީ އެއީ ތިމާމެންނަށް މާމޮޅުކަމެއް ކުރެވުނީމާ ބަޔަކު ހަސަދަވެރިވެގެން އުޅުމަކަށެވެ. ސަގާފަތޭ ތާރީޚޭ ކިޔައިގެން ތިމާމެންނަށް އޭގެ އެކޮޅު މިކޮޅު މޭރުން ނުވާ ވާހަކަ ނުލިޔާށޭ ބުނީމާ އެވެރިންނަށް ހީވީ އަދި އެހެން އެއްޗެކެވެ. އެހެންވީމާ އަހަރެންނަށް ފެންނަނީ އެވެރިންނަށް އެއްޗެއް ވިސްނައިދޭން އުޅުމަށްވުރެ އެކަން ނުކުރުމެވެ. ކޮންމެވެސް ދުވަހަކުން އެވެރިން އެކުރާކަންކަމުގެ ރަހަ އެވެރިންނަށް ފެންނާނެއެވެ. އެހެންނޫނީ ތިޔައީ އައްޑު އަތޮޅެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *